[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުވަފެން ތަޢުބީރުކުރުމާ އަދި ދީނުގައި އައިސްފައިވާ މިންވަރަށް ވުރެ އިތުރަށް އެކަންކުރުމާމެދު އިންޛާރު ދިނުން 5

ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އުންމަތަށް ބަޔާންކޮށްދެއްވި ނިދުމުގެ އަދަބުތައް

 

ނިދުމުގެ ކުރިން ކިޔާނެ ދުޢާތަކާއި، މީހާގެ ޢަމަލުތަށް ބަހައްޓަންވީ ގޮތް ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ވަނީ އެކަލޭގެފާނުގެ އުންމަތަށް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން ޙުޛައިފާ ރަޟިޔަ ﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

(كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا أَخَذَ مَضْجَعَهُ مِنَ اللَّيْلِ وَضَعَ يَدَهُ تَحْتَ خَدِّهِ ، ثُمَّ يَقُولُ: اللَّهُمَّ بِاسْمِكَ أَمُوتُ وَأَحْيَا  وَإِذَا اسْتَيْقَظَ قَالَ: الْحَمْدُ لِلهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا وَإِلَيْهِ النُّشُورُ) [صحيح البخاري – كتاب الدعوات – باب وضع اليد اليمنى تحت الخد الأيمن  (6314) ]

މާނައީ: ރަސޫލުﷲ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ނިދިކުރައްވަން އެކަލޭގެފާނުގެ އެނދުދާންކޮޅަށް އަރައިވަޑައިގެންފިނަމަ އެކަލޭގެފާނުގެ ކަނާތްޕުޅު އެކަލޭގެފާނުގެ ކޯތާފަތްފުޅުދަށަށް ލައްވައެވެ. އެއަށްފަހު ޙަދީޘްފުޅު ކުރައްވައެވެ. “އޭﷲ! މިއަޅާގެ މަރުއްވުމާއި ދިރުއްވުން ވަނީ އިބައިލާހުގެ އިސްމުފުޅުގެ ބަރަކާތުންނެވެ.”

އަދި ނިދިން ހޭފުޅުލައްވައިފި ކަމުގައި ވަނީނަމަ ޙަދީޘްފުޅު ކުރައްވައެވެ.”ޙަމްދުހުރީ ﷲއަށެވެ. އެއިލާހީ އަޅަމެން މަރުވެފައިވަނިކޮށް އަލުން ދިރުންދެއްވި އިލާހެވެ. (ޤިޔާމަތްދުވަހު) އަޅަމެން އަލުން ދިރުއްވުން ވަނީ ވެސް އެއިލާހަށެވެ.”

ޢާއިޝާ ރަޟިޔަ ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ.

(أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَوَى إِلَى فِرَاشِهِ كُلَّ لَيْلَةٍ ، جَمَعَ كَفَّيْهِ ثُمَّ نَفَثَ فِيهِمَا ، فَقَرَأَ فِيهِمَا : { قُلْ هُوَ اللهُ أَحَدٌ } ، وَ { قُلْ أَعُوذُ بِرَبِّ الْفَلَقِ } ، وَ { قُلْ أَعُوذُ بِرَبِّ النَّاسِ } ، ثُمَّ يَمْسَحُ بِهِمَا مَا اسْتَطَاعَ مِنْ جَسَدِهِ ، يَبْدَأُ بِهِمَا عَلَى رَأْسِهِ وَوَجْهِهِ ، وَمَا أَقْبَلَ مِنْ جَسَدِهِ ، يَفْعَلُ ذَلِكَ ثَلَاثَ مَرَّاتٍ) [صحيح البخاري – كتاب فضائل القرآن – باب فضل المعوذات 5017]

މާނަ:ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނު އެނދުދާންކޮޅަށް އަރައިވަޑައިގަންނަވާ ހިނދު، ކޮންމެ ރެޔަކު ދެއަތްޕުޅުކައިރި ކުރައްވައި އެއަށްފަހު އެއަށް ފުމެލެއްވައެވެ. އެއަށްފަހު އެދެއަތްޕުޅަށް (قُلْ هُوَ اللهُ أَحَدٌ)( قُلْ أَعُوذُ بِرَبِّ الْفَلَقِ)( قُلْ أَعُوذُ بِرَبِّ النَّاسِ) ކިޔަވައި ވިދާޅުވުމަށްފަހު އެދެއަތްޕުޅުން، އެކަލޭގެފާނު ކުޅަދާނަވެގެންވި ވަރަކަށް ގައިކޮޅުގައި ފިރުމާލައްވައެވެ. އެކަލޭގެފާނު ފުރަތަމަ ފައްޓަވަނީ ބޮލާއި މޫނުފުޅުންނެވެ. ދެން ކުރިމައްޗަށް ވާފަދައިން ހަށިކޮޅުގައި އަތްޕުޅުން ފިރުމާލައްވައެވެ. އެފަދައިން ތިންފަހަރު ތަކުރާރު ކުރައްވައެވެ.

އަބޫހުރައިރާ ރަޟިޔަ ﷲ އަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގައިވެއެވެ.

وَكَّلَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِحِفْظِ زَكَاةِ رَمَضَانَ ، فَأَتَانِي آتٍ ، فَجَعَلَ يَحْثُو مِنَ الطَّعَامِ ، فَأَخَذْتُهُ فَقُلْتُ : لَأَرْفَعَنَّكَ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَصَّ الْحَدِيثَ فَقَالَ : إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الْكُرْسِيِّ ، لَنْ يَزَالَ مَعَكَ مِنَ اللهِ حَافِظٌ ، وَلَا يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ . وَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ : صَدَقَكَ وَهُوَ كَذُوبٌ ، ذَاكَ شَيْطَانٌ . [صحيح البخاري (5010) ]

މާނައީ :ފިތުރުޒަކާތުގެ މުދާ ބެލެހެއްޓުމަށް ﷲ ގެ ރަސޫލާ ތިމަންކަލޭގެފާނާއި މަތިކުރެއްވިއެވެ. އެތަނަށް މީހަކު ވަދެ އޭނާ އެތަނުން ވައްކަންކުރަން ފެށިއެވެ. ތިމަންކަލޭގެފާނު އޭނާ އަތުލެއްވީމެވެ. އަދި ބުނީމެވެ. ކަލޭގެ މައްސަލަ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ  ގެ އަރިހަށް ހުށަހަޅާނަމެވެ. އެހިނދު އޭނާ ކިޔައިދިނެވެ.

ތިބާ ނިދުމަށް ތަންމައްޗައް އަރާހިނދު އާޔަތުލްކުރުސި ކިޔާށެވެ. ފަހެ އޭރުން ތިބާގެ ކައިރިން ދުރުނުވެ ތިބާ ރައްކާތެރިކޮށްދޭނެ ފަރާތެއް ﷲގެ ޙަޟުރަތުން ލައްވާނެއެވެ. އަދި އިރުއެރުމާ ހަމައަށް ތިބާއާއި ޝައިޡާނާ ގާތްނުވާ ހުއްޓެވެ. (ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްނެވުމުން)އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެއީ ބޮޑު ދޮގުވެރިއަކަސް (މިފަހަރު) ކަލޭގެފާނުގެ އަރިހުގައި ތެދުބުނެފިއެވެ. އެއީ ޝައިޡާނެކެވެ.”

އަބޫމަސްއޫދު ރަޟިޔަ ﷲ އަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(مَنْ قَرَأَ الْآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ) سنن أبو داود الصلاة (1397)

މާނައީ:”ރޭގަނޑެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެއާޔަތް ކިޔަވައިފި މީހަކަށް (ރައްކާތެރިކަމަށް) އެ ފުދިގެންވެއެވެ.”

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ.

أَنَّهُ أَمَرَ رَجُلًا إِذَا أَخَذَ مَضْجَعَهُ قَالَ : اللَّهُمَّ خَلَقْتَ نَفْسِي وَأَنْتَ تَوَفَّاهَا ، لَكَ مَمَاتُهَا وَمَحْيَاهَا إِنْ أَحْيَيْتَهَا فَاحْفَظْهَا ، وَإِنْ أَمَتَّهَا فَاغْفِرْ لَهَا ، اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فَقَالَ لَهُ رَجُلٌ : أَسَمِعْتَ هَذَا مِنْ عُمَرَ قَالَ : مِنْ خَيْرٍ مِنْ عُمَرَ ; رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ . [النسائي في “الكبرى” (9 / 293) برقم: (10564) ]

މާނައީ: ނިދުމަށްޓަކައި ތަންމައްޗަށް އަރާކަމުގައި ވާނަމަ އަންނަނިވި ދުޢާ ކިޔުމަށް މީހަކަށް، އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެންގެވިއެވެ. ވިދާޅުވިއެވެ.

“(އެދުޢާއަކީ) އޭ ﷲ! އިބައިލާހީ މިއަޅާގެ ނަފްސުހެއްދެވި ފަރާތެވެ. އަދި އެނަފްސުގެ މަރު ގެންދަވާނެ ފަރާތަކީވެސް އިބައިލާހެވެ. އެނަފްސުގެ ދިރުމާއި މަރުވުން ވަނީ އިބަ އިލާހަށެވެ. މިއަޅާގެ ނަފްސު ދިރި ލަހައްޓަވައިފިނަމަ އެނަފްސު ރައްކާތެރި ކުރައްވާނދޭވެ! އަދި މިއަޅާގެ ނަފްސު މަރުގަންނަވައިފިނަމަ މިއަޅާގެ ފާފަފުއްސަވާނދޭވެ! އޭ ﷲއެވެ. މިއަޅާ އެދިދަންނަވަނީ އިބައިލާހުގެ ޙަޟުރަތުން ސަލާމަތާއި ރައްކާތެރިކަމަށެވެ.”

މީހަކު ދެންނެވިއެވެ. މިދުޢާ އަޑުއެއްސެވީ ޢުމަރުގެފާނުގެ އަރިހުންތޯއެވެ؟ ވިދާޅުވިއެވެ. ޢުމަރުގެފާނަށްވުރެވެސް ހެޔޮ ބޭކަލެއްގެ އަރިހުންނެވެ. ރަސޫލާ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަރިހުންނެވެ.

އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގައިވެއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

(إِذَا أَوَى أَحَدُكُمْ إِلَى فِرَاشِهِ ، فَلْيَأْخُذْ دَاخِلَةَ إِزَارِهِ ، فَلْيَنْفُضْ بِهَا فِرَاشَهُ ، وَلْيُسَمِّ اللهَ فَإِنَّهُ لَا يَعْلَمُ مَا خَلَفَهُ بَعْدَهُ عَلَى فِرَاشِهِ ، فَإِذَا أَرَادَ أَنْ يَضْطَجِعَ فَلْيَضْطَجِعْ عَلَى شِقِّهِ الْأَيْمَنِ ، وَلْيَقُلْ : سُبْحَانَكَ اللَّهُمَّ رَبِّي بِكَ وَضَعْتُ جَنْبِي ، وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِي فَاغْفِرْ لَهَا ، وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ .) [صحيح مسلم – كتاب الذكر والدعاء والتوبة والاستغفار – باب ما يقول عند النوم وأخذ المضجع2714]

މާނަ: ތިޔަބައިމީހުންކުރެ މީހަކު ނިދުމަށް ތަންމަތީގައި އޮށޯންނަ ހިނދު، އެމީހެއްގެ އިޒާރުން (ހަށިގަނޑުގެ ތިރީބައި ނިވާކުރުމަށް ބޭނުންކުރާ ފޭރާމުން) އެތަންމަތި ފޮޅާލާށެވެ. އަދި ﷲ ގެ އިސްމުފުޅު ކިޔާށެވެ. އެހެނީ އެތަންމަތީގައި އޭނާ ނެތްއިރު އޮތީ ކޮން އެއްޗެއްކަމެއް ޚުދު އެނާއަކަށްވެސް ނޭނގޭނެއެވެ. ފަހެ ނިދުމަށް އެދޭމީހަކު އޭނާގެ ކަނާތްފަޅިއަށް އޮށޯންނަ ހުށިކަމެއެވެ. އަދި އެއަށްފަހު އެމީހަކު ކިޔާހުށިކަމެއެވެ.

“އޭ ﷲ! އިބަ އިލާހުގެ ހުސްތާހިރުވަންތަ ކަމާއެވެ. މިއަޅާ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ އިލާހީ މިއަޅާގެ ފާފަ ފުއްސަވާ އިލާހެވެ. އަދި ދަރަޖަ އުފުއްލަވާ ފަރާތެވެ. މިއަޅާގެ ނަފްސު ހިއްޕަވައިފިނަމަ މިއަޅާއަށް ރަހުމު ކުރައްވާންދޭވެ. އަދި އެނަފްސު އަނބުރާ ފޮނުއްވައިފިނަމަ އިބައިލާހު، އިބައިލާހުގެ ޞާލިހު އަޅުތަކުން ރައްކާތެރިކުރައްވާ ފަދައިން އެނަފްސު ރައްކާތެރި ކުރައްވާންދޭވެ.”

ބަރާއު ބިން ޢާޒިބު ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.

(إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلَاةِ ، ثُمَّ اضْطَجِعْ عَلَى شِقِّكَ الْأَيْمَنِ وَقُلِ: اللَّهُمَّ أَسْلَمْتُ نَفْسِي إِلَيْكَ ، وَفَوَّضْتُ أَمْرِي إِلَيْكَ ، وَأَلْجَأْتُ ظَهْرِي إِلَيْكَ ، رَهْبَةً وَرَغْبَةً إِلَيْكَ ، لَا مَلْجَأَ وَلَا مَنْجَا مِنْكَ إِلَّا إِلَيْكَ ، آمَنْتُ بِكِتَابِكَ الَّذِي أَنْزَلْتَ ، وَبِنَبِيِّكَ الَّذِي أَرْسَلْتَ. فَإِنْ مُتَّ مُتَّ عَلَى الْفِطْرَةِ ، فَاجْعَلْهُنَّ آخِرَ مَا تَقُولُ . ) [صحيح البخاري – كتاب الدعوات – باب إذا بات طاهرا وفضله 6311]

މާނައީ: “ތިބާ ނިދުމަށް ތަންމައްޗައް އަރާނަމަ، ނަމާދަށް ތިބާ ވުޟޫކުރާ ފަދައިން ވުޟޫކުރާށެވެ. އެއަށްފަހު ކަނާތްފަޅިއަށް ވާގޮތަށް އޮށޯންނާށެވެ. އެއަށްފަހު ކިޔާށެވެ. “އޭ ﷲ! މިއަޅާގެ ނަފްސު އިބަ އިލާހާއި ހަވާލުކޮށްފީމެވެ. އަދި މިއަޅާގެ މޫނު އިބަ އިލާހާ ކުރިމަތި ކުރުވައިފީމެވެ. އަދި މިއަޅާގެ ހުރިހާކަމެއް އިބަ އިލާހާ ހަވާލުކޮށްފީމެވެ. އަދި މިއަޅާގެ ހުރިހާ ކަމެއްގައި އިބަ އިލާހަށް ވަކީލުކޮށްފީމެވެ. އިބަ އިލާހުގެ ޘަވާބާއި ދަރުމައަށް އެދި އިބަ އިލާހުގެ އަޒާބުން މުއްތިކުރެއްވުން އެދެމެވެ. އިބަ އިލާހުގެ އަޛާބުން ސަލާމަތްވުމަށް އަދި މިންޖުވުމަށް މިއަޅާ ދާނެ އިތުރު ފަރާތެއް އިބައިލާހު ފިޔަވާ ނުވެއެވެ. އިބައިލާހު ބާވައިލެއްވި އިބަ އިލާހުގެ ފޮތަށާއި އިބަ އިލާހު ފޮނުއްވި އިބަ އިލާހުގެ ނަބިއްޔާއަށް މިއަޅާ އީމާންވެއްޖައީމެވެ.”

ފަހެ އެރޭގައި ތިބާ މަރުވެއްޖެނަމަ، ތިބާ މަރުވެންދާނީ ފިޠުރަތުގެ މަތީގައެވެ. އަދި ތިބާގެ ދުލުން ބުނާ އެންމެ ފަހު ކަލިމަތައްކަމުގައި އެކަލިމަތައް ހަދާށެވެ.

ފަހެ އިސްވެދިޔަ ޛިކުރުތަކާއި މެދު ރައްކާތެރިވެ، އެދުޢާތަށް ކިއުމަށްޓަކައި ސުންނަތުން ވާރިދުވެފައިވާ ތަންތަނުގައި އެދުޢާތަށް ކިއުމުގައި ދެމިހުންނަން ޖެހެއެވެ. އެކަމުގެ ސަބަބުން ޝައިޡާނާގެ އަދި ނުބައިވެގެންވާ މަޚްލޫޤުންގެ ކިބައިން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެމީހަކު ރައްކާތެރިކޮށް ދެއްވާނެއެވެ.

= ނުނިމޭ =

____________________

މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18

މިލިޔުމުގެ އެހެން ބައިތައް