[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުވަފެން ތަޢުބީރުކުރުމާ އަދި ދީނުގައި އައިސްފައިވާ މިންވަރަށް ވުރެ އިތުރަށް އެކަންކުރުމާމެދު އިންޛާރު ދިނުން 3

ހުވަފެނާ ގުޅިގެން ސުންނަތުގައި އައިސްފައިވާ ދަލީލުތައް

 

އޭގެ ތެރެއިން އަނަސްގެފާނު، ޢުބާދަތު ބިން ޞާމިތު ރަޟިޔަ ﷲ އަންހުގެ ކިބައިން ރިވާކުރެއްވި ޙަދީޘް ހިމެނެއެވެ.

ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޡް ކުރެއްވިއެވެ.

((رُؤْيَا الْمُؤْمِنِ جُزْءٌ مِنْ سِتَّةٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ )).

[صحيح البخاري – كتاب التعبير 6987]

މާނައީ : “މުއުމިނު އަޅާއަށް ފެންނަ ހުވަފެނަކީ ނަބީކަމުގެ ސާޅީސް ހަބައިގެ ތެރެއިން އެއްބަޔެވެ.”

އެދެބޭކަލަކަށް ﷲ ރުއްސުންލެއްވެވި، ޢައްބާސްގެފާނުގެ، ދަރިކަލުން ވިދާޅުވިއެވެ.

كَشَفَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ السِّتَارَةَ – وَالنَّاسُ صُفُوفٌ خَلْفَ أَبِي بَكْرٍ – فَقَالَ : ((أَيُّهَا النَّاسُ إِنَّهُ لَمْ يَبْقَ مِنْ مُبَشِّرَاتِ النُّبُوَّةِ إِلَّا الرُّؤْيَا الصَّالِحَةُ يَرَاهَا الْمُسْلِمُ ، أَوْ تُرَى لَهُ . أَلَا وَإِنِّي نُهِيتُ أَنْ أَقْرَأَ الْقُرْآنَ رَاكِعًا أَوْ سَاجِدًا فَأَمَّا الرُّكُوعُ فَعَظِّمُوا فِيهِ الرَّبَّ عَزَّ وَجَلَّ وَأَمَّا السُّجُودُ فَاجْتَهِدُوا فِي الدُّعَاءِ فَقَمِنٌ أَنْ يُسْتَجَابَ لَكُمْ)).

[صحيح مسلم – كتاب الصلاة 479]

މާނައީ: ރަސޫލު ﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ގެކޮޅުގެ (ދޮރުކޮޅުގެ) ފަރުދާ ކާހާލެއްވިއެވެ. އެހިނދު މީސްތަކުން އަބޫބަކުރުގެފާނުގެ ފަހަތްޕުޅަށް އެތުރިގެން ތިއްބެވެ. އެހިނދު ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. “އެންމެހާ މީސްތަކުންނޭވެ! ހަމަކަށަވަރުން ނަބީކަމުގެ ހެޔޮވެގެންވާ ޚަބަރުތަކުގެ ތެރެއިން މުސްލިމު އަޅާއަށް ފެންނަ، (ﷲ ތަޢާލާ) ދައްކަވާ ތެދު ހުވަފެނެއް މެނުވީ (ތިމަންކަލޭގެފާނަށް ފަހު) ދެން އިތުރަކަށް ނުވެއެވެ. (އެއަށްފަހު ޙަދީޘްކުރެއްވިއެވެ). ދަންނާށެވެ. ރުކޫޢުގައްޔާއި، ސަޖިދައިގައި ޤުރުއާން ކިޔެވުން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރައްވަމެވެ. ފަހެ، ރުކޫޢުގައި ތިޔަބައިމީހުންގެ ވެރި، އިއްޒަތްވަންތަ ރައްބު މަތިވެރިކުުރާ ހުށިކަމެވެ. އަދި އެހެންމެ ސަޖިދައިގައި ދުޢާ ކުރުމުގައި ތިޔަބައި މީހުން ގަދަ އަޅާ މަސައްކަތް ކުރާ ހުށިކަމެވެ. އެހެނީ ތިޔަބައިމީހުން ސަޖިދާގައި ކުރާ ދުޢާ އިޖާބަކުރެއްވުން ގާތްްވެގެންވެއެވެ.”

އިސްވެ ދިޔަ ޙަދީޘުން ތެދު ހުވަފެނަކީ ހަމަ ޙަޤީޤަތުގައިވެސް ފެންނަ އެއްޗެއްކަން ޘާބިތުވެގެން ހިނގައްޖެއެވެ. ނަމަވެސް ދަންނަން ޖެހޭނެ އެންމެ މުހިންމު ކަމަކީ، ނިދާފަ އޮންނަ މީހާއަށް ފެންނަ ކޮންމެ ހުވަފެނަކީ ﷲ ތަޢަލާގެ ޙަޟުރަތުން އަންނަ އުފާވެރިކަމުގެ ޚަބަރު ލިބެނިވި، ހުވަފެނެއް ނޫންކަމެވެ. އެހެނެއްކަމަކު ޝައިޠާނާ އާދަމުގެ ދަރިޔާއާއި ކުޅެ، އޭނާ ހިތާމަވެރި ކުރުވާ، މާޔޫސް ކުރުވަން ޝައިޠާނާ ތަފާތު ބާވަތްތަކުގެ ހުވަފެން ދައްކައި އުޅެއެވެ. އަދި އޭގެ އިތުރުން އިންސާނާ އޭނާގެ އަމިއްލަ ނަފްސު އެކަމަކަށް ބޮޑަށް ފިކުރުކުރާ އެކަމަކަށް ހިތް ޖެހިފާވާ ކަމެއްގެ ސަބަބުން އެކަމެއް ހުވަފެނުގައި ފެނިދާނެއެވެ. މިއީ ހައްތާވެސް ހުވަފެން ފެންނަން މެދުވެރިވާ ސަބަބުތަކެވެ.

އަބޫހުރައިރާ رضي الله عنه ގެ ކިބައިން ރިވާވެގެން ވެއެވެ.

ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

((إِذَا اقْتَرَبَ الزَّمَانُ لَمْ تَكَدْ رُؤْيَا الْمُسْلِمِ تَكْذِبُ ، وَأَصْدَقُكُمْ رُؤْيَا أَصْدَقُكُمْ حَدِيثًا ، وَرُؤْيَا الْمُسْلِمِ جُزْءٌ مِنْ خَمْسٍ وَأَرْبَعِينَ جُزْءًا مِنَ النُّبُوَّةِ ، وَالرُّؤْيَا ثَلَاثَةٌ : فَرُؤْيَا الصَّالِحَةِ بُشْرَى مِنَ اللهِ ، وَرُؤْيَا تَحْزِينٌ مِنَ الشَّيْطَانِ ، وَرُؤْيَا مِمَّا يُحَدِّثُ الْمَرْءُ نَفْسَهُ ، فَإِنْ رَأَى أَحَدُكُمْ مَا يَكْرَهُ فَلْيَقُمْ فَلْيُصَلِّ ، وَلَا يُحَدِّثْ بِهَا النَّاسَ)) .

[صحيح مسلم – كتاب الرؤيا 2263]

މާނައީ: “ފަހުޒަމާން ކައިރިވުމުން މުސްލިމަކަށް ފެންނަ ހުވަފެން ދޮގުނުވާ ހުއްޓެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ތެދު ހުވަފެން ފެންނަހުށީ، ތިޔަބައިމީހުންގެ ތެރެއިން އެންމެ ތެދުވެރީންނަށެވެ. މުއުމިނު އަޅާއަށް ފެންނަ ހުވަފެނަކީ ނަބީކަމުގެ ސާޅީސް ފަސްބައިކުޅަ އެއްބަޔެވެ. އަދި ހުވަފެން ތިން ބަޔަކަށް ބެހިގެން ވެއެވެ. އެގޮތުން ހެޔޮ ރަނގަޅު ހުވަފެނަކީ ﷲ ގެ ޙަޟުރަތުން އަންނަނިވި އުފާވެރިކަމުގެ ޚަބަރެކެވެ. އަދި ހިތާމަ އެކުލެވޭ ހުވަފެނަކީ ޝައިޠާނާ ދައްކާ ހުވަފެނެކެވެ. އަދި އިންސާނާ އޭނާގެ އަމިއްލަ ނަފްސުން ކުރާކަންކަމުގެ ސަބަބުން ފެންނަ ހުވަފެން ވެއެވެ. ހަމަކަށަވަރުން ތިޔަބައި މީހުންގެ ތެރެއިން މީހަކަށް އެމީހަކު ނުރުހޭފަދަ ހުވަފެނެއް ފެނިއްޖެއްޔާ އެމީހަކު ތެދުވެ ނަމާދު ކުރާ ހުށިކަމެވެ. އަދި އެވާހަކަ މީސްތަކުންގެ ތެރޭގައި ނުދައްކާށެވެ.”

މިޙަދީޘް ބަސްފުޅުގައި މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ބަޔާން ކޮށްދެއްވަނީ އިސްލާމް ދީން އައިސްފައިވަނީ އިންސާނިއްޔަތަށް އުފާވެރިކަމާއި ހެޔޮކަމުގެ ޚަބަރު ގެނެސްދޭ ދީނެއްގެ ގޮތުގައި ކަމެވެ. ހެޔޮ ހުވަފެނަކީ މިކަމުގެ އަލިގަދަ ހެއްކެކެވެ. އަދި އެހެންމެ މި ދީނުގައިވަނީ އިންސާނުންނަށް ފައިދާއާއި މަންފާކުރުވަނިވި ކަންކަމެވެ.

އެކަންކަން ލިބެން އަންނަނީ، އެއިލާހުގެ މަގަށް ރުޖޫޢަވެގެންނެވެ. އަދި އެއިލާހަކީ އެއިލާހުގެ އަޅުތަކުންގެ ހިތްތަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ހަމައެކަނި ފަރާތެވެ.

އެއިލާހުގެ ވަޙީ ބަސްފުޅުގައިވާ ފަދައިންނެވެ.

( أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ) [الرعد 28]

މާނައީ :”ދަންނާށެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުންނެވެ.”

= ނުނިމޭ =

____________________

މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18

މިލިޔުމުގެ އެހެން ބައިތައް