ސުވާލު 1: ކިތާބުއް ތައުޙީދުގެ މައުޟޫޢަކީ ކޮބައި ހެއްޔެވެ؟
ޖަވާބު: މިފޮތުގެ މައުޟޫޢަކީ އެކަމަކާއިގެން ﷲ ތަޢާލާ ރަސޫލު ބޭކަލުން ފޮނުއްވި ތައުޙީދުލް އުލޫހިއްޔާއާއި، އަޅުކަމަކީ ކޮބައިކަން ކީރިތި ޤުރްއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގެ އަލީގައި ބަޔާންކޮށްދިނުމެވެ. އަދި ތައުޙީދުގެ އަޞްލު ނަފީކުރާ ބޮޑު ޝިރުކަކީ ކޮބައިކަން ބަޔާން ކޮށްދިނުން ނުވަތަ ތައުޙީދުގެ ފުރިހަމަ ވާޖިބުކަން ނަފީކުރާ ކުޑަ ޝިރުކަކީ ކޮބައިކަން ބަޔާންކޮށްދިނުމެވެ. އަދި ޝިރުކަށް މަގުފަހިކުރުވާ ކަންތައްތަކާއި ޝިރުކަށް ވާޞިލްކޮށްދޭ ކަންތައްތައް ބަޔާންކޮށްދިނުމެވެ.
ސުވާލު 2: ތައުޙީދަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ؟ އަދި ތައުޙީދުގެ ވައްތަރުތައް އޭގެ ތަޢުރީފާއެކު ބަޔާންކޮށްދޭށެވެ. އަދި (މައްކާގެ) މުޝްރިކުން އިޤްރާރުވީ ތައުޙީދުގެ ކޮން ވައްތަރަކަށްކަމާއި އަދި ދެކޮޅުވެރިވީ ތައުޙީދުގެ ކޮން ވައްތަރަކައްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު: ތައުޙީދަކީ އަޅުކަމުގައި ﷲ ޞުބުޙާނަހޫ ތަޢާލާ އެއްކައުވަންތަކުރުމެވެ. ތައުޙީދުގެ ތިން ވައްތަރެއްވެއެވެ. އެއީ:
(1) ތައުޙީދުއް ރުބޫބިއްޔާ
ތައުޙީދުއް ރުބޫބިއްޔާއަކީ: ޙަލްޤު ކުރެއްވުން (އުފެއްދެވުން)، ރިޒްޤު ދެއްވުން، ތަދުބީރު ކުރެއްވުން (ބެލެހެއްޓެވެން، ރާއްވަވައި ހިންގެވުން).
މި ކަންތައްތައް ކުރައްވާ ހަމައެކަނި ފަރާތަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ ކަން ދެނެގަނެ އެކަން ޤަބޫލުކުރުން. ތައުޙީދުގެ މިބަޔަށް (އެބަހީ: ތައުޙީދުއް ރުބޫބިއްޔާއަށް) (މައްކާގެ) މުޝްރިކުން ވަނީ އިޤްރާރު ވެފައެވެ. އެކަމުގެ ދަލީލަކީ ﷲ ގެ ވަޙީ ބަސްފުޅެވެ.
﴿ وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّـهُ ﴾ [سورة الزخرف 87]
މާނައީ: “ހަމަކަށަވަރުން އެއުރެން ޚަލްޤުކުރެއްވީ ކާކުތޯ، އެއުރެންނާއި ކަލޭގެފާނު ސުވާލު ކުރައްވައިފިނަމަ، އެއުރެން ބުނާނެކަން ކަށަވަރެވެ. ﷲ އެވެ.”
(2) ތައުޙީދުލް އަސްމާއި ވައްޞިފާތު
ތައުޙީދުލް އަސްމާއި ވައްޞިފާތަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ޒާތުފުޅު ޞިފަކުރައްވާފައިވާ ޞިފަފުޅެއް ނުވަތަ އެކަލާނގެ ރަސޫލާ صلى الله عليه وسلم އެކަލާނގެ ޒާތުފުޅު ސިފަކުރައްވާފައިވާ ޞިފަފުޅެއް، އެކަލާނގެ ޒާތުފުޅާއި ލާއިޤުވެގެންވާ (އެކަށީގެންވާ) ގޮތަށް އެކަލާނގެ މަތިވެރިކަމާއި ޖަލާލާތްތެރިކަމާއެކު އެކަލާނގެ ޒާތުފުޅަށް ނިސްބަތްކޮށް ޘާބިތު ކުރުމެވެ. ތައުޙީދުގެ މިބަޔަށް (އެބަހީ: ތައުޙީދުލް އަސްމާއި ވައްޞިފާތަށް) ބައެއް މުޝްރިކުން އިޤްރާރުވިއެވެ. އަދި އަނެއްބައި މުޝްރިކުން އިޤްރާރެއް ނުވެއެވެ. އެއީ އެބައިމީހުންގެ ނޭނގުމެގެ ސަބަބުންނާއި ދެކޮޅުވެރިކަމުގެ ސަބަބުންނެވެ.
(3)ތައުޙީދުލް އުލޫހިއްޔާ
ތައުޙީދުލް އުލޫހިއްޔާއަކީ އަޅުކަމުގެ ހުރިހާ ބާވަތެއްވެސް ހަމައެކަނި ﷲ އަށް އިޚްލާސްތެރިކަމާއެކު އަދާކުރުމެވެ. މިސާލު: (އަޅުކަންތަކުގެ) ލޯބިވުން، ބިރުވެތިވުން، އުއްމީދުކުރުން، ވަކީލުކުރުން، ދުޢާކުރުން އަދި މިނޫންވެސް އަޅުކަމުގެ އެހެން ވައްތަރުތައް ހަމައެކަނި ﷲ އަށް އަދާކުރުމެވެ. ތައުޙީދުގެ މިބަޔަށް (ތައުޙީދުލް އުލޫހިއްޔާ) މުޝްރިކުން އިންކާރުކުރިއެވެ. މިފޮތުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެކަމަށެވެ.
* * * *
އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.