وَلأحْمَد عَنْ عُقْبَةَ بْنَ عَامِرٍ مَرْفُوْعاً: ((مَنْ تَعَلَّقَ تَمِيمَةً فَلَا أَتَمَّ اللَّهُ لَهُ، وَمَنْ تَعَلَّقَ وَدَعَةً فَلَا وَدَعَ اللَّهُ لَهُ((.
وَفِي رَوَايَةٍ: ((مَنْ تَعَلَّقَ تَمِيمَةً فَقَدْ أَشْرَكَ)).
މާނައީ: އަދި މާތް ﷲ ރުއްސުންލެއްވި ޢުޤްބާ ބުން ޢާމިރުގެ ކިބައިން މަރްފޫޢު ސަނަދަކާއިއެކު ރިވާވެގެންވެއެވެ. (މަރްފޫޢު ސަނަދަކީ ރަސޫލާ صلى الله عليه وسلم އާ ހިސާބަށް ގުޅިފައިވާ ސަނަދެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.
“(ކަމަކުން ސަލާމަތްވުމަށްޓަކައި ނުވަތަ ކަމެއް ޙާޞިލުކުރުމަށްޓަކައި ނުވަތަ މިނޫންވެސް ކަމަކަށްޓަކައި) ތަވީދެއް އަޅައިފިމީހާ ދަންނައެވެ. ﷲ އޭނާގެ މުރާދު ފުރިހަމަ ނުކުރައްވާށިއެވެ! އަދި ހަމަ އެފަދައިން އެފަދަ ކަމަކަށްޓަކައި (ހަށިގަނޑުގެ ތަނެއްގައި) ބޮއްޔެއް އެލުވައިފި މީހާ ދަންނާށެވެ. ﷲ އޭނާއަށް އެކަމުން ހިތްހަމަޖެހުމެއް، އަރާމެއް ނުދެއްވާށިއެވެ”!
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
“(މުޞީބާތަކުން ސަލާމަތްވުމަށްޓަކައި ނުވަތަ ކަމެއް ޙާޞިލުކުރުމަށްޓަކައި ނުވަތަ މިނޫންވެސް ކަމަކަށްޓަކައި) ތަވީދެއް އަޅައިފިމީހާ ދަންނައެވެ. ފަހެ، ހަމަކަށަވަރުން އޭނާ ޝަރީކުކޮށްފިއެވެ.”
ސުވާލު :
– އަންނަނިވި ބަސްތަކުގެ މާނަ ބަޔާންކޮށްދޭށެވެ ؟
تَعَلَّقَ ، تَمِيمَةً ، وَدَعَةً ، فَلَا أَتَمَّ اللَّهُ لَهُ ، فَلَا وَدَعَ اللَّهُ لَهُ
ޖަވާބު:
– تَعَلَّقَ: މިތަކެތި އަޅާ މީހުންގެ ހިތްތައްވަނީ ހެޔޮކަންތައްތައް ޙާޞިލުކުރުމާއި މުޞީބާތްތަކުން ދުރުހެލިވުމަށްޓަކައި އެތަކެއްޗާއި ގުޅިފައެވެ.
تَمِيمَةً : ނޭނގޭ މީހުން (ޖާހިލުން) އެމީހުންގެ ގައިގައްޔާއި އަދި އެމީހުންގެ ދަރިންގެ ގައިގައި އަދި އެމީހުން ސަވާރީތަކުގައި އެތަކެތި ރައްކާތެރިކުރުމަށް އަޅާ ރޮދިފަށެކެވެ. އެމީހުން ދަޢުވާކުރާ ގޮތުގައި އެތަކެތި އެޅުމުން އެސްފީނާއިން ސަލާމަތްވާނެއެވެ. މިއީ ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުން ކޮށްއުޅުނު ކަމެކެވެ. މިކަންތައްކޮށްފި މީހާ (އެބަހީ: އެސްފީނާއިން ސަލާމަތްވުމަށްޓަކައި ރޮދިފަށް އެއްސައިފިމީހާ) ފަހެ ހަމަކަށަވަރުން ޝިރުކު ކޮށްފިއެވެ.
وَدَعَةً : މީގެ ގިނަ ގޮތަކީ “ودع” އެވެ. وَدَعَةً އަކީ މޫދުން ނަގާ ހުދުކުލައިގެ ބޮއްޔެކެވެ. އެބައިމީހުން އެސްފީނާއިން ސަލާމަތްވުމަށްޓަކައި މި އަޅައެވެ. އިސްލާމްދީން ވަނީ މިފަދަ ތަކެތި އެޅުމަކީ ބާޠިލުކަމެއް ކަމުގައި ބަޔާންކުރައްވާފައެވެ.
فَلَا أَتَمَّ اللَّهُ لَهُ: މިތަކެތި އަޅާ މީހާ އެދޭ އެދުން ޙާޞިލުނުވުމަށް އެދި އެމީހާގެ މައްޗަށް ކުރާ ބަދު ދުޢާއެކެވެ.
فَلَا وَدَعَ اللَّهُ لَه : ހިތްހަމަޖެހުމެއް އަދި އެކަމުން އަރާމެއް ނުލިބުމަށް އެދި އޭނާގެ މައްޗަށް ކުރާ ބަދު ދުޢާއެކެވެ.
* * * *
އަލްޖާމިޢުލް ފަރީދް (ޝައިޚް ޢަބްދު ﷲ ބުން ޖާރު ﷲ ބުން އިބްރާހީމް އަލް ޖާރު ﷲ)
މިފޮތަކީ ސުވާލާއި ޖަވާބުގެ އުސްލޫބަށް ކިތާބުއްތައުޙީދު ކިޔަވާ ދިނުމަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ.