-
ހޫދުގެފާނުގެ ދަޢުވަތު
ހޫދުގެފާނުގެ ޤައުމުގެ މީހުން ބުދުތަކަށް އަޅުކަންކުރާ މަންޒަރު އެކަލޭގެފާނަށް ފެނިވަޑައިގަންނަވައެވެ. އެއީ އެމީހުންގެ އަމިއްލަ އަތްތަކުން ކަނޑާ ކޮށައިގެން ހަދާފައިވާ ބުދުތަކެކެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟
އެމީހުންނަށް ރިޒުޤުދެއްވަނީ އެ ބުދުތައް ހެއްޔެވެ؟
ނޫނެކެވެ. އެމީހުންނަށް ރިޒުޤުދެއްވަނީ އެއްކައުވަންތަ ﷲ ތަޢާލާއެވެ.
އެއިލާހަށް އަޅުކަންކުރުމުން އެމީހުންގެ މުދަލުގައްޔާއި، ދަރިފަސްކޮޅުގައި އަދި ދަނޑުވެރިކަމުގައިވެސް އެކަލާނގެ ބަރަކާތް ލައްވާނެއެވެ. އެކަން ހޫދުގެފާނަށް އެނގިވަޑައިގަންނަވައެވެ.
ނޫޙުގެފާނުގެ ފަހުން ބިމުގައި ޚަލީފާއިންކަމުގައި އެމީހުން ލެއްވީ އެމީހުން އަޅުކަންކުރަމުންދާ ބުދުތައް ހެއްޔެވެ؟
އެހެން މީހުންނާއި ޚިލާފަށް ބާރުގަދަ ހަށިތަކެއްގެ ވެރި ބައެއްކަމުގައި އެމީހުން ލެއްވީވެސް ދިރުމެއްނުވާ، އެ ބުދުތައް ހެއްޔެވެ؟
ނޫނެކެވެ! އެއީ ބުއްދި ޤަބޫލުނުކުރާފަދަ ވާހަކަތަކެކެވެ. އެ ހުރިހާ ނިޢުމަތްތަކެއް ވެސް އެމީހުންނަށް ދެއްވީ ހަމައެކަނި ﷲ ތަޢާލާއެވެ.
މި ހުރިހާ ނިޢުމަތްތަކަށްޓަކައި އެކަނިވެސް އެމީހުން ﷲ ތަޢާލާއަށް އަޅުކަންކުރުން ޙައްޤުވެގެން ނުވޭ ހެއްޔެވެ؟
ހޫދުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ﷲ އަށް އީމާންވުމަށް ގޮވައިލެއްވިއެވެ.
(يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ)[1]
މާނަ: “އޭ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަންވެވޭ) އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] 50 هود