ދައްޖާލުގެ ފިތުނަ
ދައްޖާލުގެ ފިތުނައަކީ އާދަމް عليه السلام ޚަލްޤު ކުރެއްވީއްސުރެ ޤިޔާމަތް ވެއްޖައުމަށް ދާންދެން ކުރިމަތިވާނޭ އެންމެ ބޮޑު ފިތުނައެވެ. އެއީ މީހުންގެ ބުއްދިއަށް ޤަބޫލުކުރަން ދަތި، އެއާމެދު އަޖައިބުވެ އަންތަރީސްވާފަދަ ބޮޑެތި، އާދަޔާ ޚިލާފު ކަންކަން ދައްޖާލާއިއެކު ﷲ سبحانه وتعالى ލައްވާފައިވާތީއެވެ.
ދައްޖާލާއެކު ސުވަރުގެއަކާއި ނަރަކައެއް ވެއެވެ. އޭނާގެ ސުވަރުގެއަކީ ނަރަކައެވެ. އަދި އޭނާގެ ނަރަކައަކީ ސުވަރުގެއެވެ. އަދި އޭނާއާއެކު ފެނުގެ ކޯރުތަކާއި ރޮށީގެ ފަރުބަދަތައް ވާނެއެވެ. އަދި އޭނާގެ އަމުރަށް އުޑުން ވާރޭވެހި ބިމުން ގަސްފަޅާ ނުކުންނާނެއެވެ. އަދި ދުނިޔޭގެ ޚަޒާނާތައް އޭނާގެ ފަހަތުން ދާނެއެވެ. ވަޔާއެކު ވިލާތައް ދަތުރުކުރާ ފަދައިން ހަލުވިކަމާއެކު އޭނާ ބިންމަތީ ދަތުރު ކުރާނެއެވެ. އަދި މި ނޫންވެސް އެތަކެއް އަޖައިބު ކުރުވަނިވި ކަންކަން އޭނާގެ ކިބައިން ފެންނާނެއެވެ. މި އެންމެހާ ކަންކަން ޞައްޙަ ޙަދީޘުން ވާރިދުވެގެން އައިސްފައި ވެއެވެ.
عن حذيفة رضي الله عنه قال : قال رسول الله صلى الله عليه وسلم : ((الدَّجَّالُ أَعْوَرُ الْعَيْنِ الْيُسْرَى ، جُفَالُ الشَّعَرِ – كَثِيرُهُ – مَعَهُ جَنَّةٌ وَنَارٌ فَنَارُهُ جَنَّةٌ وَجَنَّتُهُ نَارٌ)) ]رواه مسلم برقم: 104 – (2934) [
حذيفة رضي الله عنه އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ދައްޖާލުގެ ވާތު ލޯ “ޢަވަރު” ވެގެންވެއެވެ. އަދި އިސްތަށިގަނޑު ބޯ ވާނެއެވެ. އޭނައާއި އެކު ސުވަރުގެ އަކާއި ނަރަކައެއް ވެއެވެ. ފަހެ އޭނާގެ ނަރަކައަކީ ސުވަރުގެއެވެ. އަދި އޭނާގެ ސުވަރުގެއަކީ ނަރަކައެވެ.”
عن حذيفة رضي الله عنه قال : قال رسول الله صلى الله عليه وسلم : ((لأنَا أَعْلَمُ بِمَا مَعَ الدَّجَّالِ مِنْهُ : مَعَهُ نَهْرَانِ يَجْرِيَانِ أَحَدُهُمَا رَأْيَ الْعَيْنِ مَاءٌ أَبْيَضُ وَالآخَرُ رَأْيَ الْعَيْنِ نَارٌ تَأَجَّجُ ، فَإِمَّا أَدْرَكَنَّ أَحَدٌ فَلْيَأْتِ النَّهْرَ الَّذِي يَرَاهُ نَارًا وَلْيُغَمِّضْ ثُمَّ لْيُطَأْطِئْ رَأْسَهُ فَيَشْرَبَ مِنْهُ فَإِنَّهُ مَاءٌ بَارِدٌ)) ]رواه مسلم برقم: 105 – (2934)[
حذيفة رضي الله عنه އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ދައްޖާލަށްވުރެ ބޮޑަށް އޭނާއާ އެކުގައިވާ ތަކެތި ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމެވެ. ދެމިގެންދާ ދެ ކޯރު އޭނާއާއެކު ވެއެވެ. އޭގެން އެއް ކޯރު ފެންނާނީ ސާފު ފެން ގޮތުގައެވެ. އަދި އަނެއް ކޯރު ލޮލަށް ފެންނާނީ އަނދައަނދާ ހުރި އަލިފާނުގެ ގޮތުގައެވެ. ތިޔަބައިމީހުންކުރެ މީހަކަށް މިތަން ފެނިއްޖެނަމަ، ފަހެ އަލިފާން ފަދައިން ފެންނަ ކޯރަށް ދާށެވެ. އަދި ލޯ މަރާފައި ބޯ ތިރިކޮށް އެއިން ބޯށެވެ. ފަހެ ހަމަކަށަވަރުން އެއީ ފިނި ފެނެވެ.”
وجاء في حديث النواس بن سمعان رضي الله عنه في ذكر الدجال : أن الصحابة قالوا : ” يَا رَسُولَ اللَّهِ وَمَا لَبْثُهُ فِي الأَرْضِ ؟ قَالَ : ((أَرْبَعُونَ يَوْمًا ؛ يَوْمٌ كَسَنَةٍ وَيَوْمٌ كَشَهْرٍ وَيَوْمٌ كَجُمُعَةٍ وَسَائِرُ أَيَّامِهِ كَأَيَّامِكُمْ)) … قالوا : وَمَا إِسْرَاعُهُ فِي الأَرْضِ ؟ قَالَ : كَالْغَيْثِ اسْتَدْبَرَتْهُ الرِّيحُ . فَيَأْتِي عَلَى الْقَوْمِ فَيَدْعُوهُمْ فَيُؤْمِنُونَ بِهِ وَيَسْتَجِيبُونَ لَهُ ، فَيَأْمُرُ السَّمَاءَ فَتُمْطِرُ ، وَالأَرْضَ فَتُنْبِتُ ، فَتَرُوحُ عَلَيْهِمْ سَارِحَتُهُمْ – الماشية – أَطْوَلَ مَا كَانَتْ ذُرًا – الأعالي والأسنمة – وَأَسْبَغَهُ ضُرُوعًا ، وَأَمَدَّهُ خَوَاصِرَ – كناية عن الامتلاء وكثرة الأكل – . ثُمَّ يَأْتِي الْقَوْمَ فَيَدْعُوهُمْ فَيَرُدُّونَ عَلَيْهِ قَوْلَهُ فَيَنْصَرِفُ عَنْهُمْ فَيُصْبِحُونَ مُمْحِلِينَ لَيْسَ بِأَيْدِيهِمْ شَيْءٌ مِنْ أَمْوَالِهِمْ . وَيَمُرُّ بِالْخَرِبَةِ فَيَقُولُ لَهَا أَخْرِجِي كُنُوزَكِ فَتَتْبَعُهُ كُنُوزُهَا كَيَعَاسِيبِ النَّحْلِ . ثُمَّ يَدْعُو رَجُلا مُمْتَلِئًا شَبَابًا فَيَضْرِبُهُ بِالسَّيْفِ فَيَقْطَعُهُ جَزْلَتَيْنِ رَمْيَةَ الْغَرَضِ ثُمَّ يَدْعُوهُ فَيُقْبِلُ وَيَتَهَلَّلُ وَجْهُهُ يَضْحَكُ)) ]رواه مسلم برقم:2937[
النواس بن سمعان رضي الله عنه ރިވާކުރެއްވި ޙަދީޘެއްގައި ދައްޖާލާ ބެހޭ ގޮތުން އައިސްފައިވެއެވެ. ޞަޙާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އޭނާ ބިންމަތީގައި ދެމިހުންނާނީ ކިހާ ދުވަހަކު ތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “ސާޅީސް ދުވަހެވެ. އެއީ އަހަރެއްފަދަ ދުވަހަކާއި، މަހެއްފަދަ ދުވަހަކާއި، ހަފްތާއެއްފަދަ ދުވަހެކެވެ. އަދި ބާކީ ދުވަސްތައްވަނީ ތިޔަބައިމީހުންގެ ދުވަސްތައް ފަދައިންނެވެ.” …
ޞަޙާބީން ދެންނެވިއެވެ. “އޭނާ ބިންމަތީ ދަތުރުކުރާނީ ކިހާ އަވަސް މިނެއްގައި ހެއްޔެވެ؟” ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ވަޔާއެކު ވިލާތައް ދަތުރުކުރާ ފަދައިންނެވެ. އޭނާ މީސްތަކުންގެ ޖަމާޢަތެއް ގާތަށް ދާނެއެވެ. އަދި އޭނާއަށް އީމާންވުމަށް ގޮވާލާނެއެވެ. ދެން މީސްތަކުން އޭނާއަށް އީމާންވެ، އޭނާގެ ގޮވާލުމަށް އިޖާބަ ދޭނެތެވެ. ފަހެ އޭނާ އުޑަށް އަމުރުކުރާ ހިނދު ވާރޭ ވެހޭނެއެވެ. އަދި ބިމަށް އަމުރުކުރާ ހިނދު ބިމުން ގަސްތައް ފަޅާނެއެވެ. އަދި އެބައިމީހުންގެ ނައަމްސޫފިތައް އެނބުރި އަންނާނީ އެއެއްޗެތީގެ ގޮނބިގަނޑުތައް އުފުލި، ވަށްގަނޑުތައް ކިރުން ފުރި، އަރިމަތިތައް ފުޅާވެގެންވާ ޙާލުގައެވެ. ދެންވެސް މީސްތަކުންގެ ޖަމާޢަތެއް ގާތަށް އޭނާ ދާނެއެވެ. އަދި އޭނާއަށް އީމާންވުމަށް ގޮވާލާނެއެވެ. އެބައިމީހުން އޭނާގެ ބަސް ޤަބޫލުނުކޮށް ރައްދު ކުރާނެއެވެ. އެހިނދު އޭނާ އެ މީސްތަކުންނާ ވަކިވެ ދުރަށް ދާނެއެވެ. ދެން އެބައިމީހުންގެ މައްޗަށް ތަދުމަޑުކަން ފެތުރި، އެބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް އަތުގައި ނެތި ހާލުގައި ޖެހޭނެއެވެ. އަދި ވީރާނާ ވެފައިވާ ތަނެއް ކައިރިން ދަމުން ދައްޖާލު ބުނާނެއެވެ. ކަލޭގެ ޚަޒާނާތައް ތިމަންނައަށް ނެރެދޭށެވެ. އެ ހިނދު ކުޅަނދުރު ހަތައަކުން ކުޅަނދުރު ނުކުމެގެން އަންނަހެން ޚަޒާނާތައް ނުކުމެ އެނާގެ ފަހަތުން ދާނެއެވެ. ދެން ޒުވާންކަން ފުރިހަމަވެފައިވާ ފިރިހެނަކަށް އޭނާ ގޮވާލާނެއެވެ. އަދި ކަނޑިން ޖަހާ އެމީހާ ދެބަޔަށް ބުރިކޮށްލާނެއެވެ. އެއަށްފަހު އޭނާއަށް ގޮވާލުމުން ތެދުވެގެން، އަލިވެގެންވާ މޫނަކައިގެން ހެމުން އަންނާނެއެވެ.”
وجاء في رواية البخاري عن أبي سعيد الخدري رضي الله عنه أن هذا الرجل الذي يقتله الدجال من خيار الناس أو خير الناس ، يخرج إلى الدجال من مدينة رسول الله صلى الله عليه وسلم فيقول للدجال : “أَشْهَدُ أَنَّكَ الدَّجَّالُ الَّذِي حَدَّثَنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَدِيثَهُ . فَيَقُولُ الدَّجَّالُ : أَرَأَيْتُمْ إِنْ قَتَلْتُ هَذَا ثُمَّ أَحْيَيْتُهُ هَلْ تَشُكُّونَ فِي الأَمْرِ ؟ فَيَقُولُونَ لا . فَيَقْتُلُهُ ثُمَّ يُحْيِيهِ ، فَيَقُولُ : وَاللَّهِ مَا كُنْتُ فِيكَ أَشَدَّ بَصِيرَةً مِنِّي الْيَوْمَ ، فَيُرِيدُ الدَّجَّالُ أَنْ يَقْتُلَهُ فَلا يُسَلَّطُ عَلَيْهِ ” ]رواه البخاري برقم: 7132[
أبو سعيد الخدري رضي الله عنه ގެ އަރިހުން ބުޚާރީގައި އައިސްފައިވާ ރިވާޔަތެއްގައި ވާގޮތުން، ދައްޖާލު މަރާލާ މިމީހާއަކީ އެންމެ ހެޔޮވެގެންވާ މީސްތަކުންގެ ތެރެއިން މީހެކެވެ. އޭނާ ނުކުމެގެން އަންނާނީ މަދީނާއިންނެވެ. އަދި ދައްޖާލާ ދިމާލަށް ބުނާނެއެވެ. “ތިޔައީ ރަސޫލާ صلى الله عليه وسلم ގެ ވާހަކަފުޅުތަކުގައި ތިމަންމެންނަށް ކިޔައިދެއްވާފައިވާ ދައްޖާލުކަމަށް ތިމަން ހެކިވަމެވެ. އެ ހިނދު ދައްޖާލު ބުނާނެއެވެ. ތިޔަބައިމީހުން ދެކެނީ ކިހިނަކުން ހެއްޔެވެ؟ ތިމަން މި މީހާ މަރާލުމަށްފަހު އަލުން ދިރުއްވައިފިނަމަ ތިމަންނައާމެދު ޝައްކުކުރާނަމު ހެއްޔެވެ؟ އެބައިމީހުން ނޫނެކޭ ބުނާނެތެވެ. އެހިނދު އޭނާ މަރާލުމަށްފަހު އަލުން ދިރުއްވާނެއެވެ. ދެން އެމީހާ ބުނާނެއެވެ. ﷲ ގަންދީ ބުނަމެވެ. ކަލެއާމެދު މިއަދު އޮތް ޔަޤީންކަމަށްވުރެ ބޮޑު ޔަޤީންކަމެއް މީގެ ކުރިޔަކުން ނެތެވެ. ފަހެ އޭނާ އަލުން މަރާލަން ދައްޖާލު ބޭނުން ވާނެއެވެ. ނަމަވެސް އޭނައަކަށް އެކަމެއް ނުކުރެވޭނެއެވެ.”
وفي حديث أبي أمامة الباهلي رضي الله عنه قال النبي صلى الله عليه وسلم عن الدجال : ((وَإِنَّ مِنْ فِتْنَتِهِ أَنْ يَقُولَ لأَعْرَابِيٍّ أَرَأَيْتَ إِنْ بَعَثْتُ لَكَ أَبَاكَ وَأُمَّكَ أَتَشْهَدُ أَنِّي رَبُّكَ ؟ فَيَقُولُ : نَعَمْ . فَيَتَمَثَّلُ لَهُ شَيْطَانَانِ فِي صُورَةِ أَبِيهِ وَأُمِّهِ فَيَقُولانِ يَا بُنَيَّ اتَّبِعْهُ فَإِنَّهُ رَبُّكَ)) ]رواه ابن ماجه برقم:4077 وصححه الألباني في صحيح الجامع الصغير برقم: 7875 [.
أبو أمامة الباهلي رضي الله عنه ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ދައްޖާލާއި މެދު ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “އަދި ހަމަކަށަވަރުން އޭނާގެ (ދައްޖާލުގެ) ފިތުނަތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ، އޭނާ އަޢުރަބީއަކަށް ބުނާނެތެވެ. ތިމަން، ތިބާގެ ބައްޕައާއި މަންމަ އަލުން ދިރުއްވައިފިނަމަ ތިމަން މިއީ ތިބާގެ ރައްބުކަމުގައި ހެކި ވާނަމު ހެއްޔެވެ؟ އޭނާ (އަޢުރާބީ) އާނއެކޭ ބުނާނެއެވެ. އެހިނދު އޭނާގެ ބައްޕައާއި މަންމަގެ ސިފައިގައި ދެ ޝައިޠާނުން ފާޅުވެފައި ބުނާނެއެވެ. އޭ ދަރިފުޅާއެވެ. އޭނާއަށް (ދައްޖާލަށް) ތަބާވާށެވެ. ފަހެ ހަމަކަށަވަރުން އެއީ ތިބާގެ ރައްބެވެ.”
އަޅަމެން ދައްޖާލުގެ ފިތުނައިން ރައްކާތެރި ކުރައްވާ ސަލާމަތް ކުރައްވާށިއެވެ.
=ނުނިމޭ=
______________________________________