[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ހުވަފެން ތަޢުބީރުކުރުމާ އަދި ދީނުގައި އައިސްފައިވާ މިންވަރަށް ވުރެ އިތުރަށް އެކަންކުރުމާމެދު އިންޛާރު ދިނުން 9

ނިންމުން

 

ޝައްކެއްވެސް ނެތް ގޮތުގައި، ޢިލްމުގެ ތެރެއިން އެންމެ މަންފާބޮޑު ޢިލްމަކީ ﷲ ގެ ދީނުގެ ޢިލްމެވެ. ހުވަފެން ތަޢުބީރުކުރަނީ އިސްސާނެކެވެ. އެހެންކަމުން އޭނާ ބަޔާންކުރާ ގޮތަށް ވުމާއި ނުވުންވެސް އެއީ ގާތްގޮތެކެވެ. އެހެންކަމުން ރަނގަޅު ހުވަފެނެއް، އުފާވެރިކަމެއް އެހުވަފެނުގައި ފެންނަނަމަ ޙަދީޘްގައިވާ ފަދައިން ތިބާ ލޯބިވާ ފަރާތަކަށް އެ ޙިއްސާކުރުމުގައި މައްސަލައެއް ނެތެވެ. އަދި ތަޢުބީރު ކުރުމަށް މީހެއްގެ ގާތަށް ދާނަމަ ރަނގަޅު ތެދުވެރި އެކަމުގެ ޙަޤީގަތް އެނގޭ މީހެއްގެ ގާތަށް ދިޔުން ހުއްޓެވެ. ނަމަވެސް ނުބައި ހުވަފެނެއް ފެނިއްޖެނަމަ އެކަން އެއީ ޝައިޡާނާ ތިބާ މާޔޫސްކޮށް ހިތްމަރާލުމަށް ކުރާކަމެއް ކަމުގައި ޤަބޫލުކޮށް، މަތީގައި ބަޔާންކުރެވިފައިވާ ނަބަވީ އިރުޝާދުތަކަށް ބޯލަނބާށެވެ. އެހެނީ ޝައިތާނާގެ މަޅިތައް އިންތިހާއަށް ގިނަގުނަވެގެން ވެއެވެ. އަދި ﷲ ގެ ރަޙުމަތުން މީހާގެ ހިތް މަރާލުމަކީ އެންމެ އިސް ވަޒީފާކަމަށް އެސޮރު ދެކެއެވެ.

ތިބާއަށް ހުވަފެނެއް ނުފެންނަނީސް ހުވަފެނެއް ފެނުނު ކަމުގައި ބުނެ ދޮގުހެދުމަކީވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ދޫފުޅުން އިންޒާރުގެ ބަސްފުޅު އެފަދަ މީހުންނަށް އައިސްފައިވާ ކަމެކެވެ. އެހެނީ ރަނގަޅު ހުވަފެނަކީ ﷲ ގެ ރަޙުމަތުން ދައްކަވާ އެއްޗެކެވެ. އެއިލާހުގެ މައްޗައް ބުހުތާނު ދޮގުހަދާ މީހާގެ ނުބައިކަން ބޮޑުވެގެންވެއެވެ.

އެފަދަމީހުން މިއާޔަތާމެދު ފިކުރުކޮށްލުން ހުއްޓެވެ.

(وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا ۚ أُولَٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ) [هود 18]

މާނައީ: “ﷲ އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކު ހެއްޔެވެ؟ އެއުރެންގެ ރައްބުގެ ޙަޟުރަތަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ރައްބާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ.”  

ޞަޙީހުލް ބުޚާރީގައި ރިވާވެގެންވެއެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. (مَنْ تَحَلَّمَ بِحُلْمٍ لَمْ يَرَهُ كُلِّفَ أَنْ يَعْقِدَ بَيْنَ شَعِيرَتَيْنِ ، وَلَنْ يَفْعَلَ..)

[صحيح البخاري – أبواب التهجد 1121]

މާނައީ : “ނުފެންނަ ހުވަފެނެއް ފެނުނުކަމަށް ބުނެ ދޮގުހަދައިފި މީހާ ދަންނާށެވެ. ޤިޔާމަތްދުވަހުން ﷲ ތަޢާލާ، އެމީހަކަށް ދެ ހިމަގޮދަނުން ގޮށްޖެއްސެވުމަށް، ޖައްސަވާ ހުއްޓެވެ. އަދި ހަމަހިލާ އޭނައަށް އެކަން ނުވާ ހުށްޓެވެ.”

ގަސްޠަލާނީ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ. “އެއީ އޭނާއަށް ކުޅަދާނަވެގެން ވާނޭކަމެއް ނޫނެވެ. އަދި ހިމަގޮދަނުން ގޮށެއް ޖެހުމަށް އޭނާއަށް ހަވާލުކުރެއްވުމުގެ މުރާދަކީ އޭނާގެ މައްޗަށްވާ ޢަޛާބު ނުކެނޑި އެކަން ކޮށްކޮށް ހުރުމެވެ. (އެބަހީ: އެކަން އޭނާއަށް ނުވާހާހިނދަކު ޢަޒާބު ދާއިމުވެ ހުރުމެވެ.)” [عون المعبود]

ހުވަފެން ތަޢުބީރުކުރުމަކީ ބޮޑުފަންނަކަށް އަދި ޢިލްމަކަށް ހެދުމަކީ ތިބާގެ ޙަޔާތުން ބޭކާރުކުރެވޭ ވަގުތެކެވެ. ހުވަފެން ތަޢުބީރު ކުރުމަކީ ﷲ ގެ ތައުފީޤާއެކު ވާކަމެކެވެ. އެހެންކަމުން އެފަދަ ޢިލްމު ހޯދުމުގައި މީހާގެ އަގުހުރި ވަގުތު ބޭކާރު ކުރުން އެކަށީގެން ނުވެއެވެ. އެހެން ކަމުން ވަގުތު ހޯދައިގެންވެސް ﷲ ގެ ދީން އުނގެނެން ޖެހެއެވެ. ހެޔޮ ހުވަފެނާއި ރަނގަޅު ޚަބަރުތަށްވަނީ، ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘް ބަސްފުޅުގައިވާ ފަދައިން ﷲ އަށް އިޚްލާސްތެރި އަޅުންނަށެވެ. ދޮގުވެރި ކައްޛާބުންނަކަށް ނޫނެވެ.

މި މައުޟޫގައި މިއީ ވަރަށްވެސް ކުރު މިންވަރެކެވެ. ނަމަވެސް މިކުރު ރިސާލާގެ ދިވެހި ތަރުޖަމާގެ ސަބަބުން ހުވަފެނުގެ ޙަޤީޤަތަކީ ކޮބައި ކަމާ އަދި މިފޮތުގައި ޛިކުރުކުރެވިފައިވާ ނިދުމުގެ އަދަބުތަކާއި އެހެނިހެންވެސް މަޢުލޫމާތުތަކުން މަންފާކުރާނެކަމަށް އުންމީދުކުރަމެވެ. އަޅަމެން ނުބައިވެގެންވާ ފިތުނަތަކުން ސަލާމަތްކުރައްވާށިެވެ! އަދި އަޅަމެންނީ ﷲ ތަޢާލާގެ އުފާވެރި ޚަބަރުތައް ލިބޭ ޞާލިހު ބައެއްކަމުގައި ލައްވާށިއެވެ! އާމީން.

= ނިމުނީ =

____________________

މަޞްދަރު: مجلة البحوث الإسلامية، 67 / 7 – 18

މިލިޔުމުގެ އެހެން ބައިތައް