[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބު – 6

ޞަޙީޙް މުސްލިމުގައި، މާތް ﷲ ރުއްސުންލެއްވި ޖާބިރު ބުން ޢަބްދު ﷲގެ އަރިހުން ރިވާކުރައްވާފައިވާ ރިވާޔަތެއްގައި ވެއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَنْ لَقِيَ اللهَ لَا يُشْرِكُ بِهِ شَيْئًا دَخَلَ الْجَنَّةَ، وَمَنْ لَقِيَهُ يُشْرِكُ بِهِ دَخَلَ النَّارَ» [رواه مسلم]

މާނައީ: “ﷲ އާއި އެހެން އެއްވެސް އެއްޗެއް ޝަރީކު ނުކުރާ ޙާލު، (ޤިޔާމަތް ދުވަހު) ﷲ އާއި ބައްދަލުކޮށްފި މީހާ ސުވަރުގެ ވަންނާނެއެވެ. އަދި ﷲ އާއި އެއްވެސް އެއްޗެއް ޝަރީކު ކުރާ ޙާލު، ﷲ އާއި ބައްދަލުކޮށްފި މީހާ ނަރަކަ ވަންނާނެއެވެ.”

 

ސުވާލު 7:

– لَقِيَ اللهَ ގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަދި އެ ބައްދަލުވުން އޮންނާނީ ކޮންއިރަކުން ހެއްޔެވެ؟

– އަދި މިތަނުގައި ނަފީ (އެބަހީ: لَا يُشْرِكُ بِهِ شَيْئًا ގެ) މުރާދަކީ ކޮބައި ހެއްޔެވެ؟ (ނޯޓް: މިޙަދީޘްގައިވާ ނަފީއަކީ “لَا” އެވެ.)

– އަދި މިޙަދީޘާ މިބާބާ (ﷲ އަށް ޝަރީކުކުރުމަށް ބިރުވެތިވުން ނަންގަތް ބާބާ) ހުރި ގުޅުމަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު:

– لَقِيَ اللهَ ގެ މާނައަކީ އެކަލާނގެއާ ބައްދަލު ކުރުމެވެ. މިކަން ހިނގާނީ ޤިޔާމަތް ދުވަހުންނެވެ.

– މި ނަފީއިން އޭގެ އިދިކޮޅު ކަމުގައިވާ ތައުޙީދު ސާބިތުކޮށްދެއެވެ. އެބަހީ :ތައުޙީދުގެ އަހުލުވެރިއެއް ކަމުގައިވާ ޙާލު ﷲއާ ބައްދަލުކުރާ މީހާއެވެ. (ހަމައެކަނި އެއިންސާނާ ﷲ އަށް ޝިރުކު ނުކުރުމުގެ އިތުރުން އެކަލާނގެ އެއްކައުވަންތަކޮށް ތައުޙީދު ކުރިއެވެ.)

– މިޙަދީޘާ މިބާބާ ހުރި ގުޅުން: މި ޙަދީޘުން އެނގިގެންދަނީ މުޝްރިކެއްކަމުގައިވާ ޙާލު (އެބަހީ: ﷲ އަށް ޝަރީކުކުރާ ޙާލު) ﷲ އާ ބައްދަލުކޮށްފި މީހަކީ ނަރަކައިގެ އަހުލުވެރިއެއް ކަމެވެ. އެހެންކަމުން ޝިރުކަށް (ޝިރުކަށް އަރައިގަނެވިދާނެތީ، ޝިރުކުގެ އަހުލުވެރިއެއް ކަމުގައިވާ ޙާލު މަރުވެދާނެތީ) އިންތިހާއަށް ބިރުވެތިވާން ޖެހެއެވެ.

(ނޯޓް: ޝިރުކަކީ ހަމައެކަނި ﷲ ނޫން އެހެން ފަރާތަކަށް ސަޖިދަކުރުން ނުވަތަ ދުޢާކުރުމެއް ނޫނެވެ.  ޝިރުކު ކުރެވޭ ވަރަށް ގިނަ ގޮތްތައް ވެއެވެ. ކޮންމެ މުސްލިމެއްވެސް ޝިރުކު ކުރެވޭ ގޮތްތަކާއި ޝިރުކުގެ ތެރޭގައި ހިމެނޭ ކަންތައްތައް އުނގެނުމީ ވަރަށް މުހިންމު ކަމެކެވެ. ކިތާބުއް ތައުޙީދު މިފޮތަކީ ޝިރުކު ދެނެގަނެ އެއަށް ރައްކާތެރިވުމުގެ ގޮތުން ކިޔަން ވަރަށް ރަނގަޅު ފޮތެކެވެ. ޝައިޙް މުޙައްމަދު އިބްރާހީމް (ނައިފަރު) (ޙަފިޡަހު ﷲ) ވަނީ މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައިވެއެވެ.)

*  *  *  *

– އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް