[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހިޖުރީއަހަރަކަށް އަލްވަދާޢު ކިޔަމުންދާއިރު …

الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ   وَعَلَى آلِهِ  وَأَصْحَابِهِ  وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ

ތިރީގައި އަޅުގަނޑު މިބަޔާންކުރާ ފޮޅުވަތްތަކުގައި އަޅުގަނޑު މި މުޚާޠަބު ކުރަނީ އަޅުގަނޑުގެ މުސްލިމު އަޚުންނާއި އުޚްތުންނާއެވެ. ﷲ ތަޢާލާ ފިޔަވައި ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވާކަމަށާއި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ އަކީ އެއިލާހުގެ އަޅާކަމަށާއި ރަސޫލާކަމަށް ޤަބޫލުކޮށް، ބަހާއި ޢަމަލުން އެކަން ދައްކަމުންދާ މުސްލިމު އަޚުންނާއި އުޚްތުންނާއެވެ. އާއެކެވެ! އޭ މުސްލިމު އަޚާއެވެ! އޭ މުސްލިމު އުޚްތާއެވެ! އަޅުގަނޑު މި މުޚާޠަބު ކުރަނީ ތިބާއާއިއެވެ.

ހިޖުރީ އަހަރަކަށް އަލްވަދާޢު ކިޔަމުންދާއިރު، މިދުވަސްވަރުގައި ގިނަމީހުންތައް މަޝްޣޫލުވެއުޅޭ ބިދުޢަތަކާއި ޚުރަފާތުގެ ޢަމަލުތަކުން ދުރުހެލިވެ ރައްކާތެރިވާށެވެ. ވިސްނާށެވެ. މިއަހަރާއި އަޅުގަނޑުމެން ބައްދަލުކުރިތާ، މާގިނަ ދުވަސްތަކެއް އަދިނުވާކަހަލައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެން މިކިޔަނީ އަލްވަދާޢެވެ. މިގޮތަށް އިންސާނާގެ ޙަޔާތުގެ ދުވަސްތައްވެސް ފާއިތުވަމުންގޮސް އެންމެފަހުން އޭނާ އުޚްރަވީ ޙަޔާތަށް ދަތުރު ފަށާނެތެވެ. އެހެންކަމުން މިއިން ޢިބުރަތް ޙާޞިލުކުރާ މީހުންގެ ތެރެއިންވާށެވެ.

މިދުނިޔެއަކީ ވަގުތީ ތަނެއްކަން ހަނދާން ނައްތާނުލާށެވެ. މިއީ ފަނާވެދަނިވި ތަނެއްކަމާއި ދާއިމީ ތަނަކީ، ނުވަތަ ދާއިމީ ޙަޔާތަކީ އުޚްރަވީޙަޔާތްކަން އަބަދުވެސް ހިތްމަތީގައި ބާއްވާށެވެ. ފިރުޢައުނުގެ ގައުމުން އީމާންވީ މުއުމިނު އަޅަކު އެމީހުންނަށް ނަޞޭޙަތްދެމުން ބުނިކަމުގައި، ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައިވެއެވެ.  يَا قَوْمِ إِنَّمَا هَذِهِ الْحَيَاةُ الدُّنْيَا مَتَاعٌ ، وَإِنَّ الآخِرَةَ هِيَ دَارُ الْقَرَارِ (غافر: 39) ” އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިދުނިޔޭގެ ދިރިއުޅުން ވާކަންކަށަވަރީ ވަގުތީ އަރާމެއްކަމުގައެވެ. އަދި ހަމަކަށަވަރުން އާޚިރަތަކީ ޤަރާރުވެ ދެމިހުންނަނިވި ތަނެވެ.”

އަމިއްލަ ނަފްސު މުޙާސަބާކުރާށެވެ. ފާއިތުވެދިޔަ އަހަރުގައި، ﷲއާ ކުއްތަންވުމަށް ކިހާވަރަކަށް މަސައްކަތް ކުރެވުނުތޯ އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ. އަޅުކަންތައް ކުރީ ﷲއަށް ޚާލިޞްކޮށް ހެއްޔެވެ؟ ނުވަތަ އެއިލާހާއި އެހެންފަރާތެއް ބައިވެރި ކުރެވުނު ހެއްޔެވެ؟ މުޞީބާތްތަކުގެ ވަގުތުގައި މަދަދަށް އެދި ގޮވީ ކޮންފަރާތަކަށް ހެއްޔެވެ؟ ﷲ ތަޢާލާގެ ޙަޟްރަތުން މަދަދަށް އެދެވުނުހެއްޔެވެ؟ ނިޢުމަތްތަކުގެ ވަގުތުގައި އެއިލާހަށް ޝުކުރު އަދާކުރެވުނު ހެއްޔެވެ؟ ނުވަތަ އެނިޢުމަތްތަކަށް ވެވުނީ ކުފުރުހެއްޔެވެ؟ ޤުރުއާނުން ކިތައް އާޔަތް ދަސްކުރެވުނު ހެއްޔެވެ؟ ކިޔެވުނުހެއްޔެވެ؟ ﷲ ދެއްވާފައިވާ މުދަލުން ކިހާމިންވަރެއް ޞަދަޤާތް ކުރެވުނުހެއްޔެވެ؟ ކިތައް ދުވަހު ރޯދަ ހިފުނުހެއްޔެވެ؟ ހެޔޮކަންތަކަށް އަމުރުކޮށް، މުޖުތަމަޢުގައި ފެތުރިފައިވާ ނުބައިކަންތައް މަނާކުރެވުނުހެއްޔެވެ؟ ދީނުގައި، ކުރުމަށް އަންގަވާފައިވާ ކަންތަކަށް ފަރުވާތެރި ވެވުނުހެއްޔެވެ؟ އަދި ނަހީކުރައްވާފައިވާ ކަންތަކުން ދުރުވެ ރައްކާތެރި ވެވުނުހެއްޔެވެ؟  ނުވަތަ، ކުރެވުނު ކަންތައް ތިބާވަނީ ހަނދާންނައްތައިލާފަހެއްޔެވެ؟

ތިބާ ހަނދާންނައްތާލިޔަސް، މިކަންތައްތައްވަނީ ތިބާގެ ޢަމަލުގެ ފަތުގައި ލިޔެވިފައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. مَا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ (ق: 18) “(ކުރާ ޢަމަލުތައް ލިޔުއްވަން) އޭނާގެ ކައިރީގައި ޙާޟިރުވެ މަލާއިކަތަކުނެތި، އޭނާއަކަށް އެއްވެސް ބަހެއް ނުބުނެވެއެވެ.” އެހެން އާޔަތެއްގައި އެއިލާހު ވަޙީކުރައްވާފައިވެއެވެ. وَإِنَّ عَلَيْكُمْ لَحَافِظِينَ *  كِرَامًا كَاتِبِينَ * يَعْلَمُونَ مَا تَفْعَلُونَ (الإنفطار:12,11,10) “އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ. އެއީ (ތިޔަބައިމީހުން ކުރާ ޢަމަލުތައް) ލިޔުއްވާ، މާތްވެގެންވާ ބޭކަލުންތަކެކެވެ. ތިޔަބައިމީހުން ކުރާކަންތައް އެބޭކަލުން ދެނެވަޑައިގަންނަވައެވެ.” 

ޤިޔާމަތްދުވަހު ކޮންމެ އިންސާނާކާވެސް އޭނާގެ ޢަމަލުގެ ފަތް ހަވާލުކުރެވޭނެއެވެ. އެހިނދު، ތިމާ ހިތުހުރިހާގޮތަކަށް މިދުނިޔަވީ ޙަޔާތް ވޭތުކޮށްފައިވާ މީހުންގެހާލު ހުންނާނޭގޮތް ބަޔާންކޮށްދެއްވަވައި ﷲ ވަޙީކުރައްވާފައިވެއެވެ. وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِرًا وَلَا يَظْلِمُ رَبُّكَ أَحَدًا (الكهف :49) ” އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެމީހަކަށް) ދެއްވާނެތެވެ. ފަހެ އެފަތުގައިވާ ތަކެއްޗާއިމެދު، ކުށްވެރިން ބިރުގެންފާއިވާތީ ތިބާދެކޭނެތެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މިފަތަށް މިވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް މިފަތުގައި ނުހިމަނައި ދޫކޮށްފައި ނުވެއެވެ. އަދި އެއުރެން ކުޅަ އެންމެހައި ޢަމަލުތައް އެފަތުގައިވާތަން އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިއިލާހު އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.” އެދުވަހު ކާމިޔާބުވާނީ މިފަނާވަނިވި ޙަޔާތް ﷲ ރުހިވޮޑިގަންނަވާގޮތުގައި ހޭދަކޮށްފައިވާ މީހުންނެވެ.

އޭ ލޮބުވެތި އަޚާއެވެ! އޭ ލޮބުވެތި އުޚްތާއެވެ! ފާއިތުވެ މިދިޔަ އަހަރުގައި އަޅުގަނޑުމެންނާއި ވަކިވެ، އުޚްރަވީޙަޔާތަށް ދަތުރު ފަށާފައިވަނީ އަޅުގަނޑެމެންގެ ކިތައް ރަޙުމަތްތެރީންހެއްޔެވެ؟ އަޅުގަނޑުމެންގެ ދެއަތުން ފަސްއަޅާފައިވަނީ އަޅުގަނޑުމެންގެ ކިތައް އަޚުންނާޢި އުޚްތުންގެ ޤަބުރަށްހެއްޔެވެ؟ އަޅުގަނޑުމެންގެ ދުވަސްވެސް ވަނީ ނުހަނު ގާތުގައެވެ. ފާއިތުވެގެންދާ ކޮންމެ އަހަރަކީ އަޅުގަނޑުމެންވެސް ޤަބުރާއި ނުވަތަ މަރާއި ކައިރިކުރާ އަހަރެކެވެ. އެހެންކަމުން އަހަރެއްފާއިތުވެ، އެހެން އަހަރަކަށް އިރުއެރުމުން، އުފާފާޅުކޮށް ﷲގެ ޝަރީޢަތުގައި އައިސްފައިނުވާ ކަންތައް ކުރާމީހުންގެ ތެރެއިން ނުވާށެވެ. އޭގެ ބަދަލުގައި ފާއިތުވެ ދިޔަ އަހަރުގައި ކުރެވުނު ފާފަތަކުން ތައުބާވެ، ކާމިޔާބުގެ އަހުލުވެރިންގެތެރެއިން ވުމަށްޓަކައި، ރަސޫލުލްހުދާ މުޙައްމަދު ބިން ޢަބްދިﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްކެވި މަގުން، ޘާބިތުކަމާއެކު ކުރިޔަށްދާށެވެ.