މަރުވެފައިވާ މީހުން މިސްކިތުގައި ވަޅުލުމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
މަރުވެފައިވާމީހުން މިސްކިތުގައި ވަޅުލުމަކީ ނަބިއްޔާ صلى الله عليه وسلم ނަހީކުރައްވާފައިވާ ކަމެކެވެ. އަދި ޤަބުރުމަތީގައި މިސްކިތްތައް އެޅުންވެސް އެކަލޭގެފާނުވަނީ ނަހީކުރައްވާފައެވެ. އަދި އެކަންކުރާ މީހުންނަށް އެކަލޭގެފާނުވަނީ ލަޢުނަތްލައްވާފައެވެ. އެކަމުން ރައްކާތެރިވުމަށާ އަދި އެއީ ޔަހޫދީންނާއި ނަޞާރާއިންގެ ޢަމަލެއްކަމަށް އެކަލޭގެފާނުވަނީ އަވަހާރަވުމުގެ އާލާސްކަންފުޅުގައިވެސް އަންގަވާފައެވެ. [1] އެހެނީ ޤަބުރުމަތީގައި މިސްކިތްތައް ހެދުމާއި މިސްކިތްތަކުގައި މީހުން ވަޅުލުމަކީ ﷲ އާ ޝަރީކުކުރުމަށް ބޭނުންކޮށްއުޅޭ ވަސީލަތެކެވެ. އެގޮތުން ބައެއް މީހުން ޤަބޫލުކުރަނީ އެގޮތަށް ވަޅުލާފައި ތިބޭމީހުންގެ ކިބައިން ފައިދާ ނުވަތަ ގެއްލުން ފޯރާކަމުގައެވެ. ނުވަތަ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށްކުރާ ކަންކަން (އެބަހީ: އަޅުކަންތައް) އެބައިމީހުންނަށްޓަކައިވެސް އަދާކުރަންޖެހޭފަދަ ޚާއްޞަކަމެއް އެފަދަ މީހުންނަށް ލިބިގެންވާކަމަށްވެސް ބައެއް މީހުން ޤަބޫލުކުރެއެވެ.
އެހެންކަމުން ފެތުރިފައިމިވާ މިނުބައިކަމުން ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބުވެގެންވާކަމެކެވެ. މިސްކިތްތައް ހުންނަން ޖެހޭނީ ޤަބުރުތަކާ ދުރުގައެވެ. އަދި މިސްކިތްތައް ބިނާކުރަން ޖެހޭނީ ތައުޙީދާއި ޞައްޙަ ޢަޤީދާގެ މަތީގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا﴾ [سورة الجن ١٨]
މާނައީ: “އަދި މިސްކިތްތައް ވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ﷲ އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ. “
އެހެންކަމުން ވާޖިބުވެގެންވަނީ ޝިރުކުގެ އެންމެހާ ޢަލާމާތްތަކުން މިސްކިތްތައް ދުރުހެލިކޮށް ހަމައެކަނި ﷲ އަށްޓަކައިވާ ތަންތަންކަމުގައި އެތަންތަން ހެދުމެވެ. އެތަންތަނުގައި އަޅުކަންކުރެވެން ޖެހޭނީ ހަމައެކަނި ﷲ އަށެވެ. އަދި އެކަމުގައި އެއްވެސް ފަރާތެއް ބައިވެރިކޮށްގެން ނުވާނެއެވެ. މިއީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ގޮތެވެ.
فضيلة الشيخ محمد بن صالح العثيمين – رحمه الله –
فتاوى أركان الإسلام / س: 82
________________________
[1] رواه البخاري ومسلم