-
ނޫޙުގެފާނަށް ޤައުމުގެ މީހުން ދިނީ ކޮން ޖަވާބެއް؟
ނޫޙުގެފާނު އެކަލޭގެފާނުގެ ދަޢުވަތު ފައްޓަވަމުން ޤައުމުގެ މީސްތަކުންނަށް ވިދާޅުވިއެވެ.
(إِنِّي لَكُمْ رَسُولٌ أَمِينٌ)[1]
މާނަ: “ހަމަކަށަވަރުން، އަހުރެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ.”
އެހިނދު ބައެއް މީހުންގެ ޖަވާބު އައީ މިފަދައިންނެވެ. މީނާ (ނޫޙުގެފާނު) ނަބިއްޔެއް ކަމުގައިވީކޮން އިރަކު ހެއްޔެވެ؟! އިއްޔެ މީނާ ވީ އަހަރުމެންގެ ތެރޭގައި އުޅުނު އާދައިގެ މީހަކަށެވެ. މިއަދު މި ބުނަނީ، އަހަރެންނަކީ ތިޔަބައިމީހުންގެ ކައިރިއަށް ފޮނުއްވުނު ރަސޫލެއް ކަމަށެވެ. ނޫޙުގެފާނު ޤައުމުގެ މީހުން މަލާމާތުގެ ރާގުގައި ބުންޏެވެ. އަހަރުމެން ކުޑައިރު މީނާއާ އެކު ކުޅެހަދަމުއެވެ. މީނާ ކައިރިއަށް ނަބީކަން އައީ ކޮން އިރަކު ހެއްޔެވެ؟ ބޮޑާކަމުގައި ހައްދުފަހަނައަޅާފައި މުއްސަނދިން ބުންޏެވެ. ރަސޫލުކަމަށް ނޫޙުގެފާނު ނޫން އެހެން މީހަކު ﷲ އަށް ނުފެނުނީ ހެއްޔެވެ. ހުރިހާ މީސްތަކުން މަރުވީ ހެއްޔެވެ. ފަޤީރެއް ނޫން މީހެއް ﷲ ތަޢާލާއަށް މި ޤައުމުން ފެނިވަޑައިނުގަތީ ހެއްޔެވެ. އެ ޤައުމުގައި ތިބި ބުއްދި ހަމަނުޖެހޭ މީހުން ބުންޏެވެ.
(مَا هَـٰذَا إِلَّا بَشَرٌ مِّثْلُكُمْ)[2]
މާނަ: “ތިޔަބައިމީހުން ކަހަލަ ޢާދަމުގެ ދަރިޔަކުކަމުގައި މެނުވީ، މީނާ ނުވެއެވެ.”
އެމީހުން އެކަލޭގެފާނަށް ދެންނެވިއެވެ.
(وَلَوْ شَاءَ اللَّـهُ لَأَنزَلَ مَلَائِكَةً مَّا سَمِعْنَا بِهَـٰذَا فِي آبَائِنَا الْأَوَّلِينَ)[3]
މާނަ: “اللَّه އިރާދަކުރެއްވިނަމަ (ރަސޫލުން ކަމުގައި) މަލާއިކަތުން ބާވައިލައްވައިފީހެވެ. ތިމަންމެންގެ ކުރީގައި އުޅުނު ކާބަފައިންގެ ތެރޭގައިވެސް، މިފަދަ ވާހަކައެއް ތިމަންމެން ނާހަމުއެވެ.”
އެމީހުންގެ ތެރެއިން ބައެއް މީހުން ބުންޏެވެ. ހަމަޔަޤީނުންވެސް ނޫޙުގެފާނު ބޭނުންވަނީ މިކަމުގެ ތެރެއިން ޤައުމުގެ ވެރިކަމާއި އަދި ޝަރަފުވެރި ބޭކަލަކަށް ވެވަޑައިގަތުމަށެވެ.
___________________
މަޞްދަރު: قصص النبيين للأطفال
[1] سورة الشعراء 107
[2] سورة المؤمنون 24
[3] سورة المؤمنون 24