ހުވަފެނާއި މެދު ޢަމަލުކުރުމަށް ސުންނަތުގައި އައިސްފައިވާ އަދަބުތައް
މުސްލިމަކަށް އޭނާގެ ނިދީގައި ހުވަފެނެއް ފެނިއްޖެނަމަ އެކަމާ ގުޅޭގޮތުން ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވި ގޮތަށް އެމީހަކު ޢަމަލުކުރަން ވާނެއެވެ. އެހުވަފެނަކީ އެމީހެއްގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭފަދަ ރަނގަޅު ކަމެއް ފެންނަ ހުވަފެނަކަށް ވެއްޖެނަމަ ފަހެ އެމީހަކު ﷲ އަށް ޙަމްދު ކުރާށެވެ. އަދި އެކަމުގެ ވާހަކަ ތިބާ ދެކެ ލޯބިވާ މީހެއްގެ ގާތުގައި މެނުވީ ނުދައްކާށެވެ. އަދި އެމީހަކު ނުރުހޭފަދަ ނުބައި ކަމެއް ހުވަފެނެއްގައި ފެނިއްޖެނަމަ އެކަމުން ދުރުކުރެއްވުމަށް، ﷲ ތަޢާލާގެ ޙަޟުރަތުން އެދި ދަންނަވާށެވެ.
އަބޫ ސަލަމާ ބިން ޢަބްދުއްރަޙްމާންގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައި ވެއެވެ.
(أَبَا سَلَمَةَ، يَقُولُ: لَقَدْ كُنْتُ أَرَى الرُّؤْيَا فَتُمْرِضُنِي، حَتَّى سَمِعْتُ أَبَا قَتَادَةَ، يَقُولُ: وَأَنَا كُنْتُ لَأَرَى الرُّؤْيَا تُمْرِضُنِي، حَتَّى سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: الرُّؤْيَا الحَسَنَةُ مِنَ اللَّهِ، فَإِذَا رَأَى أَحَدُكُمْ مَا يُحِبُّ فَلاَ يُحَدِّثْ بِهِ إِلَّا مَنْ يُحِبُّ، وَإِذَا رَأَى مَا يَكْرَهُ فَلْيَتَعَوَّذْ بِاللَّهِ مِنْ شَرِّهَا، وَمِنْ شَرِّ الشَّيْطَانِ، وَلْيَتْفِلْ ثَلاَثًا، وَلاَ يُحَدِّثْ بِهَا أَحَدًا، فَإِنَّهَا لَنْ تَضُرَّهُ). [صحيح البخاري/كتاب التعبير(7044)]
މާނައީ: އަބޫ ސަލަމާ ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ހުވަފެނެއްފެނިއްޖެނަމަ ތިމަންކަލޭގެފާނު އެކަމާ ގުޅިގެން ބަލިވެއެވެ. އެހެން އުޅެނިކޮށް ތިމަންކަލޭގެފާނަށް އިވުނީ އަބޫ ޤަތާދާވިދާޅުވި އަޑެވެ. ތިމަންކަލޭގެފާނަށްވެސް (އެބަހީ: އަބޫ ޤަތާދާއަށްވެސް) ހުވަފެނެއްފެނިއްޖެނަމަ ތިމަންކަލޭގެފާނު އެކަމާ ގުޅިގެން ބަލިވެއެވެ. އެއީ
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ބަސްފުޅު އިވިއްޖައުމަށް ދާންދެނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“ހެޔޮރަނގަޅު ހުވަފެންވާކަން ކަށަވަރީ ﷲ ގެ ޙަޟުރަތުންނެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް އޭނާ ރުހޭފަދަ ހުވަފެނެއް ފެނިއްޖެ ހިނދު އެމީހަކު ލޯބިވާ ފަރާތެއްގެ ކައިރީގައި މެނުވީ އެކަމުގެ ވާހަކަ ނުދައްކާށެވެ. އަދި އެމީހަކު ނުރުހޭ ފަދަ ހުވަފެނެއް ފެނިއްޖެނަމަ ﷲ ތަޢާލާގެ ޙަޟުރަތުން އެކަމުގެ ނުބައިކަމާއި އަދި ޝައިޡާނާގެ ނުބައިކަމުން ދުރުކުރެއްވުމަށް އެދި ދަންނަވާށެވެ. އަދި ތިން ފަހަރަށް ފުމެލާށެވެ. [1] އަދި އެފެނުނު ހުވަފެނުގެ ވާހަކަ ނުދައްކާށެވެ. ފަހެ އެކަމުން(ހުވަފެނުން) ތިބާއަށް ގެއްލުމެއް ނުވާހުއްޓެވެ.”
ނޯޓް: އަދި އިބްނު މާޖާގައި އައިސްފައިވާ ޙަދީޘްއެއްގައި އެފަދަ ހުވަފެނެއް ފެނިއްޖެ މީހަކު، އެމީހަކު ނިދަން އޮތް ފަރާތް ނޫން އަނެއް ފަރާތަށް އެނބުރުމަށްވެސް އަންގަވާފައި ވެއެވެ.
ބައްލަވާ، އިބްނު މަޖާ (3908)
= ނުނިމޭ =
____________________
މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18
[1] މިތަނުގައި ފުމެލުން ތަރުޖަމާކޮށްފައިމިވަނީ ޢަރަބި ލަފުޒެއްކަމަށްވާ “التَّفْلُ” އިންނެވެ. މިލަފުޒުގެ ޙަޤީޤީ މާނައަކީ ކުޑަކުޑަކޮށް ތެތްކަމެއް އަންނާނޭ ފަދައިން ފުމެލުމެވެ.