1922 ވަނަ އަހަރު ޖަޕާނުގެ މިކާއޯ އުސުއި (Mikao Usui) ނަމަކަށް ކިޔާ މީހަކު ހޯދާފައިވާ ފަރުވާއެއް ކަމަށް ބުނާ ރެއިކީ (Reiki) އަކީ އިންސާނުންގެ ހަށިގަނޑާއި ކައުނުގެ ތެރޭގައި ވާކަމަށް ބުނެވޭ ރޫހާނީ (ނުފެންނަ) ބާރުތަކެއްގެ އެހީގައި، އެ ބާރުތަކަށް ގެނެވޭ ބަދަލުތަކެއްގެ ޒަރިއްޔާއިން ދެވޭ ފަރުވާއެކެވެ. ބުޑިސްޓު ދީނުގެ ފޮތްތަކުން މިކާއޯ ދަސްކޮށްފައިވާ މި ފަރުވާގެ އަސާސް ކަމުގައިވާ ހަށިގަނޑާއި ކައުނުގައި ދައުރުވާކަމަށް ބުނާ މި ބާރު ނުވަތަ ހަކަތަތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަން ކިޔާ އުޅެއެވެ. މި ގޮތުން ޗައިނާގެ ސަރަހައްދުތަކުގައި މި ބާރަށް “ޗީ” އޭ ކިޔާ އިރު ޖަޕާނުގައި ކިޔާ އުޅެނީ “ކީ” އެވެ. އަދި އިންޑިޔާގެ ބައެއް ހިސާބުތަކުގައި “ޕްރާނާ” ނުވަތަ “ޗަކްރާ” އޭ ވެސް ކިޔާ އުޅެއެވެ. އަދި މި ނޫން ވެސް ތަފާތު ނަންނަމުގައި މި ބާރުތަކުގެ ވާހަކަ އައިސްފައި އެބަހުއްޓެވެ. އެކި ކަންކޮޅުތަކުގެ އެކި މީހުން އެކި ނަންނަން ކިޔާއުޅޭ މި ބާރުތައް ސިފަ ކުރުމުގައި ކުދިކުދި ތަފާތުތައް ހުރިކަމުގައި ވިޔަސް އެ ހުރިހާ ސިފަކުރުންތަކުގެވެސް މައިގަނޑު އަސާސަކީ އެކައްޗެއްކަމާމެދު ޝައްކެއް ނެތެވެ. އަދި މި ބާރުތައް ބޭނުންކޮށް “ރެއިކީ” ނުވަތަ “ކްރިސްޓަލް ތެރަޕީ” ނުވަތަ މި ނޫން ވެސް ނަންނަމުގައި އެކި ކަހަލަ ފަރުވާތައް ދެއެވެ. މި ހުރިހާ ފަރުވާއެއް ވެސް ބިނާވެފައިވަނީ، ވާކަމަށް ސާބިތުކުރެވިފައި ނުވާ މި ބާރުތަކަށް އެކި ގޮތްގޮތުން ބަދަލުތަކެއް ގެނެސްގެން ކަމަށް ބުނެއެވެ.
ޗީ ނުވަތަ މި ނޫންވެސް ނަންނަން ކިޔާފައިވާ މި ބާރު ނުވަތަ ހަކަތަތަކަކީ ހަޤީޤަތުގައިވެސް ވާއެއްޗެއް ކަމަށް އެއްވެސް ސައިންޓިފިކް ޤަރީނާއެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ މި ވާހަކަ ދެކެވޭ ބާރުތަކަކީ ހަމައެކަނި ބައެއްގެ ޤަބޫލު ކުރުމުގައިވާ އެއްޗެކެވެ. އަދި މި ބާރުތައް ބޭނުން ކޮށްގެން ކުރެވޭ ފަރުވާ ތަކުން ބަލިމީހާއަށް އެއްވެސް ހަޤީޤީ އަސަރެއް ކުރާކަމަކަށް ކޮށްފައިވާ ދިރާސާތަކުން ފެންނާކަށް ނެތެވެ. މިގޮތުން “އިންޓަރނޭޝަނަލް ޖަރނަލް އޮފް ކްލިނިކަލް ޕްރެކްޓިސް” ގެ 2008 ވަނަ އަހަރުގެ ޖޫން މަހުގެ ޢަދަދުގައި ޝާއިޢު ކޮށްފައިވާ ދިރާސާ “ރެއިކީ އިން ބަލިމީހުންނަށް ކުރާ އަސަރު”ގެ ނިންމުމުގައި ބަޔާން ކޮށްފައިވެއެވެ. “އެއްވެސް ބައްޔަކަށް ފަރުވާއެއް ލިބޭކަމަށް އެކަށީގެންވާވަރު ހެއްކެއް ލިބިފައެއް ނުވެއެވެ. ސައިންޓިފިކް ގޮތުން ބަލާނަމަ ރެއިކީ އަކީ އެއްވެސް ބަރުދަނެއް ހުރި އެއްޗެއްކަން ސާބިތު ކުރެވިފައެއް ނުވެއެވެ.” ހަޤީޤަތެއް ނެތް މި ޤަބޫލުކުރުންތަކާމެދު ވިސްނާ ފިކުރު ކޮށްލަމާ ހިންގަވާށެވެ.
އެއްވެސް ބުރަދަނެއް ނެތް މި ބާތިލު ޤަބޫލުކުރުންތަކުގެ އަހުލުވެރިންގެ ކިބައިން ފެނިގެން ދަނީ ސާބިތުކަމެއް ނެތް ދޮގު ވިސްނުންތަކެއް ބަޔަކަށް ވިސްނައިދީ، އެ ބަޔަކު ލައްވާ، އެ ކަމުގައި އެއްވެސް ފައިދާއެއް މަންފާއެއް ނެތް ކަމަކަށް ޚަރަދު ކުރުވާ، މަޅިބައްދާ މަންޒަރެވެ. މަކަރުވެރިކަމުގެ ތެރެއިން މީހުންގެ މުދާ، ކާ މަންޒަރެވެ. ބުޑިސްޓުންގެ ފޮތްތަކުން ނަގާފައިވާ މި ޤަބޫލުކުރުންތަކަކީ އިސްލާމީ ޢަޤީދާއާއި ޚިލާފު، ޚުރާފީ އަމަލުތަކެވެ. އެއް ކަމަކަށް މިއީ ޣައިރު ދީނެއްގެ ޤަބޫލުކުރުން ތަކެކެވެ. އޭގެ އިތުރަށް މި ކަމުގެ ތެރޭގައި ސިޙުރު ހާހޫރުގެ އަމަލުތައްވެސް ބޭނުން ކުރެވެމުން ދެއެވެ. މި ފަދަ ކަންކަން ބަލާ ދިރާސާ ކުރައްވާ ބޭފުޅުން މިކަންކަމުގެ ހަޤީޤަތް މީސްތަކުންނަށް ބަޔާން ކޮށްދީފައި އެބަހުއްޓެވެ.
މި ގޮތުން ޢަޤީދާ އާއި ދީނާއި ފިރުޤާތަކުގެ ޢިލްމުގެ ތަޙައްސުސް ބޭކަނބަލެއް ކަމަށްވާ ޑރ. ފައުޒް ބިންތި ޢަބްދުއްލަތީފް ކުރްދީ -حفظها الله- މިފަދަ ފަރުވާ ތަކާއި މެދު ދިރާސާ ކުރައްވާ ބަހުސް ލިޔުއްވާފައިވެއެވެ. ޑރ. ފައުޒްގެ ޕީ.އެޗް.ޑީ ތީސިސް “المذاهب الفلسفية الإلحادية الروحية وتطبيقاتها المعاصرة” ގައި މިފަދަ ފަރުވާތަކާއި މެދު އަލި އަޅުވާލާފައި ވެއެވެ. އަދި މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޑރ.ފައުޒްގެ ވެބްސައިޓުގައި މި ފަދަ ބާތިލު ވިސްނުންތަކާއި ޤަބޫލުކުރުންތަކުގެ ޙަޤީޤަތް ހާމަ ކުރައްވާ، އެތަކެއް ލިޔުންތަކެއް ޝާއިޢު ކުރައްވާފައިވެއެވެ. އެ ގޮތުން “ހަށިގަނޑުގައި ދައުރުވާ، ނުފެންނަ ބާރުތަކުން ކުރާ ފަރުވާތައް” މި ސުރުޚީގެ ދަށުން ލިޔުއްވައިފައިވާ ލިޔުމެއްގައި ބަޔާން ކުރައްވާފައިވެއެވެ.
“މި ވިސްނުން ބިނާވެގެންވަނީ ޣައިބުގައިވާ ކަންކަމަކާ މެދު ޤަބޫލުކުރާ ހަމަނުޖެހޭ ޤަބޫލުކުރުންތަކަކަށް، ހަމަ އެކަނި ސިކުނޑިން ނިންމާ ނިންމުންތަކެއްގެ މައްޗަށެވެ. އަދި މިއީ ޣައިބު މޮޅަށް ދެނެވޮޑިގެންވާ އިލާހާއި އެ އިލާހު ފޮނުއްވެވި ނަބިއްޔުންގެ ގޮވާލެއްވުންތައް ޤަބޫލުކުރުމެއްނެތި، ކުރެވޭ ޝައިޠާނީ ހަރަކާތް ތަކެވެ. މި ފަރުވާ ކުރާ މީހުން ދައުވާ ކުރާ ގޮތުގައި މިއީ އިރުމަތީ ޤައުމުތަކުން ހޯދާފައިވާ އިންސާނާގެ ހަށިގަނޑަށް އަސަރު ކުރުވާ، ނުފެންނަ ބާރުތަކެއްގެ ޢިލްމަށް ބިނާވެފައިވާ ނަފްސާނީ، ޖިސްމާނީ އަދި ރޫހާނީ ފަރުވާއެކެވެ. އަދި މި ހޯދުންތަކުން އެންމެ މުހިންމު ހޯދުމެއްކަމުގައި ބުނަނީ “ކީ”، “ޗީ” ނުވަތަ “ޕްރާނާ” އޭ ކިޔޭ ބާރުތަކެއް ކައުނުގައި ވާކަމެވެ. އަދި މި ބާރުތަކަށް ގެނެވޭ އެކިއެކި ބަދަލުތަކުން އެކި ކަހަލަ ބޮޑެތި ޖިސްމާނީ ބަލިތަކާއި ނަފްސާނީ ބަލިތަކުން އަދި ޑިޕްރެޝަނުން ސަލާމަތް ކޮށްދޭކަމަށާއި ޖިސްމާނީ އަދި ނަފްސާނީ ބަލިތަކުން މީހުން ރަނގަޅު ކުރުމުގެ ކުޅަދާނަކަން ލިބޭ ކަމަށް މިބައިމީހުން ދައުވާ ކުރެއެވެ.”
އިސްވެ ބަޔާން ކުރެވުނު ފަދައިން ހަށިގަނޑާއި ކައުނުގައި ދައުރުވާކަމަށް މިބައިމީހުން ޤަބޫލުކުރާ ބާރު ނުވަތަ ހަކަތަތަކަށް ބިނާވެގެން ތަފާތު ނަންނަމުގައި އެކި ފަރުވާ ދެވެއެވެ. އެގޮތުން “ރެއިކީ” އަދި “ޗީ-ހޮންގް” އަކީ ދާދި އެއްގޮތަކަށް ދެވޭ ދެ ފަރުވާއެވެ. މި ފަރުވާ ދޭ މީހުން ބުނާ ގޮތުގައި ހަށިގަނޑު ތެރޭ ދައުރުވާ ބާރު “ކީ” ނުވަތަ “ޗީ”، ހަށިގަނޑުގައި އެ ބާރަށް އެންމެ ބޭނުން ޖެހިފައިވާ ގުނަވަންތަކަށް ވާސިލު ކޮށްދީ ހަށިގަނޑުގައި އެ ބާރު ހަމައަކަށް އަޅުވައިދިނުމުން ބަލިތައް ފަސޭހަވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެއެވެ. ކުރިންވެސް ބަޔާން ކުރެވުނު ފަދައިން މި ފަރުވާތަކަކީ މުސްލިމުން ޢަޤީދާ އާއި ޚިލާފު، ޚުރާފާތްތަކާއި ސިހުރު ހާހޫރަ އެކުލެވިގެންވާ ކަންކަމެވެ.
ހަމަ މި ބީދައިން ކުރެވޭ އަނެއް ފަރުވާއަކީ “ކްރިސްޓަލް ތެރަޕީ” ނުވަތަ ބައެއް ފަހަރު “ކްރިސްޓަލް ރެއިކީ” އޭވެސް ކިޔޭ ފަރުވާ އެކެވެ. މި ކަން ކުރާ މީހުން ބުނާ ގޮތުގައި އެކި ކަހަލަ ކްރިސްޓަލްސް ނުވަތަ މައުދަނީ ހިލަތަކުގައި، ހަށިގަނޑުގައި ދައުރުވާ މި ބާރުތައް ދަމައިގަތުމުގެ ގާބިލުކަން ހުރެއެވެ. މި ގޮތުން މި ބާރުތައް، (މި ބައިމީހުން ކިޔާ ގޮތުން ނަމަ “ޗަކްރާ”) ހަށިގަނޑުގައި ޖަމާވާ ސަރަހައްދުތަކުގައި ނުވަތަ ހަށިގަނޑު ވަށައިގެން އެކި ބައްޓަމަށް މައުދަނީ ހިލަ (ކްރިސްޓަލްސް/ ޖެމް ސްޓޯންސް) ބަހައްޓައިގެން ހަށިގަނޑުގައި ދައުރުވާ ބާރުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވެއެވެ. އަދި އޭގެ ޒަރިއްޔާއިން ޖިސްމާނީ އަދި ނަފްސާނީ ބަލިތަކަށް ފަރުވާ ލިބޭކަމަށް ބުނެއެވެ. މި ފަދަ ހުރިހާ ކަންކަމީ ހަޤީޤަތެއް ނެތް ބާތިލު ކަންކަމެވެ.
މީގެ އިތުރުން ޔޯގާ ކަސްރަތުތަކަކީ ވެސް މި ވާހަކަ ދެކެވޭ ބާރުތަކަށް ބިނާ ވެފައިވާ ކަމެކެވެ. މި ކަސްރަތުތަކަކީ އިންޑިޔާގެ ހިންދޫއިންގެ ތެރެއިން އައިސްފައިވާ، އެކި ގޮތް ގޮތަށް ނޭވާ ލައިގެން ހަރަކާތްތަކަކާއިއެކު ކުރާ ކަސްރަތެކެވެ. މި ކަމުގެ އަހުލުވެރިން ޤަބޫލުކުރާ ގޮތުގައި މި ހަރަކާތް ތަކުގައި ނޭވާލާ ހިނދު ހަށިގަނޑަށް ވަންނަނީ ކާއިނާތުގައި ދައުރުވާ ބާރުތަކެވެ. މިބައިމީހުން މި ބާރަށް “ޕްރާނާ” އޭ ކިޔާ އިރު، މި ބާރުތަކުން ހަށިގަނޑުގައި ވަރު ޖައްސައިދީ، އުފާވެރިކަމާއި ހިތްހަމަޖެހުމާއި ހަމަޖެހުން ލިބޭކަމަށް މިބައިމީހުން ޤަބޫލުކުރެއެވެ. މި ފަދަ އެތަކެއް ފަރުވާތަކެއް އެކިއެކި ތަފާތު ނަންނަމުގައި ދިން ކަމުގައިވީ ނަމަވެސް މި ހުރިހާ ފަރުވާތަކެއްގެ ވެސް އަސްލު ބިނާވެގެން ވަނީ ބާތިލު ޤަބޫލުކުރުންތަކެއްގެ މައްޗަށެވެ. އަޅުގަނޑުމެން މުސްލިމުން މިފަދަ ބާތިލު ޢަމަލުތަކުން އެއްކިބާވެ ދުރުހެލިވާން ޖެހެއެވެ.
ހިތާމައަކީ މި ބާތިލު ވިސްނުން މުސްލިމުންގެ ޢަޤީދާއާއި ގުޅުވުމަށް ވެސް ބައެއް މީހުން މަސައްކަތް ކުރާ ކަމެވެ. މި ގޮތުން ދައްކާ ބާތިލު ވާހަކަ ތަކުގެ ތެރޭގައި، ކައުނުގައި ވާކަމަށް މި ބުނާ ބާރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމުގައި ބުނެއެވެ. އަދި އެ އިލާހުގެ އިސްމުފުޅު ތަކުން “النور” އެ މާނައިގައި ތަފްސީރު ކުރެއެވެ. އަދި ސަޖިދަ ކުރާ ހިނދު ސަޖިދައިގެ 7 ގުނަވަނުން ހަށިގަނޑުގެ ތެރޭގައި ހުންނަ ނުބައި ބާރުތައް ނުކުމެ ހަށިގަނޑަށް ފަރުވާ ލިބޭ ކަމުގައިވެސް ބުނެއެވެ. މިއީ އިސްލާމީ ޞައްޙަ ޢަޤީދާއާ ދުރު ބާތިލު ވިސްނުން ތަކެކެވެ. މި ފަދަ ބާތިލު ވިސްނުންތަކުން ރައްކާތެރިވެ ތިބުމަށް އެންމެހާ މުސްލިމުންވެސް ސަމާލުވާން ޖެހެއެވެ.
ހަމައެއާއެކު ފާހަގަކޮށްލަން ޖެހޭ އަނެއް ހިތާމަވެރި ނުކުތާއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއް ގޮތުގައި އޮތް އަޅުގަނުމެންގެ ދިވެހިރާއްޖޭގައިވެސް ފަރުވާގެ ނަމުގައި މިފަދަ ބާތިލު ޚުރާފީ އަމަލުތައް ހިންގަމުން ދާކަމެވެ. އިސްތިހާރު ކުރެވި މިފަދަ ފަރުވާތައް ދެވޭ ރިސޯޓުތައް ގިނައެވެ. އަދި ބޭރު ގައުމުތަކުން އަގު ދީގެން މިފަދަ ފަރުވާދޭ “މާހިރުން” ގެނެސްގެންވެސް މި ކަން އެބަ ކުރެއެވެ. އަދި މީގެ އިތުރަށް ދިވެހި ރައްޔިތުންނަށް އަމާޒު ކުރެވިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި، ސިއްހީ ވުޒާރާގެ ހުއްދައާއެކު މިފަދަ ފަރުވާ ދެވޭ ތަންތަން ހުރިކަމާ މެދު އަޅުގަނޑުމެން ސަމާލުވާން ޖެހެއެވެ. މިފަދަ އިސްލާމީ ޢަޤީދާއާ ޚިލާފު ފަރުވާތައް ރާއްޖޭގެ ފަސްގަނޑުގައި ދެވޭ ކަމީ އެކަމުގެ ނުރައްކާ އިންތިހާއަށް ބޮޑު، ބިރުވެރި ކަމެކެވެ. ރިހެބިލިޓޭޝަންގެ ނަމުގައި ބޮޑެތި އަގުތައް ނަގައިގެން މިހިންގާ ޚުރާފީ އަމަލުތަކުގައި ޖެހިގެން ދާނީ ކިތައް ކިތައް ދިވެހިން ބާއެވެ؟ މަތިފުށް އޮމާންކޮށް ރީތި ފަށުވި އިބާރާތްތަކުން ސިފަކުރިކަމުގައި ވިޔަސް، ހަށިގަނޑުގައި އެކުލެވޭ ރޫހާނީ ބާރު ނުވަތަ ހަކަތައިން، ނުވަތަ “ހީލިންގ އެނަރޖީ” އަށް ބިނާވެގެން ދެވޭ ހުރިހާ ފަރުވާތަކަކީ އިސްވެ ބަޔާން ކުރެވެނު ފަދައިން ޣައިރު ދީންތަކުން އުފެދިގެން އައި، ސައިންޓިފިކް ހެއްކެއް ދަލީލެއް ނެތް، އިސްލާމީ ޢަޤީދާއާއި ފުށުއަރާ، ބާތިލު ޢަމަލު ތަކެކެވެ. އަދި އެއީ ޙަޤީޤީ ފަރުވާތަކެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން މިފަދަ ކަންކަމުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ. އަދި ބަލިވެއްޖެނަމަ އަޅުގަނޑުމެންނަށް އޮތީ އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ފަރުވާ ތަކުން ފަރުވާ ލިބިގަތުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَا أَنْزَلَ اللَّهُ دَاءً، إِلَّا أَنْزَلَ لَهُ دَوَاءً)) [أخرجه ابن ماجه وصححه الألباني]
މާނައީ: “އެ ބައްޔަކަށް ޝިފާ ބާވައިލައްވާފައި ނުވާ އެއްވެސް ބައްޔެއް ﷲ ބާވައިނުލައްވައެވެ.”
____________________________________________________________