-
ތޫފާނަށް ފަހު
ﷲ އަށް އީމާން ނުވީ މީހުންތައް ޣަރަޤު ވެގެން ހިނގައްޖެއެވެ. ދެން އެއަށް ފަހު ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
(وَقِيلَ بُعْدًا لِّلْقَوْمِ الظَّالِمِينَ)[1]
މާނަ: “އަދި އެންގެވިއެވެ. އަނިޔާވެރިވީ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ.”
(وَقِيلَ يَا أَرْضُ ابْلَعِي مَاءَكِ وَيَا سَمَاءُ أَقْلِعِي وَغِيضَ الْمَاءُ وَقُضِيَ الْأَمْرُ) [2]
މާނަ: “އަދި އެންގެވިއެވެ. އޭ ބިމާއެވެ! ތިޔަ ބިމުގެ ފެންގަނޑު ދިރުވައިލާށެވެ! އަދި އޭ އުޑާއެވެ! ވެހުން ހުއްޓައިލާށެވެ! ދެން ފެންގަނޑު ހިނދިއްޖެއެވެ. އަދި (އެއުރެން ހަލާކުވެ ދިއުމުގެ) ކަންތައްވެ ނިމިއްޖެއެވެ.”
ދެން އެއަށް ފަހު ޖޫދިއްޔަ ފަރުބަދައިގެ މައްޗަށް ނައުކޮޅު ބީހުނެވެ. އަދި ނޫޙުގެފާނަށް ﷲ ވަޙީކުރެއްވިއެވެ.
(قِيلَ يَا نُوحُ اهْبِطْ بِسَلَامٍ مِّنَّا وَبَرَكَاتٍ عَلَيْكَ وَعَلَىٰ أُمَمٍ مِّمَّن مَّعَكَ) [3]
މާނަ: “އެންގެވިއެވެ. އޭ ނޫޙުގެފާނެވެ! ތިމަންއިލާހުގެ ޙަޟްރަތުން އަމާންކަމަކާއެކު އަދި ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ އުއްމަތް ތަކަށް ބަރަކާތާއެކު (ނާކޮޅުން) ފައިބައިވަޑައިގަންނަވާށެވެ!”
ކާފިރުވީ މީހުންތައް ޣަރަޤުވެ ނިމިއްޖެއެވެ. އެމީހުންގެ މައްޗަކަށް އުޑެއްވެސް އަދި ބިމެއް ވެސް (ހިތާމަކޮށް) ނުރޮއެވެ. ނޫޙުގެފާނާ އެކުވީ އީމާންވި މީހުންގެ ދަރިފަސްކޮޅަށް ﷲ ބަރަކާތް ލެއްވިއެވެ. އެމީހުންގެ ދަރިފަސްކޮޅު ބިން މައްޗަށް ފެތުރިގެން ދިޔައެވެ. އެ ދަރިފަސްކޮޅުގައި އުއްމަތްތަކެއް ވެއެވެ. އﷲ ތަޢާލާ ނޫޙުގެފާނާއި ބެހޭ ގޮތުން ވަޙީކުރެއްވިއެވެ.
(سَلَامٌ عَلَىٰ نُوحٍ فِي الْعَالَمِينَ)[4]
މާނަ: “ޢާލަމުތަކުގައި ނޫޙުގެފާނުގެ މައްޗަށް ސަލާމު ހުއްޓެވެ.”
=ނިމުނީ=
___________________
މަޞްދަރު: قصص النبيين للأطفال
[1] 44 هود
[2] 44 هود
[3] 48 هود
[4]79 الصافات