الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ހަނދު ބެލުމުގެ ސަބަބުން ރަމަޟާން މަސް ފެށުމާއި ނިންމުމުގައި އެކި ޤައުމުތައް ތަފާތުވާ ފަދައިން، ޙައްޖުމަސް ފެށުމުގައިވެސް އެކި ޤައުމުތަކުގައި ހަނދުބަލައިފިނަމަ ޢަރަފާތް ދުވަސް އެކި ޤައުމުތަކަށް ތަފާތުވުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން މިކަމުގެ ޝަރުޢީ ޙުކުމް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. މިއަދު ޒަމާނީ ވަސީލަތްތައް އަޅުގަނޑުމެންނަށް ފަހިވެފައިވުމުން މައްކާއަށް ހަނދުފެނިއްޖެތޯ ނުވަތަ ނޫންތޯ ވަރަށް ފަސޭޙަކަމާއެކު ކަށަވަރުކުރެވެއެވެ. ނަމަވެސް މީގެ އެތައް ސަތޭކަ އަހަރެއްކުރިން ފެށީގެން ޝަރުޢީ ދަލީލުތަކުގެ އަލީގައި މިކަމުގެ ޙުކުމް ޢިލްމުވެރިންވަނީ ބަޔާންކޮށްދެއްވާފައެވެ.
ކުރައިބުގެ އަރިހުން ރިވާވެގެންވެއެވެ. އުންމުލް ފަޟްލު ބިންތުލް ޙާރިޘު އެކަލޭގެފާނު ޝާމުކަރައަށް، މުޢާވިޔާގެ އަރިހަށް ފޮނުއްވިއެވެ. (ކުރައިބު) ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ޝާމުކަރައަށް ހިނގައްޖައީމެވެ. ފަހެ، އެތަނުގައި ތިމަންކަލޭގެފާނު އެކަމަނާ އެދިލެއްވިކަންތައް ކުރެއްވީމެވެ. ތިމަންކަލޭގެފާނު ޝާމުގައި ހުންނަވަނިކޮށް ރަމަޟާންމަހުގެ ހަނދު އެތަނަށް ޘާބިތުވެއްޖެއެވެ. ފަހެ، ހުކުރު ވިލޭރޭ ތިމަންކަލޭގެފާނަށްވެސް ހަނދު ފެނިވަޑައިގަތެވެ.
ދެން އެއަށްފަހު، އެމަހުގެ ފަހުކޮޅު ތިމަންކަލޭގެފާނު މަދީނާއަށް ހިނގައްޖައީމެވެ. އެތަނުގައި ވަނިކޮށް ޢަބްދުﷲ ބުން ޢައްބާސް رضي الله عنهما ތިމަންކަލޭގެފާނާ ސުވާލު ދަންނަވަމުން، ވާހަކަފުޅުގެ ތެރެއިން (ޝާމަށް) ހަނދު ފެނުނީ ކޮން އިރަކުތޯ ސުވާލުކުރެއްވިއެވެ.
ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. “ހުކުރު ވިލޭރެއެވެ.”
ފަހެ، އިބްނު ޢައްބާސް ދެންނެވިއެވެ. “ކަލޭގެފާނުވެސް ދެކިވަޑައިގަތީމުތޯއެވެ.”
ތިމަންކަލޭގެފާނު ދެންނެވީމެވެ. “އާދޭހެވެ. އަދި މީސްތަކުންވެސް ހަނދުފެނުމުން ރޯދަހިފިއެވެ. މުޢާވިޔާވެސް ރޯދަހިއްޕެވިއެވެ.” ދެން އިބްނު ޢައްބާސް ވިދާޅުވިއެވެ. “ނަމަވެސް ތިމަން ބޭކަލުންނަށް ހަނދުފެނުނީ ހޮނިހިރު ވިލޭރެއެވެ. ފަހެ، ތިރީސް ދުވަސް ވަންދެން ނުވަތަ ހަނދު ފެނިއްޖައުމަށް ދާންދެން ތިމަން ބޭކަލުން ރޯދަ ހިއްޕަވާ ހުށީމެވެ.”
ތިމަންކަލޭގެފާނު ދެންނެވީމެވެ. “ފަހެ، މުޢާވިޔާއަށް ހަނދުފެނިވަޑައިގެން، އެކަލޭގެފާނު ރޯދަހިއްޕަވަން ފެއްޓެވި ފެއްޓެވުމަށް ރިޢާޔަތް ނުކުރައްވާނަމުތޯއެވެ؟”
ފަހެ، އިބްނު ޢައްބާސް ވިދާޅުވިއެވެ. “ނުކުރައްވާނަމެވެ. ﷲގެ ރަސޫލާ ﷺ ތިމަންބޭކަލުންނަށް އަމުރުކުރައްވާފައިވަނީ މިފަދައިންނެވެ.” [رواه مسلم]
މިއަޘަރުން ގިނަ ކަންތައްތަކަށް ދަލާލަތުކުރެއެވެ.
- އެދުވަސްވަރުގައި މުސްލިމުންވަނީ އެއް ދައުލަތެއްގެ ގޮތުގައެވެ. އަދި އޭރުގެ ޚަލީފާއަކީ މުޢާވިޔާއެވެ. އަދި އިބްނު ޢައްބާސްއަކީ އެކަލޭގެފާނުގެ ޚިލާފަތަށް އިޤުރާރުވެވަޑައިގެން ބޭކަލެކެވެ. ނަމަވެސް ހަނދު ޘާބިތުކުރުމުގައި އެކި ހިސާބުތައް ތަފާތުނުވާނަމަ އެބޭކަލުން އެކަމުގައި ތަފާތު ގޮތްތައް ޚިޔާރު ނުކުރެއްވީހެވެ.
- މި އަޘަރުގައި ކުރައިބު ޚަބަރުދެއްވާފައި އެވަނީ އެކަލޭގެފާނަށާއި އަދި ޝާމުގެ މީސްތަކުންނަށް ހަނދުފެނުނުކަމުގައެވެ. އަދި އެބޭކަލުން ރޯދަ ހިއްޕެވިކަމުގައެވެ. ކުރައިބަކީ ގަދަރުވެރި ތާބިޢީ ބޭކަލެކެވެ. ނަމަވެސް އެބޭކަލުންނަށް ހަނދުފެނުމަކުން އެކަމުގެ މައްޗަށް (މަދީނާގައި ހަނދު ޘާބިތުކުރުމުގައި) ބުރަވެވަޑައިނުގަންނަވައެވެ.
- މިއަޘަރުގައި އިބްނު ޢައްބާސް ވިދާޅުވެފައިވަނީ “ﷲގެ ރަސޫލާ ﷺ ތިމަންބޭކަލުންނަށް އަމުރުކުރައްވާފައިވަނީ މިފަދައިންނެވެ.” އެކަލޭގެފާނު އެވަނީ މިފަދައިން ޢަމަލުކުރުން ނަބިއްޔާ ﷺ އަށް ނިސްބަތްކުރައްވާފައެވެ. އިބްނު ޢައްބާސްއަކީ ލަފްޒުތަކުން ދަލާލަތުކުރާ މާނަތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭކަލެކެވެ. އަދި ނަބިއްޔާ ﷺ ނައްޞަކުން ނުވަތަ އިޝާރާތަކުންވެސް ބަޔާންކުރައްވާފައި ނުވާ އެއްޗެއް، އެކަލޭގެފާނަށް ނިސްބަތްކުރުމުގެ ނުރައްކާތެރިން އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.
- އިރު އޮއްސުމުގައި މަދީނާއާއި ޝާމުގެ އަހުލުވެރިންގެ މެދުގައި ބޮޑު ތަފާތެއްވެއެވެ. (މިއީ މިކަމުގައި ތަފާތުވުމުގެ ސަބަބެކެވެ.)
އެހެންކަމުން ރަމަޟާންމަސް ފެށުމާއި ނިންމުމުގައި އަދި ޢަރަފާތްދުވަސް ކަނޑައެޅުމުގައާއި ޢީދު ދުވަސް ކަނޑައެޅުމުގައި އެކި ހިސާބުތަކުގައި ދިރިއުޅޭ (ހަނދުފެނުމުގައި ތަފާތުތަކެއް ހުންނަ ހިސާބުތަކުގައި އުޅޭ) މީސްތަކުން ތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އެހެނީ މަސްފެށުމުގައި ބުރަވަނީ ހަނދުފެނުމަށެވެ. ނުވަތަ ތިރީސް ދުވަސް ހަމަވުމަށެވެ. އެހެންކަމުން މައްކާގެ އަހުލުވެރިންނަށާއި ޝާމުކަރަ ނުވަތަ އެހެން ހިސާބުތަކުގައި އުޅޭ މީހުންނަށް ޢަރަފާތު ދުވަހާއި ޢީދުދުވަސް ތަފާތުވެދާނެއެވެ. މިޘާލަކަށް ޤައުމެއްގެ ބަޔަކަށް މައްކާއަށްވުރެ އެއް ދުވަސް ފަހުން ހަނދު ޘާބިތުވުމުން، މައްކާގެ އަހުލުވެރިން ޢީދުކުރަނިކޮށް އެބައިމީހުން ޢަރަފާތު ދުވަހުގެ ރޯދަހިފިކަމަށް ބުނެ ބަދުބަސް ނުބުނާނެއެވެ. އެހެނީ ޢީދު ދުވަހު ރޯދަހިފުން ނަހީކުރެވިފައިވަނީ އެބަޔަކަށް ޢީދުވާދުވަހުގައެވެ.
ނަމަވެސް އެއް ޤައުމެއްގައި ދިރިއުޅޭ، ހަނދުފެނުމުގައި ތަފާތެއް ނުވާ ހިސާބުގައި އުޅޭ ބަޔަކު، ރޯދަމަސް ޘާބިތުކުރުމުގައި އަދި ޢީދުކުރުމުގައި އެބައިމީހުން އެއްބައިވުމަކީ ލާޒިމުކަމެކެވެ. އެބައިމީހުން ރޯދަމަސް ޘާބިތުކުރުމުގައި އަދި އަޟްޙާ ޢީދު ފާހަގަކުރުމުގައިވެސް އެއް ދުވަހެއްގައި އެކަން ކުރަންޖެހެއެވެ. އެއީ ހަނދު ޘާބިތުވުމުން ނުވަތަ ހަނދު ޘާބިތުނުވެއްޖެނަމަ ތިރީސް ހަމަވުމުންމެވެ. ޙަދީޘްގައި ވާރިދުވެފައިވެއެވެ.
((الصَّوْمُ يَوْمَ تَصُومُونَ، وَالفِطْرُ يَوْمَ تُفْطِرُونَ، وَالأَضْحَى يَوْمَ تُضَحُّونَ)) [رواه الترمذي وصححه الألباني]
މާނައީ: “ރޯދަވާހުށީ ތިޔަބައިމީހުން ރޯދައަށް ތިބޭދުވަހެވެ. އަދި ފިޠުރުޢީދަށް ވާހުށީ ތިޔަބައިމީހުން ފިޠުރުޢީދުކުރާދުވަހެވެ. އަދި އަޟްޙާޢީދަށް ވާހުށީ ތިޔަބައިމީހުން އަޟްޙާޢީދުކުރާދުވަހެވެ.” [1]
ޝައިޚް އިބްނު ޢުޘައިމީން رحمه الله އާ ސުވާލު ދެންނެވުނެވެ.
އެކި ޤައުމުތަކުގައި ހަނދުޘާބިތުކުރުމުގައި ތަފާތުވުމުން ޢަރަފާތް ދުވަސް ތަފާތުވެއްޖެނަމަ އެދުވަހުގެ ރޯދަ ހިފާނީ ކިހިނެތް ހެއްޔެވެ؟ އަހަރެމެންގެ ޤައުމާއި އެއްގޮތަށް ހެއްޔެވެ؟ ނުވަތަ ދެޙަރަމަށް (އެބަހީ: މައްކާއާއި މަދީނާއަށް) ތަބާވާނީ ހެއްޔެވެ؟
ފަހެ، ޝައިޚު ޖަވާބުގައި ވިދާޅުވިއެވެ.
މިކަން ބިނާވަނީ ޢިލްމުވެރިންގެ މެދުގައިވާ އަންނަނިވި އިޚްތިލާފުގެ މައްޗަށެވެ. މުޅި ދުނިޔެއަށް ހަނދު ޘާބިތުކުރުމުގައި އެންމެ ޤައުމަކަށް ފެނުމުން ފުދޭނެ ހެއްޔެވެ؟ ނުވަތަ އެކި ހިސާބުތައް ހަނދު ޘާބިތުކުރުމުގައި ތަފާތުވެގެންވޭ ހެއްޔެވެ؟
އެންމެ ރަނގަޅު ގޮތަކީ އެކި ސަރަޙައްދުތައް މިކަމުގައި ތަފާތުވެގެންވުމެވެ. ފަހެ، މިޘާލަކަށް މައްކާއަށް ހަނދު ބެލުމުން މިއަދަކީ ނުވަވަނަ ދުވަހެވެ. އަދި އެހެން ޤައުމެއްގައި މައްކާއަށްވުރެ އެއްދުވަސްކުރިން ހަނދު ފެނުމުން އެތަނަށް އެއީ ދިހަވަނަ ދުވަހެވެ. ފަހެ، އެހެންކަމުން އެބައިމީހުންނަށް މިއަދު ރޯދަ ހިފުން ހުއްދަވެގެންނުވެއެވެ. އެހެނީ އެއީ އެބައިމީހުންނަށް ޢީދު ދުވަހެވެ. އަދި ހަމައެގޮތަށް އެބައިމީހުން ހަނދު ބެލުމުން މައްކާއަށް ވުރެ އެއްދުވަސް ލަސްވުމުން މައްކާއަށް ނުވަވަނަ ދުވަހަކީ އެބައިމީހުންނަށް އަށްވަނަ ދުވަހެވެ. ފަހެ، އެބައިމީހުން ރޯދަ ހިފާނީ އެބައިމީހުންނަށް ނުވަވަނަ ދުވަހެވެ. އެއީ މައްކާއަށް ދިހަވަނަ ދުވަހެވެ. މިއީ ރާޖިޙު ގޮތެވެ. އެއީ ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ.
((إِذَا رَأَيْتُمُوهُ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا)) [متفق عليه]
މާނައީ: “އެ(އެބަހީ: ހަނދު)ފެނިއްޖެނަމަ ރޯދަހިފާށެވެ. އަދި އެ(އެބަހީ: ހަނދު)ފެނިއްޖެނަމަ ރޯދަދޫކޮށްލާށެވެ.”
އެބައިމީހުންގެ ޤައުމުގައި ހަނދު ނުފެނިއްޖެނަމަ އެބައިމީހުންނަށް އެ ނުފެނުނީއެވެ. (އެބަހީ: އެމަހުގެ 30 ދުވަސް ހަމަކުރާނީއެވެ.) ފަތިސްވުމާއި އިރު އޮއްސުމުގައި އެކި ޤައުމުތަކުގައި ތަފާތުވާކަމަށް މީސްތަކުން އިޖުމާޢުވެފައިވާފަދައިންނެވެ. ފަހެ، މަސްތައްވެސް ވަނީ ދުވަހުގެ ވަޤުތުތައް ފަދައިންނެވެ.
[مجموع الفتاوى 20]
އަދިވެސް ޝައިޚާ ސުވާލުދެންނެވުނެވެ.
މިސުވާލުކޮށްފައިވަނީ އެހެން ޤައުމެއްގައި ހުރި ސަޢޫދީ އެންބަސީގައި މަސައްކަތްކުރާ ސަޢޫދީ މުވައްޒަފުންތަކެކެވެ. ސުވާލު: ރަމަޟާންމަހުގެ ރޯދައާއި ޢަރަފާތްދުވަހުގެ ރޯދަހިފުމުގައި އަޅުގަނޑުމެންނަށް ދަތިކަމެއް އެބަ ދިމާވެއެވެ. މިކަމުގައި އަޅުގަނޑުމެންގެ އަޚުންވަނީ ތިންބަޔަކަށް ބެހިފައެވެ.
ފުރަތަމައީ: ސަޢޫދީ ޢަރަބިއްޔާއާ އެއްގޮތަށް ރޯދަހިފާ ޢީދުކުރަން ބުނާބަޔެކެވެ.
ދެވަނީ: އަޅުގަނޑުމެން މިއުޅޭ ދައުލަތާ އެއްގޮތަށް ރޯދަހިފައި ޢީދުކުރުމަށް ބުނާ ބައެކެވެ.
ތިންވަނައީ: ރޯދަ ހިފާނީ އަޅުގަނޑުމެން މިއުޅޭ ދައުލަތާ އެއްގޮތަށެވެ. ނަމަވެސް ޢަރަފާތް ދުވަސް ބަލާނީ ސަޢުދީއަށް ޢަރަފާތްވާ ދުވަހެވެ.
އެހެންކަމުން ޝައިޚުގެ އަރިހުން އަޅުގަނޑުމެން މިއެދެނީ މިކަން ސާފުވާނެފަދަ ތަފްޞީލީ ޖަވާބެއްދެއްވުމަށެވެ. މިވޭތިވެ ދިޔަ ފަސް އަހަރު މިޤައުމުގައި ރޯދަމަހުގެ ހަނދު ޘާބިތުކުރުމުގައި އަދި ޢަރަފާތްދުވަސް ކަނޑައެޅުމުގައި ސަޢޫދީ އާ އެއްގޮތަށް އެކަން ހިނގާފައިނުވެއެވެ.
ޖަވާބު: މުސްލިމުންގެ އެއް ރަށަށް ހަނދުފެނުމުން މުޅި އިސްލާމީ އުންމަތުން ހަނދު ޘާބިތުކުރުން ލާޒިމުވާނެކަމާމެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިޔާލުތަފާތުވެފައެވެ. ބައެއް ބޭކަލުން ދެކިލައްވަނީ އެކަން ލާޒިމުވަނީ ހަނދުފެނުނު ބަޔަކަށާއި ހަނދު އެރުން އެއްގޮތް ހިސާބެއްގައި ތިބި ބަޔަކަށެވެ. ނުވަތަ އެއް ވެރިކަމެއްގެ ދަށުގައި ތިބި ބަޔަކަށެވެ. މިކަމުގައި ވަރަށް ގިނަ ބަސްފުޅުތައްވެއެވެ.
މިތަނުން އެންމެ ބުރަދަންހުރި ބަސްފުޅަކީ ހަނދުފެނުމުގައި އެއް ހިސާބެއްގައިވާ ޤައުމުތައް އެއް ޤައުމެއްގެ ގޮތުގައި މިމައްސަލާގައި ބެލުމެވެ. އެގޮތުން އެތަނުން ޤައުމަކަށް ފެނިއްޖެނަމަ އަނެއް ހިސާބަށް އެޙުކުމް ޘާބިތުކުރަންޖެހެއެވެ. ނަމަވެސް ދުރުދުރުގައިވާ، ހަނދުފެނުމުގައި ތަފާތު ބޮޑު ހިސާބުތަކުގައިވާ ޤައުމުތައް އެޙުކުމުގައި ތަފާތެވެ. އެފަދަ ކޮންމެ ޤައުމެއް ބަލާނީ ވަކިވަކިންނެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ޚިޔާރުކުރައްވާފައިވާ ބަސްފުޅެވެ. އަދި މިއީ ކީރިތި ޤުރުއާނާއި ސުންނަތާއި ޤިޔާސްއާ އެއްގޮތްވާކަމަށް ފެންނަން އޮތް ބަސްފުޅުވެސްމެއެވެ.
ކީރިތި ޤުރުއާނުގެ ދަލީލާމެދު ދަންނައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ﴾ [سورة البقرة ١٨٥]
މާނައީ: ” ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގެ ހަނދުފެނިއްޖެމީހަކު ރަށުގައި ޙާޟިރުވެ ހުރިނަމަ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރު ކިޔާ އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ.”
މިއާޔަތުން ދޭހަވަނީ ހަނދުނުފެންނަ ބަޔަކު ރޯދަހިފަން ނުޖެހޭނެކަމެވެ.
ސުންނަތުގެ ދަލީލާމެދު ދަންނައެވެ. ފަހެ، ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
((إِذَا رَأَيْتُمُوهُ فَصُومُوا وَإِذَا رَأَيْتُمُوهُ فَأَفْطِرُوا)) [متفق عليه]
މާނައީ: “އެ(އެބަހީ: ހަނދު)ފެނިއްޖެނަމަ ރޯދަހިފާށެވެ. އަދި އެ(އެބަހީ: ހަނދު)ފެނިއްޖެނަމަ ރޯދަދޫކޮށްލާށެވެ.”
މިޙަދީޘުން ދޭހަވަނީ ހަނދުނުފެންނަ ބައެއްގެ މައްޗަށް ރޯދަހިފުންވެސް އަދި ޢީދުކުރުންވެސް ލާޒިމުނުވާކަމެވެ.
އަދި ޤިޔާސުގެ ދަލީލާމެދު ދަންނައެވެ. އިޖުމާޢުން ޘާބިތުވެފައިވާ ގޮތުގައި ރޯދައިގައި ފަޖުރުވާ ވަޤުތާއި ރޯދަވީއްލާ ވަޤުތު ބަލަނީ ކޮންމެ ޤައުމެއްވެސް ވަކިންނެވެ. އަދި އެޤައުމަކާ އެކަމުގައި އެއްގޮތްވާ ޤައުމެއް އެކަމުގައި ތަބާވާނެއެވެ. އެގޮތުން ބަލާލާއިރު އޭޝީއާގައި ތިބޭ މީހުން އެބައިމީހުންގެ ހުޅަނގުގައި ތިބޭ މީހުންނަށް ވުރެ ކުރިން ރޯދަހިފަން ފަށައެވެ. އެހެނީ އެބައިމީހުންނަށް މާއަވަހަށް ފަތިސްވެއެވެ. އަދި އެބައިމީހުންނަށް މާއަވަހަށް އިރުވެސް އޮއްސެއެވެ. ދުވަހުން ދުވަހަށް ހިނގާކަމެއްގައި މިކަން ޘާބިތުވެފައިވާއިރު މަސްފެށުމާއި ނިންމުމުގައިވެސް މިފަދައިންވާ ހުށިކަމެވެ.
ނަމަވެސް އެއްވެރިކަމެއްގެ ދަށުގައިވާ ބަޔެއްގެ މައްޗަށް އެބައިމީހުންގެ ޙާކިމު ރޯދަހިފުމަށް އަމުރުކޮށްފިނަމަ ނުވަތަ ޢީދުކުރުމަށް އަމުރުކޮށްފިނަމަ އޭނާގެ އެއަމުރަށް ތަބާވުމަކީ ވާޖިބެކެވެ. އެހެނީ މިއީ ޚިލާފީ މައްސަލައެކެވެ. އަދި ޙާކިމުމީހާ މިކަމުގައި ވަކި ގޮތެއް ޚިޔާރުކުރުމުން (އެޤައުމެއްގައި) ޚިލާފުނެތިގެންދެއެވެ.
މީގެ މައްޗަށް ބިނާކޮށް ދަންނަވާލެވެން އޮތީ ތިޔަބައިމީހުން ތިޔަ ތިބި ޤައުމުގެމީހުން ރޯދަހިފާ އަދި ޢީދުކުރަމުންދާ ގޮތަށް ތިޔަބައިމީހުން ޢަމަލުކުރަމުން ގެންދާށެވެ. އެއީ ތިޔަބައިމީހުންގެ އަޞްލު ޤައުމުގެ މީހުން ޢަމަލުކުރާ ގޮތާ އެއްގޮތްވިޔަސް ޚިލާފުވިޔަސްމެއެވެ. އަދި ޢަރަފާތުގެ ދުވަހުގެ ރޯދަވެސް ހަމަ އެފަދައެވެ. ތިޔަބައިމީހުންތިޔަ ތިބި ޤައުމުގެ މީހުންނާ އެކަމުގައި ތަބާވާށެވެ.
[مجموع الفتاوى 19]
މިކަމުގައި އަލިއަޅުވާލަންޖެހޭ އިތުރު ނުކުތާއެއްވެސްވެއެވެ. މިނޫން އެހެން ރައުޔުތައްވެސް މިކަމުގައި ޢިލްމުވެރިންގެ މެދުގައިވެއެވެ. އެގޮތުން ޢަރަފާތް ދުވަހަކީ ޢަރަފާތުގައި މީސްތަކުން މަޑުކުރާ ދުވަސްތަކުގައި ވުމުން އެދުވަހު ރޯދަހިފުމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ އެމީހަކު އެހުރި ޤައުމުގައި ޙައްޖުމަހުގެ އަށްވަނަ ދުވަހަށްވެސް ވެދާނެއެވެ.
ސުޢޫދީ ޢަރަބިއްޔާ ފަތުވާ ކޮމިޓީއާ ސުވާލުދެންނެވުނެވެ.
ޢަރަފާތްދުވަހުގެ ރޯދަ ޙާޞިލުކުރުމަށްޓަކައި އަޅުގަނޑުމެންގެ ޤައުމުގައި ތިބެގެން ދެދުވަހު ރޯދަހިފިދާނެ ހެއްޔެވެ. އެހެނީ އަޅުގަނޑުމެންނަށް ރޭޑިއޯއިން އިވުނު ގޮތުގައި މާދަމާއަކީ ޢަރަފާތުދުވަހެވެ. ނަމަވެސް މިޤައުމުގައި އެއީ ޛުލްޙިއްޖާމަހުގެ އަށްވަނަ ދުވަހެވެ.
ޖަވާބު: ޢަރަފާތްދުވަހަކީ މީސްތަކުން ޢަރަފާތުގައި މަޑުކުރާދުވަހެވެ. އެދުވަހުގެ ރޯދަހިފުން ޝަރުޢުވެގެންވަނީ ޙައްޖުވެރިން ނޫން އެހެންމީހުންގެ މައްޗަށެވެ. ފަހެ، ތިބާ ރޯދަހިފަން ބޭނުންނަމަ އެދުވަހު ހިފާށެވެ. އަދި އޭގެ ކުރީދުވަހާއެކު ހިފިޔަސް މައްސަލައެއް ނެތެވެ. އަދި ޙައްޖުމަހުގެ ފުރަތަމަ ނުވަދުވަހު ރޯދަހިފިޔަސް އެއީ ހަމަ ރަނގަޅުކަމެކެވެ. އެހެނީ އެދުވަސްތަކަކީ ޘަވާބަށް އެދިގެން ރޯދަހިފުން އެދެވިގެންވާ މާތް ދުވަސްތަކެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
((مَا مِنْ أَيَّامٍ العَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللهِ مِنْ هَذِهِ الأَيَّامِ العَشْرِ، فَقَالُوا: يَا رَسُولَ اللهِ، وَلاَ الجِهَادُ فِي سَبِيلِ اللهِ؟ فَقَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: وَلاَ الجِهَادُ فِي سَبِيلِ اللهِ، إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ)) [رواه الترمذي وصححه الألباني]
މާނައީ: “މިދިހަދުވަހަށްވުރެ ހެޔޮ ޢަމަލު ކުރުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ.”
އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ހެއްޔެވެ؟”
ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސްއެވެ. އެއީ އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައަންނަ މީހާ ފިޔަވައެވެ.”
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.
[فتاوى اللجنة الدائمة للبحوث العلمية والإفتاء، فتوى رقم 4052]
ނަމަވެސް މިފަތުވާއަށް ޢަމަލުކުރެވޭނީ އެމީހަކު އެހުރި ޤައުމަށް ސަޢުދީއަށް ވުރެ ފަހުން ހަނދުފެނިފައިވާނަމައެވެ. އެމީހަކު އެހުރި ޤައުމަކަށް ސަޢުދީއަށްވެރު ކުރިން ހަނދުފެނުނު ނަމަ އެމީހެއްގެ ޤައުމުގައި ޢީދުދުވަސްވާހުށީ ޢަރަފާތުބިމަށް މީސްތަކުން ދާދުވަހެވެ. ފަހެ އެމީހެއްގެ ޤައުމުގައި ޢީދުކުރަނިކޮށް ރޯދައެއް ނުހިފޭނެއެވެ.
ވުމާއެކު މިކަމުގައި އެންމެ ރައްކާތެރި ގޮތަކީ ކުރިން ބަޔާންކުރެވުނު ގޮތަށް ކޮންމެ ޤައުމެއްގައިވެސް ހަނދު ޘާބިތުކުރެވިފައިވާ ގޮތަށް ޢީދު ފާހަގަކުރުމާއި ޢަރަފާތް ދުވަހުގެ ރޯދަހިފުމެވެ.
____________________________
[1] ބުރަވެވޭގޮތުގައި މިޙަދީޘުގެ މާނައަކީ މިކަންކަމަކީ ޢާންމު ފަރުދުންނަށް ނިންމޭ ކަންކަމެއް ނޫންކަމުގައެވެ. މިކަންކަން ރުޖޫޢަވަނީ މުސްލިމުންގެ އިމާމަށާއި މުސްލިމުންގެ ޖަމާޢަތް ނިންމާ ގޮތަށެވެ. (ބައްލަވާ: حاشية السندي على سنن ابن ماجة)