[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުންކުރުމުގެ ޙުކުމް 3

އިސްލާމީ ދުނިޔޭގައި ޔޯގާ

ހުޅަނގުގެ ޤައުމުތަކުގައި ޔޯގާ ފެތުރުމުގައި ކާމިޔާބު ހޯދި މިންވަރަށް އިސްލާމީ ޤައުމުތަކުގައި އެކަން ކުރުމުގައި ހިންދޫންނަށް ވަނީ ކާމިޔާބު ނުވެފައެވެ. އިސްލާމީ ބައެއް ޤައުމުތަކުގައި މީސްތަކުން ދީނާ ދުރުވެފައިވިޔަސް އިސްލާމީ ޢަޤީދާގައި ހިފަހައްޓައިގެން ތިބި މީހުން އެބަ ތިއްބެވެ. އެމީހުން އެފަދަ ބަދަލަކަށް ޖާގައެއް ނުދެއެވެ. އަދި ހުޅަނގުގެ ޤައުމުތަކާ ޚިލާފަށް ރޫޙާނީ ކަންކަމުގައި އިސްލާމީ އުންމަތުގައި ހުސްކަމެއް ނުވެއެވެ. އެހެންކަމުން އިސްލާމީ ދުނިޔެއަށް ވަނުމަށް އެބައިމީހުން މަސައްކަތްކުރަނީ، އެއީ ހަށިގަނޑާއި ނަފްސަށް ހުރި ޞިއްޙީ ފަރުވާއެއް ކަމަށް ދައްކައިގެންނެވެ. [1]

 

ކަސްރަތެއްގެ ގޮތުގައި ޔޯގާ ބޭނުންކުރުމުގެ ޙުކުމް

ޔޯގާއާ ބެހޭގޮތުން އިސްލާމީ ދުނިޔޭގައި ތިން ފަތުވާއެއް ދީ އުޅެއެވެ.

ފުރަތަމަ ބަސް: އެއީ ޙަރާމްކަމެއްކަމަށް ބުނުން.

ދެވަނަ ބަސް: އެއީ ކަސްރަތަކަށްވާތީ ހުއްދަ އެއްޗެއްކަމުގައި ބުނުން.

ތިންވަނަ ބަސް: އެއިން އިސްލާމީ ޝަރީޢަތާ ޚިލާފުވާ ބައި ހުއްދަ ނޫންކަމުގައި ބުނުން. އަދި އިސްލާމީ ޝަރީޢަތާ ޚިލާފު ނުވާ ބައި ހުއްދަކަމަށް ބުނުން.

މިތިން ރައުޔަށް ބަލާލާއިރު ދެވަނަ ބަސްފުޅާއި ތިންވަނަ ބަސްފުޅު ވިދާޅުވާ ބޭފުޅުންނަށް ޔޯގާގެ ފަލްސަލާއާއި އަސާނާއާއި ވިސްނާފިކުރުކުރުން (meditation) ގެ ޙަޤީޤަތް ތަފްޞީލުކޮށް އެނގިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. [2]

ހިންދޫންނާއި ބޫޛީންގެ ގާތުގައި ޔޯގާގެ ކަސްރަތުތަކާއި ވިސްނާފިކުރުކުރުމާއި (meditation) އެމީހުން ތަޢާރަފުކުރީ އެބައިމީހުންގެ ދީނީ އަޅުކަމެއްގެ ގޮތުގައެވެ.

ޔޯގާގެ ޙަޤީޤަތާއި މަޤްޞަދުގެ އަލީގައި ޔޯގާގެ ޙުކުމް

ފުރަތަމައީ: ހިންދޫންގެ ދީނުގައި ޔޯގާއަކީ އެބައިމީހުންގެ އިލާހުންނާ ކުއްތަންވުމަށް ކުރާ އަޅުކަމެކެވެ.

ދެވަނައީ: ޔޯގާއަކީ ހަމައެކަނި އިލާހާ ގުޅެން ކުރާ ކަމެއް ނޫނެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި ޔޯގާގެ ވަކި ޙާލަތަކަށް ދިޔުމުން އެމީހާ ބޭނުންކަމެއް އެމީހަކަށް ކުރެވޭނެއެވެ. އަދި ޣައިބުގެ ކަންކަންވެސް އެފަދަ މީހުންނަށް އެނގޭނެއެވެ.

ތިންވަނައީ: އެބައިމީހުން ޤަބޫލުކުރާ ގޮތުގައި ކޮންމެ އިންސާނަކަށްވެސް އެތައް ޙަޔާތެއް ލިބިގެންވެއެވެ. އެހެންކަމުން ޔޯގާގެ އަހުލުވެރިޔާ، އޭނާގެ ކުރީގެ ޙަޔާތުގައި ކޮށްފައިވާ ކަންކަމާމެދު ހިތާމައެއް ނުކުރާނެއެވެ. މިއީ މުސްލިމުން ޤަބޫލުކުރާ، ޤިޔާމަތްދުވަހަށް އީމާންވުމުގެ ޢަޤީދާއާ ފުށުއަރާކަމެކެވެ.

ހަތަރުވަނައީ: ﷲ ނޫން ފަރާތްތަކަށް އަދާކުރެވޭ އަޅުކަންތައް ޔޯގާގައި ހިމެނެއެވެ. އެގޮތުން އެބައިމީހުންގެ ނަމާދާއި ރޯދައާއި ޛިކުރާ ދުޢާ އޭގައި ހިމެނެއެވެ.

ފަސްވަނައީ: މުސްލިމުންގެ ތެރެއިން ޔޯގާގެ ކަސްރަތުތައް ކުރާ މީހުން ބުނަނީ އެބައިމީހުން އެކަން ކުރަނީ ހުޅަނގުގެ ޤައުމުތަކުގައި ކުރާ ގޮތަށެވެ. އެއީ ހަމައެކަނި ޞިއްޙީ ކަސްރަތުތަކެއްގެ ގޮތުގައެވެ. އެހެނަސް ހުޅަނގުގެ ޤައުމުތަކުގެ އަހުލުވެރިންވެސް އެއްބަސްވާ ގޮތުގައި ޔޯގާއަކީ ހިންދޫ ދީނުން އެބައިމީހުން ނަގާފައިވާ އެއްޗެކެވެ. އެއީ ހުޅަނގުގައި ދީނާއި ދައުލަތް ވަކިކުރާ (secularism) ފަދައިން އަދި އިޤްތިޞާދާއި ދީން ވަކިކުރާ ފަދައިން، އެބައިމީހުން ކޮށްފައިވާ ކަމެކެވެ. އެހެނަސް މުސްލިމުން ޤަބޫލުކުރާ ގޮތުގައި ދީނާ ދިރިއުޅުމާ ވަކި ނުކުރެވޭނެއެވެ. ހަމަ އެފަދައިން ޔޯގާގެ ދީނީ ބަޔާއި ކަސްރަތުގެ ބައިވެސް ވަކި ނުކުރެވޭނެއެވެ. އަދި އެކަމުގައި ފާހަގަކޮށްލަން ޖެހޭކަމަކީ ޔޯގާގެ ކަސްރަތުގެ ހުރިހާ ޙަރަކާތަކީވެސް އަދި ވިސްނާފިކުރުކުރުމުގެ( meditationގެ) ހުރިހާ ކަންކަމަކީވެސް ހިންދޫންގެ ޢަޤީދާއާއި ފުލޯކު ވާހަކަތަކާ ގުޅިފައިވާ ކަންކަމެވެ.

ހަވަނައީ: އެއްޗެއްގެ ނަން ބަދަލުކުރުމީ އޭގެ ޙަޤީޤަތް ބަދަލުވާނެކަމެއް ނޫނެވެ. ނަން ބަދަލުކުރިޔަސް ޙަރާމްކަމެއް ވާނީ ހަމަ ޙަރާމްކަމަކަށެވެ. ރަލަށް “ރޫޙުގެ ދިރުން” ކިޔަސް ރާ ވާނީ ހަމަ ރަލަށެވެ. އެގޮތުން ޔޯގާގައި ހިންދޫން ބޭނުންކޮށް އުޅުނު އިޞްތިލާޙުތައް މިހާރު ބައެއް މީހުން ބޭނުންކުރަނީ ޒަމާނީ އެހެން ނަންތަކެއް ކިޔައިގެންނެވެ. [3]

ވަކިން ޚާއްޞަކޮށް ޔޯގާގެ ކަސްރަތުތައް ގޯސްވަނީ ކީއްވެގެން ތޯ ސުވާލުކޮށްފިނަމަ އެކަން ގޯސްވާ ގޮތް ތިން ގޮތަކުން ބުނެދެވިދާނެއެވެ.

  1. ޔޯގާގެ ހުރިހާ ކަސްރަތަކީވެސް – އެއްވެސް އިސްތިޘްނާކުރުމެއް ނެތި – ހިންދޫންގެ ދީނާއި ޢަޤީދާއާއި ޚުރާފާތްތަކާއި ގުޅިފައިވާ ކަންކަމެވެ. އޭގެ އެކި ޙަރަކާތްތައް ކުރަނީ ހިންދޫންގެ އެކި އިލާހުންނާ ކުއްތަންވުމަށެވެ. އެއީ ޝިވާއާއި ވިޝްނޫއާއި އިރާއި ހަނދާ އަދި އެނޫންވެސް އިލާހުންތަކަށެވެ. އަދި ޔޯގާގެ ކަސްރަތުތައް ކުރާއިރު އެބައިމީހުން ބައެއް ދޫނި ސޫފާ ސޫފީގެ ވައްތަރު ޖައްސައި ގަހެއްގެ ވައްތަރު ޖައްސާ އަދި ދުންޏެއްގެ ވައްތަރު ޖައްސަނީވެސް އެހެންވެއެވެ.
  2. ހިންދޫން ކުރެ އިހުޒަމާނުގައި އުޅުނު ޔޯގާގެ އަހުލުވެރިން އިޢުތިރާފުވާ ގޮތުގައި ޔޯގާގެ ޙަރަކާތްތަކަކީ އެއީ ކަސްރަތުތަކެއް ނޫނެވެ. އެހެނަސް އެއީ އަޅުކަމެކެވެ.

އެޙަރަކާތްތަކަށް ސާންސްކްރީޓު ބަހުން ދީފައިވާ ނަމުގެ މާނައަކީ: ޘާބިތުވުމާއި ގިނައިރު ޘާބިތުވެ ހުރުމެވެ. އޭގެ ބޭނުމަކީ ގިނަ އިރުވަންދެން ވިސްނުމަށް (meditate ކުރުމަށް) އިށީނދެ އިނުމުގެ ޛަރީޢާއިން ހިއްސުތައް ކަނޑުވާލުމެވެ. މިއީ ޔޯގާގެ ވައްތަރެކެވެ. ފަހެ މިއީ ކަސްރަތުކުރުމުގެ އަސާސުތަކާއި ޚިލާފުކަމެކެވެ. ކަސްރަތަކީ ގިނަ ޙަރަކާތްތަކެއް ކުރުމެވެ. އެހެންކަމުން އަޅުގަނޑުމެން ދެނެގަތުން ލާޒިމުވާކަމަކީ ހިންދޫންގެ ގާތުގައި މިއީ ކަސްރަތުތަކެއް ނޫނެވެ. ފަހެ ހިންދޫންގެ ތެރެއިން މިކަން އުފެއްދި މީހުންނާއި ހުޅަނގުގެ މީހުން މިއީ ކަސްރަތެއް ނޫންކަމަށް ބުނަމުން ދާއިރު މުސްލިމުންގެ ތެރެއިން ބަޔަކު މިއީ ކަސްރަތެކޭ ބުނުމަކީ ޙައިރާންކުރުވަނިވި ކަމެކެވެ.

  1. މިއަށް ޔޯގާގެ ކަސްރަތުތަކޭ ކިޔުމަކީ ކުށް ގޮތެކެވެ. އެއީ މީސްތަކުންގެ މެދުގައި މިކަން މަޤްބޫލުކުރުވަން ކިޔާ ނަމަކަށްވުން އެކަށީގެންވެއެވެ. ފަހެ ޔޯގާގެ މިޙަރަކާތްތަކަށް ކިޔާ އަޞްލު ނަމަކީ އަސާނާ (asana) އެވެ. އޭގެ މާނައަކީ ޘާބިތުވެ ހުރުން ނުވަތަ މަޑުން ހުރުމެވެ. އަދި ސާންސްކްރީޓު ބަހުން އިނގިރޭސި ބަހަށް މިލަފްޒު ތަރުޖަމާކޮށްފައިވަނީވެސް POSTURE މި ލަފްޒުންނެވެ. އެމީހުންވެސް ޢިލްމީ ދިރާސާތަކުގައި އެއަށް EXERCISE ނުކިޔައެވެ.

މިގޮތަށް ނަން ބަދަލުކުރުމަކީ އޭގެ ޙަޤީޤަތް ބަދަލުވާނެކަމެއް ނޫން

  • އެއީ އެބައިމީހުންގެ އިލާހުންނަށް ކުއްތަންވުމުގެ ގޮތުން އެމީހުން ކުރާކަމެކެވެ.
  • އޭގެ ކޮންމެ ޙަރަކާތަކުންވެސް ރަމްޒުކޮށްދެނީ އިލާހެއް ނުވަތަ ޢަޤީދާއެއް ނުވަތަ ހިންދޫންގެ ޚުރާފަތެކެވެ.

އިސްވެ ބަޔާންވެ ދިޔަ ސަބަބުތަކާ ހުރެ ޔޯގާއަކީ ކަސްރަތެއްގެ ގޮތުގައި ނުވަތަ ޞިއްޙީ ފަރުވާއެއްގެ ގޮތުގައި ކުރުން ހުއްދަކަމެއް ނޫނެވެ. ކަސްރަތެއްގެ ގޮތުގައި ޔޯގާ ހެދުމުގެ މިސާލަކީ ޒީނަތްތެރިވުމުގެ ގޮތުން ކަރުގައި ޞަލީބެއް އަޅުވާ މީހެއްގެ މިސާލެވެ. [4]

މިއީ ޔޯގާގެ ކަސްރަތުތަކާ ބެހޭ ގޮތުން ދިރާސާކުރެއްވުމަށް ފަހު د. سالم حمزة ވިދާޅުވެފައިވާ ވާހަކަތަކެކެވެ. އަދި އެކަމާ ބެހޭ އެހެން ދިރާސާއެއްގައިވެސް އެކަން ހުއްދަ ނުވާނެކަން ބަޔާންކޮށް އިތުރު ސަބަބުތަކެއް ބަޔާންކުރައްވާފައިވެއެވެ. ތިރީގައި އެވަނީ އެދިރާސާގެ ޚުލާޞާ ނުކުތާތަކެކެވެ.

މުސްލިމަކު އެއްވެސް ޙާލެއްގައި ޔޯގާގެ ޙަރަކާތްތަކުގެ ބައިވެރިވުން ހުއްދައެއް ނޫނެވެ. އެއީ ވަކި ޢަޤީދައެއްގައި އެކަންކުރިޔަސް ނުވަތަ ބަޔަކު ކުރާތީ އެކަންކުރިޔަސް ނުވަތަ އެއިން ލިބޭނެކަމަށް ދަޢުވާކުރާ ފައިދާތަކަށް އެދިގެން ކުރިއަސްމެއެވެ.

އެ ސަބަބުތަކުގެ ޚުލާޞާއަކީ:

  1. ޔޯގާއަކީ ﷲ ތަޢާލާ އެއްކައުވަންތަކުރުމުގެ ޢަޤީދާއާ ފުށުއަރާކަމެކެވެ. އަދި ﷲއާއެކު އެހެން ފަރާތްތަކެއް، ބައިވެރިންތަކެއްކަމުގައި ހެދުން އެކަމުގައި ހިމެނެއެވެ. އޭގެ ތެރޭގައި އިރަށް ސަޖިދަ ޖެހުމާއި އިލާހުންތަކެއްގެ ނަންތައް ކިޔުން ހިމެނެއެވެ.
  2. ބުދަށް އަޅުކަންކުރާ މީހުންނާ އެއްގޮތްވުމާއި އެމީހުން ތަޤްލީދުކުރުން (އެމީހުން އުޅޭ ގޮތަށް އުޅުން) މިކަމުގައި ހިމެނިގެންވެއެވެ.
  3. ޔޯގާގެ ބައެއް ކަސްރަތުތަކަކީ ގިނަ މީހުންތަކަކަށް އޭގެން ގެއްލުންވާ ކަސްރަތުތަކެކެވެ. އަދި އެކަމުގައި އިށީންނަ ބައެއް އިށީނުންތަކަކީ މީސްތަކުންގެ މެދުގައި އިށީނުން ޢައިބު ގޮތްތަކެކެވެ.
  4. ހައިވާނުންނާ ވައްތަރުވުން އެކަމުގައިވާތީ އެއީ އިންސާނީ ކަރާމާތަށް ބުރޫއަރާކަމެކެވެ. އަދި ބައެއް މީހުން އެކަންކުރާއިރު ޢައުރަ ނިވާނުކޮށް ކުރުމާއި އަދި ހަތަރެސްފައި ޖަހައިގެން އޭގެ ބައެއް ކަސްރަތުތައް ކުރެއެވެ.
  5. އެކަމުގައި އޮޅުވާލުންތަކާއި ދޮގުތައް އެކުލެވިގެންވެއެވެ. އެކަން ފަތުރަން އުޅުނު މީހުންވަނީ އެކަން ފެތުރުމަށްޓަކައި ވަރަށް ގިނަ ދޮގުތައް ހަދާފައެވެ. އެއީ ތަންދޮރު ނުދަންނަ މީހުންނަށް މިކަސްރަތުތައް ޒީނަތްތެރި ކުރުމަށެވެ.
  6. ޔޯގާ ހަދާ ބައެއް މީހުންނަކީ ސިޙުރާއި ޖިންނީން ބޭނުންކޮށްގެން އާދަޔާ ޚިލާފުކަންތައްތަކެއް ކުރާ ބައެކެވެ. މިއީ އިސްލާމްދީނުގައި ޙަރާމްކަމެކެވެ.
  7. ޔޯގާ ހަދާއިރު ކުރުމަށް ހިތްވަރުދޭ ވަރަށް ގިނަ ކަންކަމަކީ އިންސާނާއަށް ގެއްލުން ހުރި ކަންތައްތަކެކެވެ. އޭގެ ތެރޭގައި: ޢައުރަނިވާނުކޮށް އުޅުމާއި އިރުގެ އަވީގައި ގިނަ އިރު އުޅުމުން ލިބޭ ގެއްލުންތަކާއި އިރަށް ގިނައިރު ވަންދެން ބެލުމުން ލިބޭ ގެއްލުންތަކާ އަދި ހަމައެކަނި ފަތްޕިލާވެލި ކެއުމަށް ހިތްވަރު ދިނުން ހިމެނެއެވެ. މިކަންކަމަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަންކަމެއް ނޫނެވެ. [5]

____________________________________________

[1] ބައްލަވާ: اليوجا والتأمل رياضة أم عبادة لد. سالم حمزة أمين مدني (ص: 141 – 143).

[2] ބައްލަވާ: اليوجا والتأمل رياضة أم عبادة لد. سالم حمزة أمين مدني (ص: 192).

[3] ބައްލަވާ: اليوجا والتأمل رياضة أم عبادة لد. سالم حمزة أمين مدني (ص: 193 – 198).

[4] ބައްލަވާ: اليوجا والتأمل رياضة أم عبادة لد. سالم حمزة أمين مدني (ص: 198 – 200).

[5] ބައްލަވާ: اليوغا في ميزان النقد العلمي (ص 84 – 86) .

 

މިލިޔުމުގެ އެހެންބައިތައް