[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

المَسِيحُ الدَّجَّال – 2

  • ދައްޖާލުގެ ސިފަތަކާއި އެކަން ބަޔާން ކުރައްވައިފައިވާ ބައެއް ޙަދީޘްތައް

 

ދައްޖާލަކީ އާދަމުގެ ދަރީންކުރެ މީހެކެވެ. އޭނާގެ ފިތުނައަކީ މި ދުނިޔެއަށް ފާޅުވާނެ އެންމެ ބޮޑު ފިތުނައެވެ. އެހެންކަމުން އޭނާ ދެނެގަނެ އޭނާގެ ނުބައިކަމާއި ފިތުނައިން މީސްތަކުން ސަލާމަތްވުމަށްޓަކައި ރަސޫލުﷲ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅުތަކުގައި ދައްޖާލުގެ އެތަކެއް ސިފަތަކެއް ބަޔާން ކޮށްދެއްވާފައިވެއެވެ. އެއީ އެ ސިފަތަކުން އޭނާ ދެނެގަނެ، އޭނާގެ ފިތުނައިން އެންމެހާ މުއުމިނުން އެއްކިބާވުމަށްޓަކައެވެ. އާދަމުގެ ދަރީން ކުރެ މީހެއްކަމުގައިވާ ދައްޖާލު، މި ސިފަތަކުން އެހެން އިންސާނުންނާ ވަކިކޮށް ފަރަޤު ކުރަން އެނގޭނެއެވެ. އަދި އަބާއްޖަވެރި ޖާހިލަކު މެނުވީ ދައްޖާލުގެ ފިތުނައިގައި ޖެހި ގެއްލިގެން ނުދާނެއެވެ. އަޅަމެންނަކީ މި ފިތުނައިން ސަލާމަތްވާނޭ ބައެއްކަމުގައި ލައްވާށިއެވެ.

މިގޮތުން ދައްޖާލަކީ ހަމުގެ ކުލަ ރަތް، ޒުވާން ފިރިހެނެކެވެ. އިސްކޮޅުން ކުރު މީހެކެވެ. އޭނާގެ އިސްތަށިގަނޑު ބޯ ވެފައި ބުޅި ވާނެއެވެ. ނިތްކުރި ބޮޑު، ބައިމަތި ފުޅާ މީހެކެވެ. އަދި އޭނާގެ ކަނާތު ލޮލަކަށް ނުފެންނާނެއެވެ. އެ ލޯ ހުންނާނީ މޭބިސްކަދުރެއް ފަދައިން ބޭރަށް ނުކުމެފައެވެ. ވާތު ލޮލުގެ މަތީގައި މަހުގެ ދުއްޔެއް ލެވިފައި ހުންނާނެވެ. އަދި ދެ ލޯ ދެމެދު “ك ف ر” ވަކި ވަކި އަކުރުން ނުވަތަ “كافر” މިގޮތަށް ލިޔެފައި ހުންނާނެވެ. ލިޔަންކިޔަން ދަންނަ މީހުންނާ ނުދަންނަ މީހުން ތަފާތު ކުރުމެއްނެތި ހުރިހާ މުސްލިމުންނަށް އެ ލިޔުން ކިޔަން އެނގޭނެއެވެ. އަދި އޭނާއަށް ދަރީންނެއް ނުލިބޭނެއެވެ.

މިއީ މަތީގައި ޛިކުރުކުރެވުނު ޞިފަތައް ބަޔާންކުރައްވާފައިވާ ޞައްޙަ ޙަދީޘްތަކުގެ ތެރެއިން ބައެއް ޙަދީޘެވެ. މިޙަދީޘްތައް ދައްޖާލު ފާޅުވާނެކަން ދަލީލުކޮށްދެއެވެ.

  1. عن عبد الله بن عمر رضي الله عنهما قال: قال رسول الله صلى الله عليه وسلم:

((بَيْنَا أَنَا نَائِمٌ رَأَيْتُنِي أَطُوفُ بِالْكَعْبَةِ فَإِذَا رَجُلٌ آدَمُ سَبْطُ الشَّعَرِ بَيْنَ رَجُلَيْنِ يَنْطُفُ رَأْسُهُ مَاءً فَقُلْتُ مَنْ هَذَا قَالُوا ابْنُ مَرْيَمَ . فَذَهَبْتُ أَلْتَفِتُ فَإِذَا رَجُلٌ أَحْمَرُ جَسِيمٌ جَعْدُ الرَّأْسِ أَعْوَرُ الْعَيْنِ الْيُمْنَى كَأَنَّ عَيْنَهُ عِنَبَةٌ طَافِيَةٌ قُلْتُ مَنْ هَذَا قَالُوا هَذَا الدَّجَّالُ ، أَقْرَبُ النَّاسِ بِهِ شَبَهًا ابْنُ قَطَنٍ)) [رواه البخاري برقم: 7026[

ޢަބްދުﷲ ބުން ޢުމަރު رضي الله عنهما ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ތިމަންކަލޭގެފާނު އަވާރަފުޅުލައްޕަވާފައި އޮންނަވަނިކޮށް ހުވަފެންފުޅެއްގައި ފެނިވަޑައިގަތީ ތިމަންކަލޭގެފާނު ކަޢުބާ އަރިހުގައި ޠަވާފު ކުރައްވަނިކޮށެވެ. މި ޠަވާފު ކުރެއްވުމުގެ ތެރޭގައި، ބޯ ފަން، އިސްތަށިތަކުން ފެން ތިކި ޖަހަމުން ދިޔަ މީހަކު ދެ މީހުން ދެމެދުން ޠަވާފު ކުރަމުން ދަނިކޮށް ފެނިވަޑައިގަތެވެ. އެއީ ކާކުތޯ ސުވާލު ކުރެއްވުމުން މީސްތަކުން ބުންޏެވެ. އެއީ މަރިޔަމްގެފާނުގެ ދަރިކަލުންނެވެ. ދެން ހިނގަމުން ގޮސް ފަހަތް ބައްލަވާލެއްވިއިރު ފެނިވަޑައިގަތީ ހަމުގެ ކުލަ ރަތް، ހަށިގަނޑު ބޮޑު، ބޮލުގެ އިސްތަށިގަނޑު ބުޅި، ކަނާތު ލޯ ކަނު ފިރިހެނެކެވެ. އޭނާގެ ލޯ ނިކުމެފައިވާ މޭބިސްކަދުރެއް ފަދައެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އެއީ ކާކުތޯއެވެ. މީސްތަކުން ބުންޏެވެ. އެއީ ދައްޖާލެވެ. އޭނާއާ އެންމެ ވައްތަރުވެގެންވަނީ ابن قطن އެވެ.”

ابن قطن އަކީ ބަނުލް މުޞްޠަލަޤު ޤަބީލާގެ ޚުޒާޢާ ދަރިކޮޅުގެ މީހެކެވެ.

  1. عن ابن عمر رضي الله عنهما أن رسول الله صلى الله عليه وسلم ذكر الدجال بين ظهراني الناس فقال :

((إِنَّ اللَّهَ لَيْسَ بِأَعْوَرَ، أَلا إِنَّ الْمَسِيحَ الدَّجَّالَ أَعْوَرُ الْعَيْنِ الْيُمْنَى كَأَنَّ عَيْنَهُ عِنَبَةٌ طَافِيَةٌ)) ]رواه البخاري برقم: 3439[

އިބްނު ޢުމަރު رضي الله عنهما ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ދައްޖާލުގެ ވާހަކަ މީސްތަކުންގެ ގާތު ޛިކުރު ކުރައްވަމުން ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ﷲ ތަޢާލާއަކީ އެއްލޯ ކަނު ފަރާތެއް ނޫނެވެ. އެހެނެއްކަމަކު ދައްޖާލުގެ ކަނާތު ލޮލަށް ނުފެންނާނެއެވެ. އެ ލޯ ހުންނާނީ ނިކުމެފައިވާ މޭބިސްކަދުރެއް ފަދައެވެ.”

  1. الحديث الطويل الذي رواه النواس بن سمعان رضي الله عنه قال :

“ذكر رسول الله صلى الله عليه وسلم الدجال ذات غَدَاةٍ فَخَفَّضَ فِيهِ وَرَفَّعَ حَتَّى ظَنَنَّاهُ فِي طَائِفَةِ النَّخْلِ …” فقال في وصف الدجال : ((إِنَّهُ شَابٌّ قَطَطٌ عَيْنُهُ طَافِئَةٌ كَأَنِّي أُشَبِّهُهُ بِعَبْدِ الْعُزَّى بْنِ قَطَنٍ)) ]رواه مسلم برقم:2937[

النواس بن سمعان رضي الله عنه ރިވާ ކުރެއްވި ދިގު ޙަދީޘެއްގައިވެއެވެ. “އެއް ދުވަހެއްގެ ހެނދުނު ރަސޫލުﷲ صلى الله عليه وسلم ދައްޖާލުގެ ވާހަކަ ޛިކުރުކުރައްވަމުން ގެންދެވިއިރު އަޑުފުޅު ބައެއް ފަހަރު މަޑު ކުރައްވައެވެ. އަނެއްބައި ފަހަރު އަޑު ބާރު ކުރައްވާ ގަދަ ކުރައްވައެވެ. އޭނާ (ދައްޖާލު) ކަދުރު ރުއްތަކު ތެރޭގައި ވެއްޖެއޭ ހީވެއްޖައުމަށް ދާންދެނެވެ.” އަދި ދައްޖާލު ޞިފަކުރައްވަމުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އެއީ ބޮލުގެ އިސްތަށިގަނޑުގެ ބުޅިކަން ގަދަ ޒުވާނެކެވެ. އޭނާގެ ލޯ ވަނީ ނުކުމެ އަރާފައެވެ. ތިމަންކަލޭގެފާނަށް، އޭނާ ވައްތަރުވާކަމަށް ހީފުޅުވަނީ عبد العُزّى بن قَطَن އާއެވެ.”

  1. عبادة بن الصامت رضي الله عنه : قال رسول الله صلى الله عليه وسلم :

((إِنِّي قَدْ حَدَّثْتُكُمْ عَنْ الدَّجَّالِ حَتَّى خَشِيتُ أَنْ لا تَعْقِلُوا، إِنَّ مَسِيحَ الدَّجَّالِ رَجُلٌ قَصِيرٌ أَفْحَجُ جَعْدٌ أَعْوَرُ مَطْمُوسُ الْعَيْنِ لَيْسَ بِنَاتِئَةٍ وَلا حَجْرَاءَ فَإِنْ أُلْبِسَ عَلَيْكُمْ فَاعْلَمُوا أَنَّ رَبَّكُمْ لَيْسَ بِأَعْوَرَ)) ]رواه أبو داود برقم: 4320 ، وصححه الألباني[

عبادة بن الصامت رضي الله عنه އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު، ތިޔަބައިމީހުނަށް ނުވިސްނިދާނެކަމަށް ބިރުފުޅުގަންނަ ވަރަށް، ތިޔަބައިމީހުނަށް ދައްޖާލުގެ ވާހަކައިން ކިޔާ ދެއްވައިފީމެވެ. ހަމަކަށަވަރުން ދައްޖާލަކީ އިސްކޮޅުން ކުރު، ފައި އެތެރެއަށް ލެނބިފައިވާ ފިރިހެނެކެވެ. އަދި އޭނާގެ ބޯ ބުޅިވެފައި އެއް ލޯ “ޢަވަރު” ވާނެއެވެ. އެ ލޯ ހުންނަނީ އެއްކޮށް ބޭރަށް ނިކުމެފައެއްވެސް ނޫނެވެ. އަދި މާ ބޮޑަށް އެތެރަށް ވަދެފައެއްވެސް ނޫނެވެ. ތިޔަބައިމީހުނަށް އޮޅުން އަރައިފިނަމަ ފަހެ، ދަންނާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބު އެއީ އެއް ލޯ ކަނު ފަރާތެއް ނޫނެވެ.”

  1. وفي حديث أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:

((… وَأَمَّا مَسِيحُ الضَّلالَةِ فَإِنَّهُ أَعْوَرُ الْعَيْنِ أَجْلَى الْجَبْهَةِ عَرِيضُ النَّحْرِ فِيهِ دَفَأٌ…))   ] رواه أحمد برقم: 7892 [

أبو هريرة رضي الله عنه އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އަދި ހަމަކަށަވަރުން މަގުފުރައްދާ މަސީޙަކީ (އެބަހީ ދައްޖާލަކީ) އެއް ލޯ “ޢަވަރު”، ނިއްކުރި ބޮޑު، ބައިމަތި ފުޅާ މީހެކެވެ.”

  1. وفي حديث حذيفة رضي الله عنه قال : قال رسول الله صلى الله عليه وسلم :

((الدَّجَّالُ أَعْوَرُ الْعَيْنِ الْيُسْرَى ، جُفَالُ الشَّعَرِ مَعَهُ جَنَّةٌ وَنَارٌ فَنَارُهُ جَنَّةٌ وَجَنَّتُهُ نَارٌ)) ]رواه مسلم برقم:2934[

حذيفة رضي الله عنه އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ދައްޖާލުގެ ވާތު ލޯ “ޢަވަރު” ވެގެންވެއެވެ. އަދި އިސްތަށިގަނޑު ބޯ ވާނެއެވެ. އޭނައާއި އެކު ސުވަރުގެ އަކާއި ނަރަކައެއް ވެއެވެ. ފަހެ އޭނާގެ ނަރަކައަކީ ސުވަރުގެއެވެ. އަދި އޭނާގެ ސުވަރުގެއަކީ ނަރަކައެވެ.”

  1. وفي حديث أنس رضي الله عنه : قال النبي صلى الله عليه وسلم :

((مَا بُعِثَ نَبِيٌّ إِلا أَنْذَرَ أُمَّتَهُ الأَعْوَرَ الْكَذَّابَ أَلا إِنَّهُ أَعْوَرُ وَإِنَّ رَبَّكُمْ لَيْسَ بِأَعْوَرَ وَإِنَّ بَيْنَ عَيْنَيْهِ مَكْتُوبٌ كَافِرٌ))   ]رواه البخاري برقم:7131[

أنس رضي الله عنه ރިވާކުރެއްވި ޙަދީޘްއެއްގައި ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “އެއް ލޯ “ޢަވަރު” ދޮގުވެރިޔާއާ މެދު އިންޒާރު ދެއްވާފައި ނުވާ ނަބިއްޔަކު ފޮނުއްވާފައި ނުވެއެވެ. ހަމަކަށަވަރުން އޭނާއަކީ އެއްލޯ “ޢަވަރު” މީހެކެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ ރައްބު އެފަދައިން ނުވެއެވެ. އަދި އޭނާގެ ދެލޮލުގެ ދެމެދުގައި ‘كافر’ ލިޔެވިފައި ވާނެއެވެ.”

وفي رواية : ” وَمَكْتُوبٌ بَيْنَ عَيْنَيْهِ ك ف ر ”   ]رواه مسلم برقم:2933[

އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. “ދެލޮލުގެ ދެމެދުގައި ‘ك ف ر’ ލިޔެފައި ވާނެއެވެ.”

وفي رواية عن حذيفة : ” يَقْرَؤُهُ كُلُّ مُؤْمِنٍ كَاتِبٍ وَغَيْرِ كَاتِبٍ ” ]رواه مسلم برقم:2934[

حذيفة رضي الله عنه ގެ އަރިހުން އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. “ކޮންމެ މުއުމިކަނަށް އެ ކިޔަން އެނގޭނެއެވެ. ލިޔަންކިޔަން ދަންނަ މީހުނާ ނުދަންނަ މީހުންވެސްމެއެވެ.”

      ދެލޮލުގެ ދެމެދުގައިވާ އެ ލިޔުމަކީ އަސްލުގައިވެސް ލިޔެވިފައިވާ ލިޔުމެކެވެ. ބައެއް މީހުންނަށް އެ ލިޔުން ފެނި އަނެއް ބަޔަކަށް ނުފެނުމާއި، ލިޔަންކިޔަން ނުދަންނަ މުއުމިނުންނަށް އެ ކިޔަން އެނގުމަކީ ސުވާލު އުފެދެންޖެހޭ ކަމެއް ނޫނެވެ.

“އެހެނީ ހަމަކަށަވަރުން އެ އިލާހުގެ އަޅުތަކުންގެ ލޮލަށް ފެންނަ އެއްޗެތި ދެނެގަތުމަށް ﷲ ތަޢާލާ މެދުވެރި ކުރައްވަނީ އެ އިލާހު އިރާދަ ކުރެއްވި ގޮތަކަށް އިރާދަ ކުރެއްވި ވަގުތެއްގައެވެ. ފަހެ އެ ލިޔުން މުއުމިނުންނަށް ފެންނާނެތެވެ. އެއީ ލިޔަންކިޔަން ނުދަންނަ މީހެއް ކަމުގައިވވިޔަސް މެއެވެ. އަދި ލިޔަންކިޔަން އެނގުނުކަމުގައި ވިޔަސް ކާފިރަކަށް އެ ލިޔުމެއް ނުފެންނާނެތެވެ. އެއި މުއުމިނުންނަށް ފެންނަ ހެކިތައް ކާފިރުންނަށް ނުފެންނަ ފަދައިންނެވެ. ފަހެ ލިޔަންކިޔަން ނުދަންނަ މުއުމިނަށްވެސް އެ ލިޔުން ފަހުމުވުމަށް ﷲ ތަޢާލާ މެދުވެރި ކުރައްވައެވެ. އެހެނީ އެ ޒަމާނުގައި އާދަޔާ ޚިލާފު އެތަކެއް ކަމެއް ވަމުން ދާނެއެވެ.”

[فتح الباري لابن حجر العسقلاني 100/13]

ޚުލާސާއަކީ، ﷲ ތަޢާލާއަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހުކަމުން އެ ލިޔުން މީސްތަކުންގެ ތެރެއިން ބަޔަކަށް ފެނި އަދި އަނެއްބަޔަކަށް ނުފެންނަ ގޮތް ހެއްދެވުމަށްވެސް އެ އިލާހު ކުޅަދުންވަންތައެވެ. އަދި ލިޔަންކިޔަން ނުދަންނަ މީހާއަށް އެ ކިޔާނެ ގޮތް މިންވަރު ކުރެއްވުމަށްވެސް ކުޅަދުންވަންތައެވެ.

النووي ވިދާޅުވިއެވެ. “މި މައްސަލަ ދިރާސާ ކުރެއްވި ޢިލްމުވެރީން ދެކެލައްވާ ގޮތުގައި މީގެ ޞައްޙަ ގޮތަކީ އެ ލިޔުމަކީ ފެންނަން ހުންނަ ހަޤީޤީ ލިޔުމެކެވެ. އޭނާގެ ކުފުރުކަމާއި ދޮގުވެރިކަމާއި ބާޠިލުކަން ފާޅުކުރެއްވުމަށް ލެއްވެވި ހެކިތަކާއި ޢަލާމާތްތަކުގެ ތެރެއިންވާ ކަމެކެވެ. ލިޔަންކިޔަން ދަންނަ އަދި ނުދަންނަ އެންމެހާ މުސްލިމުންނަށް ﷲ ތަޢާލާ އެކަން ފާޅު ކުރައްވާނެތެވެ. އަދި ﷲ ތަޢާލާ، އެ މީހަކު ގެއްލެނި ކުރައްވަން ނުވަތަ އިމްތިޙާނު ކުރައްވަން އިރާދަ ކުރައްވައިފި މީހަކަށް އެ ލިޔުން ފޮރުއްވަވައެވެ. އެކަން އެހެން ނުކުރެވޭންވީ ސަބަބެއް ނެތެވެ.”

[شرح النووي لصحيح مسلم 60/18]

  1. އަދި فاطمة بنت قيس رضي الله عنها، الجسّاسة ގެ ވާހަކަ ކިޔާދެއްވާ ޙަދީޘްގައި، ދައްޖާލުގެ ސިފަތަކުގެ ތެރެއިން އައިސްފައި ވެއެވެ.

قال تميم الداري رضي الله عنه: “فَانْطَلَقْنَا سِرَاعًا حَتَّى دَخَلْنَا الدَّيْرَ فَإِذَا فِيهِ أَعْظَمُ إِنْسَانٍ رَأَيْنَاهُ قَطُّ خَلْقًا وَأَشَدُّهُ وِثَاقًا” ]رواه مسلم برقم:2942[

تميم الداري رضي الله عنه ވިދާޅުވިއެވެ. “އެހިނދު ތިމަންމެން ކިއްލާ ތެރެއަށް ވަނުމަށް އަވަސްވެގަތީމެވެ. އެ ތަނުން ތިމަންމެން ދުވަހަކުވެސް ނުދެކޭފަދަ ބިޔަ ބޮޑު މީހަކު ފެނުނެވެ. އޭނާވަނީ ތިމަންމެން ދުވަހަކުވެސް ނުދެކޭފަދަ ގިނަ ހިލިހިލާއިން ކަސްތޮޅު އެޅުވިފައެވެ.”

  1. عمران بن حصين رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول:

((مَا بَيْنَ خَلْقِ آدَمَ إِلَى قِيَامِ السَّاعَةِ خَلْقٌ أَكْبَرُ مِنْ الدَّجَّالِ)) ]رواه مسلم برقم:2946[

عمران بن حصين رضي الله عنه ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. “އާދަމް عليه السلام ޚަލްޤު ކުރެއްވުމާއި ޤިޔާމަތްވުމާއި ދެމެދު ދައްޖާލަށް ވުރެ ބޮޑު (އެބަހީ: ފިތުނަ ބޮޑު) މަޚްލޫޤެއް ނުވެއެވެ.”

وفي رواية أحمد عَنْ هِشَامِ بْنِ عَامِرٍ الأَنْصَارِيِّ قَالَ سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ ((مَا بَيْنَ خَلْقِ آدَمَ إِلَى أَنْ تَقُومَ السَّاعَةُ فِتْنَةٌ أَكْبَرُ مِنْ فِتْنَةِ الدَّجَّالِ)) ]رواه في مسند الإمام أحمد برقم:16265 [

އަދި إمام أحمد ރިވާކުރައްވާފައިވެއެވެ. هِشَامِ بْنِ عَامِرٍ الأَنْصَارِيِّ ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. “އާދަމް – عليه السلام – ޚަލްޤު ކުރެއްވުމާއި ޤިޔާމަތް ޤާއިމު ވެއްޖައުމާއި ދެމެދު ދައްޖާލުގެ ފިތުނައަށް ވުރެ ބޮޑު ވެގެންވާ ފިތުނައެއް ނުވެއެވެ.”

  1. جاء في حديث أبي سعيد الخدري رضي الله عنه في قصته مع ابن صياد ، فقد قال لأبي سعيد: “أَلَسْتَ سَمِعْتَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: ((إِنَّهُ لا يُولَدُ لَهُ)) قَالَ قُلْتُ: “بَلَى”] رواه مسلم برقم:2927[

أبو سعيد الخدري رضي الله عنه ރިވާކުރެއްވި ޙަދީޘެއްގައި ابن صياد އެކަލޭގެފާނަށް ދެންނެވިއެވެ: ” ހަމަކަށަވަރުން އޭނާއަށް (ދައްޖާލަށް) ދަރިޔަކު ނުވެޔޭ، ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވި އަޑު ނާއްސަވަމުތޯއެވެ؟ ދެންނެވިއެވެ: އާދޭހެވެ. (އަޑު އެއްސެވީމުއެވެ.)”

 

      އިސްވެ ބަޔާން ކޮށްފައިވާ ބައެއް ޙަދީޘްތަކުގައި ސިފަކޮށްފައިވަނީ ދައްޖާލުގެ ކަނާތު ލޯ “ޢަވަރު” ކަމަށެވެ. އަދި ބައެއް ޙަދީޘްތަކުގައި އޭނާގެ ވާތު ލޯ “ޢަވަރު” ކަމަށްވެސް ސިފަ ކޮށްފައިވެއެވެ. މި ހުރިހާ ޙަދީޘްތަކަކީވެސް ޞައްޙަ މަގުން ވާރިދުވެގެން އައިސްފައިވާ ރިވާޔަތްތަކެވެ. ބައެއް ޢިލްމުވެރީން މި ދެގޮތަށް ރިވާވެފައިވާ ޙަދީޘްތަކުގެ މާނަ އެއްކުރައްވާ ބަޔާންކޮށް ދެއްވައެވެ. މިގޮތުން القاضي عياض ބަޔާންކޮށް ދެއްވެވިއެވެ. “ދައްޖާލުގެ ދެ ލޯ ވެސް ވަނީ ޢައިބުވެގެންނެވެ. އެހެނީ މި ހުރިހާ ރިވާޔަތްތަކަކީ ވެސް ޞައްޙަ ރިވާޔަތްތަކެވެ. ابن عمر ގެ ޙަދީޘްގައިވާ ފަދައިން ދައްޖާލުގެ ކަނާތު ލޯ ހުންނާނީ ބޭރަށް ނުކުމެ ފުސްވެފައެވެ. އެ ލޮލަކަށް ނުފެންނާނެވެ. އަދި އޭނަގެ ވާތު ލޮލުގައި ހުންނާނީ މަހުގެ ދުއްޔެއް ލެވިފައެވެ. އެ ލޯ ވެސް އައިބު ވާނެއެވެ.”

      އެހެންކަމުން އޭނާގެ ދެ ލޯ ވެސް “أعور” ވާނެއޭ ބުނެވޭ ބަހުގެ މާނައަކީ އޭނާގެ ދެ ލޯ ވެސް ޢައިބު ވެފައިވުމެވެ. އެހެނީ ޢަރަބި ބަހުގައި “ޢަވަރު” ޢައިބުވެފައިވާ ކޮންމެ އެއްޗަކަށް، ވަކިން ޚާއްޞަކޮށް ލޮލުގެ ޢައިބުތަކަށް ބޭނުން ކުރެއެވެ. ދައްޖާލުގެ ދެ ލޯ ވެސް “ޢަވަރު”ވެ، އެއްލޮލަށް ނުފެންނާނެއެވެ. އަނެއް ލޯ ޢައިބު ވާނެއެވެ.

القاضي عياض ގެ މި ބަސްފުޅާ النووي އެއްބަސްވެ ވަޑައިގަންނަވައެވެ. އަދި القرطبي ރާޖިހު ކުރައްވަނީވެސް މި ގޮތެވެ.

=ނުނިމޭ=

______________________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް