-
ނޫޙުގެފާނުގެ ދަޢުވަތު
ނޫހުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ﷲ އަށް އީމާންވުމަށް ގޮވާލެއްވިއެވެ. އަދި އެމީހުންނަށް ނަޞޭޙަތް ދިނުމުގައި ރެއާއި ދުވާލު ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ވިދާޅުވިއެވެ.
(يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ )[1]
މާނަ: “އޭ، އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން އަހުރެންނީ ތިޔަބައިމީހުންނަށް ބަޔާންވެގެން ހުރި އިންޛާރުކުރާ މީހަކީމެވެ.”
(أَنِ اعْبُدُوا اللَّـهَ وَاتَّقُوهُ وَأَطِيعُونِ)[2]
މާނަ: “ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށް ބިރުވެތި ވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ!”
(يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ اللَّـهِ إِذَا جَاءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ)[3]
މާނަ: “(އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށްޓަކައި ފުއްސަވައިދެއްވާނެއެވެ. އަދި ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ އަޖަލު އަތުވެއްޖެނަމަ، ލަހެއް ނުކުރައްވާނެއެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭކަމުގައި ވާނަމައެވެ.”
ﷲ ތަޢާލާ އެމީހުންގެ މައްޗަށް ވާރޭ ފެން ހިފެހެއްޓެވިއެވެ. ހަނަފަސްކަމާ ހުރެ ދަނޑުވެރިކަން ކުރުން މަދުވެގެން ދިޔައެވެ. އަދި ދަރިފަސްކޮޅު އިތުރުވެގެން ދިއުންވެސް މަދުވިއެވެ.
ނޫހުގެފާނު ވިދާޅުވިއެވެ. އޭ އަހަރެންގެ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް އީމާންވާނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ރުހިވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ދުރުކޮށްދެއްވާނެއެވެ.
ތިޔަބައިމީހުން ﷲ އަށް އީމާންވާނަމަ، ތިޔަބައިމީހުންގެ މައްޗަށް އުޑުން ވާރޭފެން ވެއްސަވައި ދެއްވާނެއެވެ. އަދި ތިޔަބައިމީހުންގެ ރިޒުޤުގައި އެކަލާނގެ ބަރަކާތް ލައްވައި އިތުރުކޮށްދެއްވާނެއެވެ. އަދި ދަރިފަސްކޮޅުވެސް އިތުރުކޮށްދެއްވާނެއެވެ.
ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް، ﷲ އަށް އީމާންވުމަށް ގޮވައިލެއްވިއެވެ. އަދި އެމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުންނަށް ﷲ އެނގޭ ހެއްޔެވެ. ތިޔަބައިމީހުން ވަށައިގެންވަނީ އެކަލާނގެ ވޮޑިގެންވާކަމުގެ ހެކިތަކެވެ. އެ ހެކިތަކަށް ތިޔަބައިމީހުން ނުބަލަނީ ހެއްޔެވެ. ތިޔަބައިމީހުން އުޑަށާއި ބިމަށް ނުބަލަނީ ހެއްޔެވެ. އަދި އިރަށާއި ހަނދަށް ނުބަލަނީ ހެއްޔެވެ.
އުޑުތައް ހެއްދެވީ ކޮން ފަރާތެއް ހެއްޔެވެ! އެ އުޑުގައި ހަނދު ނޫރެއް ކަމުގައި ﷲ ލެއްވިއެވެ. އަދި އެކަލާނގެ އިރު ވޮށެއްގެ ގޮތުގައި ލެއްވިއެވެ.
ތިޔަބައިމީހުން ނެތުމުގެ ތެރެއިން ހެއްދެވީ ކޮން ފަރާތެއް ހެއްޔެވެ؟ ތިޔަބައިމީހުންނަށްޓަކައި ފެތުރިގެންވާ ދޫލައެއްގެ ގޮތުގައި ބިންގަނޑު ލެއްވީ ކޮން ފަރާތެއް ހެއްޔެވެ؟
މި ހުރިހާ ވާހަކަތަކެއް ނޫޙުގެފާނުގެ ކިބައިން އަޑުއިވުމުންވެސް ބުއްދީގެ ބޭނުމެއް އެމީހުންނެއް ނުކުރިއެވެ. އަދި ﷲ އަށް އީމާންވާ ބަޔަކުކަމުގައި ވެސް އެމީހުންނެއް ނުވިއެވެ. އޭގެ ބަދަލުގައި ނޫޙުގެފާނު އެ މީހުންނަށް ﷲ އަށް އީމާންވުމަށް ގޮވާލައްވައިފިނަމަ، އެމީހުންގެ ކަންފަތަށް އިނގިލިލައިގެން ތިބެއެވެ. އެއީ ހެޔޮ ނަޞޭޙަތެއް އަޑު ނޭހުމަށްޓަކައެވެ. އަޑު ނާހާ ބަޔަކަށް އެއްޗެއް ވިސްނޭނީ ކިހިނެތް ހެއްޔެވެ؟ އަދި އަޑުއިވޭ ބަޔަކުކަމުގައި ވިޔަސް، އަޑުއަހަން ބޭނުން ނުވާ ބަޔަކަށް، އެއްޗެއް އަޑު އިވޭނެ ހެއްޔެވެ؟
___________________
މަޞްދަރު: قصص النبيين للأطفال
[1] نوح 2
[2] نوح 3
[3] نوح 4