[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބު – 4

ސުވާލު 5: – وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ (މުޙައްމަދުގެފާނީ ﷲ ގެ އަޅާ އަދި ރަސޫލާއެވެ.) މިބަހުގެ މާނައަކީ ކޮބައި ހެއްޔެވެ؟

– އަދި އެކަމަށް ހެކިވުން ލާޒިމް ކޮށްދެނީ ކޮންކަމެއް ހެއްޔެވެ؟

 

ޖަވާބު: – وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ (މުޙައްމަދުގެފާނީ ﷲ ގެ އަޅާ އަދި ރަސޫލާއެވެ.) މިބަހުގެ މާނައަކީ މުޙައްމަދު صلى الله عليه وسلم އީ ﷲ ގެ އަޅާ އަދި އެކަލާނގެ ރަސޫލާކަމަށް ހެކިވުމެވެ.

– މުޙައްމަދުގެފާނީ ﷲ ގެ އަޅާ އަދި ރަސޫލާކަމަށް ހެކިވުން ލާޒިމްކޮށްދެނީ އެކަލޭގެފާނަށް އީމާންވުމެވެ. އަދި އެކަލޭގެފާނު ގެންނެވި ހުރިހާ ޚަބަރެއް ތެދުކުރުމާއި، އެކަލޭގެފާނު އަމުރުކުރެއްވި އެންމެހާ ކަންތައްތަކަށް ބޯލަނބައި ކިޔަމަންތެރިވުމާއި އަދި އެކަލޭގެފާނު ނަހީކުރެއްވި އެންމެހާ ކަންތައްތަކުން ދުރުހެލިވުމެވެ. އެކަލޭގެފާނަކީ ﷲ ގެ އަޅެކެވެ. އެކަލޭގެފާނަށް އަޅުކަންކުރުން ހުއްދަވަވެގެންނުވެއެވެ. އަދި އެކަލޭގެފާނަކީ ﷲ ގެ ރަސޫލެކެވެ. އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތައް ދޮގެއް ނުކުރެވޭނެއެވެ. އަދި ކިއެއްތަ، އެކަލޭގެފާނަށްވަނީ ބޯލަނބައި ކިޔަމަންތެރިވުމެވެ.

 

 

 

ސުވާލު 6: – وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ (ޢީސާގެފާނީ ﷲ ގެ އަޅާ އަދި އެކަލާނގެ ރަސޫލާއެވެ.) މި ބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަދި މިބަސްފުޅުން ރައްދު ދެވެނީ ކޮން ބަޔަކަށް ހެއްޔެވެ؟

– وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ (އަދި އެކަލޭގެފާނަކީ މަރްޔަމްގެފާނުގެ ހަށިކޮޅުގައި އެކަލާނގެ ލެއްވި (كن) [ވާށޭ] މިކަލިމަފުޅުގެ ނަތީޖާކަމާއި އެކަލާނގެ ހެއްދެވި ފުރާނަތަކުގެ ތެރެއިން ފުރާނައެކެވެ.) މި ބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟

– كَلِمَةُ الله (ﷲ ގެ ކަލިމަފުޅު) މިނަން ޢީސާ عليه السلام އަށް ދެވުނީ ކީއްވެ ހެއްޔެވެ؟

 

ޖަވާބު: – وَأَنَّ عِيسَى عَبْدُ اللَّهِ وَرَسُولُهُ (ޢީސާގެފާނީ ﷲ ގެ އަޅާ އަދި އެކަލާނގެ ރަސޫލާއެވެ.) މިބަސްފުޅުގެ މާނައަކީ ޢީސާގެފާނީ ﷲ ގެ އަޅާ އަދި އެކަލާނގެ ރަސޫލާ ކަމަށް ހެކިވުމެވެ. އަދި މި ބަސްފުޅުން ރައްދު ދެވެނީ ނަޞާރާއިންނާއި ޔަހޫދީންނަށެވެ. ނަޞާރައިން އެއީ ޢީސާގެފާނަކީ ﷲ ކަމަށް ނުވަތަ ﷲ ގެ ދަރިކަލެއްކަމަށް ނުވަތަ 3 އިލާހުން ކުރެ އެއްއިލާހުކަމަށް ޤަބޫލުކުރި މީހުންނެވެ. އެބައިމީހުން އެބުނާ ބަސްތަކުން ﷲ ޞުބުޙާނަޙޫ ވަތަޢާލާ ހުސްތާހިރުވެ ވޮޑިގެން އަދި ބޮޑުވެގެންވާ މަތިވެރިވުމަކުން މަތިވެރިވެ ވޮޑިގެންވެއެވެ. އަދި ޔަހޫދީން ދަންނައެވެ. އެބައިމީހުން ޢީސާ عليه السلام އީ ޒިނޭގެ ދަރިއެއްކަމަށް ބުނެއެވެ. ﷲ އެބައިމީހުންނަށް ލަޢުނަތް ލައްވާށިއެވެ. އެހެންކަމުން އެބައިމީހުން (އެބަހީ: ޔަހޫދީންނާއި ނަޞާރާއިން) ޢީސާ عليه السلام އާއި ބެހޭގޮތުން އެބުނާ ބަސްތައް އެނގޭ ކޮންމެ މީހެއްގެ އިސްލާމްކަން ސައްޙަވާނީ އެމީހުން (އެބަހީ: ޔަހޫދީންނާއި ނަޞާރާއިން) އެބުނާ ބަސްތަކުން ބަރީއަވެ، ދުރުހެލިވުމުންނެވެ.

– وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ (އަދި އެކަލޭގެފާނަކީ މަރްޔަމްގެފާނުގެ ހަށިކޮޅުގައި އެކަލާނގެ ލެއްވި (كن) [ވާށޭ] މިކަލިމަފުޅުގެ ނަތީޖާއެވެ.)  މިބަހުގެ މާނައަކީ ޖިބްރީލްގެފާނު އެކަލިމަފުޅައިގެން ފޮނުއްވައި މަރްޔަމްގެފާނުގެ ހަށިކޮޅަށް ފުމެލެއްވުމުން ﷲގެ އަމުރުފުޅާއިއެކު ޢީސާގެފާނު ޚަލްޤުކުރެއްވުމެވެ. وَرُوحٌ مِنْهُ (އެކަލާނގެ ހެއްދެވި ފުރާނަތަކުގެ ތެރެއިން ފުރާނައެކެވެ.) މިބަހުގެ މާނައަކީ ﷲ އުފެއްދެވި ރޫހުތަކުގެ ތެރެއިން ރޫހެކެވެ.

– كَلِمَةُ الله (ﷲ ގެ ކަލިމަފުޅު) މިނަން ޢީސާ عليه السلام އަށް ދެވުނީ  ﷲ ގެ “كن” (ވާށޭ) މިކަލިމަފުޅުން އެކަލޭގެފާނު ވުޖޫދަށް އައުމުންނެވެ.

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް