ޔޯގާގެ 8 އަސާސް (LIMBS)
ޔޯގާގެ ފަލްސަފާގައިވާ ގޮތުން ޔޯގާއަކީ ހަމައެކަނި ޙަރަކާތްތަކެއް ނުވަތަ ކަސްރަތުތަކެއް ނޫނެވެ. އެއީ ހަމައެކަނި ކަސްރަތެއްކަމުގައި ބައެއް މީހުން ދެކުނަސް އެއީ ކުށްހީއެކެވެ. އެހެނަސް އެއީ އަޅުކަމާ ގުޅިފައިވާ ޞޫފިއްޔަތުގެ ދިރިއުޅުމުގެ ނިޒާމެކެވެ. އެބައިމީހުން އޭގައި ގޮވާލަނީ އޭގެ 8 އަސާސަށް ތަބާވުމަށެވެ.
އެ 8 އަސާސަކީ:
ފުރަތަމަ އަސާސް – ޔާމާ :(yama) އޭގައިވަނީ ފަސް ވަޞިއްޔަތެވެ. އެއީ ބާރުގެ ބޭނުން ނުކުރުމާއި، ތެދުވެރިކަމާއި، ވައްކަންނުކުރުމާއި، ޢިއްފަތްތެރިވުމާ އަދި އެހެންމީހުންގެ ކިބައިގައިވާ އެއްޗަކަށް ނޭދުމެވެ.
ދެވަނަ އަސާސް – ނިޔާމާ :(niyama) މިއީ ޝަޚްޞީ ފަސް ނިޒާމެވެ. އެއީ ޠަހާރަތާއި ރުހުމާއި ޢަޒުމުވަރުގަދަކުރުމާއި ދިރާސާކުރުމާ އަދި އިޚްލާޞެވެ.
ތިންވަނަ އަސާސް – އަސާނާ :(asana) މިއީ ކަސްރަތާއި ޙަރަކާތްތައްކުރުމެވެ. މިލިޔުމުގައި މިކަމުގެ އިތުރު ތަފްޞީލުތަކަކަށް އަލިއަޅުވާލާނަމެވެ. – إن شاء الله –
ހަތަރުވަނަ އަސާސް – ޕްރަންޔާމާ :(pranyama) މިއީ ނަފްސު ހިފެހެއްޓުމެވެ.
ފަސްވަނަ އަސާސް – ޕްރަތުޔަހަރާ :(pratyahara) މިއީ ބޭރުފުށުގެ ދުނިޔެއާ ގުޅުން ކަނޑާލުމެވެ.
ހަވަނަ އަސާސް – ދާރްމާ :(dharma) މިއީ ވަކި ކަމަކަށް ސިކުނޑިން ފޯކަސްކުރުމަށް ކިޔާ ނަމެކެވެ.
ހަތްވަނަ އަސާސް – ދިޔަންނާ :(dhyana) މިއީ ވިސްނާ ފިކުރުކުރުމެވެ.
އަށްވަނަ އަސާސް – ސަމާދީ :(samadhi) މިއީ ހޭލުންތެރިވުމެވެ. އެއީ އިލާހާ ގުޅުމަށްޓަކައި ހޭލުންތެރިވުމެވެ.
ޔޯގާގެ އަހުލުވެރިންގެ ގާތުގައި މި 8 އަސާސްގެ އިތުރަށް، ޔޯގާގެ އަހުލުވެރިއަކު އެމީހެއްގެ ކެއުން ވަކި ގޮތަކަށް ބަހައްޓައި، ރޯދަވެސް ހިފަން ޖެހެއެވެ. މި ރޯދައަށް ބަލާލާއިރު މިއީ ހަފްތާއަކު އެއްދުވަހު ހިފާ ރޯދައެކެވެ. އަދި ކޮންމެ ހަނދުމަހެއްގެ ދެދުވަހުގައި ހިފާ ރޯދައެކެވެ. އަދި އިހުގެ ޔޯގާގައި މިކަން އޮންނަ ގޮތަކީ މެދުނުކެނޑި އެތައް ދުވަހެއްވަންދެން ރޯދަ ހިފުމެވެ. އަދި އެބައިމީހުންގެ ތެރެއިން ބައެއް މީހުން ހައިހޫނުކަމަށް ކެތްނުކުރެވޭ ވަރަށްވެސް މިކަން ކުރިއަށް ގެންދެއެވެ. [1]
ޔޫރަޕާއި އެމެރިކާގައި ޔޯގާ ފެތުރުނު ގޮތް
ޔޯގާގެ ދެބާވަތެއް މިހާރުވެސް ދުނިޔޭގައިވެއެވެ.
- ފުރަތަމަ ބާވަތް: ރޫޙު އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް ބަދަލުވުމުން ސަލާމަތްކޮށް ދެން އެއަށްފަހު އެންމެ ބޮޑު އިލާހާ ގުޅުމަށްޓަކައި ކުރާކަމެއްގެ ގޮތުގައި އެކަން ކުރުން. މިއީ އިރުމަތީ އޭޝިޔާގައި މިހާރުވެސް ކުރަމުން އަންނަކަމެކެވެ.
- ދެވަނަ ބާވަތް: މިއީ ޞިއްޙީ އަދި ހަށިގަނޑާ ގުޅުންހުރި އަދި ނަފްސީ ގޮތަކަށް ކުރިއަށް ގެންދާ ޔޯގާއެވެ. މިއީ ހުޅަނގުގެ (ޔޫރަޕާއި އެމެރިކާގެ) ރަށްތަކުގައި މިކަންކުރަމުން އަންނަ ގޮތެވެ.
ހުޅަނގުގެ ޤައުމުތަކުގައި މިކަންކުރަމުން އަންނަ ގޮތަށް ބަލާލާއިރު މިކަން އެޙިސާބުތަކަށް ފޯރާފައިވަނީ ނަވާރަވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އެމެރިކާގައި މިކަން އެންމެ ފުރަތަމަ ތަޢާރަފުކުރީ ވިވެކަނަންޑާ (Vivekananda) އެވެ. އެއީ ހިންދީންގެ ރާހިބެއްކަމުގައިވާ ރާމާ ކްރިޝްނާއަށް ތަބާވާ މީހެކެވެ. އޭނާވަނީ ޗިކާގޯގައި (1893 މ) ގައި މިކަމާ ބެހޭ ޚިޠާބެއް ދީފައެވެ. ދެން މިކަން ބޮޑަށް ފެތުރިފައިވަނީ ވިހިވަނަ ޤަރުނުގެ 60 އާއި 70 ގެ އަހަރުތަކުގެ ތެރޭގައެވެ. އަދި ހިންދޫންގެ ޔޯގާގެ ވަރަށް ގިނަ މާހިރުން ހުޅަނގުގެ ޤައުމުތަކަށް އެދުވަސްވަރު މިކަން އުނގަންނައިދޭން ދަތުރުކުރިއެވެ. އަދި ހުޅަނގުންވެސް ވަރަށް ގިނަ މީހުން އިންޑިއާއަށް މިކަން ދަސްކުރުމަށް ދަތުރުކުރިއެވެ. މިކަން ވެގެން ދިޔައީ ޔޯގާ ފެތުރިގެން ދިޔަ ސަބަބަކަށެވެ.
ޔޯގާއޭ ބުނުމުން ގިނަ މީހުންނަށް ހީވަނީ އެއީ އަސާނާ (asana) އެކަނިކަމުގައެވެ. އެއީ އެކަމުގެ ހަށިގަނޑާ ގުޅިފައިވާ ޙަރަކާތްތަކެވެ. އެހެނަސް އެއީ ޔޯގާގެ އެންމެ ތަންކޮޅެކެވެ. އޭގެ ފަހަތުގައި ޔޯގާގެ އެހެން ކަންކަންވެސް ގުޅިގެން އާދެއެވެ.
ހުޅަނގުގެ މުޖުތަމަޢުތަކުގެ މީހުން އެއްވެސް ދީނަކަށް ތަބާވާން ބޭނުންނުވާތީ އަދި ދީނާ ގުޅުންހުރި އެއްވެސް ކަމެއްގައި ބައިވެރިވާން ބޭނުންނުވާތީ ހިންދޫންގެ ތެރެއިން ޔޯގާ ފަތުރާ މީހުންނާއި ހުޅަނގުން ޔޯގާ ދަސްކުރި މީހުން އެކަންކުރަން ފެށީ އެއީ ދީނާ ގުޅުން ނެތްކަމަކަށް ހަދައިގެންނެވެ.
ބައެއް ފަހަރު އެބައިމީހުން ބުނަނީ އެއީ ރީތިވުމަށާއި ހިކުމަށް ހުރި ރަނގަޅު ކަސްރަތެއްކަމުގައެވެ. އަދި އަނެއްބައި ފަހަރު އެއީ ޞިއްޙީ ގޮތުން ފައިދާހުރި ކަސްރަތެއްކަމުގައެވެ. އަދި ބައެއް ފަހަރު އެއީ ވިސްނާ ފިކުރުކުރުމަށް (meditate) ކުރުމަށް ރަނގަޅު އެއްޗެއްކަމުގައެވެ. އަދި އަނެއްބައި ފަހަރު އެއީ ނަފްސާނީ ގޮތުން ރަނގަޅު އެއްޗެއްކަމުގައެވެ. އޭގެ ސަބަބުން ޔޫރަޕުގައި މިކަންވަނީ ވަރަށް ފެތުރިފައެވެ.[2]
____________________________________________
[1] ބައްލަވާ: اليوجا والتأمل رياضة أم عبادة لد. سالم حمزة أمين مدني (ص: 133 – 136).
[2] ބައްލަވާ: اليوجا والتأمل رياضة أم عبادة لد. سالم حمزة أمين مدني (ص: 138 – 141).