-
ޝައިޠާނާގެ ޙަސަދަ
ކުރިން ބަޔާންކުރެވުނު ފަދައިން އާދަމުގެފާނަށް ފަހު މީސްތަކުން އަޅުކަންކޮށް އުޅުނީ ހަމައެކަނި ﷲ ތަޢާލާ އަށެވެ. އަދި ﷲ ތަޢާލާ އަށް އަޅުކަންކޮށް އުޅެނީ އެއިލާހާ އެއްވެސް ފަރާތެއް ބައިވެރި ނުކޮށެވެ. މި ގޮތާ އިބްލީސް ރުހޭނެ ހެއްޔެވެ. އަދިވެސް އާދަމުގެ ދަރިން ހަމައެކަނި ﷲ އަށް އަޅުކަން ކުރާތީ އަދި މީސްތަކުން މެދުގައި އެއްވެސް ޢަދާވާތްތެރިކަމެއް ނެތި އެއް އުންމަތެއްގެ ގޮތުގައި ތިބީތީ އިބްލީސް އެކަމާ ނުރުހުނެވެ. ހަމަ ޔަޤީނުންވެސް މިހެން މިކަންވުމަށް އޭނާ ނޭދެއެވެ. އާދަމުގެ ދަރިން ސުވަރުގެ ވަންނައިރު އިބްލީހާއި އޭނާގެ ދަރިފަސްކޮޅު ނަރަކައަށް ވަންނަން އޭނާ ނޭދެއެވެ.
ﷲ ތަޢާލާ އާދަމުގެފާނަށް ސަޖިދަކުރަން އެންގެވިހިނދު ހުރިހާ މަލާއިކަތް ބޭކަލުން ކިޔަމަންވެވަޑައިގަތެވެ. ނުކިޔަމަންތެރިވީ ހަމައެކަނި އިބްލީހެވެ. އެއީ އާދަމުގެފާނަށް އޭނާވި ޙަސަދައިގެ ސަބަބުންނެވެ. އޭނާ ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރި ވިހިނދު، ﷲގެ ރަޙްމަތުން އޭނާ ބޭރުކުރައްވައި ލަޢުނަތް ލެއްވިއެވެ. އާދަމުގެ ދަރިންގެ ކިބައިން މިކަމުގެ ބަދަލު ހިފަން އިބްލީސް ބޭނުން ނުވާނެ ހެއްޔެވެ. ޤިޔާމަތް ދުވަހު އޭނާއާއެކު ނަރަކައަށް ވަންނަ މީހުންގެ ތެރޭގައި އާދަމުގެ ދަރިން ވުމަށް އޭނާ ނޭދޭނެ ހެއްޔެވެ. ހަމަޔަޤީނުންވެސް އޭނާ މިކަމަށް އެދޭނެ އެވެ. އަދި ގަދައަޅައި ބުރަ މަސައްކަތް ކުރާނެއެވެ.
___________________
މަޞްދަރު: قصص النبيين للأطفال