ދައްޖާލުގެ ނިމުން
ދައްޖާލު ޤަތުލުވެގެންދާނީ المسيح عيسى بن مريم – عليه السلام – ގެ އަތްޕުޅުންނެވެ. މިކަމުގެ ދަލީލު ޞައްޙަ ޙަދީޘްތަކުގައި އައިސްފައިވެއެވެ. އެކަން ހިނގާނީ ދައްޖާލު ފާޅުވެ، ބިމުގައި އޭނާއަށް ތަބާވާ މީހުން ގިނަކޮށް، އޭނާގެ ފިތުނަ ބިމުގައި ފަތުރާ، މަދު މުއުމިނުން ކޮޅެއް މެނުވީ އެ ފިތުނައިން ސަލާމަތް ނުވާ މިންވަރަށް ކަންތައްތައް ދިޔުމުންނެވެ.
އެހިނދު عيسى بن مريم – عليه السلام – ދިމިޝްޤުގެ އިރުމަތީ މުންނާރު ކައިރިއަށް ފައިބައިވަޑައިގަންނަވާނެއެވެ. އަދި ﷲ تعالى ގެ އަޅުތަކުން އެކަލޭގެފާނު އަރިހަށް ޖަމާވާނެއެވެ. އަދި عيسى – عليه السلام – އެބައިމީހުންނާއިގެން ދައްޖާލާ ކުރިމަތިލެއްވުމަށް ވަޑައިގަންނަވާނެއެވެ. އެކަލޭގެފާނު ފައިބައިވަޑައިގަންނަވާއިރު ދައްޖާލު މިސްރާބު ޖަހާފައި ހުންނާނީ ބައިތުލް މަޤްދިސާ ދިމާލަށެވެ. އެކަލޭގެފާނު އޭނާއާ އަރާ ހަމަކުރާނީ ފަލަސްޠީނުގައި، ބައިތުލް މަޤްދިސްއާ ކައިރި ހިސާބެއްގައި އޮންނަ ސަރަހައްދެއްކަމަށްވާ “ލުއްދު” އަށް ވަންނަ ދޮރޯށި ކައިރިންނެވެ. ދައްޖާލަށް އެކަލޭގެފާނު ފެނުމާއެކު، ފެނަށް ލޮނު ގިރިގެންދާ ފަދައިން އޭނާ ގިރިގެންދާން ފަށާނެއެވެ. އެހިނދު عيسى – عليه السلام – ވިދާޅުވާނެއެވެ. “ހަމަކަށަވަރުން ތިމަންކަލޭގެފާނު ކަލޭގެ ގައިގައި ޖަހާ އެތިފަހަރު ލައްވާނުލާ ނުދާނެއެވެ.” ދެން އެކަލޭގެފާނު އޭނާއާ އަރާހަމަކޮށް އެކަލޭގެފާނުގެ ލޮންސިކޮޅުން އޭނާ ޤަތުލުކުރައްވާނެއެވެ. އެހިނދު ދައްޖާލަށް ތަބާވެގެންތިބި މީހުން ފިލަން ދުވާނެއެވެ. އަދި މުސްލިމުން އެބައިމީހުންގެ ފަހަތުންގޮސް އެ މީހުން މަރާނެއެވެ. އެ ދުވަހުން ގަސްތަކާއި ހިލަތައްވެސް ގޮވާނެއެވެ. “އޭ މުސްލިމުންނޭވެ! އޭ ﷲ ގެ އަޅުތަކުންނޭވެ! ތިމަންގެ ފަހަތުގައި މި ހުރީ ޔަހޫދީއެކެވެ. އައިސް އޭނާ މަރާލާށެވެ.” ޣަރުޤަދު ގަސް މެނުވީއެވެ. ފަހެ އެއީ ޔަހޫދީންގެ ގަސްތަކުގެ ތެރެއިންވާ ގަހެކެވެ.
ދައްޖާލުގެ ހަލާކުވެ ދިޔުމާއި ގުޅޭ ގޮތުން ވާރިދުވެފައިވާ ބައެއް ޙަދީޘްތައް ތިރީގައި ބަޔާންކޮށްލަމެވެ.
عن عبد الله بن عمرو رضي الله عنهما قال : قال رسول الله صلى الله عليه وسلم : ((يَخْرُجُ الدَّجَّالُ فِي أُمَّتِي فَيَمْكُثُ أَرْبَعِينَ …)) فذكر الحديث ، وفيه : ((فَيَبْعَثُ اللَّهُ عِيسَى ابْنَ مَرْيَمَ كَأَنَّهُ عُرْوَةُ بْنُ مَسْعُودٍ فَيَطْلُبُهُ فَيُهْلِكُهُ)) [رواه مسلم برقم:2940]
عبد الله بن عمرو رضي الله عنهما އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ދައްޖާލު ފާޅުވާނީ ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިންނެވެ. ފަހެ ސާޅީސް ވަންދެން އޭނާ ދެމިހުންނާނެއެވެ.” އަދި އެޙަދީޘްގައި އައިސްފައިވެއެވެ. “އެއަށްފަހު ﷲ تعالى، عيسى بن مريم ފޮނުއްވާނެއެވެ. އެކަލޭގެފާނު ވައްތަރީ عروة بن مسعود އާއެވެ. އަދި އެކަލޭގެފާނު (އެބަހީ: عيسى بن مريم) ދައްޖާލު ހޯއްދަވާ އޭނާ ޤަތުލުކުރައްވާނެއެވެ.”
عن مجمع بن جارية الأنصاري رضي الله عنه يقول: سمعت رسول الله صلى الله عليه وسلم يقول: ((يَقْتُلُ ابْنُ مَرْيَمَ الدَّجَّالَ بِبَابِ لُدٍّ)) [رواه أحمد برقم:15467 والترمذي برقم: 2244]
مجمع بن جارية الأنصاري رضي الله عنه އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. “ابن مريم ދައްޖާލު ޤަތުލު ކުރައްވާނީ “ލުއްދު”އަށް ވަންނަ ދޮރޯށި ކައިރިންނެވެ.”
عن النواس بن سمعان رضي الله عنه حديثاً طويلاً عن الدجال ، وفيه قصة نزول عيسى وقتله للدجال ، وفيه قوله صلى الله عليه وسلم : ((فَلا يَحِلُّ لِكَافِرٍ يَجِدُ رِيحَ نَفَسِهِ إِلا مَاتَ وَنَفَسُهُ يَنْتَهِي حَيْثُ يَنْتَهِي طَرْفُهُ فَيَطْلُبُهُ حَتَّى يُدْرِكَهُ بِبَابِ لُدٍّ فَيَقْتُلُهُ)) [رواه مسلم برقم:2937]
النواس بن سمعان رضي الله عنه ގެ އަރިހުން ރިވާވެގެންވާ ދިގު ޙަދީޘެއްގައި عيسى – عليه السلام – ފައިބާވަޑައިގަތުމާއި އެކަލޭގެފާނު ދައްޖާލު ޤަތުލު ކުރައްވާނެ ވާހަކަ އައިސްފައިވެއެވެ. އެ ޙަދީޘްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ފަހެ އެކަލޭގެފާނުގެ (عيسى – عليه السلام – ގެ) ވަސްފުޅު ދުވައިފި ކާފަރަކު މަރު ނުވެ ނުދާނެއެވެ. އަދި އެކަލޭގެފާނުގެ ވަސްފުޅު އެކަލޭގެފާނުގެ ލޮލުކޮޅަށް ފެންނަ ހިސާބަށް ފެތުރިގެންވެއެވެ. އެކަލޭގެފާނު އޭނާ (ދައްޖާލު) ހޯއްދަވާނެއެވެ. “ލުއްދު” އަށް ވަންނަ ދޮރޯށި ކައިރިން އޭނާ ފެނިއްޖެއުމަށް ދާންދެނެވެ. އަދި އޭނާ ގަތުލު ކުރައްވާނެއެވެ.”
عن جابر بن عبد الله رضي الله عنهما أنه قال: قال رسول الله صلى الله عليه وسلم: ((يَخْرُجُ الدَّجَّالُ فِي خَفْقَةٍ مِنْ الدِّينِ وَإِدْبَارٍ مِنْ الْعِلْمِ)) فذكر الحديث وفيه : ((ثُمَّ يَنْزِلُ عِيسَى ابْنُ مَرْيَمَ فَيُنَادِي مِنْ السَّحَرِ، فَيَقُولُ: يَا أَيُّهَا النَّاسُ، مَا يَمْنَعُكُمْ أَنْ تَخْرُجُوا إِلَى الْكَذَّابِ الْخَبِيثِ؟ فَيَقُولُونَ: هَذَا رَجُلٌ جِنِّيٌّ، فَيَنْطَلِقُونَ فَإِذَا هُمْ بِعِيسَى ابْنِ مَرْيَمَ، فَتُقَامُ الصَّلاةُ، فَيُقَالُ لَهُ: تَقَدَّمْ يَا رُوحَ اللَّهِ، فَيَقُولُ: لِيَتَقَدَّمْ إِمَامُكُمْ فَلْيُصَلِّ بِكُمْ، فَإِذَا صَلَّى صَلاةَ الصُّبْحِ خَرَجُوا إِلَيْهِ)) قَالَ: ((فَحِينَ يَرَى الْكَذَّابُ يَنْمَاثُ كَمَا يَنْمَاثُ الْمِلْحُ فِي الْمَاءِ، فَيَمْشِي إِلَيْهِ، فَيَقْتُلُهُ حَتَّى إِنَّ الشَّجَرَةَ وَالْحَجَرَ يُنَادِي: يَا رُوحَ اللَّهِ، هَذَا يَهُودِيٌّ، فَلا يَتْرُكُ مِمَّنْ كَانَ يَتْبَعُهُ أَحَدًا إِلا قَتَلَهُ)) [رواه أحمد برقم:14954]
جابر بن عبد الله رضي الله عنهما އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ދައްޖާލު ނުކުންނާނީ އީމާންކަން ބަލިކަށިވެ ޢިލްމު މަދުވެފައިވާ ދުވަސްވަރެއްގައެވެ.” އަދި އެޙަދީޘްގައިވެއެވެ. “ދެން عيسى بن مريم ފަތިހުގެ ވަގުތާ ކައިރިވެފައިވަނިކޮށް ފައިބާވަޑައިގަންނަވާނެއެވެ. އަދި ގޮވާލައްވާނެއެވެ. އޭ މީސްތަކުންނޭވެ! މި ދޮގުވެރި ނުބައި މީހާއާ ދެކޮޅަށް ނުކުންނަން ތިޔަބައިމީހުނަށް މަނާ ކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެހިނދު އެބައިމީހުން ބުނާނެއެވެ. މިއީ ޖިންނީންގެ ތެރެއިންވާ މީހެކެވެ. ދެން އެބައިމީހުން ނުކުމެގެން އަންނާނެއެވެ. عيسى بن مريم އާ އެބައިމީހުން އަރާ ހަމަ ކުރާއިރު ނަމާދު ވަގުތު ވަނުމުން ނަމާދަށް ގޮވާލެވޭނެއެވެ. އަދި އެކަލޭގެފާނަށް ދެންނެވޭނެއެވެ. އޭ روح الله އެވެ. (އިމާމުވެ ނަމާދު ކުރެއްވުމަށް) ކުރިއަށް ޖެހިވަޑައިގަންނަވާށެވެ. އެހިނދު އެކަލޭގެފާނު ދަންނަވާނެއެވެ. ތިޔަބައިމީހުންނައިގެން ނަމާދު ކުރެއްވުމަށްޓަކައި ތިޔަބައިމީހުން އިމާމު ކުރިއަށް ނެރުއްވާށެވެ. އަދި ފަތިސް ނަމާދުން އަވަދިވެވަޑައިގަތުމުން އޭނާއާ (ދައްޖާލާ) ބައްދަލު ކުރުމަށް އެބައިމީހުންނާއެކު ނުކުންނަވާނެއެވެ. އަދި އެކަލޭގެފާނަށް ދައްޖާލު ފެނިލެއްވުމާއެކު ފެނަށް ލޮނު ގިރިގެންދާ ފަދައިން އޭނާ ގިރިގެންދާން ފަށާނެއެވެ. އެކަލޭގެފާނު އޭނާ ގާތަށް ގޮސް އޭނާ ޤަތުލު ކުރާނެއެވެ. ގަސްތަކާއި ހިލަތައްވެސް އެ ދުވަހު ގޮވާނެއެވެ. އޭ روح الله އެވެ. މިހުރީ ޔަހޫދީއެކެވެ. ފަހެ ދައްޖާލަށް ތަބާވީ އެކަކުވެސް ދޫނުކޮށް އެންމެން ޤަތުލު ކުރައްވާނެއެވެ.”
ދައްޖާލު ޤަތުލު ކުރެވުމާއެކު އޭނާގެ ބޮޑުވެގެންވާ ފިތުނަތައް ނިމިގެން ދިޔައީއެވެ. އަދި ﷲ سبحانه وتعالى އެ އިލާހަށް އީމާންވީ އަޅުތަކުން، ދައްޖާލާއި އޭނާއަށް ތަބާވީ މީހުންގެ ނުބައިކަމުން ސަލާމަތް ކުރައްވާނެއެވެ. ހުރިހާ ޙަމްދަކާއި ސަނާއެއް ޙައްޤުވެގެންވަނީ އެ އިލާހަށެވެ.
= ނިމުނީ =
______________________________________