[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބާއްޖަވެރި ޙަޔާތެއް އެދޭނަމަ.. -1

الحمد لله رب العالمين، والصلاة والسلام على أشرف الأنبياء والمرسلين، أما بعد :

ކައިވެނީގެ އެންމެ ބޮޑު އަމާޒަކަށް ވާންޖެހޭނީ ﷲ ސުބަޙާނަހޫ ވަތަޢާލާއަށް ޙައްޤު ގޮތުގައި އަޅުކަންކުރާ, އެކަލާނގެ އެންގެވި ގޮތުގައި ދުނިޔެ، އާރާސްތު ކުރާނެ ރަނގަޅު ޖީލެއް ބިނާކުރުމެވެ. އަދި އެކަމަކީ މީހާގެ ޢިތްފަތްތެރިކަމާއި، ޙަރާމް ބެލުންތަކާއި، ޙަރާމް ކަންކަމުން ނަފްސު ރައްކާތެރި ކޮށްދޭކަމެކެވެ. އަދި ޖިންސީ ޣަރީޒާތަށް ފުއްދުމަށް، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ގޮތެވެ. އަދި އެއީ ތަފާތު ބަލިތަކުން މީހާ ރައްކާތެރި ކޮށްދޭ ކަމެކެވެ. އަދި މާތް ﷲ މިދުނިޔެއަށް ފޮނުއްވެވި އެންމެ މާތް އިންސާނުން، ނަބިއްޔުއްނާއި ރަސޫލުބޭކަލުންގެ ސުއްނަތެއްވެސް މެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާ ފައިވެއެވެ.

(وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً) [الرعد 38]

މާނައީ” :ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ.”

އުފާވެރި ޙަޔާތެއް ލިބޭނީ އެކަމުގެ ބިންގާ ރަނގަޅު ކުރެވިގެންނެވެ. އެހެންކަމުން ބިންގާ ސީދަލަށް އެޅިފައި ހުރިކަމުގައި ވަނީނަމަ ހަޔާތް ބާއްޖަވެރިވެގެން ދެއެވެ. އަދި އެކަމުގެ ސަބަބުން ދެމަފިރިންނަށް ހަޔާތުގެ ހަޤީޤީ އުފަލާއި ހިތްހަމަޖެހުން ލިބިގެން ދެއެވެ. އެހެނީ ކައިވެނީގެ އަޤުދަކީ ﷲ ސުބުޙާނަޙޫ ވަތަޢާލާ މާތް ކުރައްވާފައިވާ އަޤުދެކެވެ. އަދި އެކަލާނގެ ވަނީ އެ ގުޅުމުގައި ލޯތްބާއި، އޯގާތެރިކަން ލައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

)وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ) [الروم 21]

މާނައީ: “ތިޔަބައިމީހުންނަށްޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.”

ދެމަފިރިން, އެކަކު އަނެކެއްގެ މައްޗައް ހެޔޮކަންކަމަށް ވަޞިއްޔަތް ކުރުން ވާޖިބުވެގެން ވެއެވެ. އެއީ އެކަން ކަމުގެ ސަބަބުން ދެމީހުންގެވެސް އީމާންކަން އިތުރުވެގެންދާ ކަމެކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ މައުރިފާކޮށް ދެނެގަތުމަށް ހުޅުވިގެންދާ ދޮރަކަށް އެކަން ވެގެން ދެއެވެ. އަދި އެއިލާހުގެ އަމުރުފުޅު ތަކަށް ކިޔަމަންވެގަތުމުގައްޔާއި، އެއިލާހު ނަޙީކުރެއްވި ކަންކަމުން ދުރުވެގަތުމަށް ލިބޭ ބާރެއްކަމުގައި އެކަން ވެގެން ދެއެވެ. އަދި ދެމަފިރިން އެކަކު އަނެކަކަށް ތަޤުވާވެރިވުމަށާއި ކެތްތެރިވުމަށް ހަނދާންކޮށްދޭ ބަޔަކަށް ވާން ވާނެއެވެ. އެހެން ނޫންނަމަ އެބަޔަކަށް ހުރީ ގެއްލުމާއި ހަލާކެވެ. އެއީ ﷲ ސުބުޙާނަހޫ ވަތައާލާގެ ވަޙީބަސްފުޅުގައި ވާފަދައިންނެވެ.

 (إِنَّ الْإِنسَانَ لَفِي خُسْرٍ) [العصر 2]

މާނަ : “ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.”

(إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ) [العصر 3]

މާނައީ: “އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތް ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތް ކޮށްއުޅުނު މީހުން މެނުވީއެވެ.”

ކައިވެނީގެ އަޤުދަކުން ނޫން ގޮތަކަށް ކައިވެނިން ލިބޭ ހިތް ހަމަޖެހުން ހޯދަން އުޅޭ ކަމުގައި ވަނީނަމަ، އެކަން ވެގެންދާނީ އެމީހެއްގެ ހަޔާތް ބަރުބާދުގެ ތެރެއަށް ވައްޓާލައި، ދިރިއުޅުމުގެ މަޤުސަދު ހަނދާން ނައްތުވާލާ ކަމަކަށެވެ. އަދި އާޚިރު ނަތީޖާ ވެގެންދަނީ ދުނިޔޭގެ ހަޔާތުން މާޔޫސްވެ ނާކާމިޔާބުވެ، ދެދުނިޔެ ގެއްލިފަވާ މީހެއް ކަމުގައި ވެގެން ދިޔުމެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ  އާޚިރަތަށްޓަކައި ދެމަފިރިން އެކަކު އަނެކަކަށް އެހީތެރިވެ، ހެޔޮގޮތުގައި ވޭތުކުރާ މީސްތަކުންނަށް ޘަނާ ކިއުއްވާފައެވެ. އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުގައި ވެއެވެ.

عن أَبِي هُرَيْرَةَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ((رَحِمَ اللَّهُ رَجُلًا قَامَ مِنْ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ ، فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ ، رَحِمَ اللَّهُ امْرَأَةً قَامَتْ مِنْ اللَّيْلِ فَصَلَّتْ وَأَيْقَظَتْ زَوْجَهَا فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ))

 [أبو داود (1308) والحديث صححه الألباني]

މާނައީ: އަބޫހުރައިރާ ރަޟިޔަ ﷲ އަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “ރޭގަނޑުގެ ވަގުތުގައި ތެދުވެ (ދަމު)ނަމާދު ކޮށް  އޭނާގެ އަނބިމީހާ (ދަމުނަމާދު ކުރުމަށް) ހޭލައްވައިފި، މީހަކަށް ﷲ ރަހުމަތް ލައްވާށިއެވެ. އެފަދައިން ނުތެދުވެއްޖެނަމަ، އޭނާ އެކަނބުލޭގެ މޫނަށް  ފެންފޮދެއް ވިއްސާލައެވެ. (އަދި) ރޭގަނޑުގެ ވަގުތުގައި ތެދުވެ (ދަމު)ނަމާދުކޮށް، އެކަނބުލޭގެ ފިރިމީހާ އަށް ގޮވައި ހޭލައްވައިފި އަންހެނާއަށް ﷲ ރަޙުމަތް ލައްވާށިއެވެ. އެފަދައިން ނުތެދުވެއްޖެނަމަ އެކަނބުލޭގެ، އޭނާގެ ފިރިމީހާގެ މޫނަށް ފެންފޮދެއް ވިއްސާލައެވެ”.

(އަބޫ ދާވޫދް 1308، ޙަދީޘް ޞައްޙަ ކުރެއްވީ ޝެއިޚް އަލްބާނީ)

___________________________

-ނުނިމޭ-