[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަޤީޤީ މުވައްޙިދުން އެއްވެސް ހިސާބަކާނުލާ ސުވަރުގެ ވަންނާނެކަން ނަންގަތް ބާބު – 4

عن بن عباس قال: قال رسول الله صلى الله عليه وسلم: «عُرِضَتْ عَلَيَّ الْأُمَمُ، فَرَأَيْتُ النَّبِيَّ وَمَعَهُ الرَّهْطُ، وَالنَّبِيَّ وَمَعَهُ الرَّجُلُ وَالرَّجُلَانِ، وَالنَّبِيَّ لَيْسَ مَعَهُ أَحَدٌ.

إِذْ رُفِعَ لِي سَوَادٌ عَظِيمٌ، فَظَنَنْتُ أَنَّهُمْ أُمَّتِي، فَقِيلَ لِي: هَذَا مُوسَى وَقَوْمُهُ.

فَنَظَرْتُ فَإِذَا سَوَادٌ عَظِيمٌ، فَقِيلَ لِي: هَذِهِ أُمَّتُكَ، وَمَعَهُمْ سَبْعُونَ أَلْفًا يَدْخُلُونَ الْجَنَّةَ بِغَيْرِ حِسَابٍ وَلَا عَذَابٍ»

ثُمَّ نَهَضَ، فَدَخَلَ مَنْزِلَهُ فَخَاضَ النَّاسُ فِي أُولَئِكَ، فَقَالَ بَعْضُهُمْ: فَلَعَلَّهُمُ الَّذِينَ صَحِبُوا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ.

وَقَالَ بَعْضُهُمْ: فَلَعَلَّهُمُ الَّذِينَ وُلِدُوا فِي الْإِسْلَامِ وَلَمْ يُشْرِكُوا بِاللهِ شَيْئًا، – وَذَكَرُوا أَشْيَاءَ –.

فَخَرَجَ عَلَيْهِمْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَأَخْبَرُوهُ، فَقَالَ: «هُمُ الَّذِينَ لاَ يَسْتَرْقُونَ، وَلاَ يَكْتَوُونَ، وَلاَ يَتَطَيَّرُونَ، وَعَلَى رَبِّهِمْ يَتَوَكَّلُونَ»

فَقَامَ عُكَّاشَةُ بْنُ مِحْصَنٍ، فَقَالَ: “ادْعُ اللهَ أَنْ يَجْعَلَنِي مِنْهُمْ، فَقَالَ: «أَنْتَ مِنْهُمْ»

ثُمَّ قَامَ رَجُلٌ آخَرُ، فَقَالَ: ادْعُ اللهَ أَنْ يَجْعَلَنِي مِنْهُمْ، فَقَالَ: «سَبَقَكَ بِهَا عُكَّاشَةُ». [متفق عليه]

މާނައީ: މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ ބުން ޢައްބާސް ވިދާޅުވިއެވެ. ރަސޫލާ صلى الله عليه وسلم

ޙަދީޘްކުރެއްވިއެވެ. “(މިޢުރާޖުގެ ރޭގައި، والله أعلم)  ތިމަންކަލޭގެފާނުގެ ކުރިފުޅު މައްޗަށް އުންމަތްތައް ހުށަހެޅުނެވެ. ފަހެ، ނަބިއްޔަކު، އެނަބިއްޔާ އާއި އެކު ޖަމާޢަތެއް ވަނިކޮށާއި އަދި އެނަބިއްޔަކު އެ ނަބިއްޔާއާއި އެކު އެކަކު  އަދި ދެމީހުން ވަނިކޮށާއި އަދި ނަބިއްޔަކު އެ ނަބިއްޔާ އާއި އެކުގައި އެކަކުވެސް ނުވާ ހާލު ތިމަންކަލޭގެފާނު ދެކެވަޑައިގެންވީމެވެ.

އެހިނދު، ތިމަންކަލޭގެފާނުގެ ކުރިފުޅު މައްޗަށް ބޮޑު ޖަމާޢަތެއް އުފުލާލެވުނެވެ. ފަހެ އެއީ ތިމަންކަލޭގެފާނުގެ އުއްމަތްކަމުގައި ހީފުޅުކުރެއްވީމެވެ. ދެން ތިމަންކަލޭގެފާނަށް ދެންނެވުނެވެ. މިއީ މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނެވެ.

ދެން ހަމައެހިނދު ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ހަމައެހާމެ ބޮޑު ޖަމާޢަތެކެވެ. ފަހެ، ތިމަންކަލޭގެފާނަށް ދެންނެވުނެވެ. މިއީ ކަލޭގެފާނުގެ އުއްމަތެވެ. އަދި އެބައިމީހުންގެ ތެރޭގައި އެއްވެސް ޙިސާބަކާއި ޢަޛާބަކާއި ނުލައި ސުވަރުގެ ވަންނާނެ ހަތްދިހަ ހާސް މީހުންވެއެވެ.”

ދެން މިފަދައިން ޙަދީޘްކުރައްވާފައި އެކަލޭގެފާނު ތެދުވެވަޑައިގެން ގެކޮޅަށް ވެދެވަޑައިގެންނެވިއެވެ.

ދެން މީސްތަކުން އެބައިމީހުންނާއިމެދު ބަޙުސްކުރަން ފެށިއެވެ. ބައެއް މީހުން ބުންޏެވެ. އެބައިމީހުންނަކީ ރަސޫލުﷲ صلى الله عليه وسلم އާއި އެކު އުޅުއްވި މީހުންކަމުގައި އުއްމީދުކުރެވެއެވެ. އަދި ބައެއް މީހުން ބުނެފޫއެވެ. އެބައިމީހުންނަކީ އިސްލާމްދީން މަތީ އުފަންވެ ﷲ އާއި އެއްވެސް ބާވަތެއްގެ ޝިރުކެއް ނުކުރާ މީހުންކަމުގައި އުންމީދު ކުރެވެއެވެ.

މިގޮތަށް އެކި ބޭކަލުން އެކި ޚިޔާލުތައް ފާޅުކުރަމުން ދަނިކޮށް އެތަނަށް ރަސޫލުﷲ صلى الله عليه وسلم ވަޑައިގެންފިއެވެ. ދެން އަޞްޙާބުބޭކަލުން އެކަމުގެ ޚަބަރު ދެއްވުމުން ޙަދީޘްކުރެއްވިއެވެ. “އެބައިމީހުންނަކީ މީސްތަކުންގެ ކިބައިން މެތުރުމަށް ނޭދޭ (ރުޤްޔާ ކުރުމަށް ނޭދޭ) އަދ (ފަރުވާއަށްޓަކައި) އެބައިމީހުންގެ ގައި ނާންދާ އަދި ދޫނި އުދުއްސައިގެން ފާލުވެސް ނުބަލާ މީހުންނެވެ. އަދި ހަމައެކަނި އެބައިމީހުންގެ ވެރިރައްބަށް ވަކީލުކުރާ މީހުންނެވެ.”

ދެން  އެހިނދު މާތް ﷲ ރުއްސުނެއްވި ޢުއްކާޝާ ބުން މިޙްޞަން ތެދުވެވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެބައިމީހުންގެ ތެރެއިން އަހަރެންވެސް ލެއްވުން އެދި ދުޢާ ކޮށްދެއްވާށެވެ. ޙަދީޘްފުޅު ކުރެއްވިއެވެ. “ތިބާ ވާހުށީ  އެބައިމީހުންގެ ތެރެއިންނެވެ.”

ދެން އެހެންބޭކަލަކު ތެދުވެވަޑައިގެން ވިދާޅުވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެބައިމީހުންގެ ތެރެއިން އަހަރެންވެސް ލެއްވުން އެދި ﷲ އަށް ދުޢާ ކޮށްދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ. “އެކަމުގައި ޢުއްކާޝާ ތިބާއަށް ވުރެ ކުރިއަރައި  ހިނގައްޖެވެ.”

ސުވާލު 6:

– އަންނަނިވި ކަލިމަތަކުގެ މާނަ ބަޔާންކޮށްދޭށެވެ.

(1) الرَّهْطُ

(2) نَهَضَ

(3) إِذْ رُفِعَ لِي سَوَادٌ

(4) فَخَاضَ النَّاسُ فِي أُولَئِكَ

– ނަބިއްޔާ صلى الله عليه وسلم އަށް އުންމަތްތަށް ހުށައެޅުނީ ކޮންއިރަކު ހެއްޔެވެ؟

ޖަވާބު :

– ކަލިމަތަކުގެ މާނަ:

(1) الرَّهْطُ: ޖަމާޢަތެއްގެ ބައެއް، 10 އަކަށް ވުރެ ދަށް

(2) نَهَضَ: ތެދުވުން

(3) إِذْ رُفِعَ لِي سَوَادٌ: ދުރުން ފެނުނު ބައެއް، ކޮން ބައެއްކަން ނޭނގޭ

(4) فَخَاضَ النَّاسُ فِي أُولَئِكَ: އެއްވެސް ޙިސާބަކާއި ޢަޛާބަކާއި ނުލައި ސުވަރުގެ ވަންނާނެ ހަތްދިހަ ހާސް މީހުންގެ ސިފަތަކާއި ބެހޭގޮތުން މަޝްވަރާކުރުމާއި ހޯދުމުގައި ތިބުން

– ނަބިއްޔާ صلى الله عليه وسلم އަށް އުންމަތްތަށް ހުށައެޅުނީ އިސްރާއާއި މިޢުރާޖުގެ ރޭގައެވެ.

ސުވާލު 7:

– އަންނަނިވި ކަލިމަތަކުގެ މާނަ ބަޔާންކޮށްދޭށެވެ؟

(1) لاَ يَسْتَرْقُونَ:

(2) لاَ يَكْتَوُونَ:

(3) لاَ يَتَطَيَّرُونَ:

(4) وَعَلَى رَبِّهِمْ يَتَوَكَّلُونَ:

ޖަވާބު:

– ކަލިމަތަކުގެ މާނަ:

(1) لاَ يَسْتَرْقُونَ: އެބައިމީހުންނަކީ ރުޤްޔާކުރުމަށް އެހެންމީހުން ކައިރިން ނޭދޭ މީހުންނެވެ.

(2) لاَ يَكْتَوُونَ: އެބައިމީހުންނަކީ ފަރުވާއަށްޓަކައި ދޮންކޮށްފައިވާ އެއްޗެއް ޖެއްސައިދިނުމަށް އެހެންމީހުން ކައިރިން ނޭދޭ މީހުންނެވެ.

(3) لاَ يَتَطَيَّرُونَ: އެބައިމީހުންނަކީ ދޫނި ބޭނުންކޮށްގެން ނުވަތަ އެފަދަ އެހެން އެއްޗެއްވެސް ބޭނުންކޮށްގެން  ވަކި އެއްޗަކީ ސުންޕާ އެއްޗެއްކަމުގައި ޤަބޫލުނުކުރާ މީހުންނެވެ.

(4) وَعَلَى رَبِّهِمْ يَتَوَكَّلُونَ: އެބައިމީހުންނަކީ މަންފާތައް ހޯދުމުގައިވެސް އަދި ގެއްލުންދޭ ކަންތައްތަކުން ދުރުހެލިވުމުގައިވެސް ﷲ އަށް ބަރޯސާވާ މީހުންނެވެ. އަދި އެމީހުންގެ ހުރިހާ ކަމެއް ހަމައެކަނި އެއިލާހަށް ވަކީލުކުރާ މީހުންނެވެ.

*  *  *  *

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް