[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބު – 1

ސުވާލު 1: – ތައުޙީދު ތަޙްޤީޤުކުރުމަކީ (އެބަހީ: ޤާއިމްކުރުމަކީ) ކޮބައިކަން ބަޔާންކޮށްދޭށެވެ؟

– އަދި ތައުޙީދު ތަޙްޤީޤުކުރާ މީހަކަށް ހުރި ޖަޒާއަކީ ކޮބައިކަން ބަޔާންކޮށްދޭށެވެ؟

 

ޖަވާބު:

– ތައުޙީދު ތަޙްޤީޤުކުރުމަކީ (އެބަހީ: ޤާއިމްކުރުމަކީ) އެންމެހާ ޝިރުކާއި، ބިދުޢައާ އަދި ފާފަތަކުން ތައުޙީދު ޚަލާޞްކޮށް ސާފުކޮށް އެކަންކަމުން ދުރުހެލިވުމެވެ. އަދި ތައުޙީދު އުނގެނުމާއި އޭގެ ޙަޤީޤަތް ހޯދުމާ އަދި ޢިލްމާއި ޢަމަލާއެކު ތައުޙީދާއިގެން ޤާއިމްވުމެވެ. (އެބަހީ: ތައުޙީދުގެ މާނަ އެނގި އެއާ އެއްގޮތަށް ޢަމަލު ކުރުމެވެ.)

– ތައުޙީދު ތަޙްޤީޤުކުރާ މީހަކަށް ހުރި ޖަޒާއަކީ އެއްވެސް ހިސާބަކާއި ޢަޛާބަކާއި ނުލާ ސުވަރުގެ ވަދެވުމެވެ.

 

 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ﴾ [سورة النحل 120]

މާނައީ: “ހަމަކަށަވަރުން އިބްރާހީމްގެފާނީ ﷲ އަށް، ކިޔަމަންތެރިވެ ވަޑައިގެން،ޝިރުކުން އެއްކިބާވެ، ތައުޙީދުގެމަތީ ހުންނެވި، އުންމަތެއްކަމުގައިވިއެވެ. (އެބަހީ: އިމާމެއްކަމުގައިވިއެވެ.) އަދި މުޝްރިކުންގެ ތެރެއިން އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ.”

 

ސުވާލު 2:

– މިއާޔަތް ޝަރަޙަ ކޮށްދޭށެވެ.

– އަދި އަންނަނިވި ބަސްތަކުގެ މާނަ ބަޔާންކޮށްދޭށެވެ؟ أُمَّةً ، قَانِتًا ، حَنِيفًا

– އަދި މިއާޔަތް މިބާބާ (އެބަހީ: ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބާ) މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟

 

ޖަވާބު:

– ﷲ ތަޢާލާ އިބްރާހީމް އަލްޚަލީލް عليه السلام ސިފަކުރައްވާފައިވާ ސިފަތަކަކީ އެއީ ތައުޙީދު ތަޙްޤީޤުކުރުމުގެ އެންމެ މަތީ ދަރަޖައިގެ ސިފަތަކެކެވެ. (އެސިފަތައް ތިރީގައި ބަޔާންކުރެފައި އެވަނީއެވެ.)

– أُمَّةً: އެކަލޭގެފާނަކީ (އިބްރާހީމް عليه السلام އަކީ) އުއްމަތެކެވެ. އެބަހީ: ތަބާބެވޭ އިމާމެކެވެ. އަދި މީސްތަކުންނަށް ހެޔޮގޮތް ބަޔާންކޮށްދެއްވި ބޭކަލެކެވެ.

قَانِتًا: އެކަލޭގެފާނަކީ ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވި ބޭކަލެކެވެ. އެބަހީ: ﷲ އަށް ކިޔަމަންތެރިވުމުގައި ދެމިހުންނެވި ބޭކަލެކެވެ.

حَنِيفًا: އެކަލޭގެފާނަކީ ބާޠިލު މަގުން އެއްކިބާވެ، ސީދާމަގުގައި ހުންނެވި ބޭކަލެކެވެ. އެބަހީ:ﷲ ގެ މަގަށް ކުރިމަތިލައްވާ އަދި ﷲ ފިޔަވާ އަޅުކަންކުރެވޭ އެހެން ފަރާތްތަކާ ދުރުހެލިވެވަޑައިގެންނެވިއެވެ.

އަދި އެކަލޭގެފާނަކީ މުޝްރިކުންގެ ތެރެއިން ވެވަޑައިގަންވާ ބޭކަލެއް ނޫނެވެ. އެއީ އެކަލޭގެފާނުގެ އިޙްލާޞްތެރިކަމާއި، ތެދުވެރިކަމުގެ ފުރިހަމަކަމާ އަދި ޝިރުކާ ދުރުހެލިވެވަޑައިގެންނެވިލެއް ބޮޑުކަމުންނެވެ.

– މިއާޔަތް މިބާބާ (އެބަހީ: ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބާ) މުނާޞިބުވަނީ:

* ﷲ ތަޢާލާ، އިބްރާހީމް عليه السلام ސިފަކުރައްވާފައިވާ ސިފަތަކަކީ އެއީ ތައުޙީދު ތަޙްޤީޤުކުރުމުގެ އެންމެ މަތީ ސިފަތަކެވެ. ފަހެ، އިބްރާހީމްގެފާނަށް ތަބާވާ ކޮންމެ މީހެއް އެއްވެސް ޙިސާބެއް އަދި ޢަޛާބެއް ނެތި ސުވަރުގެ ވަންނާނެއެވެ.

 

*  *  *  *

 

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

 

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް