ސުވާލު 1: މިބާބު (ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބު) ކިތާބުއްތައުޙީދާ މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟
ޖަވާބު: ބޮޑު ޝިރުކު އިންސާނާގެ ތައުޙީދު ނަފީކުރެއެވެ. އަދި އޭގެ ސަބަބުން ދާއިމަށް އޭނާ ނަރަކައަށް ވައްދައެވެ. އަދި ސުވަރުގެއަށް ވަނުން މަނާކުރެއެވެ. ބޮޑު ޝިރުކުން ސަލާމަތްވެގެން ނޫނީ އިންސާނާއަށް ކާމިޔާބު ޙާޞިލެއްނުވާނެއެވެ. އެހެންކަމުން އަޅާ އެންމެ ބޮޑަށް ބިރުވެތިވާންޖެހޭކަމަކީ ޝިރުކާއި، އެކަމަށް ވާޞިލުވާ މަގުތަކާއި ސަބަބުތައް ކަމަށް ކިތާބުއްތައުޙީދުގެ މުޥައްލިފު މުޙައްމަދު ބުން ޢަބްދުލް ވައްޙާބު رحمه الله ޛިކުރު ކުރައްވާފައިވެއެވެ. އަދި ނަބީބޭކަލުންނާއި ޞާލިޙުން ދުޢާ ކުރެއްވި ފަދައިން ޝިރުކުން ސަލާމަތްކުރެއްވުން އެދި ﷲ ޙަޟްރަތުގައި ދުޢާ ކުރަންޖެހޭނެކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.
ސުވާލު 2: ޝިރުކުގެ ވައްތަރުތައް އޭގެ ތަޢުރީފާއެކު ބަޔާންކުރާށެވެ؟
ޖަވާބު: ޝިރުކު ބެހެނީ ދެބަޔަށެވެ. އެއީ:
(1) ބޮޑު ޝިރުކު: ބޮޑު ޝިރުކަކީ ﷲ އަށް ކުރެވޭ އަޅުކަމުގައި އެއިލާހާއެކު އެހެން ފަރާތެއް ބައިވެރިކުރުމެވެ. އެފަރާތަށް ދުޢާކޮށް އެފަރާތުގެ ކިބައިން އުންމީދުކޮށް، އެފަރާތަށް ބިރުވެތިވެ، ލޯބިކޮށް ނުވަތަ އަޅުކަމުގެ ތެރެއިން އެއްވެސް ވައްތަރެއްގެ އަޅުކަމެއް އެފަރާތަށް ކުރުމެވެ. އެފަދައިން ކަންތައްކުރާމީހަކީ މުޝްރިކެކެވެ. ﷲ ތަޢާލާވަނީ މުޝްރިކުންނަށް ސުވަރުގެ ޙަރާމް ކުރައްވާފައެވެ. އަދި އެބައިމީހުން އަބަދަށް ދެމިތިބޭނެ ތަނަކީ ނަރަކައެވެ.
(2) ކުޑަ ޝިރުކު: ބޮޑު ޝިރުކަށް ވާޞިލްކޮށްދޭ އެންމެހާ ބަސްތަކާއި ޢަމަލުތަކަކީ ކުޑަ ޝިރުކެވެ. އޭގެ ބައެއް މިސާލުތަކަކީ:
– ﷲ ނޫން އެހެން ފަރާތެއް ގަންދީ ހުވާ ކުރުން.
– ދެއްކުންތެރިކަމުގެ މަދު މިންވަރު. (މިސާލަކަށް: މީހަކަށް ފެނުމުން ނަމާދު އިތުރަށް ފުރިހަމަ ކޮށްލުން، ތަސްބީޙަ ދިގުކޮށްލުން، ނުވަތަ މީހުންގެ ސަނާއަށްޓަކައި ބާރަށް ޒިކުރުކުރުންފަދަ ކަންކަމެވެ.)
– ﷲ އަށްޓަކައިކުރާ ޢަމަލުތަކުގައި އެކަލާނގެއަށް އިޚްލާޞްތެރިނުވުން.
* * * *
– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.