ސަޖިދައިގައި ކުރާ ޛިކުރު
(1) كان النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي سُجُودِهِ: «سُبْحَانَ رَبِّيَ الْأَعْلَى» [رواه أحمد]
ނަބިއްޔާ صلى الله عليه وسلم ސަޖިދާގައި މިފަދައިން ވިދާޅުވެއެވެ.
«سُبْحَانَ رَبِّيَ الْأَعْلَى»
މާނައީ: ” މިއަޅާގެ ރައްބު، މަތިވެރި ﷲ ގެ ހުސްޠާހިރުވަންތަ ކަމާއެވެ.” [ރިވާކުރެއްވީ އިމާމް އަޙުމަދު رحمه الله]
(2) كان النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ فِي سُجُودِهِ: «اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ وَجِلَّهُ ، وَأَوَّلَهُ وَآخِرَهُ، وَعَلَانِيَتَهُ وَسِرَّهُ» [رواه مسلم]
ނަބިއްޔާ صلى الله عليه وسلم ސަޖިދާގައި މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
«اللَّهُمَّ اغْفِرْ لِي ذَنْبِي كُلَّهُ، دِقَّهُ وَجِلَّهُ ، وَأَوَّلَهُ وَآخِرَهُ، وَعَلَانِيَتَهُ وَسِرَّهُ»
މާނައީ: ” އޭ ﷲ! މިއަޅާގެ ހުރިހާ ފާފަތައް ފުއްސަވާނދޭވެ! އޭގެ ކުދިފާފަތަކާއި ބޮޑެތިފާފަތަކެވެ. އަދި ފުރަތަމަ ފާފައާއި އެންމެ ފަހުގެ ފާފައެވެ. ފާޅުވެގެންވާ ފާފައާއި ސިއްރުވެ ވަންހަނާވެގެންވާ ފާފައެވެ.” [ރިވާކުރެއްވީ މުސްލިމު رحمه الله]
والله أعلم.
*********************
ނޯޓް: ބަޔާންކުރެވިފައިވާ ޛިކުރުތައް ކިޔާނީ ޢަރަބި ބަހުންނެވެ. އެހެނީ އެއީ ޝަރުއުގައި (ދީނުގައި) އެ ލަފްޒުތައް އެގޮތަށް ޢަރަބި ބަހުން އައިސްފައިވާތީއެވެ. އެންމެ މަދުން އެއްފަހަރު ކިޔަންވާނެއެވެ. ގިނަމިނުން ތިން ފަހަރަށްވުރެ އިތުރަށްވެސް ކިޔިދާނެއެވެ. އެންމެ ފުރިހަމަ ގޮތަކީ 10 ފަހަރު ކިޔުމެވެ. އެއާއި ޖެހިގެން ފުރިހަމަ ގޮތަކީ 3 ފަހަރު ކިޔުމެވެ. މަތީގައި ބަޔާންކުރެވިފައިވާ ދުޢާތަކުގެ ތެރެއިން ކޮންމެ ދުޢާއެއް ކުރިޔަސް ފުދޭނެއެވެ. އަދި ރަސޫލާ صلى الله عليه وسلم ގެ އަރިހުން ސަޖިދައިގައި ކިޔުމަށް ވާރިދުވެފައިވާ އެހެން ދުޢާއެއްވެސް ސަޖިދައިގައި ކުރެވިދާނެއެވެ. އެއަށްފަހު ޢަރަބި ބަސް ނުދަންނަ މީހާއަށް ޢަރަބިބަސް ނޫން ބަހަކުންވެސް ބޭނުން ދުޢާއެއް (ދުނިޔެއާއި އާޚިރަތުގެ ކަންތައްތަކަށް އެދި) ކުރެވިދާނެއެވެ. އެއީ ފަރުޝު ނަމާދު އަދި ސުންނަތް ނަމާދު ކަމުގައިވީނަމަވެސް މެއެވެ. އެހެނީ ޞަޙީޙު މުސްލިމުގައި މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أَقْرَبُ مَا يَكُونُ الْعَبْدُ مِنْ رَبِّهِ وَهُوَ سَاجِدٌ، فَأَكْثِرُوا الدُّعَاءَ»
މާނައީ: “އަޅާ އޭނާގެ ރައްބާ އެންމެ ކުއްތަންވެގެންވާ ވަގުތަކީ ސަޖިދާގައިވާ ވަޤުތެވެ. ފަހެ އެވަޤުތު (ސަޖިދާގައިވާ ވަޤުތު) ދުޢާކުރުން ގިނަ ކުރާށެވެ.”
الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله –