-
ނޫޙުގެފާނު ރަސޫލުކަމާއިގެން ފޮނުއްވުން
ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންގެ ކައިރިއަށް ރަސޫލެއްގެ ގޮތުގައި ފޮނުއްވަން ﷲ އިރާދަކުރެއްވިއެވެ. އެ ޤައުމުގެ ބޮޑުންނާއި އަދި މުއްސަނދިން ތިއްބާ، ﷲ ތަޢާލާގެ ހަޟްރަތުން އެ ޤައުމަށް ފޮނުއްވާ ރަސޫލެއްގެ ގޮތުގައި، ނޫޙުގެފާނު ޚިޔާރުކުރެއްވިއެވެ. އެ އިލާހުގެ ރިސާލަތު އުފުއްލަވާނީ ކޮން ބައެއްކަން ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެންމެ އަމާނާތްތެރިކަމާއެކު ރިސާލަތު އުފުއްލަވާނެ ބަޔަކީ ކޮބައިކަންވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.
ނޫޙުގެފާނަކީ ވަރަށް މާތް ސާލިޙު ބޭކަލެކެވެ. އަދި ބުއްދިވެރި ޙިކުމަތްތެރި ބޭކަލެއް ވެސްމެއެވެ. އަދި ތެދުވެރި އަމާނާތްތެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ރަސޫލެއް ކަމުގައި ﷲ ތަޢާލާ ކަނޑައަޅުއްވައި އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ.
(أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ)[1]
މާނަ: “ކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އިންޛާރު ކުރައްވާށޭ އަންގަވަމުންނެވެ. (އެއީ) އެބައިމީހުންނަށް ވޭންދެނިވި ޢަޛާބެއް އައުމުގެ ކުރިންނެވެ.”
އެކަލޭގެފާނު ޤައުމުގެ މީސްތަކުންނަށް ވިދާޅުވިއެވެ.
(إِنِّي لَكُمْ رَسُولٌ أَمِينٌ)[2]
މާނަ: “ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ.”
( فَاتَّقُوا اللَّـهَ وَأَطِيعُونِ)[3]
މާނަ:” ފަހެ، ތިޔަބައިމީހުން اللَّه އަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ!”
___________________
މަޞްދަރު: قصص النبيين للأطفال
[1] سورة نوح 1
[2] سورة الشعراء 107
[3] سورة الشعراء 108