[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޞީބާތް ދުރުކުރުމަށް ނުވަތަ މުޞީބާތުން ސަލާމަތްވުމަށްޓަކައި ރޮދިފަށާއި، ބޮޅުފަދަ ތަކެތި (ތަވީދުގެ ގޮތުގައި) އެޅުމަކީ ޝިރުކެއްކަން ނަންގަތް ބާބު – 3

عَنْ عِمْرَانَ بْنِ الْحُصَيْنِ: أَنَّ النَّبِيَّ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – رَأَى رَجُلًا فِي يَدِهِ حَلْقَةٌ مِنْ صُفْرٍ، فَقَالَ: “مَا هَذِهِ الْحَلْقَةُ؟ ” قَالَ: مِنْ الْوَاهِنَةِ، قَالَ: “انْزِعْهَا، فَإِنَّهَا لَا تَزِيدُكَ إِلَّا وَهْنًا فَإِنَكَ لَوْ مِتَ وَهِيَ عَلَيكَ مَا أَفْلَحْتَ أَبَدَاً”. [رواه أحمد بسند لا بأس به]

މާތް ﷲ ރުއްސުންލެއްވި ޢިމްރާން ބުން ޙުސައިންގެ އަރިހުން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) އެއްދުވަހަކު މީހެއްގެ އަތުގައި ރަތުލޮއިގެ ބޮޅެއް އަޅާފައިވަނިކޮށް ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ.” މިއީ ކޮން އެއްޗެއް ހެއްޔެވެ؟” އޭނާ ދެންނެވިއެވެ. “މިއީ وَاهِنَة އޭ ކިޔުނު ބަލީގެ ސަބަބުން (އެބަލިން ސަލާމަތްވުމަށްޓަކައި) އަޅާފައިވާ އެއްޗެކެވެ.” ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އެ ނަގާށެވެ. އެހެނީ ހަމަކަށަވަރުން އެބޮޅު ތިބާއަށް ބަލިކަން މެނުވީ އިތުރެއް ނުކުރާނެއެވެ. ފަހެ، ހަމަކަށަވަރުން ތިބާގެ ހަށިގަނޑުގައި އެބޮޅުވަނިކޮށް ތިބާ މަރުވެއްޖެނަމަ ދުވަހަކުވެސް ތިބާ ކާމިޔާބެއް ނުވާނެއެވެ.”

[މިއީ ޞައްޙަ ޙަދީޘެއް ނޫން – الدر النضيد في تخريج كتاب التوحيد لصالح العصيمي]

 

ސުވާލު:

– ރަސޫލާ صلى الله عليه وسلم ގެ މިޙަދީޘްފުޅުގައިވާ “مَا هَذِهِ ؟” (މާނައީ: “މިއީ ކޮންއެއްޗެއް ހެއްޔެވެ؟”) ބޭނުންކުރައްވާފައިވަނީ ސުވާލުކުރުމުގެ ކޮން އުސްލޫބެއްގައި ހެއްޔެވެ؟

 

ޖަވާބު:

– އިންކާރުކުރެއްވުމުގެ އުސްލޫބެވެ. އަދި އެބޮޅު އެޅި ސަބަބު ހޯއްދެވުމަށް ބޭނުންކުރެއްވި އުސްލޫބަކަށްވުންވެސް އެކަށީގެންވެއެވެ.

 

 

ސުވާލު:

– މިޙަދީޘްފުޅުގައިވާ “مِنَ الْوَاهِنَةِ ” (މާނައީ: “މިއީ وَاهِنَةِ އޭ ކިޔުނު ބަލީގެ ސަބަބުން އަޅާފައިވާ އެއްޗެކެވެ.”) މިބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟

– އަދި الْوَاهِنَةِ އަކީ ކޮބައި ހެއްޔެވެ؟

– “انْزِعْهَا، فَإِنَّهَا لَا تَزِيدُكَ إِلَّا وَهْنًا” (މާނައީ: “އެހެނީ ހަމަކަށަވަރުން އެބޮޅު ތިބާއަށް ބަލިކަން މެނުވީ އިތުރެއް ނުކުރާނެއެވެ.”) ރަސޫލާ صلى الله عليه وسلم ގެ މިބަސްފުޅުގެ މާނައަކީ ކޮބައި ހެއްޔެވެ؟

– އަދި ރަސޫލާ صلى الله عليه وسلم ކުރެއްވި މިއަމުރުފުޅުން ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟

 

ޖަވާބު:

– مِنَ الْوَاهِنَةِ ގެ މާނައަކީ އެބޮޅު އަޅާފައިވަނީ وَاهِنَةِ ކިޔުނު ބަލިން ސަލާމަތްވުމަށްޓަކައެވެ.

– الْوَاهِنَةِ އަކީ ކޮނޑާއި މުޅިއަތުގެ ނާރު ފުއްޕާ ބައްޔަކަށް ކިޔާ ނަމެކެވެ. އަދި ބުނެވެއެވެ. الْوَاهِنَةِ އަކީ މުލައްދަނޑިއަށް ޖެހޭ ބައްޔެކެވެ.

– نَزْعُ އަކީ ގަދަބާރުން ނެގުމެވެ. އަދި ރަސޫލާ صلى الله عليه وسلم ޚަބަރުދެއްވީ އެ އެޅުމުން އޭނާއަށް ފައިދާއެއް ނުވާނެކަމުގައެވެ. އަދި ކިއެއް ހެއްޔެވެ. އޭގެ ސަބަބުން ގެއްލުންވާނެ ކަމުގައެވެ. އަދި ބަލިކަން މެނުވީ އިތުރެއް ނުކުރާނެ ކަމުގައެވެ.

– ރަސޫލާ صلى الله عليه وسلم ކުރެއްވި މިއަމުރުފުޅުން ލިބޭ ފައިދާއަކީ އެކަލޭގެފާނު އެޢަމަލު ކުރެއްވި ފަދައިން ކަންތައް ކުރުމަކީ ވާޖިބެކެވެ. އެހެނީ މިފަދަ ފާފަތަކަށް އިންކާރުކުރުމަކީ ވާޖިބެކެވެ. އަދި މިފަދަ ކަންތައްތައް ނައްތާލުމަކީވެސް ވާޖިބެކެވެ. އަދި މިފަދަ ކަންތައްތަކަށް އިންކާރު ނުކޮށް ދޫކޮށްލުން ޙަރާމްވެގެންވެއެވެ.

 

 

ސުވާލު :

– فَإِنَكَ لَوْ مِتَّ وَهِيَ عَلَيكَ مَا أَفْلَحْتَ أَبَدَاً (މާނައީ: “ފަހެ ހަމަކަށަވަރުން ތިބާގެ ހަށިގަނޑުގައި އެބޮޅުވަނިކޮށް ތިބާ މަރުވެއްޖެނަމަ ދުވަހަކުވެސް ތިބާ ކާމިޔާބެއް ނުވާނެއެވެ.”) މިބަސްފުޅުން ލިބޭ ފައިދާއަކީ ކޮބައިހެއްޔެވެ؟

– އަދި “اَلْفَلاَحُ” އަކީ ކޮބައި ހެއްޔެވެ؟

ޖަވާބު:

– މިބަސްފުޅުން ލިބޭ ފައިދާއަކީ އެފާފައިގެ ބޮޑުކަން ދޭހަވުމެވެ. އެހެނީ އެއީ އެއިންސާނާ އެއަޅައިފައިވާ ބޮޅާއިމެދު ޤަބޫލުކުރި ޤަބޫލުކުރުމުގެ ސަބަބުންނެވެ. (އެބަހީ: އެއަޅާފައިވާ ބޮޅުގެ ސަބަބުން އެބައްޔަށް ޝިފާ ލިބޭނެކަން ޤަބޫލުކުރުމުގެ ސަބަބުންނެވެ.) އެފަދައިން ޤަބޫލުކުރި ޤަބޫލުކުރުމަކީ ޝިރުކުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެކެވެ. ﷲ އަށް ތައުބާވުމުން މެނުވީ މިފަދަ ޝިރުކުގެ ޢަމަލުތަކުގެ ފާފަ ނުފުއްސަވާނެއެވެ.

-“اَلْفَلاَحُ” އަކީ ކާމިޔާބެވެ. އަދި ހިތްހަމަޖެހުމެވެ.

 

 

ސުވާލު :

– މާތް ﷲ ރުއްސުންލެއްވި ޢިމްރާންގެ ޙަދީޘް މިބާބާ މުނާސިބުވަނީ ކިހިނެއްކަން ބަޔާންކޮށްދޭށެވެ.

ޖަވާބު:

– މިޙަދީޘް މިބާބާ މުނާސިބުވާ ގޮތް:

ނަބިއްޔާ صلى الله عليه وسلم އެބޮޅު ނެގުމަށް އަމުރުކުރެއްވުމުން އަދި އެކަން (އެބަހީ: އެފަދައިން ބޮޅުފަދަ ތަކެތި އެޅުން) ދޫކޮށްލުމަށް އެންގެވުމުން، މިފަދަ ބޮޅުފަދަ ތަކެއްޗާމެދު ޤަބޫލުކުރާ ޤަބޫލުކުރުންތަކަކީ ޝިރުކުގެ ވައްތަރެއްކަން އެނގިގެން ދެއެވެ.

*  *  *  *

އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)

މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް