قال ابن مسعود: “من أراد أن ينظر إلى وصية محمد صلي الله عليه وسلم التي عليها خاتمه فليقرأ﴿قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ﴾ – إلى قوله-: ﴿وَأَنَّ هَذَا صِرَاطِي مُسْتَقِيماً﴾ الآية”. [رواه الترمذي وحسنه]
އިބުން މަސްޢޫދު رضي الله عنه ވިދާޅުވެފައިވެއެވެ. “މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ ސިއްކަފުޅު ޖައްސަވާފައިވާ ވަޞިއްޔަތްފުޅަށް ބަލަން ބޭނުންވާ މީހާ ފަހެ ﷲ ގެ ވަޙީ ބަސްފުޅު﴿قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا﴾ [سورة الأنعام 151] [މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރައްބު ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން އެއިލާހަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ.”] އިން ފެށިގެން ﴿وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا﴾ [سورة الأنعام 151] [މާނައީ: “އަދި މިއީ ތިމަން އިލާހުގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ އެމަގަށް ތިޔަބައިމީހުން ތަބާވާށެވެ.”] ގެ ނިޔަލަށް ކިޔާހުށިކަމެވެ.
[މިއީ ޞައްޙަ ރިވާޔަތެއް ނޫން – الدر النضيد في تخريج كتاب التوحيد لصالح العصيمي]
ސުވާލު 13: އިބްނު މަސްޢޫދުގެފާނުގެ ބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟
– އަދި އިބްނު މަސްޢޫދުގެފާނުގެ ބަސްފުޅު ކިތާބުއް ތައުޙީދާއި މުނާސަބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު: އޭގެ މާނައަކީ މުޙައްމަދު صلى الله عليه وسلم ގެ ފަރާތްޕުޅުން ލިޔެވި ސިއްކަޖެހިފައިވާފަދަ، ވަޞިއްޔަތަކަށް ބަލަން ބޭނުންމީހާ، ފަހެ މިއާޔަތް ކިޔަވާށެވެ.
(އެ ވަޞިއްޔަތް އެވަނީ ލިޔެވި އެއަށް އުނިއިތުރެއް އައިސްފައިނުވާ އޭގައި ސިއްކަޖެހިގެންވާ އެއްޗަކާ ވައްތަރުކުރައްވާފައެވެ.)
ފަހެ ހަމަކަށަވަރުން އޭގައި އެވަނީ މުޙައްމަދު صلى الله عليه وسلم ގެ ވަޞިއްޔަތެވެ. އެހެނީ ހަމަކަށަވަރުން އެކަލޭގެފާނު ﷲ ގެ ފޮތުގައި ހިފުމަށް މެނުވީ ވަޞިއްޔަތެއް ނުކުރައްވައެވެ. އެއީ އެކަލޭގެފާނުގެ ޙަދީޘް ބަސްފުޅުގައިވާ ފަދައިންނެވެ.
((تَرَكْتُ فِيكُمْ أَيُّهَا النَّاسُ مَا إِنِ اعْتَصَمْتُمْ بِهِ فَلَنْ تَضِلُّوا أَبَدًا، كِتَابَ اللَّهِ)) [رواه الحاكم وصححه الألباني]
“ހަމަކަށަވަރުން އެއްޗެއްގައި ހިފަހައްޓައިފިނަމަ ތިޔަބައިމީހުން ދުވަހަކުވެސް މަގުފުރެދިގެން ނުދާނޭ އެއްޗެއް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ދޫކުރެއްވީމެވެ. އޭ މީސްތަކުންނޭވެ! އެއީ ﷲ ގެ ފޮތެވެ.”
– އިބްނު މަސްޢޫދުގެފާނުގެ ބަސްފުޅު ކިތާބުއް ތައުޙީދާއި މުނާސަބުވާގޮތް:
އެއާޔަތުގައި ބަޔާންވެފައިވާ ކަންތައްތަކުގެ މުޙިއްމުކަން ދޭހަވެއެވެ. އެކަންތައްތައް ފައްޓަވާފައި އެވަނީ ތައުޙީދު ނަފީކުރާ ޝިރުކު ނަހީކުރައްވަމުންނެވެ.
* * * *
އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.