ތަރާވީޙް ނަމާދަށް މިސްކިތަށްދާ ވަރަށް ގިނަ އަންހެނުން ގަދައަށް ވަސްދުވާނޭފަދަ ސެންޓުޖަހައިގެންދާކަން ފާހަގަވެއެވެ. އެގޮތުން އެކަނބަލުންގެ ފަހަތުން ނުވަތަ ކައިރިން ހިނގާފައިދާ ފިރިހެނުންނަށް އޭގެ ވަސްދުވައެވެ. އެފަދަ ބައެއް ކަނބަލުންނަށް ނަސޭޙަތް ދިނުމުން އެކަނބަލުން ބުނެއެވެ. މިސްކިތަށް އަންނައިރު މީރުވަސްދުވާ އެއްޗެއް ބޭނުންކޮށްގެން އައުމަކީ މިސްކިތަށް އިޙްތިރާމުކުރުމުގެ ތެރެއިން ހިމެނޭ ކަމެކެވެ. ފަހެ މިކަމުގެ ޙުކުމަކީ ކޮބާ ހެއްޔެވެ؟
ޖަވާބު: ޝަރުޢި ޙުކުމްތަކުގައި މަރުޖިޢަކީ ޤުރުއާނައި ސުންނަތުގެ ނައްޞުތައްކަމުގައި ހެދުމަކީ ވާޖިބެކެވެ. މިކަމުގައި ބަލަންޖެހެނީ މީހުން ދެކޭގޮތާއި މީހުންގެ މިޒާޖާއި ހަވާނަފްސުތަކާ އަދި ރަނގަޅުކަމަށް ފެންނަކަންކަމަކަށް ނޫނެވެ. މިކަންވަނީ ހަރު ޢިބާރާތުން ނަހީކުރެވި، މިކަމާގުޅޭ އެތައް ނައްޞެއް އައިސްފައެވެ. އަންހެންކަނބަލުން ގެއިން ނުކުންނައިރު މީރުވަސް ދުވާފަދަ އެއްޗެއް ބޭނުންކޮށްގެން ނުކުތުމަކީ ނަހީކުރައްވާފައިވާ ކަމެއްކަން އަންގައިދޭ ޙަދީޘްތަކުގެ ތެރޭގައި އަންނަނިވި ޞައްޙަ ޙަދީޘްތައް ހިމެނެއެވެ.
- އަބޫ މޫސާ އަލްއަޝްޢަރީ ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ))[1]
މާނައީ: “އެއްވެސް އަންހެނަކު، މީރުވަސްދުވާ އެއްޗެއް ބޭނުންކޮށްގެން އޭގެވަސް ބަޔަކަށް (އެބަހީ: ހިލޭ ފިރިހެނުންތަކަކަށް) ދުއްވުމަށްޓަކައި، ބައެއްގެ ކައިރިން ހުރަސްކޮށް ހިނގައްޖެނަމަ ދަންނައެވެ. އެއީ ޒިނޭކުރާ އަންހެނެކެވެ.”
- ޒައިނަބު އައްޘަޤަފިއްޔާގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((إذَا خَرَجَتْ إحْدَاكُنَّ إلَى الْمَسْجِدِ فَلاَ تقربنّ طِيبًا))[2]
މާނައީ: ” ތިޔަ ކަނބަލުންކުރެ ބޭކަނބަލަކު މިސްކިތަށްދާނަމަ މީރުވަސްދުވާ އެއްޗެއް ބޭނުންނުކުރައްވާށެވެ.”
- އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((أَيُّمَا امْرَأَةٍ أَصَابَتْ بَخُورًا فَلَا تَشْهَدْ مَعَنَا الْعِشَاءَ الْآخِرَةَ))[3]
މާނައީ: “އެއްވެސް އަންހެނަކު މީރުވަސްދުވާ އެއްޗެއް ބޭނުންކޮށްފިނަމަ އެރޭ ތިމަން ބޭކަލުންނާއެކު ޢިޝާނަމާދުގެ ޖަމާޢަތުގައި ބައިވެރިނުވާށެވެ.”
- އަބޫ ހުރައިރާގެ އަރިހުން މޫސާ ބުން ޔަސާރު ރިވާކުރެއްވިއެވެ. ވަރަށް ވަސް ގަދަ ހުވަނދެއް ލައިގެން ހުރި އަންހެނަކު، އެކަލޭގެފާނު ހުރަސްކުރުމުން ވިދާޅުވިއެވެ. “އޭ އަލްޖައްބާރުގެ އަޅާއެވެ. ކަނބުލޭގެ ތިޔަދަނީ މިސްކިތަށް ހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “އާދޭހެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “ކަނބުލޭގެ މީރުވަސްދުވާ ތަކެތި ބޭނުންކުރީ އެކަމަށްޓަކާ ހެއްޔެވެ؟” އެކަމަނާ ދެންނެވިއެވެ. “އާދޭހެވެ.” އެކަލޭގެފާނު ދެންނެވިއެވެ. “ފަހެ ކަނބުލޭގެ އެނބުރިދާށެވެ. އަދި ފެންވަރާށެވެ. ފަހެ، ހަމަކަށަވަރުން ރަސޫލުﷲ ޙަދީޘްކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ.
((مَا مِنِ امْرَأَةٍ تَخْرُجُ إِلَى الْمَسْجِدِ تَعْصِفُ رِيحُهَا فَيَقْبَلُ اللَّهُ مِنْهَا صَلاَتَهَا حَتَّى تَرْجِعَ إِلَى بَيْتِهَا فَتَغْتَسِلَ))[4]
މާނައީ:”އަންހެނުންގެ ތެރެއިން މީހަކު މީރުވަސްދުވާ އެއްޗެއް ބޭނުންކޮށްގެން މިސްކިތަށް ދާން ނުކުމެއްޖެނަމަ، އޭނާ އެނބުރި ގެއަށްގޮސް ފެންވަރައިފުމަށް ދާނދެން ﷲ އޭނާގެ ނަމާދު ޤަބޫލު ނުކުރައްވައެވެ.”
= ނުނިމޭ =
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްމުނައްޖިދު ދެއްވާފައިވާ ފަތުވާއެއްގެ ތަރުޖަމާއެކެވެ.
______________________________
[1] أخرجه النسائي وغيره وصححه الألباني
[2] رواه أحمد وغيره وصححه الألباني
[3] رواه مسلم
[4] رواه البيهقي في السنن الكبرى وغيره وصححه الألباني