[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފާވެރިކަމުގެ ޙަޔާތެއް

بسم الله الرحمن الرحيم

الحمد لله رب العالمين والعاقبة للمتقين والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين.

أما بعد.

އެއްވެސް ޝައްކެއްނެތްގޮތުގައި ކޮންމެ އިންސާނަކީވެސް އުނދަގޫ ކަމެއް ހިތާމައެއް އަދި ހާސްކަމެއް ނުވާ އުފާވެރި ޙަޔާތެއްބޭނުންވާނެ މީހެކެވެ. އެންމެންވެސް ބޭނުންވަނީ އިސްވެ ދެންނެވުނުފަދަ ޙަޔާތެކެވެ. ނަމަވެސް މިފަދަ ޙަޔާތެއް ލިބިގަންނާނެ ގޮތާކާއި މެދު މީސްތަކުން ދެކޭގޮތް ވަނީ ތަފާތުވެގެންނެވެ. ފަހެ މީސްތަކުންގެ ތެރެއިން ބައެއްމީހުން އުފާވެރި ޙަޔާތެއް ލިބެނީ ހަމައެކަނި ދުނިޔަވީ ކަންކަމުން ކަމުގައިދެކެއެވެ. ފަހެ އޭނާ ދުނިޔޭގައި ނަސީބުވެރިޔަކަށްވެއްޖެ ނަމަ އުފާވެރިކަން ޙާސިލް ވެއްޖެކަމަށް ދެކެއެވެ. [މިފަދަމިހާ އާޚިރަތާމެދު އެއްވެސް އަޅާލުމެއް ނުބާއްވައެވެ. އާޚިރަތުގައި ކޮންމެ ގޮތަކަށް ކަންތަށް ވިޔަސް މިފަދަމީހަކަށް މައްސަލައެއްނެތެވެ.] އޭނާގެ ހުރިހާ ވިސްނުމަކާއި ފިކުރު ވަނީ ހަމައެކި ދުނިޔެއަށްޓަކައި ހުސްކޮށް ލެވިގެންނެވެ. އާޚިރަތް ދުވަހަށް އީމާނެއް ނުވެއެވެ. އަންނަނިވި އާޔަތްތަކުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ:

وَقَالُوا مَا هِيَ إِلاَّ حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلاَّ الدَّهْرُ(سورة الجاثية: 24)

މާނައީ “އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ”.   

إِنْ هِيَ إِلاَّ حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ[سورة الأنعام: 29)

މާނައީ “ތިމަންމެންގެ ދުނިޔޭގެ ދިރިތިބުން މެނުވީ، އެހެން ދިރިތިބުމެއް ނެތެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނެ ބަޔަކު ކަމުގައި ތިމަންމެން ނުވަމުއެވެ.”

އިސްވެ ދެންނެވުންފަދަ މީހުން ކެނޑިނޭޅި މަސަތްކަތްކުރަމުންދަނީ ދުނިޔޭގެ ޝަހުވަތްތަކާއި އަރާމު ހޯދުމަށެވެ. އަދި އެމީހުން ބޭނުންވި ލައްޒަތްތަކާއި އުފާތަށް އެމީހުންނަށް ލިބުނުކަމުގައި ވީނަމަވެސް އެ ކަންކަމުން އެބައިމީހުންނަކަށް ޙަޤީޤީ ލައްޒަތެއް ނުލިބެއެވެ. މުޅިދުނިޔެ އެއްކޮށް ލިބުނު ކަމުގައި ވީނަމަވެސް ފެނިގެން ދާނީ އެބައިމީހުން އުނދަގުލާއި ހިތަމަޔާ ހާސްކަމެއްގެތެރޭގައި ވަނިކޮށެވެ. އަދި އެ މީހުން އެވާ ޙާލުން ދުރުވުމަށްޓަކައި އެމީހުންއެވާ ދަތި ޙާލަތު ލުއިކޮށްދޭފަދަ މަސްތުވާތަކެތި ބޭނުންކުރާތަންވެސް ތިބާއަށްފެންނާނެއެވެ. ނޫންނަމަ އެބައި މީހުން ނަފްސުތަކަން ހިތްހަމަޖެހުން ހޯދައިދިނުމަށްޓަކައި މުނިފޫހިފިލުވާ ތަންތަނާ މިޔުޒިކު ކުޅޭމީހުންނާ އަދި މިނޫންވެސް މިފަދަ އެތައް ބަޔަކާއި ތަނެއް ގެންގުޅެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން މިބައިމީހުނަށް އެއްވެސްކަހަލަ ފައިދާއެއް ނުކޮށްދެއެވެ. ނަތީޖާއެއްގެގޮތުން އެންމެފަހުން އެމީހުން އެ އުޅެމުންދާ ޙަޔާތާ ދުރުހެލިވުމަށްޓަކައި އަމިއްލައަށް މަރުވުން ހިޔާވައްސެއްކަމުގައި ހަދައެވެ. އެބައެއްގެ އަތުގައި ތަފާތު ބާވަތް ތަކުގެ ލައްޒަތްތަކާއި މުދާހުރުމާއި އެކުވެސް އެބައިމީހުން އުޅެމުންދާ ޙަޔާތާއި ދުރުހެލިވުމަށްޓަކައި އަމިއްލައަށް މަރުވާމީހުންގެ ވާހާކަ ކިތައްފަހަރު ތިބާ އަޑުއެހިން ހެއްޔެވެ. ސަބަބަކީ މުދަލާއި ލައްޒަތްތަކަކީ އުފާވެރިކަން ކަމުގައި ނުވާތީއެވެ. އެހެނެއްކަމަކު އެ ތަކެއްޗަކީ ހިތާމަވެރިކަމެވެ. ﷲ ތަޢާލާ ވަޙީކުރއްވާފައިވާ ފަދައިންނެވެ:

(وَلاَ تُعْجِبْكَ أَمْوَالُهُمْ وَأَوْلاَدُهُمْ إِنَّمَا يُرِيدُ اللَّهُ أَن يُعَذِّبَهُم بِهَا فِي الدُّنْيَا وَتَزْهَقَ أَنفُسُهُمْ وَهُمْ كَافِرُونَ).سورة التوبة 55)

މާނައީ ” އެއުރެންގެ މުދާތަކާއި، އެއުރެންގެ ދަރިންތައް ކަލޭގެފާނު عجائب ކުރުވިޔަ ނުދޭހުށިކަމެވެ! ހަމަކަށަވަރުން، اللَّه އިރާދަކުރައްވަނީ، ދުނިޔޭގެ ދިރިއުޅުމުގައި، އެތަކެތިން އެއުރެންނަށް عذاب ދެއްވުމަށެވެ. އަދި އެއުރެން كافر ން ކަމުގައިވާ حال، އެއުރެންގެ ފުރާނަ ދިޔުމަށެވެ.”

އިންސާނުންގެ ތެރެއިން އުފާވެރިކަން ލިބެނީ ކެއުމާއި ބުއިމާއި އަދިވެސް ނަފްސަށް ހިތްހަމަ ޖެހުންލިބޭ ލައްޒަތްތަކުންކަމުގައި ދެކޭމީހުން އުޅެއެވެ. ނަމަވެސް އިސްވެ ދެންނެވުނުފަދައިން ޙަޤީޤީ ލައްޒަތާއި ރާޙަތާއި ހިތްހަމަ ޖެހުމެއް ނުލިބެއެވެ.

އަދިވެސް ބައެއްމީހުން ރިޔާސަތާއި ޝަރަފާއި މީސްތަކުންގެ މައްޗަށް ބާރުފޯރުވުމާއި އަނިޔާވެރިވުމަކީ އުފާވެރިކަންކަމުގައި ދެކެއެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ ކޮޅުނެތް ކޮޅަށްވާ ހިތާމަވެރިކަމެވެ.

އަދިވެސް އެބައިމީހުންކުރެ ބައެއްމީހުން  އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި جمل އާއި، ދަނޑުބިމާއި، މިފަދަ ޝަހުވަތްތަށް ޙާސިލްވުމަކީ އުފާވެރިކަން ކަމުގައި ދެކެއެވެ. ނަމަވެސް ﷲ ތަޢާލާ ވަޙީކުރަށްވަނީ :

ذَلِكَ مَتَاعُ الْحَيَاةِ الدُّنْيَا

މާނައީ ” އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ”

އަދި ދުނިޔެއަކީ އޭގައިވާ ތަކެއްޗާއެކު ނެތި ފަނާވެދާނެ ތަނެކެވެ. އަދި ދުނިޔޭގައި ލައްޒަތުގައި އުޅުނުމީހުން އާޚިރަތަށް ބަދަލުވަނީ ބަނގުރޫޓުވެގެންވާ ޙާލުގައެވެ. ﷲ ތަޢާލާ އެބައިމީހުނަށް ވަޙީކުރައްވާނެއެވެ.

” وَيَوْمَ يُعْرَضُ الَّذِينَ كَفَرُوا عَلَى النَّارِ أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَسْتَكْبِرُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَفْسُقُونَ “(سورة الأحقاف 20)

މާނައީ” كافر ވިމީހުން ނަރަކަޔަށް ހުށަހަޅުއްވާ ދުވަހު (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންނަށްހުރި ރަނގަޅު ތަކެތި، ތިޔަބައިމީހުންގެ ދުނިޔޭގެ حياة ގައި ނަގާލައި އަދި ތިޔަބައިމީހުން އެއިން އަރާމުލިބިގެންފީމުއެވެ. ފަހެ، حق އަކާނުލައި ބިމުގައި ތިޔަބައިމީހުން ބޮޑާވެ އުޅުނުކަމަށްޓަކައި، އަދި ތިޔަބައިމީހުން فاسق ވެގަތް ކަމަށްޓަކައި، މިއަދު އިހާނެތިކަމުގެ ޖަޒާ ތިޔަބައިމީހުންނަށް ލިބޭނެތެވެ.”

އެބައިމީހުން ދަޢުވާކުރމުންދިޔަ އުފާވެރިކަމާއި ލައްޒަތު އެބައިމީހުންގެ ކިބައިން ކެނޑިގެން ހިނގައްޖެއެވެ. އަދި އިހާނަތްތެރިކަމާއި ކުރިމަތިލާން ޖެހިއްޖެއެވެ..

إِنَّ الَّذِينَ كَفَرُواْ لَن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلاَ أَوْلاَدُهُم مِّنَ اللَّهِ شَيْئاً (سورة آل عمران 10)

މާނައީ ” ހަމަކަށަވަރުން، كافر ވި މީހުންނަކީ އެއުރެންގެ މުދާތަކަކަށް އަދި އެއުރެންގެ ދަރިންނަކަށްވެސް، اللَّه ގެ حضرة ން އެއުރެންނަށް އެއްވެސްކަމެއް ފުއްދައި ނުދެވޭނޭ ބަޔެކެވެ.”

﴿يَوْمَ لا يَنفَعُ مَالٌ وَلا بَنُونَ * إِلاَّ مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ﴾ [سورة شعرآء 88-89]

މާނައީ:” އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ.”

 

{ ވިމާ ޙަޤީޤީ އުފާވެރިކަމުގައި ޙަޔާތް ވޭތުކުރަމުންދާމީހަކީ ކޮބާތޯއެވެ؟. މިލިޔުމުގެ ދެވަނަ ބަޔަށް އިންތިޒާރު ކުރަށްވާށެވެ.} މުތަރުޖިމް.

___________________________________________________________________

މިލިޔުމަކީ فضيلة الشيخ صالح الفوزان ދެއްވާފައިވާ محاضرة އެއްގެ ތަރުޖަމާގެ ބައެކެވެ.