ސުވާލު 1:
މިބާބު ކިތާބުއް ތައުޙީދާއި މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކުރާށެވެ؟
ޖަވާބު:
މިފޮތުގެ މުއައްލިފު، މުޙައްމަދު ބުން ޢަބްދުލް ވައްހާބު رحمه الله، ތައުޙީދުގެ ވާޖިބުކަމާއި، ތައުޙީދުގެ މަތިވެރިކަމާއި، ތައުޙީދުގެ އިދިކޮޅު ކަންތައްކަމުގައިވާ ޝިރުކަށް ބިރުވެތިވުމުގެ ވާޖިބުކަން ބަޔާންކުރެއްވުމަށް ފަހު މިބާބުގައި ބަޔާންކުރައްވަނީ، ހަމައެކަނި އަމިއްލަ ނަފްސަށް މި ކަންތައްތައް އެނގުމުން ނުފުދޭކަމެވެ. އަދި ކިއެއްތަ، އެއާއިއެކު، ﷲގެ މަގަށް ޙިކްމަތްތެރިކަމާއި، ރިވެތި ވަޢުޡާއި ނަޞޭހަތާއެކު ގޮވައިލަން ޖެހޭ ކަމެވެ. އެއީ ރަސޫލު ބޭކަލުންނާއި، އެބޭކަލުންނަށް ތަބަޢަވީ ބޭކަލުން ﷲ ގެ މަގަށް ގޮވައިލެއްވި ފަދައިންނެވެ .
ސުވާލު 2:
– އިސްލާމްދީނަށް ދަޢުވަތު ދިނުމުގެ ޙުކުމަކީ ކޮބައި ހެއްޔެވެ؟.
– އަދި ދަޢުވަތުދޭ ފަރާތް (ދާޢީ) ދަޢުވަތު ދިނުން ފަށަން ޖެހެނީ ކޮން އެއްޗަކުން ހެއްޔެވެ؟ އަދި އެއީ ކީއްވެ ހެއްޔެވެ؟ އަދި އެކަމުގެ ދަލީލަކީ ކޮބައި ހެއްޔެވެ؟
ޖަވާބު:
– އސްލާމްދީނަށް ދަޢުވަތު ދިނުމަކީ ވާޖިބުކަމެކެވެ.
(ނޯޓް: އެންމެ ފުރަތަމަ ކޮންމެ މުސްލިމަކަށްވެސް ވަނީ އެމުސްލިމަކަށް ދީން ވާޖިބުކުރާ ޢިލްމު އުނގެނުމެވެ. (އެއީ ތައުޙީދު، ޝިރުކު، ނަމާދުކުރާނެ ގޮތް، ރޯދަހިފާނެ ގޮތް، ވުޟޫ ކުރާނެ ގޮތް، ހިނައިގަންނާނެ ގޮތް، ޒަކާތުގެ ޙުކުމްތައްފަދަ ކަންކަމެވެ.) އަދި އެއާ އެއްގޮތަށް ޢަމަލު ކުރުމެވެ. ދެން އެއަށްފަހު، އެޢިލްމު އަނބިދަރިންނާއި ގާތްމީހުންނަށް ކިޔައި ދިނުމެވެ. ޙިކްމަތްތެރިކަމާއި ރިވެތި ވަޢުޡާއި ނަސޭޙަތާއި އެކުގައެވެ.)
– ދަޢުވަތުދޭ ފަރާތް(ދާޢީ) ދަޢުވަތު ދިނުން ފަށަން ޖެހެނީ ތައުޙީދުންނެވެ. އެއީ ތައުޙީދަކީ ފަރުޟު ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު ފަރުޟެވެ. އަދި ވާޖިބުތަކުގެ ތެރެއިން އެންމެ ބޮޑު ވާޖިބެވެ. އަދި ތައުޙިދަކީ އިންސާނާ ކުރާ ހުރިހާ ޢަމަލުތަކެއްގެ ބިންގަލެވެ. އަދި އިންސާނާގެ ޢަމަލުތައް ޤަބޫލުވުން ބިނާވެގެންވަނީ އޭނާގެ ތައުޙީދު ޞައްޙަވުމުގެ މައްޗަށެވެ. (އެހެނީ އިންސާނާ އޭނާގެ ތައުޙީދު ޞައްޙަ ނޫންނަމަ އޭނާ ކުރާ ޢަމަލުތައް ޤަބޫލެއް ނުވާނެވެ.)
ތައުހީދުން ދަޢުވަތް ދިނުން ފަށަން ޖެހޭކަމުގެ ދަލީލަކީ ރަސޫލާ صلى الله عليه وسلم، މުޢާޛު رضي الله عنه އަށް ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެވެ.
((فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ شَهَادَة أَنْ لَا إِلَهَ إِلَّا اللَّهُ)) [أخرجاه في الصحيحين]
މާނައީ: “އެންމެ ފުރަތަމަ އެބައިމީހުންނަށް (އަހުލު ކިތާބީންނަށް) ﻻإله إلا الله ގެ (އެބަހީ: ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އިލާހެއް ނުވާކަމަށް) ހެކިދިނުމަށް ދަޢުވަތު ދެއްވާށެވެ.”
* * * *
–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.