[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުޅަނގުގެ ޤައުމުތަކުން ދައުވާ ކުރާ އިންސާނީ ޙައްޤުތައް

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

“އިންސާނީ ޙައްޤުތައް” މި އިބާރާތަކީ މި ޒަމާނުގައި ވަރަށް ގިނަ ފަރާތްތަކުން ބޭނުންކުރާ އިބާރަތެކެވެ. ވަކިވަކި ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތަކުން އެކަމަކަށް ތާއީދުކޮށް، ގޮވާލާ އަދި އެކަމަކަށް ދައުވާ ކުރަމުން އަންނަ ކަމެކެވެ. އެއީ އިންސާނަކަށް ވީތީ ކޮންމެ އިންސާނަކަށް ވެސް ލިބެންޖެހޭ ޙައްޤުތަކެއް ކަމުގައި ބުނެވެއެވެ. ނަމަވެސް، ހުޅަނގުގެ ގައުމުތަކުން ތަޢާރަފު ކޮށްގެން މި އުޅޭ އިންސާނީ ޙައްޤުތަކާއި މެދު ފުންކޮށް ވިސްނާލެއްވީ ކިތައް ބޭފުޅުން ހެއްޔެވެ؟ ވިހިވަނަ ގަރުނުގެ މެދުތެރޭ އެކުލަވައިލެވުނު މި ޙައްޤުތަކާ އިސްލާމް ދީނާ ހުރީ ކިހާވަރެއްގެ ގުޅުމެއް ހެއްޔެވެ؟ އެ ޙައްޤުތައް އެކުލަވާލެވިފައިވަނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ހެއްޔެވެ؟ ހުޅަނގުގެ މި ޙައްޤުތަކަށް މުސްލިމުން އެއްބަސްވާން ޖެހޭ ހެއްޔެވެ؟

ޝައްކެއްވެސް ނެތް ގޮތުގައި އަނިޔާ ލިބިފައިވާ މީހުންނަށް ނަޞްރުދީ، ޖަލުތަކާއި މީހުން ބަންދުކުރާ މަރުކަޒުތަކުގައި މީހުންނަށް އަދަބު ދިނުމަށް ހިންގޭ އިންސާނީ ކަރާމާތާއި ފުށުއަރާ ލާއިންސާނީ ކަންކަން ހުއްޓުވަން ޖެހޭނެއެވެ. އެއީ ކުރަންޖެހޭ ރަނގަޅު މުހިންމު ކަންކަމެވެ. ނަމަވެސް ހުޅަނގާއި ޔޫރަޕުން އިންސާނީ ހައްޤުތަކައް ގޮވާލާ ޖަމާޢަތްތަކުން ބޭރުފުށަށް ދައްކާ މިފަދަ މަތިވެރި މަޤްޞަދުތަކާއި ރީތި މަންޒަރުތަކުގެ ދަޅައިގައި މުސްލިމުން ޖެހިގެން ނުވާނެއެވެ. އެމީހުންގެ ކެހިވެރި ރޭވުންތައް ދެނެގަނެ އެމަޅިން މުސްލިމުން ސަލާމަތްވާން ޖެހެއެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމާޢަތްތަކުން ގޮވާލާ ބައެއް ޙައްޤުތަކާއި އުސޫލުތަކުގެ ސަބަބުން އާއިލާތައް ރޫޅެން މެދުވެރި ވެއެވެ. އަދި އިސްލާމް ދީނާއި ﷲގެ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަދި އެހެން ނަބިއްޔުންނަށްވެސް ބަދުބަސް ބުނެވި ކުޑައިމީސް ކުރެވުމަށް އެތަކެއް މަގުތަކެއް ފަހިވެގެން ދެއެވެ. އަދި ޒިނޭކުރާމީހާ ރަޖަމްކުރުމާއި، މުރުތައްދުވާމީހާ ޤަތުލުކުރުމާއި، ވައްކަންކުރާމީހާގެ އަތްކެނޑުންފަދަ ޝަރީޢަތުގައި ޙައްދު ކަނޑައަޅުއްވާފައިވާ ޙުކުމްތައް ޤާއިމުކުރުމަށް އެބައިމީހުން ދެކޮޅުހަދައެވެ. އެ ޙުކުމްތައް ސާބިތުކުރެވި ތަންފީޒުކުރަން ޖެހެނީ ނިކަން މަދުންކަމަށް ވުމާއެކުވެސް މެއެވެ. އަދި ޝަރީޢަތުގައި އަންހެނުންނާމެދު އައިސްފައިވާ ޙުކުމްތަކަށް ވެސް މިފަދަ ޖަމާޢަތްތަކުން ދެކޮޅުހަދައެވެ. އެގޮތުން ކައިވެނީގައި ވަލީވެރިޔާގެ ހުއްދަހޯދަންޖެހުމާއި، ޙިޖާބުވުމަށް އަމުރުކުރައްވާފައިވުމާއި، އަންހެނުންނާއި ފިރިހެނުން މަސްހުނިވުން ނަހީކުރައްވާފައިވުމާ އަދި މިނޫންވެސް މިފަދަ ކަންކަމުގައެވެ. އެބައިމީހުން ބޭނުންވަނީ ޝަރުޢީ ތަކުލީފުތަކުން މީހުން އެއްކިބާކޮށް، ރިވެތި އަޚްލާޤާއި ސުލޫކީ މިންގަނޑެއްގެ އަދި ޝަރުޢީ ޙުކުމްތަކެއްގެ ހުރަހެއް ނެތި، އެމީހަކު ބޭނުންގޮތަކަށް އުޅުމުގެ މިނިވަންކަން ދިނުމެވެ.

ޖުމުލަ ގޮތެއްގައި ބުނަނީ ނަމަ އިންސާނީ ޙައްޤުތަކުގެ ނަމުގައި މި ޖަމާޢަތްތަކުން ގޮވާލަނީ، ކޮންމެ މީހަކަށްވެސް އެ މީހަކު ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމުގެ މިނިވަންކަން އޮންނަށް ވާނޭ ކަމަށެވެ. އެއީ އާންމު ޤަބޫލުކުރުމާއި ޝަރުޢީ ނިޒާމާ ކިތަންމެ ޚިލާފު ދެކޮޅު ކަމެއް ކަމުގައިވިޔަސް މެއެވެ. އެބައިމީހުން އެއްޖިންސުން ގުޅުން ހިންގުމަށާއި ދީން ޤަބޫލު ނުކުރުމުގެ ވިސްނުމަށް ތާއީދު ކުރެއެވެ. ދީނެއް ޤަބޫލު ނުކުރުމާއި އެއްވެސް ޖެހިލުމެއް އަދި ލަދުވެތިކަމެއް ނެތި (އެއީ ﷲ ގެ ރަސޫލުންނާއި ނަބިއްޔުންނާއި މެދު ކަމުގައި ވިޔަސް) އެ މީހެއްގެ ހިޔާލު ފާޅުކުރުމަކީވެސް އިންސާނީ ޙައްޤެއް ކަމުގައި މިބައިމީހުން ދައުވާ ކުރެއެވެ. އަދި އަންހެނުން އެ މީހުންގެ ބަފައިންނާއި ފިރިންގެ ބެލެނިވެރިކަމުން އަދި އެންމެހާ ދީނީ ޙުކުމްތަކުން މިނިވަންވުމަށް މިބައިމީހުން ގޮވާލައެވެ.

މިގޮތުން، އދ. އިން 1948 ވަނަ އަހަރު ފާސްކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ އާންމު ޤަރާރުގެ ބައެއް މާއްދާތައް މިތާ ނަކަލު ކޮށްލަމެވެ. މި މާއްދާތައް މި ނަކަލު ކޮށްލަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ނެރެފައިވާ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އަތްމަތީ ފޮތުގައި ވާގޮތަށެވެ.

  • މާއްދާ 2 (ތަފާތު ކުރުމެއްނެތި ޙައްޤުތައް ލިބިގަތުމުގެ މިނިވަންކަން)

ހަމަ ކޮންމެ މީހަކަށްމެ، މިޤަރާރުގައި ބަޔާންކޮށްފައިވާ ހުރިހާ ޙައްޤުތަކަކާއި މިނިވަންކަމުގެ މިންގަނޑުތަކެއް ހޯދުމާއި، ލިބިގަތުމުގެ ޙައްޤު ލިބިގެންވެއެވެ. އެ ޙައްޤުތަކާއި އެމިންގަނޑުތައް ލިބިދެނީ، ނަސްލާއި، ކުލައާއި، ޖިންސާއި، ބަހާއި، ދީނާއި، ސިޔާސީގޮތުން ނުވަތަ އެހެންވެސް ކަމަކާ ގުޅޭގޮތުން ވިސްނުން ގެންގުޅޭ ގޮތާއި، ވަކި ޤައުމަކަށް ނުވަތަ މުޖުތަމަޢަކަށް ނިސްބަތްވުމާއި، މުދާ ލިބިހުރުމާއި، އުފަންވީ ޢާއިލާއެއްގެ ސަބަބުން ޤަދަރުވެރިވުމާއި، އެހެންވެސް ސަބަބަކާ ހުރެ ޤަދަރުވެރިވުންފަދަ، އެއްވެސް ބާވަތެއްގެ މިންގަނޑަކުން ތަފާތު ކުރުމެއް ނެތިއެވެ.

  • މާއްދާ 18 (ޢަޤީދާ އާއި ދީނީ މިނިވަންކަން (ރިޒަވޭޝަން))

ހަމަ ކޮންމެ މީހަކަށްމެ، އެމީހަކު ޤަބޫލުކުރަން ބޭނުންވާ ގޮތަކަށް ކަންކަން ޤަބޫލު ކުރުމާއި، އެމީހެއްގެ ހެޔޮ ވިސްނުމަށް ފެންނަ ގޮތަކަށް ކަންކަން ވިސްނުމާއި، އެމީހަކު ތަބާވާން ބޭނުންވި ދީނަކަށް ތަބާވުމުގެ މިނިވަންކަމުގެ ޙައްޤު ލިބިގެންވެއެވެ. މިޙައްޤުގެ މާނައިގައި، މީހަކަށް އެމީހެއްގެ ދީން ބަދަލުކުރުމުގެ ޙައްޤާއި، ސިއްރުން ނުވަތަ ފާޅުގައި، ތިމާ އެކަނި ނުވަތަ ބަޔަކާއި އެކުގައި، އެހެން މީހުނަށް އެ ދީން އަންގައިދީގެން ނުވަތަ ދީނުގައިވާ ގޮތަށް އުޅެގެން، ނުވަތަ އަޅުކަން ކޮށްގެން، ނުވަތަ ދީނުގައިވާ ހަމަތަކަށް ތަބާވެގެން، އޭނާގެ ދީން ހާމަކުރުމުގެ ޙައްޤު ހިމެނެއެވެ.

  • މާއްދާ 19 (ޚިޔާލު ފައުޅުކުރުމާއި މަޢުލޫމާތުގެ މިނިވަންކަން)

ހަމަ ކޮންމެ މީހަކަށްމެ، އެމީހަކު ދެކެން ބޭނުންވާ ގޮތަކަށް ދުށުމާއި، އެމީހަކު ހާމަކުރަން ބޭނުންވާ ކަމެއް ހާމަކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. މިޙައްޤުގެ މާނައިގައި، އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، ވަކި ގޮތަކަށް ވިސްނުން ގެންގުޅުމާއި، އެއްވެސް ކަހަލަ އިމެއް ހުރަހެއް ނެތި، އަދި ކޮންމެ ފަދަ ވަސީލަތެއް ބޭނުންކޮށްގެން ނަމަވެސް، އެކިއެކި މަޢުލޫމާތާއި އެކިއެކި ޚިޔާލު ހޯދުމާއި، ލިބިގަތުމާއި، އެކަންކަން ފާޅުކޮށް އަންގައިދިނުމުގެ މިނިވަންކަން ހިމެނެއެވެ.

އެ މީހެއްގެ ދީނީ ޤަބޫލުކުރުމަށް ބެލުމެއް ނެތި އެންމެނަށް ހަމަހަމައަށް މިނިވަންކަމާއި ޙައްޤުތައް ލިބެން ޖެހޭނެކަމަށް މިބައިމީހުން ގޮވާލާ ގޮވާލުންތަކީ  ﷲ އެއްކައުވަންތަ ކުރާ އަޅުތަކުންނާއި އެ އިލާހަށް ޝިރުކު ކުރާ މުޝްރިކުންނަށް އެއްހަމައެއްގައި އެއް ޙައްޤުތަކަކާއި މިނިވަންކަމެއް ލިބުމަށް ކުރެވޭ ދައުވާއެކެވެ. އަދި ﷲ ގެ އަޅުތަކުންނާއި ޝައިޠާނާއަށް އަޅުވެތިވާ މީހުން މި މިން ކުރެވެނީ އެއް ދަރަޖައެއްގައެވެ. އަދި ހިލައަށާއި ބުދުތަކަށް އަދި މީހުންނަށް އަޅުކަންކުރާ ކޮންމެ މީހަކަށް އެ މީހެއްގެ ކުފުރު ފާޅުކޮށް އުޅުމުގެ ފުރިހަމަ މިނިވަންކަން ދެވެއެވެ. މިއީ، މި ދުނިޔޭގައާއި އާޚިރަތުގައިވެސް ﷲ ގެ ޝަރީޢަތާއި ޚިލާފު އުސޫލެކެވެ.

 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ [٣٥] مَا لَكُمْ كَيْفَ تَحْكُمُونَ [٣٦]﴾  [سورة القلم: 35,36]

މާނައީ: “ފަހެ ތިމަންއިލާހު (ކިޔަމަންތެރި) މުސްލިމުން (ކާފަރުވި) ކުށްވެރުންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟ ތިޔަބައިމީނަށް ތިޔަތިބީ ކިހިނެއްވެފައި ހެއްޔެވެ؟ ތިޔަބައިމީހުން ތިޔަ ޙުކުމް ކުރަނީ ކޮންފަދައަކުން ހެއްޔެވެ؟”

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ﴾ [سورة ص: 28]

މާނައީ: “ނުވަތަ ބިމުގައި ފަސާދައުފައްދާ މީހުންނެކޭ އެއްފަދައިން، ތިމަންއިލާހަށް، އީމާންވެ ޞާލިޙު ޢަމަލުތައް ކުޅަމީހުން ލައްވާނެ ހެއްޔެވެ؟ ނުވަތަ ކާފަރުވި މީހުންނެކޭ އެފަދައިން، ތިމަންއިލާހު ތަޤުވާވެރިން ލައްވާނެ ހެއްޔެވެ؟”

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿أَفَمَن كَانَ مُؤْمِنًا كَمَن كَانَ فَاسِقًا ۚ لَّا يَسْتَوُونَ﴾ [سورة السجدة: 18]

މާނައީ: “ފަހެ، މުއުމިނަކު ކަމުގައިވާ މީހާއާއި (އުރެދޭ) ފާސިޤަކު ކަމުގައިވާ މީހާ އެއްފަދަ ހެއްޔެވެ؟ އެ ދެބައިމީހުން އެއްވަރެއް ނުވާނެތެވެ.”

 

ޙައްޤުތަކުގެ ނަމުގައި މި ގޮވާލެވޭ ގޮވާލުންތަކަކީ ޝަރުޢީ ޙުކުމްތައް ނެތިކޮށްލުމަށް ގޮވާލާ ގޮވާލުންތަކެކެވެ. އަދި ކުފުރުގެ ޝިޢާރުތަކާއި ދީނެއް ޤަބޫލު ނުކުރުމުގެ ވިސްނުން ފެތުރުމަށް ކުރެވޭ މަސައްކަތެކެވެ. އަދި ހަމަ އެހެންމެ އިސްލާމް ދީނާއި ﷲގެ ރަސޫލާ صلى الله عليه وسلم އަށް ބަދުބަސް ބުނުމަށް ބޭނުންވާ އެންމެންނަށް ހުޅުވާލެވޭ ދޮރުތަކެކެވެ. އަދި އެއްވެސް ޙައްދެއް އިމެއް ނެތި ބޭނުން ގޮތަކަށް ބޭނުން ވާހަކައެއް ދެއްކުމުގެ މިނިވަންކަމަށް ކުރެވޭ ދައުވާއެކެވެ.

ފާހަގަ ކޮށްލަންޖެހޭ ނުކުތާއަކީ، ދިވެހި ރާއްޖެއިން އދ ގެ އިންސާނީ ޙައްޤުތަކުގެ މުޢާޙަދާގައި ސޮއިކޮށްފައި ވީނަމަވެސް މިއަދާ ހަމައަށްވެސް ދީނީ މިނިވަންކަމުގެ މާއްދާއަށް ރާއްޖޭގައި އަމަލު ނުކުރާގޮތަށް ހަމަޖައްސައިފައި އޮތް ކަމެވެ. ނަމަވެސް ހިތާމައަކީ އަދުގެ ރާއްޖޭގެ މުޖުތަމަޢުގައި މި ޙައްޤަށް ވެސް ގޮވާލާ ބަޔަކު މަދުން ނަމަވެސް އުޅޭ ކަމެވެ. ރަސްމީ ސިފައެއްގައި އެފަދަ މާއްދާތަކަށް އަމަލު ނުކުރާކަމުގައި ވިޔަސް އޭގެ ނޭދެވޭ އަސަރު މި މުޖުތަމަޢުން މި ދަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ.

އިންސާނީ ޙައްޤުތަކުގެ ނަމުގައި ގެންގުޅޭ މިފަދަ އުޞޫލުތަކަކީ ފާސިދު ފިތުނަވެރި އުޞޫލުތަކެވެ. އެބައިމީހުންގެ ދިރިއުޅުމާއި ޤަބޫލުކުރުންތަކާއި ދީނާ މިފަދަ އުޞޫލުތައް މުނާސަބުކަމުގައި ވީނަމަވެސް، މި އުޞޫލުތަކަށް ތަބާވުމަކީ އަޅުގަނޑުމެން މުސްލިމުންނާ މުނާސަބު ކަމެއް ނޫނެވެ. މިއީ އިސްލާމީ ޠާހިރު ޝަރީޢަތާ ޚިލާފު ކަންކަމެވެ. އިސްލާމްދީން ގެނެސް ދީފައިވަނީ ފަރުދީ އަދި އިޖުތިމާޢީ ޙަޔާތް އިޞްލާޙު ކުރުވާނޭ ޝަރީޢަތެކެވެ. ރިވެތި އަޚްލާޤާއި ޙުލްޤު ދަސްކޮށްދީ، އިންސާނާގެ ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ޤާއިމުކޮށްދޭނެ ޝަރީޢަތެކެވެ. ﷲ ތަޢާލާ ރުއްސަވާ ދީނާއި މަގު އުނގަންނައިދޭ ޝަރީޢަތެވެ.

  • މާއްދާ 3 (ދިރިހުރުމާއި ސަލާމަތްކަން ލިބިގަތުމުގެ ޙައްޤު)

ހަމަ ކޮންމެ މީހަކަށްމެ ދިރިހުރުމުގެ ޙައްޤާއި، މިނިވަންކަމުގެ ޙައްޤާއި، ތިމާގެ ހަށިގަނޑާއި ނަފްސުގެ ރައްކާތެރިކަމުގެ ޙައްޤު ލިބިގެންވެއެވެ.

އިންސާނީ ޙައްޤުތަކަށް ގޮވާލާ ޖަމާޢަތްތައް މުޖުރިމުންގެ ދިފާޢުގައި ނުކުންނަނީ މި މާއްދާގެ ދަށުންނެވެ. އަދި ޒިނޭ ކުރާ މުޙުސިނުން ރަޖަމް ކުރުމާއި ވަގުންގެ އަތްކެނޑުން ފަދަ ﷲ ކަނޑައަޅުއްވައިފައިވާ ޙައްދުތައް ޤާއިމުކުރާ ޤައުމުތައް ކުށްވެރިކޮށް އެއީ “ލާއިންސާނީ” އަމަލުތަކެއް ކަމުގައި ނަން ކުރަން ފެށިއެވެ. މިއަދު އެތަކެއް ޤައުމުތަކަކުން މީހުން މަރާ މީހުންނަށާއި މީހުން ރޭޕް ކުރާ މީހުނަށް މަރުގެ އަދަބު ދިނުން ހުއްޓުވާލާފައިވާ ކަމަށް ބުނެ މިބައިމީހުން އެކަމަށް ފަޚުރުވެރިވެއެވެ. މިއީ އިންސާނީ ފިތުރަތާއި ހަމަވިސްނުމާއި އިސްލާމީ ޝަރީޢަތާވެސް ޚިލާފުވާ އުޞޫލެކެވެ. އަދި މި ފަދަ ބޮޑެތި ކުށްތައްކުރާ މުޖުރިމުންނަށް، އެމީހުންގެ އަމަލުތަކުގެ ސަބަބުން އެ މީހުންގެ ޙަޔާތް ގެއްލިގެން ނުދާނެ ކަމަށް ދެވޭ ޔަޤީންކަމެކެވެ. އެގޮތުން ބިމުގައި ފަސާދަ އުފެދި ފެތުރުމަށް ހުޅުވޭ މަގެކެވެ.

މިފަދަ ޙައްޤުތަކަށް ދަޢުވާކުރާ ޖަމާޢަތްތަކުގެ ދަޢުވާ އަކީ ކޮންމެ ފަރުދަކަށްވެސް ދިރިހުރުމާއި މިނިވަންކަމުގެ ޙައްޤު ލިބެންޖެހޭނެ ކަމެވެ. އެއީ ކިތަންމެ އަނިޔާވެރި ފަރުދެއް ކަމުގައި ވީނަމަވެސްމެއެވެ. އަދި އެ ފަރުދެއްގެ މިނިވަންކަމުގެ ސަބަބުން މުޖުތަމަޢުގައި ފަސާދައާއި ބަލިމަޑުކަން ފެތުރި މުޖުތަމަޢުގެ ސަލާމަތައް ނުރައްކާވި ކަމުގައި ވީނަމަވެސްމެއެވެ.

  • މާއްދާ 16 (ކައިވެނި ކުރުމާއި ޢާއިލާ ބިނާކުރުމުގެ ޙައްޤު)

ކައިވެނި ކުރުމުގެ ޢުމުރަށް އަޅާފައިވާ ކޮންމެ ފިރިހެނަކަށާއި އަންހެނަކަށް، ނަސްލަށް ނުވަތަ ޤައުމަށް ނުވަތަ ދީނަށް ބިނާކޮށް އެއްވެސް ހުރަހެއް ކުރިމަތިވުމެއް ނެތި، ކައިވެނި ކުރުމާއި، ޢާއިލާއެއް ބިނާ ކުރުމުގެ ޙައްޤު ލިބިގެންވެއެވެ. ކައިވެނި ކުރުމުގަޔާއި، ކައިވެނީގައި ދެމިތިބުމުގަޔާއި، އެކައިވެނި ރޫޅާލުމުގައި، އެމީހުނަށް ހަމަހަމަ ޙައްޤުތަކެއް ލިބިގެން ވެއެވެ.

މި މާއްދާއިން އަންހެނާގެ ވަލީވެރިޔާގެ ދައުރު ނަފީކުރެއެވެ. އިސްލާމްދީނުގައި ވަލީވެރިޔާއަށް ވަކި ބާރުތަކެއް ދީފައިވަނީ އަންހެނާގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައެވެ. ތިމާގެ އަންހެން ދަރީންނާއި އުޚުތުންނަށް ކައިވެނި ކުރުމުގައި ހެޔޮލަފާ ބައިވެރިޔަކު އިޚްތިޔާރު ކުރުމުގައި އެހީތެރިވެ ދިނުމަށްޓަކައެވެ. ކައިވެންޏަށް ހުށައެޅޭ ބައިވެރިޔާގެ ދީންވެރިކަމާއި އަޚްލާޤު ބަލާ ސުވާލުކުރުމަށްޓަކައެވެ. މިކަން މި ގޮތަށް ޝަރުޢު ވެގެންވަނީ ﷲ ގެ ޙިކްމަތްތެރި ކަމުންނެވެ. ވަލީއާ ނުލާ، ކައިވެނި ކުރުން އަންހެން މީހާއަށް އެއްކޮށް ދޫކޮށްލެވިފައިވާނަމަ ގިނަ އަންހެން ކުދިން، ހަމައެކަނި އެކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުމަށް ދަހިވެތިވެފައިވާ މަކަރުވެރި ހީލަތްތެރި ފިރިހެނުންގެ އަވައިގައިޖެހި އެފަދަ ފިރިހެނުންނާ ކައިވެނި ކުރާތަން ފެނުނީހެވެ. އަދި އެ އަންހެން ކުދިން ބިކަވެ ހާލުގައި ޖެހުން ގާތެވެ.

ހުޅަނގުގެ އިންސާނީ ޙައްޤުތަކަށް ގޮވާލާ ޖަމާޢަތްތަކުން ފިރިންނެކޭ އެއްވަރަށް އަނބިމީހާއަށް ވެސް ވަރިކުރުމުގެ ޙައްޤު ދެއެވެ. މިއީ އަނބިން އެބައިމީހުންގެ ފިރިންނާ ދެކޮޅުވެރިވެ ޢާއިލާ ރޫޅުމަށް މެދުވެރިވާ ސަބަބެއް ކަމުގައި ވެދާނެއެވެ. ފިރިހެނުންނާއި އަންހެނުންގެ ޠަބިއްޔަތު ދަންނަ ބަޔަކަށް މިފަދަ އުޞޫލަކަށް އެއްބަސް ނުވެވޭނެކަން ކަށަވަރެވެ. ޙައްޤުތަކަށް ވަކާލާތު ކުރާ އަހުލުވެރިން އެއްޖިންސުން ގުޅުން ހިންގުމުގެ ޙައްޤާއި އަންހެނުން ބޭނުންވާ ކޮންމެ ފަދަ ގުޅުމެއްވެސް ޤާއިމު ކުރުމާއި ކައިވެންޏާއި ވަރީގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަ ޙައްޤުތައް ލިބުމަށް ގޮވާލާ އިރު، މި ފަދަ ހަމަ ނުޖެހޭ އުޞޫލުތަކެއްގެ މަތީ ޢާއިލާއެއް ބިނާ ކުރާނީ ކިހިނަކުން ހެއްޔެވެ؟

މިފަދަ ޖަމާޢަތްތައް އާންމު ގޮތެއްގައި ބޭނުން ކުރެވެނީ ސިޔާސީ މަޤްޞަދަކަށް، އިސްލާމީ އުސޫލުތަކާއި ސުލޫކު ދެމެހެއްޓުމަށް މަސައްކަތްކުރާ ނުވަތަ އިސްލާމީ ޝަރީޢަތް ގާއިމު ކުރާ އިސްލާމީ ދައުލަތްތަކަށް ނުފޫޒު ފޯރުވުމަށްކަންވެސް ފާހަގަ ކޮށްލަން ޖެހެއެވެ. މި ފަދަ ނުފޫޒުތަކުގެ ސަބަބުން ބައެއް މުސްލިމް ޤައުމުތަކުން ވަނީ މަރުގެ ޙުކުމް ހުއްޓާލާފައެވެ. އަދި ކައިވެނީގެ ޤާނޫނުތައް ހަރުކަށިކޮށް ދަތިކޮށްފައެވެ. މިފަދަ ކަންކަމުން ދިރިއުޅުމަށް ފަސާދައާއި ގެއްލުން ވަނީ އެކި ގޮތްގޮތުން ކުރިމަތި ވެފައެވެ.

ދިވެހިރާއްޖޭގެ ހާލަތު އޮތީ ކިހާ ހިސާބެއްގައިތޯ ބައްލަވާލައްވަމާ ހިންގަވާށެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގައި، އިންސާނީ ޙައްޤު މާނަކޮށްފައިވަނީ ތިރީގައި ބަޔާން ކޮށްފައިވާ ގޮތަށެވެ.


“އިންސާނީ ޙައްޤު ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ލިބިދޭ އަސާސީ ޙައްޤުތަކަށާއި، ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި އަމަލުކުރަންޖެހޭ މުޢާހަދާތަކާއި، ޤަރާރުތަކުގައި ކަނޑައަޅާފައިވާ ޙައްޤުތަކުގެ ތެރެއިން، އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާ ޙައްޤުތަކަށެވެ.”


ކަޅު ދެލީން ލިޔެވިފައި އޮތީ މިފަދައިންނެވެ. ނަމަވެސް އަދުގެ މުޖުތަމަޢުން ފެނިގެން ދަނީ ދިމާ އިދިކޮޅު މަންޒަރުތަކެކެވެ. ކޮންމެ ކަމެއްގައިވެސް ޙައްދެއް ނެތް މިނިވަންކަމަށް ގޮވާލާ މަންޒަރެވެ. ދިނީ އުޞޫލެއް މިންގަނޑެއް ނެތި އެ ބަޔަކު ބޭނުން ކޮންމެ ޝުޢޫރެއްވެސް ހާމަކޮށް ފާޅުކުރާ މަންޒަރެވެ. ޙައްޤުތަކުގެ ނިވާފަތްކަނޑުގައި ތިބެ ދީނަށް ފުރައްސާރަ ކުރާ މަންޒަރެވެ. ދީނުގެ ޙުކުމްތަކަށް ގޮންޖަހާ އެއާއި ދެކޮޅަށް ބަހުސްކޮށް ބަސްބުނާ މަންޒަރެވެ. ކުށްވެރިންގެ ޙައްޤުތައް ހިމާޔާތްކުރުމުގައި އެ ކުށްވެރިންގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންގެ ޙައްޤު ގެއްލިގެންދާ މަންޒަރެވެ. އަންހެނުންގެ ޙައްޤުތައް ހޯދައިދީ ބާރުވެރިކުރުމުގެ ނަމުގައި އަންހެނުންގެ ޤަދަރު ނެތިކޮށް ފަޟީޙަތް ކުރާ މަންޒަރެވެ.

ޙަޤީޤަތަކީ ހުޅަނގުގެ އިންސާނީ ޙައްޤުތަކުގެ ވިސްނުމާއި ނަޒަރިއްޔާ މި ދިވެހި މުޖުތަމަޢުގައި އަށަގަނެފައިވާކަމެވެ. އަދި އެކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި ކުރީންސުރެ އޮތް އަޚްލާޤާއި ސުލޫކު ގެއްލިގެންދާކަމެވެ. އިހުންސުރެ އޮތް އިސްލާމީ މަތިވެރި އުސޫލުތައް ނެތެމުންދާކަމެވެ. މި ފިތުނަވެރި ނަޒަރިއްޔާއާ ދެކޮޅަށް އިޞްލާހީ ފިޔަވަޅެއް މިއަދު ނާޅައިފިނަމަ، މާދަން އެކަން އިސްލާޙުކުރަން މާ ދަތިވެދާނެވެ. މުޖުތަމަޢުގައި ކަން ހިނގާ ގޮތް ބަލާ ދެނެގަންނާށެވެ. ދީނީ ޢިލްމު އުނގެނި، އުނގަންނާދޭށެވެ. ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ގަދައަށް ހިފަހައްޓާށެވެ. ކާމިޔާބާއި ފަލާޙު ލިބޭނީ އޭރުންނެވެ.


މަޞްދަރު