[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހޫދުގެފާނުގެ ވާހަކަ 10

  • ޢަޛާބު އައުން

ޢާދު ބާގައިމީހުންގެ މައްޗަށް ވާރޭ ވެއްސެވުން ﷲ ހުއްޓަވައިލެއްވިއެވެ. ވާރޭ ވެހޭތޯ އެމީހުން އުޑަށް ބަލަހައްޓައިގެން ތިބެއެވެ. އެއީ އުޑުގައި ވާރޭގެ އަޘަރެއް ވޭތޯ ބެލުމަށްޓަކައެވެ. ނަމަވެސް، އެމީހުންނަކަށް އުޑުން އެންމެ ވިލާގަނޑެއްވެސް ނުފެނެއެވެ.

ދެން ވީގޮތް ތިޔަކުދިންނަށް އެނގޭ ހެއްޔެވެ؟

އެއް ދުވަހަކު ވަރަށް ބޮޑު، ކަޅު ވިލާގަނޑެއް މިބައިމީހުންނާއި ދިމާލަށް އަންނަތަން މި މީހުންނަށް ފެނިއްޖެއެވެ. މިކަމާ ވަރަށް ބޮޑަށް އުފާވެއްޖެއެވެ. އަދި އެމީހުން ބުނަމުން ދިޔައެވެ. މިއީ އަހަރުމެންގެ މައްޗަށް ވާރޭ ވެއްސާނޭ ވިލާގަނޑެކެވެ.

މި ވިލާގަނޑަކީ ވާރޭ ވިލާގަނޑެއްކަމުގައި މީސްތަކުން ހީކުރިއެވެ. ނަމަވެސް އެ ވިލާގަނޑަކީ އެބައިމީހުންގެ މައްޗަށް ހުރި ރަޙުމަތެއް ނޫނެވެ. އެކަމަކު އެއީ ވައިރޯޅިއެކެވެ. އޭގައިވަނީ ގަދަފަދަވެގެންވާ ޢަޛާބެވެ.

ދެން މާތް ﷲގެ ކޯފާ އެބައިމީހުންގެ މައްޗަށް ބާވައިލެއްވިއެވެ. ވަރަށް ގަދަޔަށް ވައިޖެހެން ފެށިއެވެ. މީގެ ކުރިން މިފަދަ މަންޒަރެއް ޢާދު ބާގައިމީހުން ދުވަހަކުވެސް ދެކެފައެއް ނުވެއެވެ. އަދި އެފަދަ ވާހަކައެއް އަޑުއަހާފައެއްވެސް ނުވެއެވެ. އެ ވައިރޯޅިތައް އެމީހުން ތިބިތަނުން ދުރު ހިސާބުތަކަށް އެއްލާލައެވެ. އެމީހުންގެ ހިތްތައް ބިރުވެރިކަމުން ފުރިގެންދިޔައެވެ. އަވަހަށް އެމީހުންގެ ގެތަކަށް ވަދެ، ނިވާކަން ހޯދިއެވެ.

ވިދިވިދިގެން ހަތް ރެއާއި އަދި އަށް ދުވަހު، އެ ގަދަފަދަ ވައި ޖެހުނެވެ. މާތް ﷲގެ ޢާޛާބުން އެމީހުން ސަލާމަތްކޮށްދިނުމުގެ ބާރެއް އެމީހުން އަޅުކަންކުރަމުން އައި ބުދުތަކަށް ލިބިގެނެއް ނުވިއެވެ. އެމީހުންގެ ނިމުން ވަރަށްވެސް ހިއްޗެވެ. އެމީހުން ހީވަނީ ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެއް ހެނެވެ.

(سَخَّرَهَا عَلَيْهِمْ سَبْعَ لَيَالٍ وَثَمَانِيَةَ أَيَّامٍ حُسُومًا فَتَرَى الْقَوْمَ فِيهَا صَرْعَىٰ كَأَنَّهُمْ أَعْجَازُ نَخْلٍ خَاوِيَةٍ) [1]

މާނަ: “އެކަލާނގެ އެބައިމީހުންގެ މައްޗަށް ހަތް ރެޔާއި، އަށް ދުވާ ވަންދެން ވިދިވިދިގެން އެ ވައި ފޮނުއްވިއެވެ. ފަހެ، އެ ޤައުމުގެ މީހުން މަރުވެގެން ވެއްޓިފައިވާތީ ތިބާ ދެކޭނެއެވެ. އެބައިމީހުންނެކޭ ހޮއިހެދިފައިވާ ކަދުރު ރުކުގެ ބުޑުތަކެކޭ އެއްފަދައެވެ.”

(فَهَلْ تَرَىٰ لَهُم مِّن بَاقِيَةٍ) [2]

މާނަ: “ފަހެ، އެބައިމީހުންގެ ތެރެއިން ސަލާމަތްވި އެކަކުވެސް ތިބާޔަށް ފެނޭ ހެއްޔެވެ؟”

އެ ކިއްލާތަކަކީ އެއާ މެދު އެމީހުން ފަޚުރުވެރިވެ އުޅުނު ބިނާތަކެވެ. ނަމަވެސް އެތަނަށް ވަދެ ފިލުމުން އެމީހުންނަށް ލިބުނު ފައިދާއެއް އެބައޮތް ހެއްޔެވެ؟

އެ ކިއްލާތައް އެމީހުންނަށް ރައްކާތެރި ތަނެއްކަމުގައި ވި ހެއްޔެވެ؟

ﷲ ތަޢާލާ، ހޫދުގެފާނާއި އެކަލޭގެފާނަށް ތަބާވީ މީހުން މި ގަދަފަދަ ޢާޛާބުން ސަލާމަތްކުރެއްވިއެވެ. އަދި މާތް ﷲ އަށް ކާފިރުވުމުގެ ސަބަބުން ޢާދު ބާގައިމީހުން ހަލާކުވެގެން ދިޔައެވެ.

(أَلَا إِنَّ عَادًا كَفَرُوا رَبَّهُمْ ۗ أَلَا بُعْدًا لِّعَادٍ قَوْمِ هُودٍ) [3]

މާނަ: “ހަމަކަށަވަރުން ޢާދު ބާގައިމީހުން، އެބައިމީހުންގެ ރައްބަށް ކާފިރުވިއެވެ. ދަންނާށެވެ! ޢާދު ބާގައިމީހުންނަށް ހަލާކާއި، ގެއްލުން ހުށްޓެވެ. (އެއީ) ހޫދުގެފާނުގެ ޤައުމުގެ މީހުންނެވެ.”

 

=ނިމުނީ=

___________________

މަޞްދަރު: قصص النبيين للأطفال

ހޫދުގެފާނުގެ ވާހަކަ

[1] 7 الحاقة

[2] 8  الحاقة

[3] 60 هود