މުތަރުޖިމުގެ މުޤައްދިމާ
إِنَّ الْحَمْدَ لِلهِ ، نَحْمَدُهُ وَنَسْتَعِينُهُ ، مَنْ يَهْدِهِ اللهُ فَلَا مُضِلَّ لَهُ ، وَمَنْ يُضْلِلْ فَلَا هَادِيَ لَهُ ، وَأَشْهَدُ أَنْ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ.
أَمَّا بَعْدُ :
އެންމެ ތެދު ބަސްފުޅަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅެވެ. އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ ރަސޫލު ﷲ صلى الله عليه وسلم ގެންނެވި ހިދާޔަތެވެ. އެންމެ ނުބައިވެގެންވަނީ ދީނުގައި އަލަށް އުފައްދާ ކަންތައްތަކެވެ. އަދި ދީނުގައި އަލަށް އުފައްދާ ކަންކަމީ ބިދުޢައެވެ. އަދި ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ. އަދި ކޮންމެ މަގުފުރެދުމެއް ވާކަން ކަށަވަރީ ނަރަކައިގައެވެ.
މިއީ ސުޢޫދީ އަރަބިއްޔާގެ މުފްތީ ސަމާޙަތުއްޝައިޚް ޢަބްދުލްއަޒީޒް ބިން ޢަބްދުﷲ އާލުއްޝައިޚް (حفظه الله) ގެ ރިސާލާއެއްކަމުގައިވާ (تأويل الرؤى والحذر من التوسع فيها) “ހުވަފެން ތަޢުބީރުކުރުމާ އަދި ދީނުގައި އައިސްފައިވާ މިންވަރަށް ވުރެ އިތުރަށް އެކަންކުރުމާމެދު އިންޛާރު ދިނުން” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ. މިރިސާލާގައިވާ ގިނަ ކަންކަމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބައެއް މީހުން ނުދަންނަ ކަންތައްތަކެއްކަމުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
މިރިސާލާގައި، ހުވަފެނުގެ ޙަޤީޤަތާއި، ނިދުމުގެ އަދަބުތަކާއި ހުވަފެން ތަޢުބީރުކުރުމަކީ ކޮބައިކަން ބަޔާންކޮށްދެއްވާފައި ވެއެވެ. ހުވަފެނަކީ އޭގައި ޙަޤީޤަތެއް ނުވާ ބިލާހެއްކަމަށް ޤަބޫލުކުރާ ޖީލެއް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި އުފެދިފައިވާކަމީ، މިކަމުގެ ޙަޤީޤަތް ދެނެގަންނަން ޖެހޭ އެންމެ މުހިންމު ސަބަބުކަމުގައި ދެކެމެވެ.
އިސްލާމްދީނުގައިވަނީ ހުވަފެނަކީ އޭގައި ޙަޤީޤަތްތަކެއް އެކުލެވިގެންވާ ކަމެއްކަން ބަޔާން ކޮށްދެއްވާފައެވެ. ޤުރުއާނާއި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ޙަދީޘްތަކުންވެސް މިކަން އެނގި ފާޅުވެގެން ދެއެވެ. އެގޮތުން ބަލާއިރު ތެދު ހުވަފެނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އަންނަ އުފާވެރިކަމުގެ ޚަބަރެއްކަން އެނގިގެން ދެއެވެ. އަދި އެހެންމެ އެއީ ނަބީކަމުގެ ސާޅީސް ހަ ބައި ގެ ތެރެއިންވާ ބަޔެއްކަމަށާ އަދި އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އަންނަ އުފާވެރި ޚަބަރެއްކަންވެސް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ ބަޔާން ކޮށްދެއްވާފައެވެ.
އެފަދަ ތެދު ހުވަފެން ދެކެން އެދޭ މީހަކަށް އޮތީ ޢަމަލުތަކުގައި ތެދުވެރިވެ، ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ އުންމަތުގެ މީސްތަކުންނަށް ބަޔާންކޮށްދެއްވި ނިދުމުގެ އަދަބުތަކަށް ފަރުވާތެރިވެ، ރައްކާތެރިވުމެވެ. ޔާ ﷲ، އަޅަމެންނީ އެފަދަ ބަޔަކުކަމުގައި ލައްވާށި. އާމީން..
މުތަރުޖިމް: އަޙްމަދުޚާލިދު / މ.މުލައް
މުއައްލިފުގެ ކުރު ތަޢާރަފެއް
* ނަން: ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ ބިން މުޙައްމަދު ބިން ޢަބްދުއްލަޠީފް އާލުއްޝައިޚުއްތަމިމީ އެވެ. އެބޭފުޅާއަކީ ނަޖުދު ކަރައަށް އުފަންވެ ވަޑައިގެންނެވި ޢައްލާމާ އަލްމުޖައްދިދް، މުޙައްމަދު ބިން ޢަބްދުލް ވައްޙާބުގެ ޢާއިލާއަށް ނިސްބަތް ވެވަޑައިގަންނަވާ ބޭފުޅެކެވެ.
* އުފަންވެ ވަޑައިގަތީ ހިޖުރައިން 1362 ގައި، ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައެވެ. އުމުރުފުޅުން އެގާރަ އަހަރުފުޅުގައި ޝައިޚް ވަނީ ޤުރްއާން ހިތުދަސް ކުރައްވާފައެވެ.
* ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އާލުއްޝައިޚް ވަނީ އޭރުގެ ބޮޑެތި ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލް ކުރައްވާފައެވެ. އެގޮތުން އައްޝައިޚް މުޙައްމަދު ބިން އިބްރާހީމް އާލުއްޝައިޚް އަދި އައްޝައިޚް ބިންބާޒް އަދި އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ޞާލިޙު (رحمهم الله جميعا) ފަދަ ދުނިޔެ ދުށް އެޒަމާނުގެ ބޮޑެތި ޢިލްމުވެރިން ގެ އަރިހުން ޝައިޚްވަނީ ޢިލްމު ޙާޞިލް ކުރައްވާފައެވެ.
* ހިޖުރައިން 1402، ވަނަ އަހަރު ނަމިރާ މިސްކިތުގެ އިމާމު އަދި ޚަތީބުކަމަށް ޢައްޔަނު ކުރެވުނެވެ.
* އަދި ހިޖުރައިން 1407، ވަނަ އަހަރުގެ ޝައްވާލު މަހު ސުޢޫދީ ޢަރަބިއްޔާގެ ޢިލްމުވެރިންގެ މަތީ މަޖިލީހުގެ މެންބަރުކަމަށް ޢައްޔަނު ކުރެވުނެވެ.
* ސުޢޫދީ ޢަރަބިއްޔާގެ ދާއިމީ، ފަތުވާ ކޮމެޓީގެ މެންބަރުކަމަށް ހިޖުރައިން 1412، ވަނައަހަރު ޝައިޚް ޢައްޔަނު ކުރެވުނެވެ. އަދި އެއަހަރުގެ ރަމަޟާންމަހު، ޖާމިޢު އަލްއިމާމް ތުރުކީގެ އިމާމުކަމަށް އަދި އެމިސްކިތުގެ ޚަތީބުކަމަށް އިސްކުރެވުނެވެ.
*ހިޖުރައިން 1417 ވަނަ އަހަރު ސުޢޫދީ ޢަރަބިއްޔާގެ މުފްތީގެ ނައިބުގެ މަޤާމަށް ޢައްޔަނު ކުރެވުނެވެ. ކުރީގެ މުފްތީ ޝައިޚް ބިންބާޒް އަވަހާރަވުމުން 29/1/1420 ގައި، ޝައިޚް ޢަބްދުލްޢަޒީޒް ބިން ޢަބްދުﷲ އާލުއްޝައިޚް (حفظه الله) ސުޢޫދީ ޢަރަބިއްޔާގެ މުފްތީކަމަށް ޢައްޔަނު ކުރެވުނެވެ.
ޝައިޚް ޢަބްދުލްއަޒީޒް ބިން ޢަބްދުﷲ އާލުއްޝައިޚް (حفظه الله)ގެ މަސައްކަތްޕުޅުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތްލައްވައި އަދި ހެޔޮކަމުގެ މަތީގައި ޝައިޚުގެ އުމުރު ދިގު ކުރައްވާށި! އާމީން.
ރަނގަޅު ހުވަފެން
ﷲ ތަޢާލާ އަށް އިމާންވާ މުއުމިނު އަޅުތަކުންނަށް ރަނގަޅު، ތެދު ހުވަފެން ފެނުން އެކަށީގެން ވެއެވެ. އަދި އެފަދަ ހުވަފެން ވަކިކުރަން އެނގި، އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުން އަންނަނިވި ހެޔޮކަމުގެ ޚަބަރެއްކަން އެބައިމީހުން ދަންނާނެއެވެ. އަދި ރަނގަޅު ހުވަފެންވާކަން ކަށަވަރީ ނަބީކަމުގެ ސާޅީސް ހަ ބައިގެ ތެރެއިންވާ ބައެއް ކަމުގައެވެ. މިކަންކަމަކީ ޞައްޙަވެގެންވާ ދަލީލުތަށް މިކަމުގައި އައިސްފައިވާ އަދި އެދަލީލުތަކުން އިތުރަށް މިކަން ބަޔާންވެ އެނގެން އޮތް ކަމެކެވެ. އަދި އެހެންމެ ކީރިތި ޤުރުއާނުގައި ބައެއް ނަބީބޭކަލުން އެބޭކަލުނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުތަކާ އަދި އެ ޒަމާނުގައި އުޅުނު ބައެއް މީސްތަކުންގެ ހުވަފެންތަކުގެ ތަޢުބީރު ﷲ ސުބުޙާނަހޫ ވަތައާލާ ވަނީ ބަޔާންކުރައްވާފައެވެ.
ނަބީބޭކަލުންނަށް ފެނިވަޑައިގަންނަވާ ހުވަފެންފުޅު ތަކަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟުރަތުން އަންނަ ވަޙީއެވެ.
އެގޮތުން ﷲ ތަޢަލާގެ ޚަލީލު، އިބުރާހީމު عليه السلام އެކަލޭގެފާނުގެ ދަރިކަލުންނާއި މުޚާތަބުކޮށް ވިދާޅުވިކަމަށް ޤުރުއާނުގައި ވާރިދުވެގެން އައިސްފައިވެއެވެ.
(قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ) [سورة الصافات 102]
މާނައީ :”އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނިއްޖެއެވެ. ފަހެ، ތިބާއަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރުކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ.”
= ނުނިމޭ =
____________________
މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18