އަދި ހަޞަން ސަނަދަކުން އިމާމް ތިރްމިޛީ މާތް ﷲ ރުއްސުންލެއްވި އަނަސް ބުން މާލިކުގެ އަރިހުން ރިވާކުރެއްވި ރިވާޔަތެއްގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ.
((قال الله تعالى يَا ابْنَ آدَمَ، لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا، ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئًا، لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً))
މާނައީ: “ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އޭ އާދަމުގެ ދަރިޔާއެވެ! ބިންފުރޭހާ ފާފަތަކާއިގެން ތިމަންއިލާހުގެ ޙަޟްރަތަށް ތިބާ އައިކަމުގައިވިޔަސް، ތިމަންއިލާހާ ޝަރީކުކޮށްފައިނުވާނަމަ، ބިން ފުރޭހާ ފާފަފުއްސެވުން ގެނެސްދެއްވާހުށީމެވެ.”
[ނޯޓް: މަތީގައި ބަޔާންކުރެވިފައި އެވަނީ ޤުދުސިއްޔަ ޙަދީޘެކެވެ.]
ސުވާލު 13:
– މި ޙަދީޘް ޝަރަޙަ ކޮށްދޭށެވެ؟
– قُرَاب الأَرْض ގެ މާނައަކީ ކޮބައި ހެއްޔެވެ؟
– އަދި خَطَايَا ގެ މުރާދަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ؟
– މަޣްފިރަތު (ފާފަފުއްސެވުން) ލިބުމަށްޓަކައި އޮންނަނީ ކޮން ޝަރުޠެއް ހެއްޔެވެ؟
– އަދި މި ޙަދީޘުން ލިބޭ ފައިދާތަކަކީ ކޮބައި ހެއްޔެވެ؟
– އަދި މިޙަދީޘް މިބާބާ (ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބާ) މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު:
– މި ޤުދުސިައްޔަ ޙަދީޘްގައި، އިންސާނާއާއި މުޚާތަބުކުރައްވާ ﷲ ވަޙީކުރައްވަނީ ތިބާ ބިންފުރެންދެން ފާފަކުރުމަށްފަހު ޤިޔާމަތްދުވަހު ތިމަންއިލާހާއި ބައްދަލުކުރި ކަމުގައިވިޔަސް އިޚްލާޞްތެރި ތައުޙީދުގެ އަހުލުވެރިއެއްކަމުގައި ވާނަމަ (ﷲ ކުރާ އަޅުކަމުގައި އެކަލާނގެ އެއްކައުވަންތަ ކުރާ އަޅެއްނަމަ) އަދި މުޝްރިކެއްކަމުގައި ނުވާނަމަ ބިންފުރެންދެން މަޣްފިރަތާއެކު (އެބަހީ: ފާފަފުއްސެވުމާއެކު) ތިމަންއިލާހު ތިބާއާއި ބައްދަލުކުރައްވާ ހުށީމެވެ.
– قُرَاب الأَرْض މާނައަކީ ބިންފުރެންދެން ނުވަތަ އެއާއި ކައިރިކުރާ ވަރަށެވެ.
– އަދި خَطَايَا ގެ މުރާދަކީ ފާފައެވެ.
– މަޣްފިރަތު ( ފާފަފުއްސެވުން) ލިބުމަށްޓަކައި އޮތް ޝަރުޠަކީ ޝިރުކުގެ މަދު މިންވަރާއި، ގިނަ މިންވަރުން އަދި ބޮޑުމިންވަރާއި ކުޑަ މިންވަރުން ސަލާމަތްވެގެންވުމެވެ.
– މިޙަދީޘްފުޅުން ލިބޭ ފައިދާތައް:
* ﷲ ގެ ފަޟްލުވަންތަވެރިކަމުގެ ތަނަވަސްކަން.
* ތައުޙީދުގެ ސަބަބުން ލިބޭ ޘަވާބުގެ ގިނަކަމާއި އަދި އޭގެ ސަބަބުން ފާފަ ފުއްސެވޭކަން.
– މިޙަދީޘް މިބާބާ (ތައުޙީދުގެ މަތިވެރިކަމާއި، މާތްކަން އަދި ތައުޙީދުގެ ސަބަބުން ފާފަތައް ފުހެވިގެން ދާނެކަން ނަންގަތް ބާބާ) މުނާޞިބުވާގޮތް: ތައުޙީދުގެ ސަބަބުން ލިބޭ ޘަވާބުގެ ގިނަކަމާއި އަދި އޭގެ ސަބަބުން ފާފަ ފުއްސެވުން.
* * * *
– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.