- ތަޤްވާއަކީ ޢިލްމު އިތުރުވެގެންދާ ސަބަބެއް
(وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ)[1]
މާނަ: “އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އޭރުން ﷲ ތިޔަބައިމީހުންނަށް އުނގަންނަވައިދެއްވާނެއެވެ.”
- ތަޤްވާވެރިންނަށް ލިބޭ ސަވާބު ދުނިޔެ އާއި އެތަނުގައިވާ ޝަހުވަތަކަށް ވުރެ ހެޔޮ ވެގެންވޭ
(قُلْ أَؤُنَبِّئُكُم بِخَيْرٍ مِّن ذَٰلِكُمْ ۚ لِلَّذِينَ اتَّقَوْا عِندَ رَبِّهِمْ)[2]
މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! އެހުރިހާ ތަކެއްޗަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ކަމެއްގެ، ވާހަކަ ތިޔަބައިމީހުންގެ ގާތުގައި ތިމަންކަލޭގެފާނު ވިދާޅުވަން ހެއްޔެވެ؟ (އެއީ) ތަޤްވާވެރިވި މީހުންނަށް އެއުރެންގެ ރައްބުގެ ހަޟްރަތުގައި ވެއެވެ.”
- ތަޤްވާވެރިންނަށް ލިބޭ ސަވާބުތަކުގެ ތެރޭގައި އެތަނުގެ ދަށުން ފެން ކޯރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތައް ލިބުން ހިމެނޭ
(جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا وَأَزْوَاجٌ مُّطَهَّرَةٌ وَرِضْوَانٌ مِّنَ اللَّـهِ)[3]
މާނަ: “ސުވަރުގެތަކެވެ. އެތަނުގެ ދަށުން ފެން ކޯރުތައް ހިނގަހިނގައި ހުރެތެވެ. އެ ސުވަރުގެތަކުގައި، ދެމިތިބޭ ޙާލުގައެވެ. އަދި، ތާހިރުވެގެންވާ އަނބިންތަކެއްވެސް (އެއުރެންނަށް) ހުއްޓެވެ. އަދި، ﷲގެ ޙަޟްރަތުން ރުއްސެވުން (އެއުރެންނަށް) ހުއްޓެވެ.”
- ތަޤްވާގެ ސަބަބުން ﷲ ތަޢާލާގެ ލޯބި އެމީހަކަށް ލިބިގެންދޭ
(بَلَىٰ مَنْ أَوْفَىٰ بِعَهْدِهِ وَاتَّقَىٰ فَإِنَّ اللَّـهَ يُحِبُّ الْمُتَّقِينَ)[4]
މާނަ: “އެހެންނަކުން ނޫނެވެ! އެމީހެއްގެ ޢަހުދު އެ މީހަކު ފުރިހަމަޔަށް އަދާކޮށް، ތަޤްވާވެރިވެއްޖެމީހާ (ދަންނައެވެ!) ފަހެ، ހަމަކަށަވަރުން ތަޤްވާވެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
- ތަޤްވާއަކީ ޢަދުއްވުންގެ ކިބައިން ހިމާޔަތް ލިބިގެންދާ ސަބަބެއް
(وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا)[5]
މާނަ: “އަދި ތިޔަބައިމީހުން ކެތްކޮށް ތަޤްވާވެރިވާނަމަ، (އެބަހީ: ބިރުވެތިވެ ރައްކާތެރިވާނަމަ) އެއުރެންގެ މަކަރުވެރިކަމަކުން ތިޔަބައިމީހުންނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.”
- ﷲ ތަޢާލާއަށް އަދާކުރެވޭ ޝުކުރު ފުރިހަމަ ވެގެންދަނީ ތަޤްވާގެ ސަބަބުން
(فَاتَّقُوا اللَّـهَ لَعَلَّكُمْ تَشْكُرُونَ)[6]
މާނަ: “ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ.”
- ތަޤްވާއަކީ މަލާއިކަތް ބޭކަލުންގެ އެހީތެރިކަން ލިބިގެންދާ ސަބަބެއް
(بَلَىٰ ۚ إِن تَصْبِرُوا وَتَتَّقُوا وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ آلَافٍ مِّنَ الْمَلَائِكَةِ مُسَوِّمِينَ)[7]
މާނަ: “ނޫނެކެވެ! (ފުދޭނެއެވެ.) ތިޔަބައިމީހުން ކެތްތެރިވެ (ﷲއަށް) ބިރުވެތިވެ ރައްކާތެރިވާނަމަ، އަދި ތިޔަބައިމީހުންނާއި ހަމައަށް އެއުރެން (އެބަހީ: މުޝްރިކުން) ހަމަ ކުއްލިޔަކަށް އަންނަނަމަ، ފާހަގަކުރައްވާފައިވާ ފަސްހާސް މަލާއިކަތުން (ފޮނުއްވައިގެން) ތިޔަބައިމީހުންގެ ރައްބު ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ.”
- ތަޤްވާއަކީ ކާމިޔާބު ލިބޭ ސަބަބެއް
(وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ)[8]
މާނަ: “އަދި ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.”
- ތަޤްވާގެ ސަބަބުން އުޑުތަކާއި ބިންފަދަ ތަނަވަސް ސުވަރުގެ ލިބޭނެކަމަށް ﷲ ތަޢާލާ ވަޢުދުވުން
(وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ)[9]
މާނަ: “(އެއީ) އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެތަކެވެ. އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާވެރިންނަށެވެ.”
- ތަޤްވާއަކީ މަތިވެރިވެގެންވާ އަޖުރު ލިބެނިވި ސަބަބެއް
(لِلَّذِينَ أَحْسَنُوا مِنْهُمْ وَاتَّقَوْا أَجْرٌ عَظِيمٌ)[10]
މާނަ: “އެއުރެންގެ ތެރެއިން އިހުސާންތެރިވެ ތަޤްވާވެރިވި މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ.”
(وَإِن تُؤْمِنُوا وَتَتَّقُوا فَلَكُمْ أَجْرٌ عَظِيمٌ)[11]
މާނަ: “އަދި ތިޔަބައިމީހުން އިމާންވެ، ތަޤްވާވެރިވާނަމަ، ފަހެ، ތިޔަބައިމީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ.”
= ނުނިމޭ =
_____________________
މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.
[1] سورة البقرة 282
[2] آل عمران 15
[3] آل عمران 15
[4] آل عمران 76
[5] آل عمران 120
[6] آل عمران 123
[7] آل عمران 125
[8] آل عمران 200
[9] آل عمران 133
[10] آل عمران 172
[11] آل عمران 179