الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޔޯގާއަކީ ރޫޙާއި ހަށިގަނޑާ ގުޅިފައިވާ ކަސްރަތެކެވެ. ހިންދޫންނާއި ބޫޛީން (ބުއްދާއަށް ތަބާވާ މީހުން)ގެ ގާތުގައި އެކަމުގެ ބޭނުމަކީ ނަފްސު ފަނާކުރުމެވެ. އަދި އިލާހާ ގުޅުމެވެ.
އިސްލާމް ދީނަކީ ފުރިހަމަ ދީނެކެވެ. އެދީނުގައި މީސްތަކުންނަށް ބޭނުންވާނޭ ކަންތައްތައް ވަނީ އަންގަވާ ބަޔާންކުރައްވާ ފުރިހަމަކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا﴾ [سورة المائدة ٣]
މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމުދީން ތިޔަބައިމީހުންނަށް ދީނެއް ކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”
މުސްލިމުންގެ ތެރެއިން ޙައްޤު މަގުން އެއްކިބާވެގެންދާ މީހުން ޙައްޤު މަގުން ކައްސާލުމުގެ މައިގަނޑު އެއް ސަބަބަކީ އެހެނިހެން މިއްލަތްތަކުގެ މީހުންގެ ދީނީ ކަންކަމުން އަސަރުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّـهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّـهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ ۖ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ ۚ قَاتَلَهُمُ اللَّـهُ ۚ أَنَّىٰ يُؤْفَكُونَ﴾ [سورة التوبة ٣٠]
މާނައީ: “ޔަހޫދީން ބުންޏެވެ. ޢުޒައިރުގެފާނަކީ ﷲ ގެ ދަރިކަލުންނެވެ. އަދި ނަޞާރާއިން ބުންޏެވެ. އަލްމަސީޙަކީ (ޢީސާގެފާނަކީ) ﷲ ގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެބައިމީހުންގެ އަނގައިން ބުނެލާ ބަހެކެވެ. އެބައިމީހުން އެ ތަޤްލީދުކުރަނީ، އެބައިމީހުންގެ ކުރިން ކާފިރުވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. ﷲ އެބައިމީހުންނަށް ލަޢުނަތް ލައްވާހުށްޓެވެ. އެބައިމީހުން ޙައްޤުން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟”
އިސްލާމީ ދުނިޔޭގައި ކަސްރަތެއްގެ ގޮތުގައި ޔޯގާވަނީ ފެތުރެން ފަށާފައެވެ. އަދި ފަރުވާއެއްގެ ގޮތުގައިވެސް ބައެއް މީހުން އެކަން ކުރެއެވެ. އެހެނަސް ޔޯގާގައި ކުރާ ޙަރަކާތްތަކަކީ ހަމައެކަނި ކަސްރަތުތަކެއް ނޫނެވެ. އެއީ ހިންދޫންގެ އެކި އިލާހުންތަކަށް ކުއްތަންވުމުގެ ގޮތުން އެމީހުން ކޮށްއުޅޭ ޙަރަކާތްތަކެކެވެ. މި ލިޔުމުގައި މިކަމަށް އަލިއަޅުވާލާނަމެވެ. إن شاء الله.
ޔޯގާގެ މާނަ
“ޔޯގާ” (YOGA) މިލަފްޒު ނެގިފައިވަނީ ސާންސްކްރީޓު ބަހުންނެވެ. އޭގެ މާނައަކީ އަލިކަން ނުވަތަ ގުޅުމެވެ. އެއީ ހިންދޫންގެ ފަލްސަފާގެ މުހިންމު މަދަރުސާއެކެވެ. [1]
ހިންދޫންގެ މުޤައްދަސް ބަހުރުވައިގައި އޭގެ މާނައަކީ: އިލާހާ އެކުވެ، ގުޅުމެވެ.
އެބަހީ: ހަށިގަނޑާއި ބުއްދި އިލާހާ ގުޅާލުމެވެ. އޭގެ ސަބަބުން ދެނެގަތުމާއި ޙިކުމަތަށް އިންސާނާ ވާޞިލުމެވެ. އަދި އޭނާގެ ޙަޔާތާމެދު އޭނާއަށް އެނގޭ އެއްޗެއް އިތުރުވެ އޭނާގެ ފިކުރު ތަރައްޤީކުރުމެވެ. އަދި ތަޢައްޞުބާއި ވިސްނުމުގެ ދާއިރާގެ ހަނިކަމުން ދުރުހެލިކޮށްދީ ހަށިގަނޑާއި ރޫޙުގެ ކަސްރަތުގެ ޛަރިއްޔާޢިން ނަފްސަށް ދިރުން ގެނެސްދިނުމެވެ. [2]
ޔޯގާގެ އަޞްލު
ޔޯގާ އައިސްފައިވަނީ ހިންދޫންގެ ބުދަށް އަޅުކަންކުރުމުގެ ޢަޤީދާއިން ކުރިފަޅައިގެންކަމާމެދު އެއްވެސް މީހަކު ޚިލާފެއް ނުވެއެވެ. ދެން އެއަށްފަހުގައި ބޫޛީންގެ ތެރޭގައި މިކަން ފެތުރުނީއެވެ.
ހިންދޫންގެ ބައެއް މަޞްދަރުތަކުގައިވާ ގޮތުން ޔޯގާއަކީ އިލާހީ ދެއްވުމެކެވެ. އެބައިމީހުން ބުނާ ގޮތުން އެކަން އުފެއްދީ އެބައިމީހުންގެ އިލާހެއްކަމުގައިވާ ޝިވާއެވެ. ދެން އެއަށްފަހުގައި އެބައިމީހުންގެ ޤަދީމީ ޙިކުމަތްތެރިންނަށް އޭނާ އެ ދިނެވެ. އަދި ބުނެވޭ ގޮތުން އޭނާ އެއުނގަންނައިދިނީ އެމީހުންގެ ތެރެއިން މަސްބާނަން އުޅުނު މީހަކަށެވެ. އެއީ މީސްތަކުންނަށް އެކަން ފޯރުކޮށްދިނުމަށެވެ. އަދި އެބައިމީހުންގެ އެހެން ރިވާޔަތްތަކުގައިވަނީ ޔޯގާއަކީ މީސްތަކުންނަށް ޠަބީޢީ ޤާނޫނުތަކުން ކުރުވި އަޘަރެއްގެ ބޮޑުކަމުން އެބައިމީހުން ޤާނޫނުތަކެއްގެ ޛަރީޢާއިން ފުރިހަމަކަމަށް ވާޞިލުވުމަށް ކުރި މަސައްކަތުގެ ސަބަބުން އުފަންވީ އެއްޗެއްކަމުގައެވެ. [3]
____________________________________________
[1] ބައްލަވާ: معجم ديانات وأساطير العالم (3 / 474).
[2] اليوجا والتنفس لمحمد عبد الفتاح فهيم (ص: 19).
[3] ބައްލަވާ: اليوجا والتأمل رياضة أم عبادة لد. سالم حمزة أمين مدني (ص: 130 – 131).