[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޣާފިލުކަމުގެ ނިދިން ހޭލަން ނުވޭތޯ؟

އިސްލާމްދީނަކީ އިންސާނުންނަށްޓަކައިވާ ޙައްޤު ދީނެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގެ ޢާލް ޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ:

(إن الدين عند الله الإسلام)

މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ.”

އަދި އެއީ ﷲ ތަޢާލާ ރުހިވޮޑިގެންފައިވާ ދީނެވެ. އެދީނަކީ  ވަކިދުވަސްވަރަކަށް ވަކިވަގުތަކަށް އޮތް ދީނެއް ނޫނެވެ. އެދީނަކީ އިހުޒަމާނުގެ މީހުންގެ ދީނަށް ވީފަދައިން މިޒަމާނުގެ މީހުންނަށް އަދި ކުރިއަށްއޮތް ޒަމާންތަކަށްވެސް އެންމެ ފުރިހަމަ ދީނެވެ. އަދި ހަމައެހެންމެ އެދީނަކީ ހަމައެކަނި މުސްކުޅިންނަށް އަޅުކަން ޚާއްސަކުރައްވާފައި ޒުވާނުންނަށް ހިތުހުރި ގޮތަކަށް އުޅެން ދޫކޮށްލާފަދަ ދީނެއްނޫނެވެ. އަދި ދުލުކުރިން ޝަހާދަތުގެ ދެކަލިމަ ކިޔާލުމުން ދީނުގެ ޢަމަލުތައް ނިމުނީ ކަމުގައި އަޅުގަނޑުމެން ހީކޮށްގެންނުވާނެވެ.

އިސްލާމްދީން އައިސްފައިވަނީ އިންސާނާގެ ދެދުނިޔެ ބާއްޖަވެރިކޮށްދޭފަދަ ގޮތަކަށެވެ. އިންސާނާގެ ދުނިޔޭގެ ޙަޔާތުގެ ކޮންމެ ކަމެއް މިދީނާ ގުޅިލާމެހިފައިވެއެވެ. އެއީ އަޅުކަންކަމުގައި ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްކަމުގައި ނުވަތަ ޒަވާޖީ ހަޔާތެއް ފެށުންކަމުގައިވިޔަސް އިސްލާމްދީންވަނީ އެކަންތައްކުރަންވާނެ ގޮތް ބަޔާންކޮށްދެއްވާފައެވެ. އަޅުގަނޑުމެން އަމިއްލައަތުން ހަދާތަކެތި އޭގެ މަޤުސަދު ހާސިލްކުރުމަށް އެބޭނުންކުރާނެ ގޮތްކިޔާދޭ ފޮތެއް ހަދައެއްނޫންތޯއެވެ. މިހެންކަމުގައިވާއިރު އަރަހުށި ހުސްތާހިރުވަންތަ ﷲ ތަޢާލާ އިންސާނުން ޙަލްޤުކުރައްވާ އޭނާއަށް ރަނގަޅު ފައިދާހުރި ގޮތް ބަޔާންނުކުރައްވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ.

އެއިލާހުވަނީ އަޅުގަނޑުމެން އުޅެންވީ ގޮތް ބަޔާންކުރެއްވުމަށް އަޅުގަނޑުމެންގެ ތެރެއިން ރަސޫލުބޭކަލުން ފޮނުއްވަވާފައެވެ. ނޫޙުގެފާނާ އަދި އެކަލޭގެފާނަށްފަހު ވަޑައިގެންނެވި ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންވެސް ޙައްޤު މަގަށް ގޮވާލެއްވިއެވެ. އަދި މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު  ޞައްލަ ﷲ ޢަލައިހި ވަސައްލަމް ފޮނުއްވެވީވެސް މިދީނުގެ ދަޢުވަތު މީސްތަކުންނަށް ފޯރުކޮށްދެއްވުމަށްޓަކައެވެ.

ނޫޙު އަލައިހިއްސަލާމްގެ ދަޢުވަތަށް އިޖާބަނުދިން މީހުން ތިބި ފަދައިން މިއަދުވެސް މިއިސްލާމްދީން ޤަބޫލުނުކުރާ އެތައްބަޔަކު އުޅެއެވެ. އަދި މިދީނުގެ ޝިޢާރުތަކަށް ގޮންޖަހާ، ޖާހިލުކަމުގައި ތިބެ ދީނުގެ ޙަޤީގަތް އޮޅުވާލާމީހުންވެސް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. މިއަދުގެ ކާފަރުންގެ މީޑިއާތަކުން އިސްލާމްދީނުގެ ޙަޤީގީ ކުލަ ފަނޑުކުރަމުންދާއިރު އަޅުގަނޑުމެން މުސްލިމުން އަޅާނުލާތިބޭނީތޯއެވެ. ދީނީ ޝިޢާރުތަކަށް ފުރައްސާރަކުރަމުންދާއިރު އަޅުގަނޑުމެން ބީރުކަންފަތެއްދީގެން ތިބޭނީ ކިހާދުވަހަކުތޯއެވެ. އިސްލާމްދީން ގެނެސްދީފައިވާ މުޢާމަލާތުކުރުމުގެ އަދަބުތަކާއި ރިވެތި އަޚުލާޤީ މިންގަނޑުތަކުގައި އަދުގެ ކާފަރުން ހިފަމުންދާއިރު އަޅުގަނޑުމެން މިއަދު ކޮޕީކޮށްގެން ތިބޭނީ އެމީހުންގެ އައުރަ ނިވާނުވާ ހެދުން އެޅުމުގެ މިންގަނޑުތޯއެވެ. ނުވަތަ އެމީހުންގެ  ފާޙިޝް ޢަމަލުތައް އިޝްތިހާރުކުރަމުންދާ މީޑިއާގެ ފަންނާނުންތޯއެވެ. އަޅުގަނޑުމެންގެ ދަރީން މިގޮތަށް އިސްލާމްދީނާ ދުރަށް ދާތަން އަޅުގަނޑުމެން މިއަދު އަތްއުރާލައިގެން ބަލަން ތިބޭކަމުގައިވަނީނަމަ އަޅުގަނޑުމެންގެ ދިވެހި ބިމުން މިދީން ފޮހެވިގެން ދިޔުމަކީ ވަރަށް ގާތްކަމެކެވެ.

ﷲ ތަޢާލާ މިއުންމަތް އެހެން ހުރިހާ އުންމަތަކަށް މާތްކުރައްވާފައިވަނީ މިއުންމަތަކީ ހެޔޮކަންތައްތަކަށް އަމުރުކުރާ ނުބައިކަންތައްތައް މަނާކުރާ އުންމަތްކަމުގައިވާތީއެވެ. އަދި ﷲ ތަޢާލާ، އެއިލާހުގެ ދީން ހިމާޔަތްކުރައްވާނެކަމުގައިވަނީ އަންގަވާފައެވެ. ނަމަވެސް އެކަލާނގެވަނީ އެކަމުގެ ސަބަބުތައް ލައްވަވާފައެވެ. އަދި އެކަމަށް މަސައްކަތްކުރުމަށް މީސްތަކުންނަށް ބާރުއަޅުއްވާފައެވެ. އަދި އެކަމުގައި މަސައްކަތްކުރާ އަޅުންނަށް އެއިލާހު ފުރިހަމަ އަޖުރުދެއްވާނެއެވެ.

އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ ސުވާލުކޮށްލަންވީ އަޅުގަނޑުމެން މަސައްކަތްކުރާނީ މިދީނުގެ ދިފާޢުގައި އެއިލާހުގެ ދީނަށް ނަސްރުދިނުމުގައިތޯއެވެ. ނޫނީ މިދީނަށް ފުރައްސާރަކުރަމުންދާ ބައެއްގެ ކައިރީގައި ފިނޑިވެ ނިކަމެތިވެފައިވާ ހާލުގައި އަބާއްޖަވެރިންނާ އެކުގައިތޯއެވެ.