ހުވަފެން ތަޢުބީރުކުރުން
ހުވަފެން ތަޢުބީރުކުރާމީހާ ވާންޖެހޭނީ ﷲ އަށް ބިރުވެތިވާ އަމާނާތްތެރި އަދި މިކަމުގެ ޙަޤީގަތް އެނގޭ ޢލްމު ލިބިފައިވާ މީހަކަށެވެ. އަދި މިކަމުގެ ޢިލްމު ނެތް، މިކަމާ ނުގުޅޭ ކަންކަން މިކަމުގެ ތެރެއަށް ވައްދައިގެން އުޅޭ މީހެއްގެ ގާތަށް ތަޢުބީރުކުރުމަށް ދިއުން ހުއްދަވެގެނެއް ނުވެއެވެ. ހުވަފެނުގެ ތަޢުބީރާ ބެހޭ ގޮތުން ﷲ ތަޢާލާ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
(يَا أَيُّهَا الْمَلَأُ أَفْتُونِي فِي رُؤْيَايَ إِن كُنتُمْ لِلرُّؤْيَا تَعْبُرُونَ) [يوسف 43]
މާނައީ: “އޭ ބޮޑުންނޭއެވެ! ތިޔަބައިމީހުން ހުވަފެނުގެ މާނަ ކިޔައިދޭ (ޢިލްމުހުރި) ބަޔަކުކަމުގައި ވާނަމަ، އަހުރެންގެ މި ހުވަފެނާ މެދުގައި، އަހުރެންނަށް އޮޅުން ފިލުވައިދޭށެވެ.”
ހުވަފެން ތަޢުބީރުކުރުމުގެ ބާބަކީ މީހާގެ ހަވާނަފުސައް ހެއްލިގެން އެކަމުގެ ހަޤީގަތަށް ފޯރާނެކަމެއް ނޫނެވެ. މިކަމުގެ އަޞްލަކީ ޢިލްމެވެ. އަދި ކިޔެއްތަ މިކަމަކީ މީސްތަކުންނަށް ޢަޤީދާއާއި އޭނުންވެސް މުހިންމު އިލްމުތައް ފަދައިން އުނގަންނައިދެވޭ ޢިލްމެއް ނޫނެވެ. ނަމަވެސް ރަނގަޅު ހުވަފެނަކީ އުފާވެރި ޚަބަރެކެވެ. ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވިއެވެ. “ހުވަފެނުގެ ސަބަބުން މުއުމިނަކަށް އުފާވެރިކަން ގެނެސްދެއެވެ. އޭނާއަށް އޭގެން ގެއްލުމެއް ނުވާ ހުއްޓެވެ.”
އަދި ތަޢުބީރުކުރާ މީހާކީ ކިތަންމެ މޮޅު މީހަކު ކަމުގައި ވިޔަސް، އޭނާ ތަޢުބީރު ކުރިގޮތަށް ހުވަފެން ތަޢުބީރުވުން ލާޒިމެއް ނޫނެވެ. އަދި ކިޔެއް، މިކަމުގެ ތަންދޮރު ނޭނގި މީސްތަކުންނަށް ހުވަފެން ތަޢުބީރުކުރުމުގެ ނަމުގައި ޓީވީ ތަކާއި ރޭޑިއޯ ތަކުން އެކަމަށް ޚާއްޞަ ޕްރޮގްރާމުތަށް ހަދައި މީސްތަކުން އެކަމުގެ މަޅީގައި ޖެއްސުމަކީ ދީން ހުއްދަކުރާކަމެއްވެސް ނޫނެވެ. އަދި އެކަމަކީ މަނާކުރަން ޖެހޭ ނުބައިވެގެންވާ ކަމެކެވެ. ރަނގަޅު ހުވަފެނަކީ ނަބީކަމުގެ ބައެއްކަމުގައި ޙަދީޘްގައި އައިސްފައި ވާހިނދު މިކަމަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން ނުވާނެއެވެ.
އިމާމް އަޙްމަދު ވިދާޅުވިކަމަށް އެކަލޭގެ ފާނުގެ ދަރިކަލުން އަބްދުﷲ ރިވާކުރެއްވިއެވެ.
“ހުވަފެނަކީ މުއުމިނަކަށް ފަސޭހަކަން ގެނެސްދޭ އެއްޗެކެވެ. އަދި އޭނާއަށް އެކަމުން (ނުބައި ހުވަފެނުން) ގެއްލުމެއް ނުލިބޭ ހުއްޓެވެ.”
ޛަހަބީ އެކަލޭގެފާނުގެ ސިޔަރުގައި، ސަފްޙާ (11/227).
އިމާމް މާލިކް ރަޙިމަހުﷲ އާއި ސުވާލު ދެންނެވުނެވެ.
ކޮންމެ މީހަކަށްވެސް ހުވަފެން ތަޢުބީރުކުރެވިދާނެތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. “ނަބީކަންވަނީ މީސްތަކުން ކުޅޭ ކުޅިވަރަކަށް ހެއްޔެވެ؟” އަދި އެކަލޭގެފާނު ވިދާޅުވިއެވެ. “ހުވަފެން ތަޢުބީރު ކުރެވޭނީ އެކަމުގެ ޢީލްމުލިބިފައިވާ މީހަކަށެވެ. އެ ހުވަފެނަކުން ރަނގަޅުކަމެއް ފެނިއްޖެނަމަ އެކަމުގެ ޚަބަރުދޭށެވެ. އަދި ނުރުހޭކަމެއް ފެނިއްޖެނަމަ ހެޔޮ އެއްޗެއް މެނުވީ ނުބުނާށެވެ. ނޫނީ ހަނު ހުންނާށެވެ.”
އެމީހަކު ދެންނެވިއެވެ. “ހަމަކަށަވަރުން ކަން ހިނގާނީ އެ ހުވަފެން ތަޢުބީރުކުރި ގޮތެއްގެ މައްޗަށެވެ.” އެފަދައިން އޮންނާތީވެ، ތައުބީރުކުރާ މީހާއަށް އެ ހުވަފެނުން ދޭހަވަނީ ރަނގަޅު މާނައެއް ނޫންކަމުގައި ވީނަމަވެސް އެކަމަކީ ރަނގަޅު ކަމެއްކަމުގައި ހަދައިގެން ބުނެވިދާނެ ތޯއެވެ؟ އެހިނދު ވިދާޅުވިއެވެ. “ނޫނެކެވެ.” އެއަށްފަހު ވިދާޅުވިއެވެ. “ރަނގަޅު ހުވަފެނަކީ ނަބީކަމުގެ ބަޔެކެވެ. އެހެންކަމުން އެކަމަކީ ކުޅިވަރަކަށް ނުހަދާށެވެ.”
ނުނިމޭ =
____________________
މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18