عَنْ أَبِي سَعِيد الخدري رضى الله عنه عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
((قَالَ مُوسَى: يَا رَبِّ عَلِّمْنِي شَيْئًا أَذْكُرُكَ وَأَدْعُوكَ بِهِ.
قَالَ: قُلْ يَا مُوسَى، لاَ إِلٰهَ إِلَّا اللَّهُ.
قَالَ: يَا رَبّ كُلُّ عِبَادِكَ يَقُولُون هَذَا.
قَالَ: يَا مُوسَى لَوْ أَنَّ السَّمَوَاتِ السَّبْعَ وَعَامِرَهُنَّ غَيْرِي
وَالأَرَضِينَ السَّبْعَ فِي كِفَّةٍ وَلاَ إِلٰهَ إِلَّا اللَّهُ فِي كِفَّةٍ مَالَتْ بِهِنَّ لاَ إِلٰهَ إِلَّا اللَّهُ))
[رواه ابن حبان والحاكم وصححه]
މާނައީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
“މޫސާ عليه السلام ﷲ ތަޢާލާ ގެ ޙަޟްރަތަށް ދެންނެވިއެވެ. އޭ ރައްބެވެ. މިއަޅާއަށް ހަނދުމަކުރާނެ އަދި އިބަރަސްކަލާނގެއަށް ދުޢާކުރާނެ ޛިކުރެއް އުނގަންނައި ދެއްވާނދޭވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އޭ މޫސާ އެވެ. لاَ إِلٰهَ إِلَّا اللَّهُ މިކަލިމަފުޅު ވިދާޅުވާށެވެ.
މޫސާ عليه السلام ދެންނެވިއެވެ. އޭ ރައްބެވެ. އިބަ ﷲ ގެ ހުރިހާ އަޅުތަކުން އެކަލިމަފުޅު ކިޔަވެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “އޭ މޫސާ އެވެ. ހަތް އުޑާއި ހަތް ބިން ތިލަފަތުގެ އެއްފަރާތަށް ލާފައި لاَ إِلٰهَ إِلَّا اللَّهُ އަނެއް ފަރާތަށް ލައިފިނަމަ لاَ إِلٰهَ إِلَّا اللَّهُ ގެ ފަރާތަށް ތިލަފަތް ލެނބިގެން ހިނގައިދާނެއެވެ. (އެބަހީ: لاَ إِلٰهَ إِلَّا اللَّهُ ގެ މާނައާއި އެކަލިމަ ވާޖިބުކުރާ ކަންތައްތައް މިހާވެސް ފުޅާވެ ބަރުވެގެންވެއެވެ.)”
[މިއީ ޞައްޙަ ޙަދީޘެއް ނޫން – الدر النضيد في تخريج كتاب التوحيد لصالح العصيمي]
ސުވާލު 12:
– ((قَالَ مُوسَى: يَا رَبِّ عَلِّمْنِي شَيْئًا أَذْكُرُكَ وَأَدْعُوكَ بِهِ)).
މޫސާ عليه السلام ގެ މިބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟
– قُلْ يَا مُوسَى، لاَ إِلٰهَ إِلَّا اللَّهُ.
މިކަލިމަ ދަލީލު ކުރަނީ ކޮންކަމަކަށް ހެއްޔެވެ؟
– كُلُّ عِبَادِكَ يَقُولُون هَذَا.
މޫސާ عليه السلام ގެ މިބަސްފުޅުން ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟
– وَعَامِرَهُنَّ غَيْرِي އަދި مَالَتْ بِهِنَّ މިކަލިމަތަކުގެ މާނައަކީ ކޮބާ؟
– “އޭ މޫސާ އެވެ. ހަތް އުޑާއި ހަތް ބިން ތިލަފަތުގެ އެއްފަރާތަށް ލާފައި لاَ إِلٰهَ إِلَّا اللَّهُ އަނެއް ފަރާތަށް ލައިފިނަމަ لاَ إِلٰهَ إِلَّا اللَّهُ ގެ ފަރާތަށް ތިލަފަތް ލެނބިގެން ހިނގައިދާނެއެވެ.” މިމިސާލުން ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟
– މި ޙަދީޘުން ލިބޭ ފައިދާތައް ބަޔާންކޮށްދޭށެވެ؟
– އަދި މިޙަދީޘް މިބާބާ (ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބާ) މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު:
– މޫސާ عليه السلام ގެ މިބަސްފުޅުގައި ބަޔާންކުރެވިފައިވާ أَذْكُرُكَ ގެ މާނައަކީ އެކަލިމައަކުން އިބައިލާހަށް ޘަނާ ކިޔުމަށްޓަކައެވެ.” އަދި وَأَدْعُوكَ ގެ މާނައަކީ އަދި އިބައިލާހަށް ދެންނެވުމަށްޓަކައެވެ.”
– ﷲ ތަޢާލާގެ ބަސްފުޅު قُلْ يَا مُوسَى، لاَ إِلٰهَ إِلَّا اللَّهُ ދަލީލުކޮށްދެނީ މިކަލިމައިގެ މަތިވެރިކަމަށެވެ. އެއީ މޫސާ عليه السلام ކުރެއްވި ސުވާލުގެ ޖަވާބުގައި لاَ إِلٰهَ إِلَّا اللَّهُ ޚާއްޞަކުރެއްވުމުން އެކަލިމަފުޅުގެ މަތިވެރިކަމަށް ދަލީލު ކޮށްދެއެވެ. އަދި އެކަލިމައިގައި ދުޢާގެ ދެވައްތަރު ހިމެނިގެންވެއެވެ. އެއީ ދުޢާއުލް މަސްއަލައާއި ދުޢާއުލް ޢިބާދާ އެވެ. [ދުޢާއުލް މަސްއަލައަކީ އާންމުކޮށް މިކުރާ ދުޢާއެވެ. ދެއަތް އުފުލައިގެން ނުވަތަ ދެއަތް ނުއުފުލާ ވިއަސްމެއެވެ. އަދި ދުޢާއުލް ޢިބާދާއަކީ ނަމާދުފަދަ އަޅުކަންތަކެވެ. والله أعلم.]
– މޫސާ عليه السلام ގެ ބަސްފުޅު كُلُّ عِبَادِكَ يَقُولُون هَذَا އިން ދޭހަވަނީ މޫސާ عليه السلام ބޭނުންފުޅުވެވަޑައިގަތީ އެކަލޭގެފާނަށް ޚާއްޞަ ދުޢާއެއް ކަމެއެވެ.
– وَعَامِرَهُنَّ غَيْرِي ގެ މާނައަކީ ﷲ ތަޢާލާ ފިޔަވާ އެއުޑުތަކުގައިވާ ހުރިހާ އެއްޗެކެވެ.
އަދި مَالَتْ بِهِنَّ ގެ މާނައަކީ އެއްކޮޅަކަށް ބަރުވުމެވެ.
– މިމިސާލުން ލިބޭ ފައިދާއަކީ ﷲ ގެ ޙަޟްރަތުގައި لاَ إِلٰهَ إِلَّا اللَّهُ، މިކަލިމައަށް ދެވިފައިވާ ޤަދަރާއި، މިކަލިމައިގެ މާތްކަން އެނގިގެންދިއުމެވެ. އަދި އަޅާގެ ފާފަފުއްސެވުމުގައި މިކަލިމައިގެ މުހިއްމުކަމާއި ބޭނުންތެރިކަން އެނގިގެން ދިޔުމެވެ.
– މި ޙަދީޘްފުޅުން ލިބޭ ފައިދާތަކަކީ:
* 7 އުޑުވާފަދައިން 7 ބިންވެސް ވާކަމާއި އެތަންތަނުގައި އުޅޭ މަޚްލޫޤުން ވާކަން.
* މީޒާނަށް (އެބަހީ: ތިލަފަތަށް) އީމާންވުން. އަދި އޭގައި ދެކޮޅު ވާކަމަށް އީމާންވުމެވެ.
– މި ޙަދީޘް މިބާބާއި (ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަން ބާބާ) މުނާޞިބުވާ ގޮތް:
* އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު لاَ إِلٰهَ إِلَّا اللَّهُ ކިޔައިފި މީހެއްގެ ހެޔޮކަމުގެ މީޒާން ބަރުވާނެކަމާ އަދި އޭނާއަށް ކާމިޔާބާއި ފަލާޙު ލިބޭނެކަމީ ތައުޙީދުގެ މާތްކަމުގެ ތެރެއިންވާ ކަމެކެވެ.
* * * *
– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.