-
ނަވެއް ބެންނެވުމަށް ﷲ ތަޢާލާ އެކަލޭގެފާނަށް އަމުރުކުރެއްވުން
ނޫޙުގެފާނުގެ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރެއްވިއެވެ. އެކަލޭގެފާނުގެ ޤައުމު މީސްތަކުން ޣަރަޤު ކުރެއްވުމަށް ﷲ އިރާދަކުރެއްވިއެވެ. ނޫޙުގެފާނާ އަދި ﷲ އަށް އީމާންވި މަދު ބަޔަކު ސަލާމަތްކުރެއްވުމަށް ވެސް އެކަލާނގެ އިރާދަކުރެއްވިއެވެ. ބޮޑު ނަވެއް ބަނުމަށް ނޫޙުގެފާނަށް ﷲ އަމުރުކުރެއްވިއެވެ. އެހެންކަމުން މި ނައު ބަނުމުގެ މަސައްކަތް ނޫޙޫގެފާނު ފެއްޓެވިއެވެ. ނާކޮޅު ބަނުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު ކާފިރުވި މީހުން އެކަލޭގެފާނަށް މަލާމާތް ކުރަމުން ދިޔައެވެ.
ޤައުމުގެ މީހުން ކުރި މަލާމާތުގެ ހުރިހާ ބަހެއް އެކަލޭގެފާނަށް އަޑުއިވިވަޑައިގަތެވެ. އެހެނެއް ކަމަކު އެކަލޭގެފާނު ކެތްތެރިވެވަޑައިގަތެވެ. މީގެ ކުރިން މިއަށްވުރެ މާ ވަރުގަދަ ފުރައްސާރަ އާ އެކަލޭގެފާނަށް ކުރިމަތިވެވަޑައިގަތެވެ. އެކަލޭގެފާނު ކެތްތެރިވެވަޑައިގަތެވެ.
އެކަމަކު ބައެއް ފަހަރު އެމީހުންނަށް އެކަލޭގެފާނު ވިދާޅުވެއެވެ.
(قَالَ إِن تَسْخَرُوا مِنَّا فَإِنَّا نَسْخَرُ مِنكُمْ كَمَا تَسْخَرُونَ)[1]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މަލާމާތްކުރާނަމަ، ތިޔަބައިމީހުން މަލާމާތްކުރާ ފަދައިން، ހަމަކަށަވަރުން، ތިމަންމެންވެސް ތިޔަބައިމީހުންނަށް މަލާމާތް ކުރަމެވެ.”
(فَسَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ)[2]
މާނަ: “ފަހެ، ނިކަމެތިކަން އެމީހަކަށް ދެނިވި ޢަޛާބު، އެމީހަކާ ހަމައަށް އަންނަނީ އަދި ދެމިހުންނަނިވި ޢަޛާބު، އެމީހަކަށް ކުރިމަތިވެގެން އަންނަނީ، ކާކަށްކަން ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] هود 38
[2] هود 39