ﷲ ތަޢާލާގެ ވަޙީކުރައްވާފައި ވެއެވެ. (( وَلَوْ تَرَىٰ إِذِ الظَّالِمُونَ فِي غَمَرَاتِ الْمَوْتِ وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ أَخْرِجُوا أَنفُسَكُمُ الْيَوْمَ تُجْزَوْنَ عَذَابَ الْهُونِ بِمَا كُنتُمْ تَقُولُونَ عَلَى اللَّـهِ غَيْرَ الْحَقِّ وَكُنتُمْ عَنْ آيَاتِهِ تَسْتَكْبِرُونَ﴿٩٣﴾)) سورة الأنعام ٩٣ މާނަ ” އަނިޔާވެރިން މަރުގެ ސަކަރާތުގައި އުޅޭހިނދު، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެ ނަމައެވެ. މަލާއިކަތުން އެވަގުތު ތިއްބަވާނީ ( ޢަޒާބުދެއްވުމަށްޓަކައި) އަތްޕުޅުތައް ދިއްކުރައްވައިގެންނެވެ. އަދި ވިދާޅުވާނެއެވެ. ތިޔަބައިމީހުންގެ ފުރާނަތައް ނެރޭށެވެ. މިއަދު ތިޔަބައިމީހުންނަށް އިހާނަތްތެރިކަމުގެ ޢަޒާބުން ޖަޒާ ދެއްވާނެތެވެ. އެއީ ތިޔަބައިމީހުން ﷲ އާއިމެދު ބުނެއުޅުނު ޙައްޤު ނޫން ބަސްތަކުގެ ސަބަބުންނާއި، އެކަލާންގެ އާޔަތްތައްކަށް ފުރަގަސްދީ ބޮޑާވެގަތުމުގެ ސަބަބުންނެވެ. “
މިއާޔަތުން ކައްވަޅުގެ ޢަޒާބަށް ދެވަޖްހަކުން ދަލީލު ލިބެއެވެ.
އެންމެ ފުރަތަމަ ވަޖްހު: މަލާއިކަތުން އެބޭކަލުންގެ އަތްޕުޅުތައް ދިއްކުރައްވައިގެން ތިއްބެވުމަކީ، ތަޅައި ޢަޒާބު ދެއްވުމަށްޓަކައި އަތްޕުޅުތައް މަޅުއްވައިގެން ތިއްބެވުމުގެ ވާހަކައެވެ. އެބަހީ، ބުރަކަށިތަކުގައާއި މޫނުތަކުގައި އެބޭކަލުން ޢަޒާބުދެއްވުމައްޓަކައި ތަޅުއްވާނެ ވާހަކައެވެ.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( މިކަންވާހުށީ މަރުވާ ވަގުތުގައެވެ. މި އާޔަތުގައިވާ (البسط) ގެ މާނައަކީ ތެޅުމެވެ. ތަޅުއްވާނީ ބުރަކަށިތަކުގައާއި މޫނުތަކުގައެވެ. ))
އަދި އައްޟައްޙާކުގެ ކިބައިން އައިސްފައި ވެއެވެ. (وَالْمَلَائِكَةُ بَاسِطُو أَيْدِيهِمْ ) ގެ މުރާދަކީ (( (މަލާއިކަތުން) ޢަޒާބު ދެއްވުމެވެ. ))
އަދި އަލްއިމާމު ޠަބަރީ ވިދާޅުވިއެވެ. (( އަދި ﷲ ތަޢާލާގެ ވަޙިބަސްފުޅުގައި ވާފަދައިން، މަލާއިކަތުންގެ އަތްޕުޅުތަކުން ( އެ އަނިޔާވެރި ފާފަވެރިންގެ ) މޫނުތަކުގައާއި ބުރަކަށިތަކުގައި ތަޅުއްވައެވެ. (( فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ ﴿٢٧﴾ )) سورة محمد ٢٧ މާނަ: ” އެއުރެންގެ މޫނުތަކާއި ބުރަކަށިތަކުގައި ތަޅުއްވަމުން، މަލާއިކަތުން އެއުރެންގެ މަރު ހިއްޕަވާހިނދު ، އެއުރެންގެ ޙާލުވާނީ ކޮންފަދައަކުން ހެއްޔެވެ؟ “
ދެވަނަ ވަޖްހު: ޢަޒާބު ލިބޭނެކަން އެނގެނީ ކާފަރުންގެ ފުރާނަތައް ހިއްޕަވާ ވަގުތުގައި މަލާއިކަތުން އެ ކާފަރުންނަަށް ބުނާ ބަހުންނެވެ. އެމަލާއިކަތުން ދަންނަވައެވެ. މިއަދު ތިޔަބައިމީހުންނަށް އިހާނާތްތެރިކަމުގެ ޢަޒާބުން ޖަޒާ ލިބޭހުއްޓެވެ. މި ޢަޒާބު ލިބޭހުށީ ބަރުޒަަޚުގެ ހަޔާތުގައެވެ.
މި އާޔަތުގައި މިވާ ﷲ ތަޢާލާގެ ވަޙީބަސްފުޅު (( فَكَيْفَ إِذَا تَوَفَّتْهُمُ الْمَلَائِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَارَهُمْ ﴿٢٧﴾ )) سورة محمد ٢٧ އާ ބެހޭގޮތުން އިބްނު ޢަޠިއްޔާ ވިދާޅުވިއެވެ. (( މިތަނުގައި ﷲ ތަޢާލާ އެވަނީ ކާފަރުން މަރުހިއްޕަވާ ވަޤުތު އެ ކާފަރުންނާ ދިމާއަށް މަލާއިކަތުން ބުނާ ބަސް ޙިކާޔަތެއްގެ ގޮތުގައި ގެންނަވާފައެވެ. ))
އަދިވެސް ﷲ ތަޢާލާގެ ވަޙީކުރައްވާފައި ވެއެވެ. (( وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ﴿١٢٤﴾)) سورة طه ١٢٤ މާނަ: (( އަދި ތިމަންރަސްކަލާންގެ ޤުރުއާނަށް ފުރަގަސްދީފި މީހުނަކު ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެމީހަކަށް އޮތީ ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނު މީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެވެ. ))
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އާޔަތް ތަފްސީރުކޮށްދެއްވާފައި ވެއެވެ. އަބޫހުރައިރާގެ ކިބައިން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (( فَإِنَّ لَهُ مَعِيشَةً ضَنكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَىٰ﴿١٢٤﴾)) سورة طه ١٢٤ މި އާޔަތް ބާވައިލެއްވުނީ ކޮންމަކާއި ބެހޭގޮތުންކަން ތިޔަބައިމީހުންނަށް އެނގިލައްވާތޯއެވެ. المعيشة الضنكة ) ދަތި ދިރިއުޅުމަކީ ) ކޮބައިކަން ތިޔަބައިމީހުންނަށް އެނގިލައްވާތޯއެވެ؟
އެބޭކަލުން ދެންނެވިއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އަދި އެއިލާހުގެ ރަސޫލާއެވެ.
ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެއީ ކާފަރުންނަށް ކައްވަޅުގައި ދެއްވާ ޢަޒާބެވެ.))
އަދި އަބޫ ޞާލިޙާއި އައްސަދިއްޔު މި އާޔަތުގައިވާ (( مَعِيشَةً ضَنكًا )) سورة طه ١٢٤ ގެ ތަފްސީރުގައި ވިދާޅުވިއެވެ. (( އެއީ ކައްވަޅުގެ ޢަޒާބެވެ. ))
އަލްއިމާމު އައްޠަބަރީ ވިދާޅުވިއެވެ. (((( مَعِيشَةً ضَنكًا )) ގެ ތަފްސީރުގައި ރަނގަޅު ޤައުލެއް ކަމަށް އެންމެ އައުލާވެގެންވާ ޤައުލަކީ އެއީ ކައްވަޅުގެ ޢަޒާބު ކަމުގައި ވިދާޅުވާ ބޭފުޅުންގެ ޤައުލެވެ. ))
އަދި އިމާމު އައްޠަބަރީ ވަނީ މި ޤައުލު ( ބުނުން ) ތިން ޞަޙާބީއަކަށް ނިސްބަތް ކޮށްފައެވެ. އެއީ އަބޫ ސަޢީދުލް ޚުދުރީ އާއި އަބޫ ހުރައިރާ އާއި އިބްނު މަސްޢޫދު – ރަޟިޔަﷲ އަންހުމް – އަށެވެ.
އަދި މި އާޔަތުގެ މައްޗަށް ބިނާކުރައްވައި އަލްބައިހަޤީ ބާބެއް ބަންނަވައި ވިދާޅުވެފައި ވެއެވެ. (( ﷲ ގެ ޛިކުރުން އެއްކިބާވެގަންނަ މީހާއަށް ޤިޔާމަތްވުމުގެ ކުރީގައި ކައްވަޅުގައި ދެއްވާނޭ ޢަޒާބުގެ ވާހަކަ ނަންގަތް ބާބު)) މިފަދައިންނެވެ.
އަދިވެސް ﷲ ތަޢާލާ ވަޙިކުރައްވާފައި ވެއެވެ. (( وَمِمَّنْ حَوْلَكُم مِّنَ الْأَعْرَابِ مُنَافِقُونَ ۖ وَمِنْ أَهْلِ الْمَدِينَةِ ۖ مَرَدُوا عَلَى النِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ ﴿١٠١﴾ )) سورة التوبة ١٠١ މާނަ: (( އަދި ތިޔަބައިމީހުން ވަށައިގެންވާ އަޢުރާބީންގެ ތެެރެއިން މުނާފިޤުންގެ ބަޔަކުވެސް ވެއެވެ. އަދި މުނާފިޤުކަމުގެ މައްޗަށް ހޭނިފައި ތިބި ބަޔަކު މަދީނާގެ އަހުލުވެރިންގެ ތެރޭގައިވެސް ވެއެވެ. ކަލޭގެފާނަކަށް އެއުރެން އެނގިވަޑައެއް ނުގަންނަވައެވެ. ތިމަން ރަސްކަލާންގެ އެއުރެން ދެނެވޮޑިގެންވަމެވެ. ތިމަންރަސްކަލާންގެ އެއުރެންނަށް ދެފަހަރު ޢަޒާބު ދެއްވާހުށީމެވެ. ދެން ބޮޑުވެގެންވާ ޢަޒާބެއްގެ ތެރެއަށް އެއުރެން ރައްދުކުރެއްވޭ ހުއްޓެވެ. ))
ޤަތާދާ ވިދާޅުވިއެވެ. ((ۚ سَنُعَذِّبُهُم مَّرَّتَيْنِ )) سورة التوبة ١٠١ ” ދެފަހަރު ޢަޒާބު ދެއްވާހުށީމެވެ.” އައިސްފައިވާ ބަސްފުޅުގެ މާނައަކީ ކައްވަޅުގައި ޢަޒާބު ދެއްވުމާއި ނަރަކައިގައި (ޤިޔާމަތްދުވަހުން) ޢަޒާބު ދެއްވުމެވެ. ))
އަދި އަލްބައިހަޤީ ވިދާޅުވިއެވެ. ((މުނާފިޤުންނަށް ނަރަކައިގައި ޢަޒާބު ދެއްވުމުގެ ކުރީގައި ކައްވަޅުގައި ޢަޒާބު ދެއްވުމުގެ ވާހަކަ ނަންގަތް ބާބު، ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( وَمِمَّنْ حَوْلَكُم مِّنَ الْأَعْرَابِ مُنَافِقُونَ ۖ وَمِنْ أَهْلِ الْمَدِينَةِ ۖ مَرَدُوا عَلَى النِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ ﴿١٠١﴾ )) سورة التوبة ١٠١ ))
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (( وَإِنَّ لِلَّذِينَ ظَلَمُوا عَذَابًا دُونَ ذَٰلِكَ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴿٤٧﴾ )) سورة الطور ٤٧ މާނަ: (( ހަމަކަށަވަރުން އަނިޔާވެރިވި މީހުންނަށް ( އާޚިރަތުގެ) ޢަޒާބުގެ އިތުރަށް ޢަޒާބު ހުއްޓެވެ. އެހެނެއްކަމަކު އެއުރެންކުރެ ގިނަމީހުން އެކަމެއް ނުދަނެތެވެ. ))
އިބްނު ޢައްބާސް ރަޟިޔަﷲ އަންހު ވިދާޅުވިއެވެ. (( އެއީޤިޔާމަތް ދުވަހުގެ ޢަޒާބުގެ ކުރިން ކައްވަޅުގެ ޢަޒާބު ދެއްވުމެވެ. ))
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. (( وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّـهِ أَمْوَاتًا ۚبَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ )) سورة آل عمران ١٦٩ އަދި ﷲ ގެ މަގުގައި ޤަތުލުވެގެންދާ މީހުންނަކީ މަރުވެފައިވާ ބައެކޭ ތިޔަބައިމީހުން ހީނުކުރާށެވެ. އެހެނެއްކަމަކު އެއީ ﷲ ގެ ހަޟްރަތުގައި ރިޒްޤު ލިބިލިބި ވާޙާލުގައި ދިރިތިބި ބައެކެވެ. ))
މި އާޔަތުގައި ﷲ ތަޢާލާ ޚަބަރު ދެއްވާފައި މިވަނީ ﷲ ގެ މަގުގައި ޤަތުލުވެގެންދާ މީހާ އެވަނީ ނިޢުމަތެއްގައި ކަމެވެ. މި އާޔަތުން ޤިޔާމަތް ދުވަހުގެ ކުރިން ކައްވަޅުގައި ނިޢުމަތް ލިބޭކަމަށް ދަލީލު ލިބިގެން ދެއެވެ.
– ނުނިމޭ –
مصدر ” الإيمان بما بعد الموت ” لفضيلة الشيخ أحمد محمد بن الصادق النجار