-
އާދަމުގެފާނުގެ ފަހުން
އާދަމުގެފާނުގެ ދަރިފަސްކޮޅަށް ﷲ ތަޢާލާ ބަރަކާތް ލައްވާށިއެވެ. އެ ދަރިފަސްކޮޅުގައި ވަރަށް ގިނަ ފިރިހެނުންނާއި، އަންހެނުން ވިއެވެ. އާދަމުގެފާނުގެ ދަރިފަސްކޮޅުވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައެވެ. އެބައިމީހުން މި ބިމުގައި ދިރިއުޅުމަށްޓަކައި ގެތައް ބިނާކުރިއެވެ. އަދި ބިން އިމާރާތް ކުރިއެވެ. އަދި ކައިބޮއި އުޅުމަށްޓަކައި ބިމުގައި ދަނޑުވެރިކަންކޮށް ބިމުގައި ދިރިއުޅުނެވެ. އާދަމުގެފާނުގެ ފަހުން މީސްތަކުން ތިބީ، އެބައިމީހުންގެ ބައްޕާފުޅުގެ ދީން މަތީގައެވެ. އާދެ! ﷲ އެއްކައުވަންތަކޮށް، އެގޮތުގެ މަތީގައެވެ. އެބައިމީހުން ﷲ އަށް އަޅުކަން ކުރެއެވެ. އަދި އަޅުކަންކުރުމުގައި ﷲ އާ އެއްވެސް ފަރާތެއް ބައިވެރި ނުކުރެއެވެ. މީސްތަކުން ތިބީ އެއް އުންމަތެއްގެ ގޮތުގައެވެ. އެމީހުންގެ ބައްޕާފުޅަކީ އާދަމުގެފާނެވެ. އެމީހުންގެ ރައްބަކީ ﷲ ތަޢާލާއެވެ.
___________________
މަޞްދަރު: قصص النبيين للأطفال