الحمد لله وحده، والصلاة والسلام على من لا نبي بعده، وعلى آله وصحبه، أما بعد:
ފިޠުރު ޢީދު ނުވަތަ އަޟްޙާ ޢީދު ދުވަސް، ހުކުރު ދުވަހާ ދިމާވުމުން، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟީރުވެއްޖެ މީހާ ހުކުރު ނަމާދުގެ ޖަމާޢަތަށް ޙާޞިރުވާން ޖެހޭނެތޯ ނުވަތަ ހުކުރު ނަމާދުގެ ބަދަލުގައި މެންދުރު ނަމާދުކުރުމުން ފުދޭނެތޯ ސުވާލުކުރުމުން ސުޢޫދީ ޢަރަބިއްޔާގެ اللجنة الدائمة للبحوث العلمية والإفتاء އިން ދެއްވާފައިވާ ފަތުވާގައިވެއެވެ.
“1- ޢީދު ނަމާދަށް ޙާޟިރުވެއްޖެމީހާ، ހުކުރު ނަމާދަށް ޙާޟިރު ނުވުމުގެ ލުއިކަން ލިބިގެންވެއެވެ. އަދި އެފަދަ މީހަކަށް އޮތީ މެންދުރު ނަމާދުގެ ވަގުތުގައި މެންދުރު ނަމާދުކުރުމެވެ. މީސްތަކުންނާއެކު ހުކުރު ނަމާދު ކުރުމަކީ އެންމެ މޮޅުއިތުރު ގޮތެވެ.
2- ޢީދު ނަމާދަށް ޙާޟިރު ނުވާ މީހާ، މި ލުއިކަމުގައި ޝާމިލު ނުވެއެވެ. އެހެންކަމުން އޭނާގެ ކިބައިން ހުކުރު ނަމާދުގެ ވާޖިބުކަން ކެނޑިގެން ނުދެއެވެ. ފަހެ، މިސްކިތަށް ގޮސް ހުކުރު ނަމާދުކުރުން އޭނާގެ މައްޗަށް ވާޖިބު ވެގެންވެއެވެ. ފަހެ، ހުކުރު ނަމާދު ކުރެވޭ ވަރަށް މީހުން ޙާޟިރު ނުވެއްޖެނަމަ މެންދުރުނަމާދު ކުރާނީއެވެ.
3- ހުކުރު ނަމާދުކުރާ މިސްކިތެއްގެ އިމާމުގެ މައްޗަށް ވާޖިބުވެގެންވަނީ އެދުވަހު ހުކުރު ނަމާދު ޤާއިމުކުރުމެވެ. އެއީ ހުކުރު ނަމާދު ކުރުމަށް އެދޭމީހުންނާއި ޢީދު ނަމާދަށް ޙާޟިރު ނުވާ މީހުން ހުކުރު ނަމާދު ކުރެވޭ ވަރަށް މީހުން ޙާޟިރުވެއްޖެނަމަ އެ ނަމާދު ކުރުމަށްޓަކައެވެ. އެ ވަރަށް މީހުން ޙާޟިރު ނުވެއްޖެނަމަ ކުރާނީ މެންދުރު ނަމާދެވެ.
4- ޢީދު ނަމާދަށް ޙާޟިރުވެ، ހުކުރު ނަމާދަށް ޙާޟިރު ނުވުމުގެ ލުއިކަމުގައި ހިފައިފިމީހާ، ފަހެ، މެންދުރު ނަމާދުގެ ވަގުތު ވަނުމުން އޭނާ މެންދުރުނަމާދު ކުރާނީއެވެ.
5- ބަންގި ގޮވާނީ ހުކުރު ކުރާ މިސްކިތްތަކުގައި، ހުކުރު ނަމާދު ކުރުމަށްޓަކައެވެ. ފަހެ، އެދުވަހު (ހުކުރުނަމާދު ނުކުރާ މިސްކިތްތަކުގައި) މެންދުރު ނަމާދަށް ބަންގި ގޮވުމެއް ނެތެވެ.
6- ޢީދު ނަމާދަށް ޙާޟިރުވެއްޖެމީހާ، ހުކުރު ނަމާދާއި މެންދުރު ނަމާދު ކުރަން ނުޖެހޭނެކަމަށް ބުނާ ބުނުމަކީ ޞައްޙަ ވާހަކައެއް ނޫނެވެ. އެސަބަބަށްޓަކައި ޢިލްމުވެރިންވަނީ އެ ބަސް ދޫކޮށްލާފައެވެ . އަދި އެ ބޭކަލުން ވިދާޅުވެފައިވަނީ އެއީ ބީރައްޓެހި، ކުށް ބަހެއްކަމަށެވެ. އެއީ އެކަން ސުންނަތާ ޚިލާފުވާތީއެވެ. އަދި ﷲ ފަރުޟުކުރެއްވި ފަރުޟެއް، ދަލީލަކާ ނުލާ ދޫކޮށްލާތީއެވެ. ޢީދު ނަމާދަށް ޙާޟިރުވެއްޖެމީހާ، ހުކުރު ނަމާދަށް ޙާޟިރު ނުވުމުގެ ލުއިކަން ލިބިގެންވާކަމާއި އެފަދަ މީހާ މެންދުރު ނަމާދު ކުރުން ވާޖިބުވެގެންވާކަމަށް ސުންނަތާއި އަޘަރުތަކުގައި އައިސްފައިވާ މައްސަލަ، އެހެން ބުނާ މީހަކާ ހަމައަށް ފޯރާފައި ނުވާކަމުގައި ބެލެވެއެވެ.
والله تعالى أعلم.
وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم”. [1]
އަދި ހަމަ މިފަދައިން ޝައީޚު އިބްނު ބާޒް رحمه الله ގެ އަރިހުގައި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ.
“މިސްކިތުގެ އިމާމާއި ޚުޠުބާދޭމީހާގެ މައްޗަށް ވާޖިބުވެގެންވަނީ އެދުވަހު މިސްކިތަށް ޙާޟިރުވެ، މިސްކިތަށް ޚާޟިރުވި ބަޔަކާއެކު ހުކުރު ނަމާދު ޤާއިމުކުރުމަށެވެ. ފަހެ، ހަމަކަށަވަރުން ނަބިއްޔާ ﷺ ގެ ޒަމާނުގައިވެސް އެކަލޭގެފާނުވަނީ ޢީދުދުވަސް ހުކުރު ދުވަހަކާ ދިމާވުމުން އެ ދެނަމާދުވެސް ކުރައްވާފައެވެ. އެދުވަހު ހުކުރު ނަމާދުގައިވެސް އަދި ޢީދުނަމާދުގައިވެސް އެކަލޭގެފާނުވަނީ سورة الأعلى އާއި سورة الغاشية ކިޔުއްވާފައެވެ. އެގޮތުން ޞައްޙަ ޙަދީޘް ފޮތްތަކުގައި ނުޢުމާނު ބިން ބަޝީރުގެ އަރިހުން އެފަދައިން ރިވާވެގެން އައިސްފައިވެއެވެ. [صحيح مسلم]
ނަމަވެސް އެދުވަހު ޢީދު ނަމާދަށް ޙާޟިރުވެއްޖެމީހަކު ހުކުރު ނަމާދު ދޫކޮށްލުމަކީ ހުއްދަކަމެކެވެ. އެޙާލަތުގައި ގޭގައި ނުވަތަ އޭނާއާއެކު ތިބި ބަޔަކާއެކު މެންދުރު ނަމާދު ކުރަންޖެހޭނެއެވެ.
އެފަދަމީހަކަށްވެސް (އެބަހީ: ޢީދު ނަމާދަށް ޙާޟިރުވި މީހަކަށްވެސް) މޮޅުއިތުރު ފުރިހަމަ ގޮތަކީ އެދުވަހުގެ ހުކުރު ނަމާދަށްވެސް ޙާޟިރުވުމެވެ.
والله ولي التوفيق”. [2]
އަދި دار الإفتاء المصرية ގެ ފަތުވާގައިވެސް ވަނީ ޢީދު ނަމާދުކޮށްފިމީހެއް ހުކުރު ނަމާދުގެ ޖަމާޢަތުގައި އެދުވަހު ބައިވެރި ނުވުމަކީ މައްސަލައެއް ނޫންކަމުގައެވެ. އަދި އެއާ ޚިލާފަށް ވިދާޅުވެފައިވާ މަޛްހަބުތަކުގެ ޢިލްމުވެރިން އެފަދައިން ވިދާޅުވެފައިވަނީ އެބޭފުޅުންގެ އަރިހަށް މިމައުޟޫގައި އައިސްފައިވާ ޙަދީޘްތަކާއި އަޘަރުތައް ފޯރާފައި ނުވާތީ ކަމުގައެވެ. [3]
މިމައުޟޫޢުގައި ޒައިދު ބުން އަރުޤަމު رضي الله عنه ގެ އަރިހުން އިމާމު އަބޫ ދާވޫދާއި ނަސާއީ – رحمهما الله – ރިވާކުރައްވާފައި ޙަދީޘަކީ “ޙަސަން” ދަރަޖައަށް ދާ ޙަދީޘެއްކަމުގައި އައްނަވަވީ رحمه الله ވަނީ ޛިކުރުކުރައްވާފައެވެ. [4]
___________________
[1] فتاوى اللجنة الدائمة (7 / 116 – 120)، الفتوى رقم (21162)
[2] مجموع فتاوى ابن باز (12 / 341 – 342)
[3] المفتي عبد المجيد سليم، ذى القعدة 1358 هجرية ديسمبر 1939 م
[4] ބައްލަވާ: خلاصة الأحكام للنووي (2/816)