މިއީ 08 ޝައްވާލު 1439 ވީ ހުކުރު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ عبد الله بن عبد الرحمن البعيجان –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
إنَّ الحمدَ لله، نحمدُه ونستعينُه، مَن يهدِه الله فلا مُضِلَّ له، ومَن يُضلِل فلا هادِيَ له، وأشهدُ أن لا إله إلا الله وحدَه لا شريك له، وأشهدُ أن محمدًا عبدُه ورسولُه، صلَّى الله عليه وعلى آلِهِ وصحبِهِ وسلَّم تسليمًا كثيرًا.
* ﷲ ތަޢާލާއަށް ތަޤުވާވެރިވާށެވެ. ތިޔަބައިމީހުންނަށް ދުނިޔޭގައި ލިބިފައިމިވާ ދުވަސްކޮޅުގައި ހެޔޮ ޢަމަލުކުރުމުގައި އަވަސްވެގަންނާށެވެ. އަދި ތިޔަބައިމީހުން ބުނާ ބަސްތައް ޢަމަލުން ދައްކާށެވެ. ފަހެ ޙަޤީޤަތުގައި އިންސާނާގެ ޢުމުރަކީ ﷲ އަށް ކިޔަމަންގަތުމުގައި ހޭދަކުރާ ދުވަސްތަކެވެ. ބުއްދިވެރިއަކީ އެމީހާގެ ނަފްސު ކިޔަމަންކޮށް މަރުވުމަށްފަހު އޮތް ޙަޔާތަށްޓަކައި ތައްޔާރުވާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ އެމީހާގެ ނަފްސު ހަވާނަސްފަށް ތަބާކޮށް ދެން ﷲ ގެ ޙަޟްރަތުން އުންމީދުތައް ކުރާ މީހާއެވެ.
* އޭ ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ރަމަޟާން މަހަށް އަލްވަދާޢު ކިޔައިފިއެވެ. އެއީ ކިޔަމަންތެރިކަން އަދާކުރުމާއި، ފާފާ ފުއްސެވުމުގެ މަތިވެރި މޫސުމެވެ.
ﷲ ތަޢާލާ، ތިޔަބައިމީހުންގެ ކިޔަމަންތެރިކަން ޤަބޫލުކުރައްވާނދޭވެ. އަދި ތިޔަބައިމީހުންގެ ފާފާތައް ފުއްސަވާނދޭވެ. އަދި ތިޔަބައިމީހުންނަށްޓަކައި އަޖުރު އިތުރުކުރައްވާނދޭވެ.
* އެއަށްފަހު ﷲގެ މަގުގައި ޘާބިތުވާށެވެ. އަދި އެއިލާހާ ކުއްތަންވާށެވެ. ކިޔަމަންތެރިކަން އަދާކުރުމުގެ މަތީގައި ސާބިތުވުމަކީ ޢަމަލު ޤަބޫލުވިކަމުގެ ޢަމާލާތްތަކުގެ ތެރެއިންވާ ކަމެކެވެ. އަދި އަޅަކު، ﷲ އާ ކުއްތަންވުމަށްޓަކައި ކުރާ ޢަމަލުތަކުގެ ތެރެއިން، އެއިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އޭނާގެ މައްޗަށް އެއިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ސުންނަތްތައް އަދާކުރުމުގެ މަތީ އެއަޅާ ދެމިހުރިހާ ހިނދަކު، އެއަޅާ އެއިލާހާ ކުއްތަންވަމުންދެއެވެ. އެއީ އެއިލާހު އެއަޅާދެކެ ލޯބިވެވޮޑިގެންފުމަށް ދާންދެނެވެ.
* ފަހެ، ފަރުޟުތަކަށް ރައްކަތެރިވާށެވެ. އަދި ޤުރުއާން ދޫކޮށްނުލާށެވެ. އަދި ރޭއަޅުކަމަށް ފަރުވާތެރިވާށެވެ.
* ފަހެ، ސުފްޔާން ބުން ޢަބްދުﷲ އައްޘަޤަފީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. “އޭﷲގެ ރަސޫލާއެވެ. އިސްލާމްދީނުގައިވާ ކަންތައްތަކުގެ ތެރެއިން، ކަލޭގެފާނުގެ އަރިހުން ފިޔަވާ އެހެން އެއްވެސް މީހެއްގެ ގާތުގައި، އެކަމަކާ ބެހޭގޮތުން އިތުރަށް އަހަން ނުޖެހޭ ބަހެއް ތިމަންކަލޭގެފާނަށް ވިދާޅުވެދެއްވާށެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ.
«قُلْ: آمَنْتُ بِاللهِ، فَاسْتَقِمْ» [رواه مسلم]
މާނައީ: “ބުނާށެވެ. އަހަރެން ﷲ އަށް އީމާންވެއްޖައީމެވެ. ފަހެ، އޭގެ މަތީ ޘާބިތުވާށެވެ.”
* ޝައްވާލު މަހު ހަރޯދަ ހިފުމަކީ ތިޔަބައިމީހުންގެ ނަބިއްޔާ صلى الله عليه وسلم ގެ ހިދާޔަތުގެ ތެރެއިންވާ ކަމެކެވެ. ފަހެ، އަބޫ އައްޔޫބު އަލްއަންޞާރީ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ» [رواه مسلم]
މާނައީ: “ރަމަޟާންމަހު ރޯދަ ހިފުމަށްފަހު، ދެން ޝައްވާލުމަހު ހަ ރޯދަ ހިފައިފިމީހާ ދަންނައެވެ. އޭނާ މުޅި އަހަރު ރޯދަހިފި ފަދައެވެ.”
* އެންމެހާ މުސްލިމުންނޭވެ! ޒަމާނަކީ މުދާފަދަ އެއްޗެކެވެ. އެ ދެކަމަށްވެސް ރައްކަތެރިވާން ޖެހެއެވެ. އަދި އެބޭނުންކުރުމުގައި އިޤްތިޞާދުކުރަން ޖެހެއެވެ. އަދި މުދަލާމެދު ދަންނައެވެ. އެ ޖަމާކޮށް ފަހުން ބޭނުންކުރުމަށް ރައްކާކުރެވެއެވެ. އަދި ކިއެއްތަ، އެ އިތުރު ކުރެވެއެވެ. ފަހެ، ޒަމާން އޭގެ އިދިކޮޅެވެ. ފާއިތުވާ ކޮންމެ މިނެޓަކާއި ހިނދުކޮޅެއް ދުވަހަކުވެސް ތިބާގެ ގާތަށް އެނބުރި ނާންނާނެއެވެ. އެކަމަށްޓަކައި ބިމުގައިވާ އެންމެހާ ތަކެތި އެއްކުރިކަމުގައިވިޔަސް މެއެވެ.
* އަދި ޒަމާނަށް ކަނޑައެޅިފައިވާ އަޖަލަކާއި ޢުމުރެއްވެއެވެ. އެއަށްވުރެ އަވަސްވުމެއް އަދި ލަސްވުމެއްވެސް ނުވެއެވެ. އޭގެ އަގު އަރައިގެން ދަނީ އެ ހޭދަކުރަން އެނގުމުންނެވެ. ފަހެ އެއަށް ރައްކާތެރިވުން ކޮންމެ އިންސާނެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. އަދި އޭގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހެއެވެ. އަދި ކިތަންމެ ގިނަ ވަގުތެއްގައިވެސް ނުވަތަ މަދު ވަގުތެއްގައިވެސް ފަރުވާ ކުޑަކޮށްގެން ނުވާނެއެވެ.
* ޢުމުރާއި ޒަމާން ވަރަށް ކުރެވެ. މާޒީވި އެއްޗެއް ފާއިތުވީއެވެ. އަންނަން ހުރި އެއްޗެއް އަންނާނެއެވެ. މުޅި ޢުމުރުގައި އޮތީ ކިޔަންމަންތެރިކަން އަދާކުރުމުގެ ދުވަސްތަކެވެ. އެއިން އެއްފަރާތް ވެވޭކަށް ނެތެވެ. އަދި އެއިން ކޮންމެ ހިނދުކޮޅަކީ އިމްތިޙާނެކެވެ. އެއަށް ފަރުވާކުޑަކުރާނެ ޖާގައެއް ނެތެވެ. އެގޮތުން މިކުރު ޢުމުރުން ދާއިމަށް ދެމިތިބޭނެ ސުވަރުގެތައް ގަނެވޭނެއެވެ. އެތަނުގައި ދެމިތިބުން ޒަމާނާއެކު ނިމުމެއް ނުވެއެވެ. އަދި އޭގެ އިދިކޮޅާމެދު ދަންނައެވެ. އޭނާގެ ޢުމުރުގެ ބޭނުން ހެޔޮގޮތުގައި ނުހިފައިފިމީހާއަށްވަނީ ގެއްލުމާއި ހަލާކެވެ.
* ތިޔަބައިމީހުންގެ އަހުލުންނާއި ދަރިންނާމެދު ﷲ އަށް ތަޤުވާވެރިވާށެވެ. ވަގުތަށް ރައްކާތެރިވެ، އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އެބައިމީހުން ތަރުބިއްޔަތުކުރާށެވެ. އެއީ ޢިލްމު ހޯދުމަށް ނުވަތަ ޢަމަލުކުރުމުގައެވެ. ޙަލާލު ގޮތުގައި ފައިދާ ހޯދުމުގައި ނުވަތަ ކިޔަމަންތެރިކަން އަދާކުރުމާއި ﷲ އަށް އަޅުކަންކުރުމުގައެވެ.
* އޭ ﷲ ގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ އުމުރުގެ ވަގުތުތައް ހޭދަކުރި ގޮތާބެހޭގޮތުން ﷲ ތަޢާލާ ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެއެވެ. ޤިޔާމަތްދުވަހު، ހަތަރުކަމަކާމެދު ސުވާލުވެވިއްޖައުމަށް ދާންދެން، އަޅާގެ ފައިތިލަ ހުރިތަނުން ގުޑުވާވެސް ނުލެވޭނެއެވެ. އެއީ އޭނާގެ ޒުވާންކަން ފަނާކުރީ ކިހިނަކުންކަމާއި، އޭނާގެ އުމުރު ހޭދަކުރީ ކިހިނަކުންކަމާއި، މުދާ ހޯދީ ކިހިނަކުންކަމާއި، އެ މުދާ ހޭދަކުރީ ކިހިނަކުންކަމާ އަދި ހަށިގަނޑު (ހުރިހާ ގުނަވަންތަކެއް) ބޭނުންކުރީ ކިހިނަކުންކަމާ އަދި އޭނާއަށް ދެއްވި ޢިލްމުން ޢަމަލުކުރީ ކޮން އެއްޗަކަށްކަމާމެދުގައެވެ.
ފަހެ، މީހަކު ހުސްފަޔާ އޮރިޔާން ޙާލު އެއްވެސް ނިވާކަމެއް ނެތި ޙިސާބު ބެއްލެވުމަށް އައިސް، އޭނާގެ ޢުމުރު ހޭދަކުރިގޮތާއި، އޭނާގެ ޒުވާންކަން ފަނާކުރިގޮތާމެދު ސުވާލު ވެވޭނެ ވަގުތަށް އިންތިޒާރުގައިހުރެ އެސުވާލުތަކަށް ޖަވާބު ތައްޔާކުރާހިނދު އެކަންތައްތަކުގެ ބޮޑުކަމާއެވެ! އެސުވާލު އަޅުގަނޑުމެންގެ ތެރެއިން މީހަކާ ކުރެވުމުން އޭނާގެ ހިތް މައްޗަށް އަންނަނީ ކޮންކަމެއް ހެއްޔެވެ؟ އޭނާގެ ޒުވާންކަމުގެ ދުވަސްވަރުގައި ކޮށްއުޅުނީ ކޮންކަމެއް ހެއްޔެވެ؟ ﷲގެ އަޅުތަކުންނޭވެ! ސުވާލަށް ޖަވާބު ތައްޔާރުކުރާށެވެ. އަދި ޖަވާބަކީ ރަނގަޅު ޖަވާބަށް ހަދާށެވެ.
جعَلَني الله وإيَّاكُم مِمَّن يستمِعُ القَولَ فيتَّبِعُ أحسَنَه، ﴿أُولَئِكَ الَّذِينَ هَدَاهُمُ اللَّهُ وَأُولَئِكَ هُمْ أُولُو الْأَلْبَابِ﴾ [الزمر: 18].
ދެވަނަ ޚުޠުބާ
الحمدُ لله وكفَى، وسلامٌ على عبادِه الذين اصطَفَى.
* ބުއްދިވެރިއަކީ ދުނިޔަވީ ޙަޔާތުގެ ކަމެއްގައި ނުވަތަ އުޚްރަވީ ޙަޔާތުގެ ކަމެއްގައި މެނުވީ އޭނާގެ ވަގުތުތައް ހޭދަނުކުރާ މީހާއެވެ. ހުސްވަގުތަކީ ރަނގަޅަށް ބޭނުން ހިފިއްޖެނަމަ ނިޢުމަތެކެވެ. އަދި ގެއްލުވާލައިފިނަމަ ޢުޤޫބާތެކެވެ.
* އިބްނު ޢައްބާސް ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ: الصِّحَّةُ وَالفَرَاغُ» [رواه البخاري]
މާނައީ: “މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު ޣާފިލުވެފައިވާ ދެނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ޞިއްހަތާއި ހުސްވަގުތެވެ.”
* ފަހެ، ވަގުތުތައް އިސްރާފުކުރުމަކީ ދީންވެރިކަމުގައިވާ އުނިކަމެކެވެ. އަދި ރައުޔުގައިވާ ބަކިކަށިކަމެކެވެ. އެއީ އެކަމުގައި ވަރަށް ގިނަމީހުން އިމްތިޙާނު ކުރެއްވިގެންވާ ކަމެކެވެ. ފަހެ، ތިޔަބައިމީހުން ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ ބެލުމުގެ ދަށުގައިވާ މީހުންނާމެދު ﷲ އަށް ތަޤުވާވެރިވާށެވެ. އަދި ފުރުޞަތުތައް ޣަނީމާކޮށް އެއަށް ރައްކާތެރިވާށެވެ.
* އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم، މީހަކަށް ނަސޭހަތްދެއްވަމުން ޙަދީޘްކުރެއްވިއެވެ.
«اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هِرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاءَكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغْلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ» [رواه الحاكم والبيهقي وصححه الألباني]
މާނައީ: “ފަސްކަމެއް ތިބާއާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި ފަޤީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަޝްޣޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.”
* އޭ ތަރުބިއްޔަތު ކުރައްވާ ބޭފުޅުންނޭވެ! ހިތްހަމަ ޖައްސާލުމަށްޓަކާކުރާ ކަންކަމާމެދު ދަންނައެވެ. އިސްރާފުކުރުމަކާ ނުލައި އަދި މުންކަރާތްތަކަށް އަރައިގަތުމަކާ ނުލާ އެކަންކަންކުރުމަކީ މައްސަލައެއް ނޫނެވެ. އަދި ވާޖިބުވެގެންވާ ޙައްޤުތަކަށް ފަރުވާ ކުޑަކޮށްގެންވެސް ނުވާނެއެވެ. އެފަދައިން ޢަމަލުކުރުމަކީ މުބާހުކަމެކެވެ. އަދި އޭގެ ސަބަބަން ހަށިގަނޑަށް އާރޯކަން ލިބިގެންދެއެވެ. އެހެނަސް އަގުހުރި ގިނަވަގުތުތަކެއް އެކަމުގައި ހޭދަކޮށް ނުލާށެވެ. އަދި އެއީ ދާއިމީކޮށް އުޅޭ ގޮތްކަމުގައި ހަދާ ޣާފިލުވިޔަ ނުދޭށެވެ. އުންމަތް މިވަނީ އުންމަތުގެ ދަރިންގެ ވަގުތާއި ބާރުވެރިކަމަށް ނުހަނު ބޭނުންޖެހިފައެވެ.
* އަދި ދަންނައެވެ. މުސްލިމުންގެ މެދުގައި ހިނގާ ދެކޮޅުވެރިކަމާ ހަމަނުޖެހުމަކީ މިއަދު ކުރިމަތިވެފައިވާ އެންމެ ހިތާމަވެރި އެއްކަމެވެ. މުސްލިމުންގެ ލޭ ހިމާޔަތްކުރުމާއި އެބައިމީހުންގެ އަބުރާއި މުދާ ރައްކާތެރިކުރުމަކީ ދީނުގެ މަޤުޞަދުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޤުޞަދެވެ.
* ﷲ ތަޢާލާ ތިޔަބައިމީހުންގެ ކަންތައްތައް އިޞްލާޙުކޮށްދެއްވާނދޭވެ! އަދި ހިތްތައް އެކުވެރިކުރައްވާނދޭވެ! އަދި ތިޔަބައިމީހުންގެ ތެރޭގައިވާ ފިތުނައިގެ ހުޅުކޮޅު ނައްތާލައްވާނދޭވެ!
اللهم أصلِح أحوالَ المُسلمين، اللهم أصلِح أحوالَ المُسلمين في كل مكان يا ربَّ العالمين.
اللهم اجعَل هذا البلَدَ آمنًا مُطمئنًّا، وسائِرَ بلادِ المُسلمين.
اللهم آمنَّا في أوطانِنا، وأصلِح أئمَّتَنا ووُلاةَ أمورِنا، اللهم وفِّق وليَّ أمرِنا بتوفيقِك، وأيِّده بتأيِيدك، اللهم وفِّقه ووليَّ عهدِه لما تُحبُّ وترضَى، وخُذ بناصيتِهما للبِرِّ والتقوَى، اللهم وفِّقهما لما فيه خيرٌ للإسلام والمُسلمين، ولما فيه صلاحُ البلاد والعباد يا رب العالمين.
اللهم احفَظ حُدودَنا، وانصُر جُنودَنا يا قويُّ يا عزيز.
اللهم لك الحمدُ على ما وفَّقتَ مِن صيامِ شهر رمضان وقِيامِه، وتلاوةِ كتابِك العزيز، اللهم تقبَّله مِنَّا يا رب العالمين، اللهم تقبَّله مِنَّا يا رب العالمين، واجعَله خالِصًا لوجهِك الكريم، مُوجِبًا للفَوزِ لدَيك في جنَّاتِ النَّعِيم برحمتِك يا أرحم الراحِمِين.
عباد الله:
صلُّوا وسلِّمُوا على مَن أمَرَكم الله بالصلاةِ والسلامِ عليه فقال: ﴿إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا﴾ [الأحزاب: 56].
اللهم صلِّ على مُحمدٍ وعلى آل مُحمدٍ، كما صلَّيتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد، وبارِك على مُحمدٍ وعلى آل مُحمدٍ، كما بارَكتَ على إبراهيم وعلى آل إبراهيم، إنك حميدٌ مجيد.
وارضَ اللهم عن الخُلفاء الراشِدين: أبي بكرٍ، وعُمر، وعُثمان، وعليٍّ، وعن سائِرِ الصحابةِ أجمعين، وعنَّا معهم برحمتِك يا أرحم الراحمين.