[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވާކަމުގައި ހެކިދިނުމަށް ގޮވައިލުން ނަންގަތް ބާބު -2-

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿قُلْ هَٰذِهِ سَبِيلِي أَدْعُو إِلَى اللَّهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ﴾ [سورة يوسف 108]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބަޢަވީ މީހުން، ﷲ ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލުތަކާއި އެކުގައެވެ. އަދި ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ! އަދި ޝަރީކު ކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ.”

 

ސުވާލު 3:

– މި އާޔަތުގައިވާ އަންނަނިވި ބަސްތަކުގެ މާނަ ބަޔާންކޮށްދޭށެވެ؟ (سَبِيلِي) ، (بَصِيرَةٍ) ، (سُبْحَانَ اللَّهِ)

– ދެން އެއަށްފަހު، މިއާޔަތް ޝަރަޙަ ކޮށްދޭށެވެ؟

– އަދި މިއާޔަތް މިބާބާއި މުނާޞިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ؟

– އަދި މިއާޔަތުން ލިބޭ ފައިދާތައް ބަޔާންކުރާށެވެ؟

 

ޖަވާބު:

 – سَبِيلِي: ތިމަންކަލޭގެފާނުގެ މަގެވެ. އަދި ތިމަންކަލޭގެފާނުގެ ދަޢުވަތެވެ.

بَصِيرَةٍ: ޢިލްމާއި އަދި ޔަޤީނާއެކު (އެހެނީ ދަޢުވަތު ދިނުމުގައި ޢިލްމާއެކު ދަޢުވަތު ދިނުމެވެ. އަދި ދަޢުވަތު ދޭ މައްސަލަ ރަނގަޅަށް އެނގިފައިވުމެވެ.)

سُبْحَانَ اللَّهِ: މުލްކު ގައްޔާއި އަދި އަޅުކަމުގައި ﷲ އަށް އެއްވެސް ޝަރީކެއް ނުވެއެވެ. އެކަލާނގެ މުލްކުގައި އަދި އަޅުކަމުގައި އެކަލާނގެއާއެކު ޝަރީކެއްވުމުން (އެބަހީ: އެކަލާނގެއަށް ޝަރީކު ކުރާ ފަރާތްތަކުން، އެކަލާނގެއަށް ކުރާ ޝަރީކުން) އެކަލާނގެ ހުސްޠާހިރުވެ ވޮޑިގެންވެއެވެ.

– އާޔަތުގެ ޝަރަޙަ: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. އޭ މުޙައްމަދުގެފާނެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނު  މިގޮވައިލައްވާ ދަޢުވަތަކީ، އަދި ތިމަންކަލޭގެފާނު އެމަގެއްގައި މިހުންނެވި މަގަކީ، ﷲ އެއްކައުވަންތަ ކުރުމެވެ. އަދި އެކަލާނގެއަށް ކުރާ އަޅުކަންތަކުގައި ހަމައެކަނި އެކަލާނގެއަށް އިޚްލާޞްތެރިވުމަށް ގޮވައިލެއްވުމެވެ. އެއީ ތިމަންކަލޭގެފާނުގެ މަގެވެ. ﷲގެ މަގަށް ޢިލްމާއި ބަޞީރަތާއި އެކު ގޮވައިލެއްވުމެވެ. އަދި ތިމަންކަލޭގެފާނަށް އީމާންވެ، އަދި ތިމަންކަލޭގެފާނު (ގެންނެވި ތަކެތި) ތެދުކުރައްވާ ބޭކަލުން ގޮވައިލައްވަނީ އެގޮތަށެވެ. އަދި ﷲ އަށް ޝަރީކު ކުރުމުން (އެކަލާނގެއަށް ކުރެވޭ ޝިރުކުތަކުން) އެކަލާނގެ ހުސްތާޙިރު ކުރުމާ އަދި މުޝްރިކުންގެ ކިބައިން ބަރީޢަވުމެވެ.

– މި އާޔަތް މިބާބާއި މުނާސިބުވާ ގޮތް: ﷲ ގެ މަގަށް ޢިލްމާއި ބަޞީރަތާއި (ޙުއްޖަތާއި) އެކު ދަޢުވަތު ދިނުމަކީ ރަސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނަށް ތަބަޢިވި ބޭކަލުންގެ މަގެވެ. ފަހެ އަހަރުމެންގެ މައްޗަށްވަނީ ﷲ ގެ މަގަށް ދަޢުވަތު ދިނުމުގައި އެފަދައިން ކަންތައްތައް ކުރުމެވެ. އެއީ އެކަލޭގެފާނަށް ތަބަޢަވާ މީހުންނަށް ވުމަށްޓަކައެވެ.

– މިއާޔަތުން ލިބޭ ފައިދާތައް:

 (1)ހަމަކަށަވަރުން ﷲ އެއްކައުވަންތަ ކުރުމަށް ދަޢުވަތު ދިނުމަކީ ރަސޫލާ صلى الله عليه وسلم އަށް ތަބަޢަވި މީހުންގެ މަގެވެ.

(2) ﷲ ގެ މަގަށް ދަޢުވަތު ދިނުމުގައި އިޙްލާޞްތެރިކަމަށް ހުޝިޔާރުކުރުވުން. (އެހެނީ އާޔަތުން އެގޮތަށް ދަލީލުކުރެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. (أَدْعُو إِلَى اللَّهِ) މާނައީ: “ތިމަންކަލޭގެފާނު މިގޮވައިލައްވަނީ ﷲގެ މަގަށެވެ.” އެބަހީ: ﷲ އަށްޓަކައެވެ. އެހެން ފަރާތެއްގެ ރުހުމަށްޓަކައެއް ނޫނެވެ. والله أعلم )

(3) ހަމަކަށަވަރުން ބަޞީރަތަކީ ޢިލްމާއި އެކު ދަޢުވަތު ދިނުމެވެ. ޢިލްމާއެކު ﷲ ގެ މަގަށް ދަޢުވަތު ދިނުމަކީ ދާޢީއެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. (އެހެނީ ﷲ ގެ މަގަށް ދަޢުވަތުދޭ ދާޢީއެއްގެ ކިބައިގައި އެކަމުގެ ޢިލްމު ހުންނަން ޖެހޭނެއެވެ.)

(4) މުސްލިމުން މުޝްރިކުންގެ ކިބައިން ދުރުވެގެންވުން. އެއީ ޝިރުކު ނުކުރިކަމުގައިވީ ނަމަވެސް އެބައިމީހުންގެ ތެރެއިން ވެދާނެތީއެވެ.

(ނޯޓް: އިސްލާމްދީނުގައި ބައެއް ކަންތައްތައް ކާފިރުންނާއެކު ކުރުން ހުއްދަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އެބައިމީހުންނާއެކު މުޢާހަދާވުމާއި، ވިޔަފާރި ކުރުމާއި، އަހުލު ކިތާބީންގެ (ޔަހޫދީންނާއި ނަޞާރާއިންގެ) ޢިއްފަތްތެރި އަންހެނުންނާ ކައިވެނި ކުރުމާއި އަހުލު ކިތާބީން ކަތިލާ ތަކެތި ކެއުން ހުއްދަވުމާއި، ކާފިރު މަންމަ އާއި ބައްޕައަށް އޯގާތެރިކޮށް ހިތުންފަދަ ކަންތައްތައް ހިމެނެއެވެ. (ކާފިރު މައިންބަފައިންނަށް އޯގާތެރިކޮށް ހިތަނީ އިޙްސާންތެރިވުމުގެ ގޮތުންނެވެ. ދީނީ ގޮތުން އެބައިމީހުންދެކެ ވާ ލޯބީގެ ސަބަބުން ނެތް ނޫނެވެ.)

އަދި ބައެއް ކަންތައްތައް އިސްލާމްދީނުގައި މަނާ ކުރައްވާފައިވެއެވެ. އޭގެ ތެރޭގައި އެބައިމީހުންގެ ދީނަށް ލޯބިވާ ޙާލު މުސްލިމުންގެ މައްޗަށް އެބައިމީހުންނަށް(ކާފިރުންނަށް) އެހީވުމާއި، އެބައިމީހުންގެ ދީނަށްޓަކައި އެބައިމީހުންދެކެ ލޯބިވުމާއި، އެބައިމީހުންނަށާއި އެބައިމީހުންގެ ދީނަށް މަދަޙަ އާއި ޘަނާ ކިޔުންފަދަ ކަންތައްތައް ހިމެނެއެވެ. والله أعلم(

 

*  *  *  *

 

–އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ) –

 

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

 

މިލިޔުމުގެ އެހެނިހެން ބައިތައް