-
ނޫޙުގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން
އެމީހުން ދެކެނީ ބުދުތަކަށް އަޅުކަންކުރުމަކީ ޙައްޤު މަގުކަމަށެވެ. އަދި ބުދަށް އަޅުކަން ކުރުމަކީ ބުއްދި އަށް ފެންނަ އެންމެ ރަނގަޅު ގޮތްކަމުގައެވެ. އަދި ބުދަށް އަޅުކަން ނުކުރާ މީހަކީ މޮޔަވެފައިވާ، ގެއްލި ހަލާކުވެފައިވާ މީހެއްކަމުގައި އެމީހުން ދެކެއެވެ. އެމީހުން ބުނެއެވެ. ހަމަ ޔަޤީނުންވެސް އަހަރުމެންގެ ކާބަފައިން އަޅުކަން ކުރީ މި ބުދުތަކަށެވެ. އެހެންވީމާ އަހަރުމެން މި ބުދުތަކަށް އަޅުކަން ނުކުރަންވީ ފަހެ ކީއްވެ ހެއްޔެވެ.
ނޫޙުގެފާނު ދެކެވަޑައިގަންނަވަނީ ބުދަށް އަޅުކަން ކުރުމަކީ މަގުފުރެދުމެއް ކަމުގައެވެ. އަދި ބުއްދީގައި އުނިކަން ހުންނަ މީހުން މެނުވީ ބުދުތަކަށް އަޅުކަން ނުކުރާނެ ކަމުގައެވެ. އަދި އެބައިމީހުންގެ ކާބަފައިންވީ ބަޔާންވެގެންވާ މަގުފުރެދުމެއްގައި ކަމުގައެވެ. އަދި ހަމަޔަޤީނުން ވެސް ހުރިހާ އެންމެންގެ ބަފާކަލުންނަކީ ޢާދަމުގެފާނެވެ. އެކަލޭގެފާނު ބުދަކަށް އަޅުކަމެއް ނުކުރައްވައެވެ. އެކަލޭގެފާނު އަޅުކަން ކުރެއްވީ ހަމައެކަނި ﷲ އަށެވެ.
ނޫޙުގެފާނުގެ ޤައުމުގެ މީސްތަކުންވަނީ މަގުފުރެދުމެއްގައެވެ. އެބައިމީހުން ނެތުމުގެ ތެރެއިން އުފެއްދެވި ﷲ އަށް އަޅުކަން ނުކުރެއެވެ. އެކަމަކު ހިލައިން ހަދާފައިވާ ބުދުތަކަށް އަޅުކަން ކުރެއެވެ. ނޫޙުގެފާނު ހަރުއަޑުފުޅުން ޤައުމާއި މުޚާތަބު ކުރައްވާ ވިދާޅުވިއެވެ.
(يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ)[1]
މާނަ: “ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބު ތިޔަބައިމީހުންނަށް ލިބިދާނެކަމަށް އަހުރެން ބިރުގަނެއެވެ.”
(قَالَ الْمَلَأُ مِن قَوْمِهِ إِنَّا لَنَرَاكَ فِي ضَلَالٍ مُّبِينٍ)[2]
މާނަ: “އެކަލޭގެފާނުގެ ޤައުމުގެ ބޮޑުން ބުންޏެވެ. ހަމަކަށަވަރުން، އަހުރެމެންނަށް ފެންނަނީ، ފާޅުވެގެންވާ ފުރެދުމެއްގައި ކަލޭގެފާނު ވާތީއެވެ.”
(قَالَ يَا قَوْمِ لَيْسَ بِي ضَلَالَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ)[3]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް ފުރެދުމެއް ނެތެވެ. އަދި ކިއެއް ހެއްޔެވެ؟ އަހުރެންނީ، ޢާލަމުތަކުގެ ވެރި ރައްބުގެ ޙަޟްރަތުން އައި ރަސޫލަކީމެވެ.”
(أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ)[4]
މާނަ: “އަހުރެންގެ ރައްބުގެ ޙަޟުރަތުން ލިބިފައިވާ ރިސާލަތު ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް ނަޞޭޙަތް ތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް اللَّه ގެ ޙަޟްރަތުން އަހުރެންނަށް އެނގެއެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] الأعراف 59
[2] الأعراف 60
[3] الأعراف 61
[4] الأعراف 62