[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 53

ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައްޔާއި ޞަޙާބީބޭކަލުންނާއި ތާބިޢީބޭކަލުންގެ ޒަމާނުގައިވެސް ޢިލްމު ލިޔެ ރައްކާކުރުން ކުރިއަށް ދިޔަކަން ޘާބިތުކުރެއްވުމަށް ޚަޠީބުލް ބަޣްދާދީވަނީ މަސައްކަތްކުރައްވާފައެވެ. އެގޮތުން އެކަލޭގެފާނުވަނީ ޢިލްމު ލިޔެ ރައްކާކުރެވުނު ގޮތުގެ ތާރީޚާ ބެހޭގޮތުން ދިރާސާކުރައްވާފައެވެ. އަދި އެކަމާ ގުޅޭގޮތުން ހުރި ޙަދީޘްފުޅުތަކާއި ޚަބަރުތައް އެކަލޭގެފާނު ޖަމާކުރެއްވިއެވެ. އެކަލޭގެފާނުވަނީ، އެކަލޭގެފާނުގެ ކުރިން ވަޑައިގަތް ބޭކަލުން އެމައުޟޫގައި ލިޔުއްވާފައިވާ މިންވަރަށް ވުރެ އިތުރަށްވެސް ޖަމާކުރައްވާފައެވެ.

އެކަލޭގެފާނަށް ފެނިވަޑައިގަތީ ސަލަފުންގެ ބޭކަލުން އެމައުޟޫގައި ޖަމާކުރެއްވިއިރު ތަފާތު ދެގޮތަކަށް އެކަންކޮށްފައިވާކަމެވެ. ބައެއް ލިޔުންތަކުގައިވަނީ ޙަދީޘް ލިޔުމަކީ ހުއްދަކަމެއްކަމުގައި ބަޔާންކުރުމާއި އެކަންކުރެއްވިކަން ޘާބިތުކުރުމެވެ. އަދި އަނެއްބައި ލިޔުންތަކުގައިވަނީ އެއާ ޚިލާފަށެވެ. އެހެންކަމުން އެކަލޭގެފާނު މިލިޔުންތަކުގެ އިތުރަށް ތަފާތުކަމެއް ބަޔާންކުރެއްވިއެވެ. އެއީ ނައްޞުތައް ލިޔުއްވުން މަނާކުރެވުނު ސަބަބު ބައެއް ލިޔުންތަކުގައި ގެނެސްފައިވާތީ، އެކަމާ ގުޅޭ ނައްޞުތައް ވަކި ބާބެއްގައި ޖަމާކުރެއްވުމެވެ. އޭގެ ބޭނުމަކީ އެކަމުގައި އަރާފައިވާ އޮޅުމާއި މެދުވެރިވެފައިވާ ޚިލާފު ނައްތާލުމެވެ.

އެކަލޭގެފާނުވަނީ، އެކަލޭގެފާނުގެ ފޮތުގެ ފުރަތަމަ ޤިސްމުގެ ފުރަތަމަ ފަޞްލުގައި ޙަދީޘްލިޔުން މަނާކުރެވިފައިވާ ޙަދީޘްތައް ގެންނަވާފައެވެ. އަދި އެކަމުގައި އައިސްފައިވާ ޞައްޙަ އަދި ޟަޢީފު ހުރިހާ ޙަދީޘެއް ޖަމާކުރެއްވުމަށް އެކަލޭގެފާނުވަނީ މަސައްކަތްކުރައްވާފައެވެ.

ނަމަވެސް މިޙަދީޘްތަކުގެ ތެރޭގައި އެންމެ ޙަދީޘެއް ފިޔަވާ ޞައްޙަ ޙަދީޘެއް ނުވެއެވެ. އެޙަދީޘްއަކީ އަބޫ ސަޢީދު އަލްޚުދްރީ ރިވާކުރައްވާފައިވާ ޙަދީޘެވެ. [1]

((لَا تَكْتُبُوا عَنِّي، وَمَنْ كَتَبَ عَنِّي غَيْرَ الْقُرْآنِ فَلْيَمْحُهُ))

މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން ނުލިޔުއްވާށެވެ. ތިމަންކަލޭގެފާނުގެ އަރިހުން ކީރިތި ޤުރުއާން ފިޔަވާ އެހެން އެއްޗެއް ލިޔުއްވި ބޭކަލަކު، އެފުހެލާށެވެ.”

މިއީ އިމާމު މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެކެވެ. ނަމަވެސް އިމާމު ބުޚާރީއާ އަދި އެނޫން ބޭކަލުންވެސްވަނީ މިޙަދީޘްގެ ޢިއްލަތެއް(މައްސަލައެއް) ބަޔާންކުރައްވައި، އެއީ އަބޫ ސަޢީދުގެ ބަސްފުޅެއްކަމުގައި ވިދާޅުވެއެވެ. [2]

 

= ނުނިމޭ =

އެހެނިހެން ބައިތައް

____________________________

[1] صحيح مسلم – كتاب الزهد ح 72

[2]“دراسات في الحديث النبوي” (1 / 76 – 97)  އޭ ކިޔުނު ފޮތުގައި محمد مصطفى الأعظمي ކުރައްވާފައިވާ ދިރާސާ ބައްލަވާށެވެ.

ޙަދީޘް ލިޔުމަށް ހުއްދަ ދެއްވާފައިވާކަން ބަޔާންކުރާ ވަރަށް ގިނަ ޙަދީޘްވެއެވެ. – އެޙަދީޘްތަކުގެ ތަފްޞީލު އަދި ބަޔާންކުރާނަމެވެ. – އެއީ ޞައްޙަ އަދި ޞަރީޙަ ޙަދީޘްތަކެކެވެ. މިކަމާ ގުޅޭ ޙަދީޘްތައް ޖަމާކުރައްވައި މިޙަދީޘްތަކުގެ ޖުމްލަ މާނައެއްގެ ގޮތުގައި ޢިލްމުވެރިން އެކި ބަސްފުޅުތައް ވިދާޅުވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ބަސްފުޅުތަކަކީ:

– ޙަދީޘް ލިޔުން މަނާކުރި ޙަދީޘްތައް އެވަނީ އެކަމަށް ހުއްދަދެއްވާފައިވާ ޙަދީޘްތަކުން މަންސޫޚުވެފައެވެ. އެހެނީ ކުރީކޮޅުގައި އެކަލޭގެފާނު އެގޮތަށް ނަހީކުރެއްވީ ކީރިތި ޤުރުއާނާ އެކުވެ އޮޅިދާނެތީއެވެ.

މިފަދައިން ވިދާޅުވި ބައެއް ޢިލްމުވެރިންގެ ތެރޭގައި ابن قتيبة  އާއި والرامهرمزي އަދި والخطابي ހިމެނިވަޑައިގަންނަވައެވެ. އަދި އެނޫން ބައެއް ބޭކަލުންވެސް އެފަދައިން ވިދާޅުވެފައިވެއެވެ.

– އެފަދައިން ނަހީކުރައްވާފައިވަނީ އެއް ފަތެއްގައި ޤުރުއާނާއި ސުންނަތް ލިޔުމެވެ.

އެފަދައިން ވިދާޅުވެފައިވަނީ  الخطابي އާއި والخطيب البغدادي އަދި އެނޫން ބައެއް ބޭކަލުންވެސް މެއެވެ.

– އެފަދައިން ނަހީކުރައްވާފައި އެވަނީ ހިތުދަސްނުކޮށް ހަމައެކަނި ލިޔުމަށް ބަރޯސާވެދާނެ ބޭކަލުންނަށެވެ. އަދި އެކަމުން ދުރުހެލިވެގެންވާ ބޭކަލުންނަށް ލިޔުއްވުމަށް ހުއްދަދެއްވީއެވެ.

މިބަސްފުޅަކީ ޚަޠީބުލް ބަޣްދާދީ ތަޤްޔީދުލް ޢިލްމުގައި ވިދާޅުވާފައިވާ ބަސްފުޅެކެވެ.

އަދި މިނޫން ބަސްފުޅުތައްވެސް މިކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް މިއީ އެންމެ މަޝްހޫރު އަދި އެންމެ ބުރަދަން ހުރި ބަސްފުޅުތަކެވެ.